ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

22 އޭޕްރީލު 2023

އެޕިސޯޑް 30

އަދިވެސް އޭނަ ސިހުރު ހަދާތަ؟ މި ބުނީ އޭތި އާލާ ކުރޭހޭ؟" އަހަރެން އަހާލީމެވެ.

"އާނ. އޭނަ އެކި ވަގުތު އެކަން ކުރޭ. އަޝްބާއަށް އެއްޗެހި ކާންދިން ފަހުން ވެސް އިތުރަށް އެކަން ވަރުގަދަ ކުރުމަށް އެކަން ކުރަމުން އައީ. އަދި އެއް ވާހަކަ ބުނަން؟ އޭނަ ހުންނަނީ އަޝްބާ މީހަކާ އިނުމަށް ހުރަސް އަޅަން ވެސް ސިހުރުން މަސައްކަތް ކޮށްފައި،" ޖިންނި ބުންޏެވެ.

ހަމްޒާގެ މޫނުމައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. އަތީކާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ.

"އަހަރެމެން އެކަމަކާ ހާހެއް ނުވޭ. ސިހުރު ބާތިލް ވުމުން ތި ހުރިހާ ކަމެއް ވެސް ހައްލު ވާނެ،" އަހަރެން ބުނީމެވެ.

ޖިންނި ކިޔައިދިން ގޮތުގައި ވާސިއުގެ ބޭނުމަކީ ހަމްޒާއަށް ވަރުގަދަ ދެރައެއް ދިނުމެވެ. ހިތުން ފިލައިގެން ނުދާ ވަރުގެ އަނިޔާއެއް ދިނުމެވެ. ދަރިފުޅުގެ ލޯބިން މަހުރޫމްކޮށް މުޅި އުމުރަށް އެ ލޯތްބަށްޓަކައި ގަނަތެޅުވުމެވެ. ތިމާގެ ލޯ ކުރިމަތީގައި އަމިއްލަ ދަރިފުޅު މަރަށް ތެޅޭތަން ދެއްކުމެވެ. އަޝްބާއަށް ސިހުރު ހަދާފައި ހުރީ ސީދާ މަރާލަން ކަމަށް ވެސް ބުންޏެވެ. ހަމްޒާއަށް ލިބިފައިވާ މުއްސަނދިކަމާއި މަޝްހޫރުކަން ނެތިކޮށްލުމަކީ ވެސް ވާސިއު ބޭނުންވި ކަމެކެވެ.

ރުގްޔާގެ ބާރުން ޖިންނިންނަށް އަދަބު ދޭން ފެށީމެވެ. އެކަމުގެ ސަބަބުން ޖިންނިންގެ ދުއްތުރާ ބޮޑުވާން ފެށިއެވެ. އަޝްބާ އެކަނިވާ ވަގުތުތަކުގައި ގައިގެ އެތަން މިތަނުގައި ދަތްއެޅުމާއި ތޫނު އެއްޗެހިން އަމިއްލަ ނަފުސަށް ގެއްލުން ދޭން ފެށިއެވެ. ވުމާއެކު އޭނަ އެކަނި ނުކުރުމަށް އަހަރެން ބުނީމެވެ. ތޫނު އެއްޗެހި އަޝްބާގެ އަތުޖެހޭ ހިސާބުގައި ނުބެހެއްޓުމަށް ވެސް ބުނީމެވެ.

ގޭތެރޭގައި އުޅޭ އެހެން މީހުންނަށް ޖިންނި ބިރުދައްކަން ފެށިއެވެ. ގޭތެރޭގައި އަޑުއަޑު އިއްވުމާއި އެއްޗެހި ހަލާކު ކުރަން ފެށުނެވެ. ދޮރުތައް ބާރަށް ލައްޕާ ހުޅުވައެވެ. ދޮރުފޮތިތައް ހެލުވުމާއި އިސްކުރުން ފެން ފައިބާ ކަހަލަ އަޑުތައް އިއްވިއެވެ. ގޭތެރޭގައި މީހުން ދުވާ އަޑާއި ކުޑަކުދިން ރޯ އަޑު ކަހަލަ އަޑުތައް ވެސް އިއްވިއެވެ. ދޮރުގައި މީހަކު ޓަކި ދޭ ކަހަލަ އަޑު އިއްވައެވެ. ވައި ރޯޅިއެއްގެ އަސަރު ނެތަސް ފަންކާގެ ފިޔަތައް އަނބުރުވައެވެ. ގޭސް އުނދުން ރޯކުރާ ކަހަލަ އަޑުތަކާއި މުސްކުޅިން ކެއްސާ އަޑު ވެސް އިއްވިއެވެ.

އަހަރެން ނަސޭހަތް ދިނީ އެކަންކަމަށް ބީރު ކަންފަތެއް ދިނުމަށެވެ. ނުފެންނަ ކަމަށް ހަދައިގެން އުޅުމަށެވެ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ ސިހުރު ބާތިލް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށެވެ. ކޮށްފައި ހުރީ އާދައިގެ ކަމެއް ނޫނެވެ. އެކަން ބާތިލް ކުރަން ދުވަސްކޮޅެއް ނަގާނެއެވެ.

އަޝްބާ ކިޔަވަންވީ އާޔަތްތަކާއި އަމަލުތައް ބަހައްޓަންވީ ގޮތް އަހަރެން ބުނެދިނީމެވެ. އަޑު އަހަންވީ ސޫރަތްތައް ވެސް ކިޔައިދިނީމެވެ. ދިފާއުގައި ކަމެއް ކުރަން ފެށުމުން ޝައިތާނާގެ އުނދަގޫ ބޮޑުވާނެއެވެ. ބިރުން ތެޅިފޮޅިގެންފި ނަމަ އެ ވެރިންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފާނެއެވެ. ނަމަވެސް ސާބިތުކަންމަތީ ހުރި ނަމަ ފެއްސިގެން ހިނގައިދާނެއެވެ.

އަހަރެން ވިސްނައިދިނީ ހާސް ނުވުމަށެވެ. ސާބިތުކަމާއި އިތުބާރާ އެކުގައި ކަންކަން ކުރިއަށް ގެންދިޔުމަށެވެ. އަޝްބާއަށް އަންނަމުން ދާ ބަދަލުތައް އަހަރެންނަށް ވެސް ފާހަގަ ކުރެވެމުން ދިޔައެވެ. ސިހުރު ބާތިލު ކުރުމަށް އަހަރެންގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމުނެވެ. އަހަރެން ޔަގީން ކުރީ އަޝްބާގެ ކިބައިން ސިހުރުގެ އަސަރު ކެނޑުނީ ކަމަށެވެ.

މިކަން ފެށުނީއްސުރެ ވެސް ހަމްޒާ އަހަރެންނަށް ދެމުން ދިޔައީ ބޮޑެތި އަދަދުތަކެވެ. ފައިސާގެ އެއްވެސް ދަތި ކަމެއް ނުވެއެވެ. ފައިސާ ދިނުމުގައި ލަހެއް ވެސް ނުވެއެވެ. ކަން ނިމުމުން ދިން އަދަދު ނިހާޔަތަށް ބޮޑެވެ. އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އަދިވެސް އަސްލު މަގުސަދު ހާސިލެއް ނުވެއެވެ. ނަމަވެސް އެކަން ހާސިލު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރާނަމެވެ.

ދަންވަރު 2:33 ވީ އިރު މިސްކިތުގެ ބޭރުގައި އަހަރެން އިނީ ކިޔެވެލިތައް ކިޔަވާށެވެ. ބޭނުންވެގެން މި އުޅޭ މަގުސަދު ހާސިލް ކުރުމުގައި އިންތައް ފަހަނަޅައިދާކަން އެނގެމުން ދިޔައެވެ. ނަމަވެސް އެކަންކަމަކީ ކޮންމެހެންވެސް މުހިއްމު ކަންކަން ކަމުގައި ވިސްނެމުން ދިޔައެވެ. ގެއަށް ވަދެވުނު އިރު ބަންގި ގޮވާ ވަގުތު ވާން އިނީ ދެ މިނެޓެވެ. އާ ފުރެމުން ސޯފާގައި އޮވެލީމެވެ. އެ ވަގުތު އަޑު އިވުނީ ބުޅަލެއް ރޮއިގަތް އަޑެވެ. އަޑު އިވުނީ ގެއަށް ވަންނަ ދޮރާ ދާދި ގާތުންނެވެ. ދޮރު ހުޅުވަން ހިތަށް އެރި ނަމަވެސް ހުޅުވާކަށް ބޭނުމެއް ނުވިއެވެ. ބޭރުގައި އޮންނާނީ ކޮން ސިފަޔަކަށް އޮތް ކޯއްޗެއް ކަމެއް ވެސް ނޭނގެއެވެ. އެހެން ވިޔަސް ބިރު ކުޑަކަން އަމިއްލަ ނަފުސަށް ދައްކަން ބޭނުންވިއެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލީމެވެ. އެ ތަން އޮތީ އަނދިރި ކޮށެވެ. ފެންނަން އޮތީ ސިޑިއެވެ. ދިރުމެއް ހުރި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ނަމަވެސް އެ އަޑު އައީ ސީދާ އެ ދިމާއިންނެވެ. އެ ވަރު އަހަރެންނަށް ޔަގީންވިއެވެ. ދެ ފަރާތަށް ބަލާލާފައި ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ. ފަހަތުން މީހަކު އަތްލި ހެން ހީވެގެން އަނެއްކާވެސް އެނބުރި ބަލާލީމެވެ. މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ގައިގައި ޖެހޭ ހިސާބުގައި އެހެން މީހެއް ހުރި ކަމުގެ އިހުސާސް ކުރެވުނެވެ. ޖެހިލުންވިއެވެ. ނަމަވެސް ބިރެއް ނުގަތެވެ. ދޮރު ލައްޕާފައި އައިސް ސޯފާގައި އޮށޯތީމެވެ.

ޖެހިގެން ހުރި ގޮނޑީގެ އިށީންނަ ބައި އަޑިއަށް ދިޔަ ތަން ފެނުނެވެ. ހީވަނީ މީހަކު އެތަނުގައި އިށީންހެންނެވެ. ފުންމައިގެން ތެދުވެ އެ ދިމާލަށް ބަލަހައްޓައިގެން އިނީމެވެ. އެ ވަގުތު އިންސާނެއްގެ ސިފަ ޖެހެމުން ދިޔައެވެ. ވަރަށް ފަނޑުކޮށް، ކުލަ މަޑުކޮށް ފެންނަމުން ދިޔައެވެ. އިނީ ފިރިހެނެއްގެ ސިފައިގައެވެ. އަހަރެން ދާހިއްލަން ފެށިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވެފައި އިނދެވުނީއެވެ. އެއީ ރޫހެއް ހެއްޔެވެ؟

"ކީއްކުރަން އަހަރެން މި ތަނަށް ގެނައީ؟" ކުއްލިއަކަށް ތެދުވެފައި ފިރިހެން އަޑަކުން އޭނަ ބުންޏެވެ. ބޯ ތަލަވެފައި ހުރި އެ "މީހާ"ގެ އިސްކޮޅު ދިގެވެ. ހަށިގަނޑު ރޫފަ ރަނގަޅު ވެފައި ޖާނުން ބޮޑެވެ. ހަމުގެ ކުލަ އައްޔެވެ. ނަމަވެސް ލައިގެން ހުރީ ކަޅުކުލައިގެ އެއްޗެކެވެ. ބޮޑަށް ހީވަނީ ފޮތިގަނޑެއް ހަށިގަނޑުގައި އޮޅާފައި ހުރި ހެންނެވެ. ދެ ލޮލުގައި ހުރީ އަނދިރިކަމެކެވެ. ތުނބުޅިއެއް، މަތިމަހެއް ނެތެވެ. އަހަރެންނަށް ބަލައިލެވުނީ އޭނަގެ ފަޔަށެވެ. ކިތަންމެ އިސްކޮޅުން ދިގު ނަމަވެސް އޭނަގެ ފައި ބިންމަތީގައި ނުޖެހެއެވެ.

"ކީއްކުރަންހޭ މިތަނަށް ގެނައީ؟" ސުވާލު ތަކުރާރުވިއެވެ. އޭނަ އެ ބުނާ އެއްޗެއް ނުވިސްނުނެވެ. އަހަރެން އޭނައަކަށް ނުގޮވަމެވެ. އޭނައެއް ނުގެންނަމެވެ. "ކަލޭ ކޮންމެ ރެއަކު މިސްކިތުގެ ބޭރުގައި އިނދެގެން ކީއް ކުރަނީ؟"

އެހެން ބުނުމުން އަހަރެންގެ ހަވަނަ ހިއްސު ހޭލިއެވެ. ވިސްނާލެވުނެވެ. މިއީ އެ ވަގުތެވެ. އެއީ ތެދެކެވެ. އަހަރެން އޭނައަށް ގޮވީމެވެ. އަންނަން ދައުވަތު ދިނީމެވެ. ނަމަވެސް މިހާ ލަސްވާނެ ކަމެއް ހިތަކަށް ނާރައެވެ. މިސްކިތުގެ ބޭރުގައި އަހަރެން އިނދެގެން ކިޔެވި ކިޔެވެލިތަކަކީ މުސްލިމް ޖިންނިއެއް އަހަރެން ގާތުގައި ބަހައްޓަން ބޭނުން ވެގެން ކުރި ކަންކަމެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާހެން ހީވުމުން އަހަރެން ގޮވީ ބޭނުން ކޮންމެ ޖިންނިއެއް އައުމަށެވެ. އެއީ އަހަރެންގެ ހަށިރައްކަލަކަށެވެ. އަހަރެން ބޭނުންވާ ކަންކަން ބަލައި ބޭނުންވާ ކަންކަން ކުރުވުމަށެވެ. އަހަރެން ހޯދި ހޯދުންތަކާއި ބެލި ބައެއް ކަންތައްތަކުން އެ ކަހަލަ މަންޒަރުތަކެއް ފެނި އެކަމަށް ޝައުގުވެރިކަން ދެވުނީއެވެ. ހިތަށް އެރީ މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އުފެދުނު ނުތަނަވަސްކަމާއި ޖެހިލުންވުން ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ދިޔައެވެ. ކުރިމަތީގައި އިން މަހުލޫގާ އަހަރެން ވާހަކަ ދައްކަން ފެށީ ކެރިގެންނެވެ.

"އަހަރެންގެ މަގުސަދު ކަލެއަށް އެނގޭނެ. އަހަރެން ބޭނުންވަނީ ކަލޭ އަހަރެން ގާތުގައި ބަހައްޓަން،" އެއްވެސް ޖެހިލުމެއް ނެތި އަހަރެން ބުނީމެވެ.

"އެކަމަކު ކަލޭމެންގެ ދީނާ ފުށުއަރާ ކަމެއްނު ތި ކުރަނީ؟" އޭނާ ބުންޏެވެ.

"ފުށުއެރި ނަމަވެސް ބޭނުންވީމަ ކޮންމެ ކަމެއް ވެސް ކުރެވޭނެ. ދުނިޔެ މި އޮތީ އެ މީހަކު ބޭނުން ގޮތަކަށް އުޅެން." އަހަރެން ހިތަށް އަރަމުން ދިޔަ އެއްޗެހި ބުނީ އެއީ ވަސްވާހެއް ކަމުގައި ނުދެކިއެވެ. އެކަމުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަށް ނުވިސްނައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް