މެތިއު ޕެރީ (ކ) އާއި ޖެނިފާ އެނިސްޓަން 'ފްރެންޑްސް' ކުޅުނު ދުވަސްވަރު އެކުގައި: ސިލްސިލާ ނިމުނު ފަހުން ވެސް ގާތް ރަހުމަތްތެރިން

ހޮލީވުޑް

މެތިއު ޕެރީ މަރުވި ދުވަހު ވާހަކަދެއްކީ އުފަލުގައި ހުރެ: ޖެނިފާ އެނިސްޓަން

އޭނާ ބުނިގޮތުގައި ޕެރީ މަރުވުމުގެ ގަޑިއިރުތަކެއް ކުރިން ވެސް ހުރީ ވޭނެއް، އުނދަގުލެއް ތަހައްމަލްކުރާ ހާލަތެއްގައެއް ނޫން
13 ޑިސެމްބަރު 2023

މެތިއު ޕެރީ މަރުވުމުގެ ގަޑިއިރުތަކެއް ކުރިން މުއާމަލާތުކުރީ އުފަލުގައި ހުރެގެން ކަމަށް ޖެނިފާ އެނިސްޓަން ބުނެފި އެވެ. 'ފްރެންޑްސް'ގެ ދެ ތަރިން އެ ދުވަހު ވަނީ ޓެކްސްޓް މެސެޖުން ވާހަކަދައްކައިފަ އެވެ.

ޕެރީ އުމުރުން 54 އަހަރުގައި މިދިޔަ އޮކްޓޯބަރު މަހު މަރުވީ ކީއްވެގެންކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އަމިއްލަ ގޭގެ ޖަކޫޒީ ތެރެއިންނެވެ.

'ފްރެންޑްސް' 2004ގައި ނިމުނު ފަހުން ވެސް ގާތް އެކުވެރިންގެ ގޮތުގައި ދެމިތިބި އެ ސިލްސިލާގެ ހަ ތަރިންގެ ތެރެއިން ޕެރީ ކުއްލި ގޮތަކަށް މަރުވުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހިތާމައެކެވެ. އެ ޝޯގައި ޗޭންޑްލާގެ ބައި ތަމްސީލްކޮށްދިން ގޮތުން ޕެރީ އަދިވެސް އެތައް ބަޔަކަށް ހާއްސަ އެވެ.

ޕެރީގެ ގާތް ބައެއް މީހުން ބުނެފައިވަނީ އޭނާގެ މަރަކީ ބޮޑު ޝޮކެއް ކަމަށާއި މަސްތުވާތަކެއްޗަށް ދެވިހިފުމާއި ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް ކުރަމުން އައި މަސައްކަތުގައި އޭނާ ހުރީ ނުހަނު ރަނގަޅު ހިސާބެއްގައި ކަމަށެވެ.

އެނިސްޓަން ވެސް ދެއްކީ އެ ވާހަކަ އެވެ. އޭނާ 'ވެރައިޓީ' އަށް ދިން އިންޓަވިއުއެއްގައި ބުނީ މަރުވި ދުވަހު ވާހަކަ ދެއްކި އިރު ވެސް ޕެރީ ހުރީ ވޭނެއް، އުނދަގުލެއް ތަހައްމަލްކުރާ ހާލަތެއްގައި ނޫން ކަމަށެވެ.

"އޭނާ ހުރީ އުފަލުގައި. އޭނާ ހުރީ ދުޅަހެޔޮކޮށް،" އެނިސްޓަން ބުންޏެވެ. "އޭނާ ހުރީ ސިނގިރޭޓް ބުއިން ހުއްޓާލައިގެން. އޭނާ ގެންދިޔައީ ކަސްރަތު ކުރަމުން."

އެނިސްޓަން އިތުރަށް ބުނިގޮތުގައި ޕެރީ ގެންދިޔައީ ހަޔާތުގައި ކުރިމަތިލާން ޖެހުނު ކަންކަމުން އަރައިގަތުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެކަން މީހުންނަށް އަންގައިދޭން ބޭނުންވާ ކަމަށާއި ޕެރީ އެންމެން ހެއްވައިދީ، މީހުންގެ ދިރިއުޅުމަށް ގެނެސްދިން އުޖާލާކަމުގެ ބަދަލުގައި ލިބުނު ބޮޑު ލޯތްބާ މެދު އުފާކުރާ ކަމަށް ވެސް އެނިސްޓަން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް