'ކަންބަޅި'ގެ ލީޑުން ފެންނާނީ ނުޒުހަތު ޝުއެއިބު
އައި ފިލްމްސްގެ 'ކަންބަޅި' 1 ފެބްރުއަރީގައި އޮލިމްޕަހަށް
ބިރުވެރި ފިލްމު 'ކަންބަޅި' އަންނަ މަހު 1 ގައި އޮލިމްޕަހުގެ ސްކްރީނުގައި އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ އައި ފިލްމްސްގެ ތިންވަނަ ފީޗާ ފިލްމެވެ. އެ ސްޓޫޑިއޯގެ 'ބަވަތި'ން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އިލްޔާސް ވަހީދުގެ އެންމެ ފަހުގެ މަސައްކަތެވެ. 'ބަވަތި'ން ތައާރަފްވި އެކްޓަރު އަހުމަދު އިފްނާޒް ފިރާގް، އިލްޔާސްއާ އެކު 'ކަންބަޅި'ގެ ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.
ފިލްމުގެ ލީޑުން ފެންނަނީ ނުޒުހަތު ޝުއައިބު އާއި އަލަށް ތައާރަފްވާ 6 އަހަރުގެ އެކްޓްރެސް ސާރާ ބިންތު މުހައްމަދު ފާރިގް އެވެ. ސާރާ ކުޅެފައިވާ ބައިގެ ފުރިހަމަކަމާއި އޭނާގެ ހުނަރު އިފްނާޒް ފާހަގަ ކުރި އެވެ.
ފިލްމުން ފެނިގެންދާނީ ސިންގަލް މަންމަ އަކާއި އޭނާގެ ދަރިފުޅު އާ އެޕާޓްމަންޓަކަށް ބަދަލުވުމާ އެކު ކުރިމަަތިވާ އާދަޔާހިލާފު ބިރުވެރި ބައެއް ކަންކަމެވެ. ދެމައިންނަށް ދިމާވާ މި ކަންކަމުގެ ހަގީގަތް ހޯދަން މަންމަ މަސައްކަތް ކުރެ އެވެ.
ފިލްމުން ފެންނަނީ، ބިރުވެރި ކަންކަން ދިމާވަނީ އެޕާޓްމަންޓްގެ ސަބަބުންތޯ، ނުވަތަ ކުއްޖާއާ އަވަލައިގެން އުޅޭ އެއްޗެއްގެ ސަބަބުންތޯ، ނުވަތަ އެއަށް ވުރެ ވެސް ބިރުވެރި އެހެން ކަމެއް އުޅެނީތޯ ހޯދަން ކުރާ މަސައްކަތެކެވެ.
ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު (ޝިޔާ)، މައީޝާ އާދަމް (ތާތި)، އިފްނާޒް އަދި ޝަރަފް އަބްދުﷲ ހިމެނެ އެވެ.
އައި ފިލްމްސް އިން މިހާރު ވަނީ 'ކަންބަޅި'ގެ ޓްރެއިލާ ނެރެފަ އެވެ. އެއިން ވެސް ފިލްމުގެ ބިރުވެރިކަން އިހްސާސްކޮށްލެވެ އެވެ.
ބިރުވެރި ފިލްމު ބަލާހިތްވާ މިހުންނަށް މިއީ އުފާވެރި ހަބަރެކެވެ. މި ފިލްމު 1 ފެބްރުއަރީގައި ބަލަން ޓިކެޓް ނަގަން ތައްޔާރުވާށެވެ.