މީ އިޝްގްގެ ތަރިން ފިލްމު އެޅުވުމުގެ ހަފުލާގައި

އަހަރުގެ ފުރަތަމަ ފިލްމު 'މީ އިޝްގް': ހަމަ ޒާތެއްގެ އިޝްގެއް

އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑް ރޯލު ކުޅެފައިވާ ލޯބީގެ މި ފިލްމު މި މަހުގެ 12 ގެ ނިޔަލަށް ދައްކާނެ
8 ޖެނުއަރީ 2024
1

ހޮނިހިރު ދުވަހު އޮލިމްޕަސް ސިނަމާގައި އެޅުވި 'މީ އިޝްގް' އަކީ މި އަހަރުގެ ފުރަތަމަ ފިލްމެވެ. މިއީ ޑައިރެކްޓަރު އަދި ލިޔުންތެރިޔާ އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު ވެސް މެ އެވެ.

ފިލްމުގެ ލީޑް ތަރިއެއްގެ ގޮތުގައި ފެންނާނީ އާމިނަތު ރަޝްފާ (އާޝާ) އެވެ. ފިރިހެން ލީޑެއްގެ ގޮތުގައި އުޅެނީ ޝަރަފް އަބްދުﷲ އެވެ. ލީނާޒް ހުސެން ޕްރޮޑިއުސްކޮށް ޝަހީދު ލެގަސީ މިއުޒިކް ހަދާފައިވާ މި ފިލްމް އޮލިމްޕަހުގައި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބަލާލެވޭނެ އެވެ.

އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމް 'މީ އިޝްގް'ގެ ޕްރިމިއާގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމް 'މީ އިޝްގް'ގެ ޕްރިމިއާގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމް 'މީ އިޝްގް'ގެ ޕްރިމިއާގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމް 'މީ އިޝްގް'ގެ ޕްރިމިއާގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހަމަަ އަސްލުވެސް މި ފިލްމަށް ގޮސް ހަމަޖެހިލީ ދިވެހި ސިނަމާގެ އިޝްގުގައި ރަނގަޅަށް ޖެހިލާށެވެ. ފިލްމްގެ ޕްލޮޓް އަދި މާ ބޮޑަށް ކިޔައިދެވޭކަށް ނެތެވެ. އެކަމަކު ވެސް ބުނެވޭނީ، މިއީ ލޯބިލޯބި ފިލްމެކެވެ.

ފިލްމުން ދައްކާލަނީ ސަބާ (އާޝާ) އާއި އާރިޒް (ޝަރަފް)ގެ ލޯބި ފެށިގެންދާ ގޮތެވެ. ފިލްމު ފެށެނީ އެ ދެ މީހުން ބައްދަލުވާ ހިސާބުންނެވެ.

'މީ އިޝްގް'ގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް (މ) ލީޑް ދެ ތަރިން ކަމުގައިވާ އާޝާ (ވ) އަދި ޝަަރަފްއާ އެކު

މާފުށީ ގެސްޓްހައުސްއަކުން ސަބާ އާއި އާރިޒް ބައްދަލުވަނީ ސަބާ ކޮޓަރިއެއް ނަގާއިރު ގެސްޓްހައުސްއަށް އޮޅުމަކުން ހަމަ އެ ކޮޓަރި ޑަބަލް ބުކްވެ އާރިޒްއަށް ދިނުމުންނެވެ. ތަފާތު މިޒާޖެއްގެ މި ދެ މީހުންގެ މެދުގައި ގުޅުން ބަދަހިވެ ލޯތްބެއް އުފެދެ އެވެ. ބޮޑުބައި މާފުށީގައި ނަގާފައިވާ ފިލްމްގެ މަންޒަރުތައް ހިތްގައިމެވެ. ރޮމްކޮމްއެއް ބަލާލެވުނުކަމުގެ އިހްސާސް ކުރެވެ އެވެ.

'މީ އިޝްގް'ގެ ޓްރެއިލާއެއް

އާޝާ އޭނާގެ ކެރެކްޓާ ކުޅެފައިވާ ގޮތް ފުރިހަމަ އެވެ. ސަބާގެ ކެރެކްޓާގެ މިޒާޖުގެ ގޮތުގައި ދައްކާފައިވާ، ހިޔާލު ފާޅުކުރަން ފަސްނުޖެހޭ، އަދި ބުނަން ބޭނުން އެއްޗެއް ބުނާ، ކެރޭ ޒުވާން އަންހެން ކުއްޖެއްގެ ރޯލު އާޝާއާ ގުޅެ އެވެ.

އާޝާގެ ރޯލް އޭނާ ގެނެސްދީފައިވަނީ ފުރިހަމަކޮށް

 އޭނާގެ ބައިވެރިޔާގެ ގޮތުގައި ދައްކާ އާރިޒްގެ ބައި ގެނެސްދޭ ޝަރަފްގެ އަޑާއި އެކްޓިން ފެނިފައި ހަނދާނަށް އައީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ޔޫއްޕެއަށް ފަހު، ފިރިހެން ލީޑް ރޯލް ކުޅުމަށް ދިވެހި ސިނަމާގެ "ނެކްސްޓް ބިގް ތިންގް" އަކީ ޝަރަފު ކަމުގައި ވުން ގާތެވެ. 

ޝަަރަފު: ޔޫއްޕެއަށް ފަހު، ދިވެހި ސިނަމާގައި ފިރިހެން ލީޑް ކުޅުމަށް "ނެކްސްޓް ބެސްޓް ތިންގް" އަކީ އޭނާ ކަމަށް ވުން އެކަށިގެންވޭ

ޔޫއްޕެ ވެސް 'މީ އިޝްގް'ގެ ރިވިއުއެއް ސޯޝަލް މީޑިއާގައި ޕޯސްްޓްކޮށްފައިވެ އެވެ.

ފިލްމުގެ ނެގެޓިވް ރޯލުން ފެންނަނީ ޝާރިފް އެވެ. އެ ރޯލް އޭނާއާ ގުޅެ އެވެ.

އަހަންނަށް އެންމެ ކަމުދިޔައީ މާފުށީ ގެސްޓްހައުސްގެ ރިސެޕްޝަންގައި މަސައްކަތް ކުރާ ދެ މީހުންނެވެ. ކޮމެޑީ ބައި ވެސް ހިމެނޭތީ އެވެ.

ފިލްމްގެ ކްލައިމެކްސް އަދި ފިލްމް ބަލައި ނިންމާލުމަށް ފަހު އަހަރެންގެ އަމިއްލަ ހިޔާލަށް އެއްޗެއް ބުނާ ނަމަ، ބޭނުންވި ވަރަކަށް ފުނެއް ނުވި އެވެ. މިއަށް ވުރެ ފުރިހަމަ ކޮށްލެވޭނެ ކުދިކުދި ކަންކަން އެބަހުއްޓެވެ. ނަމަވެސް ސްޕޮއިލާއަކާ ނުލާ މި ބައި ކިޔައިދޭން ދައްޗެވެ. 

އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމް 'މީ އިޝްގް'ގެ ޕްރިމިއާގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެކަމަކު ޖުމްލަކޮށް ބުނާ ނަމަ، އިޝްގީ އަވާގައި މީހާ އެއްކޮށް ޖެހި ކަރުނަ އަޅަން ޖެހޭވަރު އަހަރެެންނަށް ނުވިޔަސް މިއީ ލޯބިލޯބި ފިލްމެކެވެ. 

އެކަމަކު އަހަރެންނާ ޖެހިގެން އިން އެކުވެރިޔާ ދެ ފަހަރަކު ކަރުނަ ފޮހެލި އެވެ. ފަހަރުގައި އެކުވެރިޔާ އަކީ "ހޯޕްލަސްލީ ރޮމޭންޓިކް" މީހަކަށް ވުން އެކަށީގެންވެ އެވެ.

ލަވަތަަކަށް ދޭނީ ސަތޭކަ

ފިލްމްގެ ލަވަތައް މުޅިން އެހެން ލެވެލް އެކެވެ. ފުރަތަމަ އަޑު އިވުނު އިރު ވެސް ކަންފަތަށް އަރާމެވެ. ފިލްމްގެ ޓައިޓްލް ލަވަ ވަކިން ހާއްސަކޮށް އިޝްގްގައި ޖައްސާލި އެވެ. އަލީ އިނާން ސައީދު (އައްޔު) ރާގާއި ޅެން ހަދައި އައިޝަތު މާއިން ރަޝީދުގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވަ އަސަރުގަދަ އެވެ.

ޓައިޓްލް ސޯންގް 'މީ އިޝްގް' ރަނގަޅަށް ވެސް އިޝްގްގައި ޖައްސާލި

ފިލްމްގައި ތަންކޮޅެއް ލަވަ ގިނަހެން ހީވިޔަސް، ކޮންމެ ލަވައެއް ވެސް އެހާ ފުރިހަމަ އެވެ. އައިޓަމް ސޯންގްގެ ގޮތުގައި ގެނެެސްދިން 'ޝާހީ ލޮލުގައި' އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާ ކިޔާފައިވާ ލަވަ އެކެވެ.

'މީ އިޝްގް'ގެ އައިޓަމް ލަވަ 'ޝާހީ ލޮޮލުގައި'

މި ލަވައިގެ ކޮރިއޯގްރަފީ އަދި ސިނެމެޓޮގްރަފީ ފުރިހަމަ އެވެ. މިފަހުން މަޝަހޫރުވެގެން އުޅޭ 'ގުލިމަޓާ' ލަވައިގެ ވައިބެއް ވެސް ހުއްޓެވެ.

 ތޭރަވާ ކިޔަފައިވާ 'ލޮލުން މަގޭ' އަކީ ވެސް ފިލްމުގެ ރީތި ލަވަ އެކެވެ. އެ ލަވަ ވަކިން ހިތްގައިމެވެ.

އޮލިމްޕަހަށް ރަނގަޅު ޖޮންރާއެއް

ލޯބީގެ ފިލްމްތަކަކީ ދިވެހިންނަށް ކަމުދާ ރަނގަޅު ޖޮންރާ އެކެވެ. 'މީ އިޝްގް' އަކީ 2000ގެ އަހަރުތަކުގައި ދިވެހި ސިނަމާއަށް ގެނައި ލޯބީގެ ބަހާރު މޫސުން އަލުން އިޔާދަ ކުރާ ވަރުގެ ފިލްމެއް ކަމުގައި ފިލްމްގެ ޕްރޮޑިއުސަރު ލީނާޒް ބުންޏެވެ.

'މީ އިޝްގް'ގެ ތަރިންނާއި ބައެއް ކުރޫއިން

ފިލްމް ބަލަން ގޮސް ތިބި މީހުންގެ ކޮމެންޓުތަކުން، ފިލްމަށް ޝައުގުވެރިވެ ގަޔާވެފައިވާ މިންވަރު އެނގުނެވެ. ސީރިއަސްކޮށް ގޮސް ފިލްމް ބަލާހިތުން ބަލާ މީހުންނާއި ޖެއްސުން ކުރާ މީހުން އޯޑިއަންސްގައި އުޅެ އެވެ. ލާރި ދީފައި ގޮސް އެކަން ކުރުމަކީ ވެސް ޒާތެެއްގެ އިޝްގްކެވެ. ތަހުޒީބުވީމަ އަދި ރަނގަޅުވާނެ އެވެ.

'މީ އިޝްގް'ގެ ޕްރޮޑިއުސަރު ލީނާޒް (ވ2): މިއީ ދިވެހި ސިނަމާގެ ބަހާރު މޫސުން އަލުން އިޔާދަ ކުރާ ވަރުގެ ފިލްމެއް ކަމަށް އޭނާ ބުނި .

ފިލްމް ފެށުމުގެ ކުރިން ޑައިރެކްޓަރު އަޒްހާން ބުނެފައިވާ އެއް ވާހަކައަކީ އިޝްގުތޯ ނޫންތޯ ނިންމާނީ ބެލުންތެރިން ކަމުގަ އެވެ. އަހަރެން ބުނާނީ މީ ޒާތެއްގެ އިޝްގެކޭ އެވެ.

ކޮމެންޓް (1)

ސަނައްޓޭ

8 ޖެނުއަރީ 2024
ޔޫއްޕެއަށްވުރެވެސް ޝަރަފް މޮޅު. ހަބޭސް ހަމަ.
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް