ޤަރީނާ: އެއްކާފްއިން ޕްރޮޑިއުސްކުރި ތުރިލާ ސިލްސިލާގެ މެއިން ކާސްޓުގައި ހިމެނެނީ މަރިޔަމް މަޖުދާ އާއި މުހައްމަދު ފައިސަލް
'ޤަރީނާ'ގެ ޕްރިމިއާ މާދަމާ ރޭ؛ ރަތާއި ކަޅު ހެދުމެއް ރެޑީކޮށްލާ
މީޑިއާނެޓް ވީޑިއޯ ކްލަބަށް އެއްކާފްއިން ޕްރޮޑިއުސްކުރި އާ ސިލްސިލާ 'ޤަރީނާ' ޕްރިމިއާ ކުރުން މާދަމާ ރޭ އޮލިމްޕަހުގައި އޮންނާނެ އެވެ. މި ހަފުލާގައި ބައިވެރިވާ މީހުންނަށް ހާއްސަ ޑްރެސް ކަލާ ކޯޑެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އަހުމަދު ޒަރީރު (ޒައްރެ) ލިޔެ، މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް ޑައިރެކްޓުކޮށް އަދި ލީޑު ރޯލުން ވެސް ފެންނަ 'ޤަރީނާ' ސިލްސިލާއަކީ ހިތް އަވަސްކޮށްލައި، އޭގެ ތެރެއަށް ތިބާގެ ސަމާލުކަން ވައްދުވާލާ އުފެއްދުމެއްކަމުގެ އިހުސާސްތައް މާދަމާ ރޭ ކުރެވިދާނެ އެވެ.
ފައިސަލްގެ އިތުރުން މި ސިލްސިލާގެ ލީޑު ރޯލުގައި އުޅެނީ މަރިޔަމް މަޖުދާ އާއި އަލީ ފާރޫގެވެ. މީގެ އިތުރުން، ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ފަންނާނުން ކަމަށް ވާ އައިޝާ އަލީ އާއި އަންޝާމް މުހައްމަދު ވެސް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.
ވާހަކައަށް ކުޑަ ނަޒަރެއް
ފަސް އަހަރުގެ ކުޑަކުއްޖެއް އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ރަށެއްގެ ވަލުތެރެއިން ފެނުމަކީ މި ވާހަކައިގެ ފެށުމެވެ. ޕޮލިސް އިންވެސްޓިގޭޓިން އޮފިސަރަކަށް އުޅޭ ފައިސަލް، ފިލްމުގެ ކެރެކްޓާގެ ނަމުން ނަމަ ރިލްވާން އާއި މަޖުދާ ކުޅޭ ކެރެކްޓާ އިންވެސްޓިގޭޓިވް ޖާނަލިސްޓު ޝިމްލާގެ އެހީ ހޯދާ، އެ މައްސަލަ ތަހުގީގުކުރަން ފަށަ އެވެ. އެ ރާސްތާގެ ތެރެއިން ޝިމްލާއަށް ހޯދޭ ހެކިތަކާއި އިލްޒާމްތައް އިޝާރާތް ކުރާ މީހުންގެ މައުލޫމާތުގެ ނައްސިކަމުގެ ތެރެއަށް ފުންކޮށް ވަންނަ ދަނޑިވަޅުގައި، އޭނާގެ ޒާތީ އަނދިރިކަމަކާ ކުރިމަތިލާން ޖެހެ އެވެ. މި ސިލްސިލާ މައިގަނޑު ގޮތެއްގައި ދައުރުވަނީ އެ ކަންކަން ވަށައިގެންނެވެ.
ގާތްގަނޑަކަށް މުޅި ސިލްސިލާ ޝޫޓްކޮށްފައި ވަނީ ބ. ގޮއިދޫގަ އެވެ. އެކަމަކު ބައެއް އެހެން ރަށްރަށުގެ މަންޒަރުތައް ވެސް ހިމެނެ އެވެ.
ޑްރެސް ކަލާ ކޯޑަކީ ރަތާއި ކަޅު
މާދަމާ ރޭ 8:30ގައި އޮލިމްޕަހުގައި މި ސިލްސިލާ ޕްރިމިއާ ކުރުމުގެ ތައްޔާރީތައް ނިމި، ދައުވަތު ވަނީ ފޮނުވާފަ އެވެ. ޕްރިމިއާ ނައިޓަށް އަންނަ ބެލުންތެރިން ރަތާއި ކަޅުގެ ހެދުމެއް އިހުތިޔާރުކުރަން އެއްކާފްއިން އެދެ އެވެ.