މެތިއު ޕެރީ: އޮގަސްޓު 19، 1969 - އޮކްޓޯބަރު 28، 2023.

'ފްެރެންޑްސް'ގެ ތަރި މެތިއު ޕެރީ 54 އަހަރުގައި މަރުވެއްޖެ

އޭނާ މަރުވެފައި އޮއްވާ ފެނުނީ، އެމެރިކާގެ ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ގޭގެ ހޮޓް ޓަބް ތެރެއިން
29 އޮކްޓޯބަރު 2023

ނުވަދިހައިގެ އަހަރުތަކުގެ އެންމެ ހިޓް އެއް ޝޯ އަދި މިހާރު ވެސް ގިނަ ބައެއްގެ ފޭވަރިޓް ޓީވީ ސިލްސިލާ 'ފްރެންޑްސް'ގައި ޗޭންޑްލާ ބިންގްގެ ބައި ކުޅެ، ބެލުންތެރިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދިން އެކްޓަރު މެތިއު ޕެރީ 54 އަހަރުގައި މަރުވެެއްޖެ އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ އެމެރިކާގެ ލޮސް އެންޖެލިސްގައި އޭނާ ދިރިއުޅޭ ގޭގެ ހޮޓް ޓަބް ތެރެއިންނެވެ. އޭނާ މަރުވި ގޮތުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

'ފްރެންޑްސް' އަކީ 1994 އިން 2004 އަށް އެމެރިކާގެ އެންބީސީ އިން ދެއްކި އަދި މުޅި ދުނިޔޭގައި އިންތިހާއަށް މަގުބޫލުކަން ހޯދައި މިހާރު ވެސް ގިނަ ބައެއްގެ ހިތުގައި ހާއްސަ ޖާގައެއް ލިބިފައިވާ ޝޯއެކެވެ. 

ނިއު ޔޯކުގައި އުޅޭ ހަ ރައްޓެހިންގެ ދިރިއުޅުން ދައްކާ އެ ޝޯގައި ދެން އުޅުނު މައި އެކްޓަރުންނަކީ ޑޭވިޑް ޝްވިމާ (ރޮސް ގެލާ)، ކޯޓްނީ ކޮކްސް (މޮނިކާ ގެލާ)، ޖެނިފާ އެނިސްޓަން (ރޭޗަލް ގްރީން)، މެޓް ލީ ބްލޮންކް (ޖޯއީ ޓްރިބިއާނީ) އަދި ލީސާ ކޫޑްރޯ (ފީބީ ބުފޭ) އެވެ. މެތިއު ޕެރީގެ ޗޭންޑްލާއަކީ އެ އެންމެންގެ ތެރެއިން އެންމެ 'ސާކާސްޓިކް' މިޒާޖުގެ މީހާ އެވެެ. 

މެތިއު ޕެރީ ފުރާވަރުގައި: އޭނާ ފިލްމީ ދާއިރާއަށް ތައާރަފްވީ ކުޑައިރު ލިބުނު ފުރުސަތުތަކުން.

މެތިއު ޕެރީ ފިލްމީ ދާއިރާއަށް ތައާރަފްވީ ފުރާވަރުގަ އެވެ. އެކިއެކި ރޯލުތައް އަދާކުރަމުން އައި މެތިއުއަށް މަގުބޫލުކަމުގެ އުހަށް އަރަން މަގުފަހިވީ 'ފްރެންޑްސް'ގެ ރޯލާ އެކު އެވެ. 

'ފްރެންޑްސް' ޝޯއަކީ 90ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގެ ކުރީކޮޅު އެންމެ މަގުބޫލުވި އެއް ޝޯ. 

'ފްރެންޑްސް' ވެގެންދިޔައީ އެއިރު ނެރުނު ޓީވީ ޝޯތަކުގެ ތެރެއިން އެންމެ މަގުބޫލު ޝޯއަށެވެ. ބައެއް އެޕިސޯޑުތަކަށް 50 މިލިއަން ލައިވް ބެލުންތެރިންގެ ސަމާލުކަން ލިބުނު އިރު، ސިލްސިލާ ނިމުމާ ގާތްކޮށްފައި މުޅި މައި ކާސްޓަށް މުސާރައިގެ ގޮތުގައި އެޕިސޯޑަކަށް މީހަކަށް 1 މިލިއަން ޑޮލަރު ލިބުނެވެ.

ސްކްރީނުން ހެއްވާ މަޖާ މީހެއްގެ ގޮތުގައި ފެނުނަސް، މެތިއުއަކީ ވަރަށް ކުރިންސުރެ މަސްތުވާތަކެއްޗާއި ރާ ބުއިމަށް ދެވިހިފައި އެކަމުން ސަލާމަތްވުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރަން ޖެހުނު މީހެކެވެ. އޭނާގެ އަމިއްލަ ހަޔާތާ ބެހޭގޮތުން ލިޔެ މިފަހުން ނެރުނު 'ފްރެންޑްސް، ލަވާސް، އެންޑް ދަ ބިގް ޓެރިބަލް ތިންގް' ފޮތުގައި ބުނެފައިވާ ގޮތުގައި މަސްތުން ސަލާމަތްވުމަށް އުމުރުން 21 އަހަރުން ފެށިގެން 7 މިލިއަން ޑޮލަރު ހޭދަވެފައިވާނެ އެވެ.

މެތިއު ބުނެފައިވާ ގޮތުގައި އެހާ ނުރައްކާތެރި ހިސާބަކަށް އޭނާގެ ދެވިިހިފުން ދިޔަ ސަބަބަކީ ކޮންމެ ރެއަކުހެން ބޮޑު އޯޑިއެންސެއް ކުރިމަތީ، އެ އޯޑިއަންސް ހެއްވާލުމަށް މޮޅު އެކްޓިންއެއް ދައްކަން އަމިއްލަ ނަފްސުގެ މައްޗަށް އިހުސާސްވި ޕްރެޝަރެވެ. 'ފްރެންޑްސް'ގެ އެޕިސޯޑުތައް ނެގީ ލައިވް އޯޑިއެންސްތަކުގެ ކުރިމަތީގަ އެވެ.

އެތައް މިލިއަން ބައެއްެގެ ހިތުގައި ހާއްސަ ޖާގައެއް އޮތް ޗޭންޑްލާ ބިންގްގެ ރޯލު އަދާކުރި މެތިއު ޕެރީ އެކި އުމުރުތަކުގައި

'ފްރެންޑްސް'ގެ އެކި ސީޒަންތަކުން ޗޭންޑްލާގެ ލޯބިވެރިއެއްގެ ގޮތުގައި ފެނުނު ޖެނިސްގެ ބައި ކުޅުނު މެގީ ވީލާ އިންސްޓަގްރާމްގައި ބުނިގޮތުގައި މެތިއު "އެހާ ކުރު ހަޔާތެއްގެ ތެރެއިން ދުނިޔެއަށް ގެނެސްދިން އުފާވެރިކަން ދިރިހުންނާނެ" އެވެ.

"ހިތާމަވެރި ގެއްލުމެއް. މުޅި ދުނިޔެ ވަރަށް ހަނދާންވާނެ ތިމާ، މެތިއު ޕެރީ،" އޭނާ ލިޔުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް