އަނަންޔާ ޕާންޑޭ (ކ) އަދި ސުހާނާ ހާން

ސުހާނާ ހާން

ސުހާނާއާ އެކު ރަނގަޅު ވާދަވެރިކަމެއް އަންނާނެ: އަނަންޔާ

އަނަންޔާ ބުނީ ސުހާނާ ބޮލީވުޑަށް ތައާރަފްވުމުން އިންޑަސްޓްރީގައި ވާދަވެރިކަން އިތުރުވިޔަސް އެކަމާ ޖެހިލުންނުވާ ކަމަށް
4 ޖުލައި 2023

އެންމެ ގާތް އެކުވެރިޔާ ސުހާނާ ހާން ބޮލީވުޑަށް ތައާރަފްވުމާ ބެހޭގޮތުން އަނަންޔާ ޕާންޑޭ ވާހަކަދައްކައިފި އެވެ.

ޝާހު ރުކް ހާން އާއި ގޯރީ ހާންގެ ދަރިފުޅު ސުހާނާގެ އަލަތު ފިލްމަކީ ނެޓްފްލިކްސްގެ 'ދި އާޗީސް' އެވެ. އަންނަ 24 ނޮވެމްބަރުގައި ނެރެން ހަމަޖެހިފައިވާ އެ ފިލްމުގެ ކުރިން މިހާރު ވެސް ސުހާނާއަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އަނަންޔާ 'ނިއުސް18' އަށް ދިން އިންޓަވިއުއެއްގައި ބުނީ ސުހާނާ ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވެ ހުރީ އިތުބާރާ އެކު ކަމަށެވެ. ސުހާނާ ހާސްކަމެއް އިހުސާސްނުކުރާ ކަމަށާއި ހުރީ ސާބިތުކަންމަތީގައި ކަމަށް އަނަންޔާ ބުންޏެވެ.

އަނަންޔާ ބުނިގޮތުގައި އޭނާ ހުރީ ސުހާނާގެ ފުރަތަމަ ފިލްމު ބަލައިލަން ކެތްމަދުވެފަ އެވެ. 'ދި އާޗީސް'ގެ ޓީޒާ ނެރުނު ފަހުން އެންމެންގެ ތައުރީފް ސުހާނާއަށް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އަނަންޔާ ޕާންޑޭ (ކ) އަދި ސުހާނާ ހާން

ސުހާނާއާ އެކު އިންޑަސްޓްރީއަށް އަންނާނެ ވާދަވެރިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އަނަންޔާ ބުނީ އެކަމާ ޖެހިލުންނުވާ ކަމަށެވެ.

"އަހަންނަށް ވާދަވެރިކަން އިހުސާސްކުރެވޭ. އަހަންނަކީ އަބަދުވެސް ވާދަވެރި މީހެއް. އަހަރެން ދެކޭގޮތުގައި ދުޅަހެޔޮ ވާދަވެރިކަމެއް އޮތުމަކީ ރަނގަޅު ކަމެއް، އެއީ އިތުރަށް މަސައްކަތްކުރަން ބާރުއަޅާ ސަބަބަކަށް ވާތީ،" އަނަންޔާ ބުންޏެވެ.

އޭނާ ބުނީ ވާދަވެރިކަން އިތުރުވާ ވަރަކަށް އޭނާ ވަކިން ބޮޑަށް ގަދައަޅައި މަސައްކަތްކުރަން ބޭނުންވާ ކަމަށާއި އާ ހުނަރުވެރިން އައިސް އެ މީހުންގެ ރަނގަޅު މަސައްކަތްތައް ފެނުމުން ހިތްވަރު ވެސް ލިބޭ ކަމަށެވެ. އެއީ އެހެން މީހުންގެ ފަރާތުން ދަސްކުރަން ލިބޭ ފުރުސަތެއްކަން ވެސް އަނަންޔާ ފާހަގަކުރި އެވެ.

ޗަންކީ ޕާންޑޭ އާއި ބާވްނާ ޕާންޑޭގެ ދަރިފުޅު އަނަންޔާ ބޮލީވުޑަށް ތައާރަފްކުރީ ކަރަން ޖޯހަރް އެވެ. އެއީ ޕަނީތު މަލްހޯތުރާ ޑައިރެކްޓްކުރި 'ސްޓޫޑެންޓް އޮފް ދަ އިޔާ 2' އިންނެވެ.

އަނަންޔާ އެންމެ ފަހުން ފެނުނީ ވިޖޭ ދެވެރަކޮންޑާއާ އެކު މިދިޔަ އަހަރުގެ އެކްޝަން ކޮމެޑީ 'ލައިގާ' އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ އެދެވޭ ކާމިޔާބީއެއް ނުހޯދުނެވެ.

އަނަންޔާ ދެން ފެންނާނީ ފަރްހާން އަހްތަރް އާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓެއިންމެންޓުން އުފައްދާ 'ކޯ ގަޔޭ ހަމް ކަހާނ' އިންނެވެ. އަދި އަޔުޝްމަން ކުރާނާއާ އެކު 'ޑްރީމް ގާލް 2' އިން ވެސް އަނަންޔާ ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް