ޤަރީނާ: މި ސިލްސިލާގެ މެއިން ކާސްޓުގައި ހިމެނެނީ މަރިޔަމް މަޖުދާ އާއި މުހައްމަދު ފައިސަލް
އެއްކާފްގެ އާ ސިލްސިލާ 'ޤަރީނާ'ގެ ޓްރެއިލާ ނެރެފި
މީޑިއާނެޓް ވީޑިއޯ ކްލަބަށް އެއްކާފް އިން ޕްރޮޑިއުސް ކޮށްފައިވާ ތުރިލާ ސިލްސިލާ 'ޤަރީނާ'ގެ ޓީޒާ މި މަހު މެދުތެރެއިން ނެރުނު ފަހުން ގިނަ ބަޔަކު ތިބީ އެ ސިލްސިލާ ޕްރިމިއާ ކުރާނެ ދުވަހެއް އިއުލާންކުރުމުގެ އިންތިޒާރުގަ އެވެ. ސަސްޕެންސް ގަދަ، ކުރު ޓީޒާއެއް ދައްކާލުމަށް ފަހު ގާތްގަނޑަކަށް ދެ ހަފްތާ ފަހުން އެއްކާފް އިން މިހާރު ވަނީ 'ޤަރީނާ'ގެ ޓްރެއިލާ ރިލީޒްކޮށް، ބެލުންތެރިން އިންތިޒާރުކޮށްގެން ތިބި ތާރީހު އިއުލާންކޮށްފަ އެވެ.
'ޤަރީނާ'ގެ ލީޑް ރޯލުތަކުން ފެނިގެންދާނީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީއާ ރައްޓެހި މޫނުތަކެކެވެ.
'ހުޅުދާން' އިން 2014 ގައި އޭނާގެ ފިލްމީ ހަޔާތް ފަށައިގަތް މަރިޔަމް މަޖުދާ އިންވެސްޓިގޭޓިވް ޖާނަލިސްޓެއްގެ ގޮތުގައި އަދި އެކްޓަރު އަދި ޑައިރެކްޓަރު މުހައްމަދު ފައިސަލް ޕޮލިސް އިންވެސްޓިގޭޓިވް އޮފިސަރެއްގެ ރޯލުން ފެންނާނެ އެވެ.
ސިލްސިލާ ފަށަނީ 5 އަހަރުގެ ކުޑަކުއްޖެއް ވަލު ތެރޭގައި އިހާނެތިކޮށް މަރާލާފައި އޮއްވާ ފެނިގެނެވެ. އެ މައްސަލަ ތަހުގީގުކުރުމަށް ފުލުސް އޮފިސަރު ރިލްވާން ބޭނުންކުރަނީ ނޫސްވެރިޔާ ޝިމްލާގެ ހުނަރާއި އޭނާގެ ފަރާތުން ލިބޭނެ، އާންމުކޮށް ފުލުހުންނަށް މީހުން ދޭން ޖެހިލުންވާ ޒާތުގެ މައުލޫމާތެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް، ޝިމްލާގެ މާޒީގައި ދިމާވެފައި ހުރި ބިރުވެރި ކަންކަމުގެ ހަނދާންތައް އާވެ އެވެ. ވާހަކަ ކުރިއަރަމުން ދަނީ އެ ކުޑަކުއްޖާގެ މައްސަލަ އާއި ޝިމްލާގެ ޒާތީ އަނދިރިކަމުގެ ފޮރުވިފައި ހުރި ފަށަލަތައް މަޑުމަޑުން ނިއުޅެމުން ގޮސް، އެ ކަންކަމާ އޭނާ ކުރިމަތިލާ މަންޒަރުތަކުންނެވެ.
'ޤަރީނާ'ގެ %90 ނަގާފައި ވަނީ އެކި ރަށްރަށުގަ އެވެ. މައިގަނޑު ގޮތެއްގައި ސިލްސިލާ ޝޫޓްކޮށްފައި ވަނީ ބ. ގޮއިދޫގަ އެވެ.
'ޤަރީނާ' ލިޔުނީ އެއްކާފްގެ އަހުމަދު ޒަރީރު (ޒައްރަ) އެވެ. ސައުންޑް މިކްސިން އެންޑް މާސްޓަރިންގެ މަސައްކަތް އަހުމަދު އިޝާން ކުރި އިރު، މި ސިލްސިލާގެ މިއުޒިކް ހެދީ މުނާޒް ޒުބެއިރެވެ. އަދި ސިނެމަޓޮގްރަފަރަކީ އެއްކާފްގެ އިބްރާހިމް ސުޖާއު (ޖަންކީ) އެވެ.
'ޤަރީނާ' ވީޑިއޯ ކްލަބުން ސްޓްރީމް ކުރެވޭ ގޮތަށް ޕްރިމިއާކުރާނީ 5 އޮކްޓޯބަރުގަ އެވެ.