ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

23 އޭޕްރީލު 2023

އެޕިސޯޑް 31

އެކަމުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަށް ނުވިސްނައެވެ.

އެރެއަށް ފަހު އަހަރެންގެ އުޅުމަށް ކުރިއަށް ވުރެ ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ރޭގަނޑު ހޭލާ އުޅުން އާންމު ކަމަކަށް ވިއެވެ. މާލޭގެ ގަސް ގިނަ ހިސާބުތަކުގައި އުޅެން ފެށީ އެކަން ކަމުދާން ފެށުމުންނެވެ. އިރު އަރާ ގަޑި އާއި އޮއްސޭ ގަޑީގައި އިރަށް ބަލަހައްޓައިގެން ހުރުމަކީ ވެސް ގަޔާވާ ކަމަކަށްވިއެވެ. ގައިން ތާހިރުވުމަކީ ވެސް އުނދަގޫ ކަމަކަށްވިއެވެ. ބޭނުންވަނީ ވީހާ ވެސް ގިނަ ވަގުތުތަކުގައި އެކަހެރި މާހައުލުތަކުގައި އުޅޭށެވެ. ހަނދު ބޮޑުވާ މޫސުމުގައި ގޮނޑުދޮށަށް ދިޔުމަކީ ވެސް ކަމުދާން ފެށި ކަމެކެވެ. ބަސް މަދުވާން ފެށިކަން ވެސް އަހަރެންނަށް އަމިއްލައަށް ފާހަގަ ކުރެވުނެވެ. ބަދަލުގައި، ވާހަކަ ދެއްކެން ފެށުނީ އެހެން މީހަކާއެވެ. އެއީ ގާތުގައި އަބަދުވެސް ހުންނަ މީހާއެވެ. އޭނަގެ ނަމަކީ ބައްރާހެވެ. ބައްރާހުއާ އެކު އިތުރު ދެ މީހުން ވެސް ތިބެން ފެށީ އޭގެ ހަ ދުވަސް ފަހުންނެވެ.

އަހަރެންނަށް ގަބޫލު ކުރެވުނީ ޖިންނިންގެ ބާރުގަދަކަމާއި އެ ވެރިންގެ ބޭނުންތެރިކަމެވެ. ޖިންނިން ހެއްދެވީ ދުން ނާރާ އަލިފާނުންނެވެ. އޭގައި އެކި ކުލަކުލައިގެ އަލިފާންވެއެވެ. ވަކި ސިފައަކަށް ނުވަތަ ވަކި ސައިޒަކަށް ތިބޭ ޖިންނިން އުޅެއެވެ. ނަމަވެސް އެ ސޮރުމެން ބޭނުން ސިފައަކަށް އަދި ބޭނުންވާ މިންގަނޑަކަށް ކުޑަވެ، ބޮޑުވެވެއެވެ. ވަކި ސިފައަކަށް އައުމަށްޓަކައި ވަސީލަތެއް ބޭނުންވެއެވެ. އިންސާނެއްގެ ހަށިގަނޑު ނުވަތަ ޖަނަވާރެއްގެ ހަށިގަނޑެވެ. ބަންދުވެފައި ހުންނަ އެއްޗަކަށް ފެނާއި ވަޔަށް ނުވަދެވުނު ނަމަވެސް ޖިންނިންނަށް ވަދެ ނުކުމެހެދެއެވެ.

އިންސާނާ ބިރުގެންނެވުމުގައި އަރާ ތިބެ ޝައިތާނުންނަށް އެކަން ވަނީ ވަރަށް މަޖާ ކަމަކަށެވެ. އެކި ނަސްލުގެ އެކި ދަރިފަސްކޮޅުގެ އިންސާނުންނަށް ޖިންނިން ސިފަ ދައްކާނީ އެ ބަޔަކު އެންމެ ބިރުގަންނަ ސިފައިގައެވެ. ނަމަވެސް އިންސާނެއްގެ ސިފައިގައި ޖިންނި ފެނުން އެއީ ވަރަށް މަދު ހާލަތްތަކުގައި ވާ ކަމެކެވެ. ސަބަބަކީ އެ ގޮތަށް ތިބުމުން އެވެރިންގެ ބާރު ދަށްވުމެވެ.

ޖިންނިންގެ އަސްލު ސިފަ އަހަރެންނަށް ފެންނަން ފެށިއެވެ. އެވެރިން އުޅޭ މާހައުލާއި ކުރާ ކަންކަން ވެސް ފެންނަން ފެށިއެވެ. ލޯ މަރާލުމުން އެތަންތަން ފެންނަނީ އަސްލު ހެންނެވެ. ހީވަނީ އެތަންތަނުގައި އަހަރެންނަށް އުޅެވޭ ހެންނެވެ. އެ ކަންކަން އަހަރެންނަށް ވަރަށް ކަމުދިޔައެވެ. ޖިންނިން ދައްކާ ވާހަކައިގެ ބަހުރުވަ ހުރީ ދުވަހަކު ވެސް އަހަރެން އަޑު އެހި ފަދަ ބަހުރުވައަކުން ނޫނެވެ. ނަމަވެސް އެކަން ދަސް ކުރަން ނެގީ މަދު ދުވަސްކޮޅެކެވެ.

ދެން ޝައުގުވެރިކަން އުފެދުނީ އާދަޔާހިލާފު ކަމަކަށެވެ. އެއީ މީހުންގެ ސިއްރުތައް ހޯދުމެވެ. އަހަރެން ދަންނަ ވަރަށް ގިނަ މީހުން އުޅެއެވެ. އެކި މީހުން ގާތަށް 'ރުގްޔާ' ކުރަން ވެސް ދަމެވެ. އެ މީހުންނާއި އެ މީހުންގެ އަނބިދަރިންނާއި އާއިލާގެ މީހުންގެ ސިއްރުތައް ހާމަވާން ފެށިއެވެ. އަހަރެންނަށް އެކަން ވީ މަޖާ ކަމަކަށެވެ. ހިތަށް އެރިއެވެ. ހަމަ ހަގީގަތުގައި ވެސް ޖިންނިންނަކީ ހާދަ ބާރުގަދަ ކެރޭ ބައެކެވެ. ކުޅަދާނަކަން ލިބިފައިވަނީ ގަބޫލު ކުރަން އުނދަގޫވާ ވަރަށެވެ.

އަހަރެން ގާތުގައި ތިބޭ ޖިންނިން އިތުރުވިއެވެ. އެ އަދަދު 11 އަށް ބަދަލުވިއެވެ. އޭގެ ތެރޭގައި އަންހެން ޖިންނިންނާއި ފިރިހެން ޖިންނިން ތިބެއެވެ. ބޭނުންވާ އެކި ގަޑިތަކުގައި އަހަރެން އެވެރިންނާ މުއާމަލާތު ކުރަމެވެ. އެކި ވައްތަރުގެ ބޭހުގެ މައުލޫމާތު އަހަމެވެ. އެކި ގައުމުތަކުގައި ހުންނަ ތަންތަނާއި އެއްޗެހީގެ މައުލޫމާތު ވެސް އޮޅުންފިލުވަމެވެ. އެންމެ ގިނައިން އޮޅުން ފިލުވަމުންދިޔައީ ސިހުރާ ބެހޭ މައުލޫމާތުތަކެވެ. އެ ކަމުގައި މީހުން ކަންކަން ކުރާ ގޮތާއި ކާމިޔާބުވަނީ ކިހިނެއްތޯ ވެސް ބަލަން ފެށީމެވެ. އަދި ނާކާމިޔާބު ވަނީ ކޮން ކަމެއް އުނި ކުރެވިގެންތޯ ވެސް ބެލީމެވެ. އަހަރެން ބޭނުންވާ ހުރިހާ ކަމެއް އެނގެމުން ދިޔައެވެ. ގަބޫލު ކުރީ އެވެރިން އެ ހަދަނީ ތެދު ކަމަށެވެ. އަހަރެންނަށް އޮޅުވާލަން އެއްވެސް އުކުޅެއް ނުދައްކާނެ ކަމުގައި އުންމީދު ކުރީމެވެ. އަހަރެންގެ އަމިއްލަ ނަފުސާއި މުޅި ހަށިގަނޑު އެ ވެރިންނަށް ބަރޯސާވާން ނެގީ މަދު ދުވަސްކޮޅެކެވެ.

އަހަރެންގެ ދިރިއުޅުމަށް އައި މި ބަދަލު ފާހަގަ ކުރެވުނީ ބައްޕައަށެވެ. ބައްޕަ މާލެ އައީ އަންގާ ވެސް ނުލައެވެ. ފޯނު ނުނަގައި އުޅެން ފެށުމުން ކޮބާތޯ ބަލަން އައީ ކަމުގައި ބުންޏެވެ. އަހަރެން ދިރިއުޅޭ ގެއަކަށް ބައްޕަ ނުގެންދަމެވެ. އެކި ބަހަނާ ދައްކައިގެން ވެސް ބައްޕައާ އަހަރެން ބައްދަލު ކުރީ ސައި ހޮޓަލަކުންނެވެ. އެއީ ގަސްދުގައި ކުރި ކަމެކެވެ. އެފަދަ މާހައުލެއްގައި ބައްޕަ ބޭނުންވާ ވާހަކަ އަހަރެންނާ ނުދެއްކޭނެކަން އެނގެތީއެވެ. ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ބައްޕަ ކުރިމަތި ކުރުވިއެވެ. ކޮންމެ ސުވާލަކަށް ވެސް އަހަރެން ޖަވާބު ދެނީ ޖެއްސުމަށެވެ. އިތުރަށް އެ މައުލޫއުއިން ސުވާލު ނުކުރާނެތީއެވެ. އެއީ އަހަރެންގެ ސިކުނޑިއަށް ވިސްނެމުން ދިޔަ ގޮތެވެ. ނުވަތަ ވަސްވާހަކުން އަހަރެންނަށް ވިސްނައިދެމުން ދިޔަ ގޮތެވެ. އަހަރެންގެ ނަފުސުގެ ކޮންޓްރޯލް ވަނީ އެހެން ބައެއްގެ އަތްދަށުގައިކަން އިހުސާސްވަމުން ދިޔައެވެ. ނަމަވެސް އެއީ ކަމުދާ ކަމަކަށްވިއެވެ. ބައްޕަ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ނަމަވެސް އޭގެ ތެރެއިން އަހަރެންނަށް އަޑު އިވުނީ މަދު އެއްޗެކެވެ. އަޑު އިވުނު މަދު އެއްޗެއްގެ ތެރެއިން ފުރޭނިގެން ގަބޫލު ކުރެވުނީ އަދި މާ މަދު އެއްޗެކެވެ.

އަޝްބާގެ ހަނދާންތައް އާލާވާން ފެށީ ހަމްޒާ ގުޅާލުމުންނެވެ.

"އަޝްބާ ބުނެގެން މި ގުޅާލީ. މިގެއަށް ޖައްސާލެވޭނީ ކޮން އިރަކު؟" ހަމްޒާ އެހެން ބުނުމުން ހަމަ މިވަގުތު ވެސް ދެވިދާނޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވީމެވެ.

"މިރޭ ދެވިދާނެ." އަހަރެން ފޯނު ބޭއްވީމެވެ. ހަގީގަތުގައި ފަޅި ސިކުންތެއް ވެސް އަހަރެންނަށް އުނދަގޫ ވާން ފެށިއެވެ. އަޝްބާއާ ދުރުގައި ހުންނާށެވެ.

ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރެއިން އަހަރެން ހިނގަމުން ދިޔައީމެވެ. މިސްރާބު ހުރީ މޫދާ ދިމާލަށެވެ. ހަނދުވަރުގެ ރިހި އަލިން ކަނޑުމަތި އޮތީ ދިއްލިފައެވެ. އަރަމުން އައި ހަނދު ހުރީ ބުރު ހަމަވެފައެވެ. ވިލާ ރޮއްޖެއް ވެސް އުޑުމަތީގައި ފެންނާކަށް ނެތެވެ. އުދަރެސް ކައިރިން މަދުމަދުން ތަރިތައް ފެންނަން ހުއްޓެވެ. ހަނދަށް އުނދަގޫ ކުރާނެ އެއްވެސް އެއްޗެއް އުޑުމަތިން ފެންނާކަށް ނެތެވެ. އަހަރެންގެ ވާއަތުގެ ޝަހާދަތް އިނގިލި ނަގާ ހަނދާ ސީދާ ކޮށްލީމެވެ. އަދި ބޭނުންވާ ކަމަކަށް އެދުނީމެވެ. ކިޔަވަން ދަސްކުރި ކިޔެވެލި އަޑުމަޑުކޮށް ކިޔަވާލީމެވެ. ވަކި އަދަދެއް ހަމަކޮށްފައި ހިނިތުންވެލީމެވެ. އެއީ ނުބައި ހިނިތުންވުމެކެވެ.

ހަމްޒާމެން ގެއަށް ދެވުނު އިރު 10 ޖަހަނީއެވެ. އަހަރެންނަށް އެތެރެއަށް ވަނުމަށް ދައުވަތު ލިބުނެވެ. އަހަރެން ބަލާލީ ފަހަތަށެވެ. އަހަރެންގެ ގާތުގައި އަބަދުވެސް ތިބޭ 'މީހުންނަށް' އެތަނަށް ވަދެވޭ ގޮތެއް ނުވިއެވެ. އަހަރެން ހިތްހަމަނުޖެހުނެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ގޮނޑީގައި އިށީނީމެވެ.

"އަޝްބާ ބުނެގެން ހާމިޒް މި ގެނައީ،" ހަމްޒާ ބުންޏެވެ.

އެ ވަގުތު އަޝްބާ ކޮޓަރިން ނުކުތެވެ. އަހަރެންނަށް ކޮޅަށް ނުތެދުވެވުނީ ކިރިޔާއެވެ. އަޝްބާގެ ރީތިކަން ފެނުމުންނެވެ. ހީވަނީ އެހެން މީހެއް ހެންނެވެ. ބުރުގާ އަޅައި ޒީނަތްތެރިވެގެން ހުރި އިރު މިރޭގެ ހަނދު ވެސް ލަދުގަންނާނެހާ ފުރިހަމައެވެ. މޫނުމަތީގައި ވަނީ އުޖާލާކަމެވެ. ސާފު ދެ ލޮލުގެ ހުދުކަން ގަދައެވެ. ތުންފަތަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ. ފަރި ހިނގުމެއްގައި ހިނގާލާފައި އައިސް ގޮނޑީގައި ހަމަޖެހިލިއެވެ.

"އަހަރެން ބޭނުން ވަނީ ހާމިޒްއަށް ޝުކުރު އަދާ ކުރަން. އެފަދަ ކަމަކުން ސަލާމަތް ކޮށްދިނީތީ،" ހިނިތުންވެލަމުން އަޝްބާ ބުންޏެވެ. އެ އަޑު ތަފާތެވެ. ބޭނުންވީ އެ އަޑު އަބަދުވެސް އިވިއިވި ހުންނާށެވެ.

"އެއީ ތެދެއް. އަހަރެމެން އެންމެން ވެސް އެކަމަށްޓަކައި ހާމިޒްއަށް ޝުކުރު ކުރަން،" އަތީކާ ވެސް ވާހަކައިގައި ބައިވެރިވެލިއެވެ.

"އަދި ވަރަށް އުފާވެރި ހަބަރެއް ވެސް އެބަ އޮތް،" ހަމްޒާ ބުންޏެވެ. "މި އުޅެނީ އަޝްބާ ކައިވެނި ކުރުވަން."

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް