އާލިއާ ބަޓް ގަންގޫބާއީގެ ގޮތުގައި
ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް 'ގަންގޫބާއީ ކާތިއަވަޑައި'
'ގަންގޫބާއީ ކާތިއަވަޑައި' ފިލްމުފެއާ އެވޯޑްސްގެ 10 އެވޯޑަކަށް ނޮމިނޭޓްވެ އެ ހުރިހާ އެވޯޑެއް ވެސް ހާސިލްކޮށްފި އެވެ.
ރޭ ބޭއްވި 68 ވަނަ ފިލްމުފެއާ އެވޯޑްސް ހަފްލާގައި 'ގަންގޫބާއީ ކާތިއަވަޑައި' އެންމެ މޮޅު ފިލްމުގެ ޝަރަފްވެރި އެވޯޑު ގެންދިޔުމުގެ އިތުރުން ސަންޖޭ ލީލާ ބާންސާލީއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އާލިއާ ބަޓް އަށް އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑް އެ ފިލްމުން ވަނީ ލިބިފަ އެވެ. އަދި އެންމެ މޮޅު ޑައިލޮގް، ބެކްގްރައުންޑް ސްކޯ، ސިނެމަޓޯގްރަޕީ، ޕްރޮޑަކްޝަން ޑިޒައިން، ކޮސްޓިއުމް އަދި އަރަމުން އަންނަ މިއުޒިކް ޓެލެންޓްގެ އެވޯޑު ވެސް ގެންދިޔައީ 'ގަންގޫބާއީ ކާތިއަވަޑައި' އިންނެވެ.
ކްރިޓިކުން ހޮވާ އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދީ 'ބަދާއީ ދޯ' އެވެ. އަދި ރާޖުކުމާރް ރާއޯ ވަނީ އެ ފިލްމުން އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑް ހާސިލްކޮށްފަ އެވެ.
އެހެނިހެން ބައެއް އެވޯޑްތައް ހާސިލްކުރީ:
-
ކްރިޓިކުން ހޮވި އެންމެ މޮޅު އެކްޓަރު - ސަންޖޭ މިޝްރާ (ވާދު)
-
ކްރިޓިކުން ހޮވި އެންމެ މޮޅު އެކްޓްރެސް - ތާބޫ (ބޫލް ބުލައިޔާ 2) އަދި ބޫމީ ޕެޑްނޭކަރް (ބަދާއީ ދޯ)
-
ފިރިހެން ސަޕޯޓިން އެކްޓަރު - އަނިލް ކަޕޫރު (ޖުގްޖުގް ޖީޔޯ)
-
އަންހެން ސަޕޯޓިން އެކްޓަރު - ޝީބާ ޗައްދާ (ބަދާއީ ދޯ)
-
ސްކްރީންޕްލޭ - ބަދާއީ ދޯ
-
ލައިފްޓައިމް އެޗީވްމެންޓް އެވޯޑް - ޕްރޭމް ޗޯޕްރާ
މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަނަލް ސެންޓަރުގައި ބޭއްވި އެވޯޑް ހަފްލާގެ ހޯސްޓަކީ ސަލްމާން ހާން އެވެ. މިއީ އޭނާ ފިލްމުފެއާ އެވޯޑްސް ހޯސްޓްކުރި ފުރަތަމަ ފަހަރެވެ. ސަލްމާންއާ އެކު އަޔުޝްމަން ކުރާނާ އާއި މަނީޝް ޕޯލް ޝޯ ހުށަހަޅައިދިނުމުގައި ބައިވެރިވި އެވެ.
ވިކީ ކޯޝާލް އާއި ޓައިގާ ޝްރޮފް އާއި ޖާންވީ ކަޕޫރާއި ގޯވިންދާ އާއި ޖެކްލީން ފެނާންޑޭޒްގެ ޕާފޯމެންސްތައް ހަފްލާއިން ފެނުނެވެ.