ފިލްމު 'އެނިމަލް'

ބޮލީވުޑް

ރަންބީރުގެ 'އެނިމަލް' ޑިސެމްބަރަށް ފަސްކޮށްފި

ރަންބީރު ތަފާތު މޮޅު އެކްޓިންއެއް ދައްކައިދޭނެ ކަމަށް ބުނެވޭ މި ފިލްމުން އަނިލް ކަޕޫރާއި ބޮބީ ޑިއޯލް އަދި ރަޝްމިކާ މަންޑަނާ ވެސް ފެންނާނެ
4 ޖުލައި 2023

ރަންބީރު ކަޕޫރުގެ އެކްޝަން-ތުރިލާ ފިލްމު 'އެނިމަލް' ރިލީޒްކުރަން ކުރިން ހަމަޖައްސާފައި އޮތީ އިންޑިއާގެ މިނިވަން ދުވަހުގެ ހަފްތާބަންދުގައި 11 އޮގަސްޓުގަ އެވެ. ނަމަވެސް އެ ފިލްމު މިހާރު ވަނީ 1 ޑިސެމްބަރަށް ފަސްކޮށްފަ އެވެ.

މި ބަދަލާ އެކު، 11 އޮގަސްޓުގައި ނެރޭ ބޮޑު އަނެއް ދެ ފިލްމާ 'އެނިމަލް' ފުށުނާރާ ސަލާމަތްވީ އެވެ. އެހެން ނޫން ނަމަ އެ ފިލްމު ނުކުތީހީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލްގެ 'ގަދަރް 2' އާއި އަކްޝޭ ކުމާރްގެ 'އޯއެމްޖީ 2'އާ އެއް ދުވަހެއްގަ އެވެ.

އެކަމަކު 'އެނިމަލް'ގެ އާ ތާރީހުގައި ވެސް އިތުރު ބޮޑު ދެ ފިލްމެއް ރިލީޒްކުރަން އެބައޮތެވެ. އެއީ 'ފުކްރޭ 3' އާއި ވިކީ ކޯޝަލް ކުޅެފައިވާ ބަޔޯޕިކްއެއް ކަމަށްވާ 'ސޭމް ބަހާދުރް' އެވެ.

ރަންބީރުގެ ހުނަރުވެރިކަން މުޅިން އެހެން ފެންވަރަކަށް ގެންގޮސްފައިވާ ފިލްމެއް ކަމަށް ބުނެވޭ 'އެނިމަލް' އިން އަނިލް ކަޕޫރާއި ބޮބީ ޑިއޯލް އަދި ރަޝްމިކާ މަންޑަނާ ވެސް ފެންނާނެ އެވެ.

'އަރްޖުން ރެޑީ' އާއި 'ކަބީރް ސިންގް'ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ 'އެނިމަލް'ގެ ޕްރީ ޓީޒާ މިދިޔަ މަހު ވަނީ ނެރެފަ އެވެ. މިއީ ރަންބީރު، ސަންދީޕްގެ ފިލްމެއް ކުޅޭ ފުރަތަމަ ފަހަރެވެ.

ރަންބީރު ކަޕޫރުގެ ފިލްމު 'އެނިމަލް'ގެ ޕްރީ-ޓީޒާ އިޝްތިހާރުގެ ބައެއް މަންޒަރުތައް

ހިންދީ ބަހުގެ އިތުރުން ތަމަޅަ، ޓެލޫގޫ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ވެސް 'އެނިމަލް' ރިލީޒްކުރާނެ އެވެ.

ސަންދީޕް ޓުވިޓާގައި ނެރުނު ވީޑިއޯއެއްގައި ބުނީ 'އެނިމަލް' ރިލީޒްކުރުން ފަސްކުރި ހަމައެކަނި ސަބަބަކީ ފިލްމުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. ވަރަށް ގިނަ މަސައްކަތްތައް ކުރަން ހުރިކަން ބުނެދިނުމުގެ ގޮތުން މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ފިލްމުގެ ލަވަތަކެވެ. ފިލްމުގައި ހަތް ލަވައެއް ހިމެނޭ އިރު، ސަންދީޕު ބުނީ، ހަތް ލަވަ ފަސް ބަހުން އުފެއްދުމަކީ 35 ލަވަ އުފެއްދުން ކަމަށެވެ.

އޭނާ ބުނީ ކުރިން ރޭވި ގޮތަށް ވުރެ ގިނަ ވަގުތު ނަގާނެކަން ވިސްނުނީ ވަރަށް ފަހުން ކަމަށާއި އެހެން ނޫން ނަމަ ޕްރީ ޓީޒާ ނުނެރުނީސް ކަމަށެވެ. ޕްރީ ޓީޒާއަށް ލިބުނު ތަރުހީބަށް ޝުކުރު އަދާކުރަމުން ސަންދީޕު ބުނިގޮތުގައި، ބައެއް މީހުން ގަބޫލުނުކުރިޔަސް، ޕްރީ ޓީޒާއިން ފެންނަނީ ފިލްމުން ވެސް ފެންނާނެ މަންޒަރެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް