ވާހަކަ: ރާގީ
އެޕިސޯޑް 29
"މި ސޮރު މިހާރު ވަރަށް މޮޅު ވެއްޖެއޭ."
"ކަލޭމެން އޭނަގެ ނަން ބުނާނީތަ ނޫނީ ދުވަސް ދުއްވާލަންވީ؟" ހަރުކަށިކަމާ އެކުގައި އަހަރެން ބުނީމެވެ.
އެ ސޮރު ހަމަހިމޭންވިއެވެ. އަޑެއް ވެސް ލައްވައިނުލާ ބަލަހައްޓައިގެން އޮތެވެ. އަހަރެން ކިޔަވަން ފެށީމެވެ. އިސާހިތަކު 'އަޝްބާ'ގެ ހަރަކާތްތަކަށް ބަދަލު އައެވެ. އުނދަގޫވެގެން ހަށިގަނޑު އެކި ގޮތްގޮތަށް ބަނޑިބަނޑި ލައްވަން ފެށިއެވެ. ހީވަނީ ތަނެއް ހިރުވާތީ އުޅޭހެންނެވެ. އަހަރެން ކިޔެވުން ކުރިއަށް ގެންދިޔައީމެވެ.
"ދެން ހުއްޓާލާ. އަހަރެން ބުނެފާނަން ސިހުރު ހެދި މީހާ،" ޖިންނި ހަޅޭއްލަވައިގަތެވެ. "އެއީ ވާސިއު."
ހަމްޒާ އާއި އަތީކާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ހަމްޒާއަށް ހީވީ ކަންފަތަށް ހޮނު ގުގުރިއެއް ޖެހި ހެންނެވެ. ގަބޫލް ކުރަން އުނދަގޫވެފައި އިނީ އެހާ ގާތް މީހަކު އެފަދަ ކަމެއް ކުރުމުންނެވެ. އަމިއްލަ ދަރިއެއް ފަދައިން ވާސިއު އަޝްބާ ދެކެމުން އައީ އެންމެ ކުޑައިރުން ފެށިގެންނެވެ. ހަމްޒާއަށް ވުރެ ގިނައިން ވާސިއު އަޝްބާ އާއެކު ވަގުތު ހޭދަ ކުރިއެވެ. އެކުގައި ކުޑަކުދިންގެ ބަގީޗާއަށް ދިޔުމާއި ސައިކަލު ދުއްވާލަން ދިޔުމަކީ އެންމެ ކުރާ ހިތްވާ ކަންކަމެވެ. ހަމްޒާ އެ ދުވަސްތަކުގައި އުޅުނީ ވިޔަފާރި ކުރިއެރުވުމުގައެވެ. ހަގީގަތުގައި އަޝްބާއަށް ބައްޕައެއްގެ ލޯބި ދިނީ ވާސިއުއެވެ. ސުކޫލަށް ގެންދިޔުމާއި ގެއަށް ގެނައުމުގެ ޒިންމާ ވެސް އުފުލަމުން ދިޔައީ ވާސިއުއެވެ. އަޝްބާއާ އެކު ފިލާވަޅުތައް ހެދުމާއި ހީސަމާސާ ކުރަން ވަގުތު ހޭދަ ކުރުމަކީ ކުރާ ހިތުން ކުރި ކަންކަމެވެ. ވީ އިރު އެފަދަ ގާތް މީހަކު މިއަދު އަޝްބާއަށް އެ ވަރު އަނިޔާއެއް ދިނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މަގުސަދަކީ ކޮބާ ހެއްޔެވެ؟
"ތި ނުވާނެ ތެދަކަށް،" އެންމެ ފަހުން ހަމްޒާ ބުންޏެވެ. "އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ."
އަހަރެން އިނީ ހަމްޒާއަށް ބަލަހައްޓައިގެންނެވެ. ވިސްނާލަން ބޭނުންވީ އެއީ ތެދަކަށް ވާ ނަމަ އެކަމުގެ މަގުސަދެވެ.
"ކަލޭ ތި ދައްކާ ވާހަކައިގަ އެއްވެސް ބުރަދަނެއް ހުރި ކަމަށް ވާ ނަމަ އެ ކަމުގެ މަގުސަދު ބުނެބަލަ،" 'އަޝްބާ' އާ ދިމާލަށް އެނބުރިލަމުން އަހަރެން ބުނީމެވެ.
"އަސްލު އޭނަ ސިހުރު ހަދަން ބޭނުންވީ ހަމްޒާއަށް. ވަރަށް ގިނަ މަސައްކަތް ކޮށްގެން ވެސް ކާމިޔާބުވާ ގޮތެއް ނުވި. އެއްކޮޅުން ހަމްޒާއަކީ ވަރަށް ދީންވެރި މީހެއް. އަނެއް ކޮޅުން އޭނާ މި ގެއިން ނެރުމުން އެކަން ކުރަން ވަރަށް އުނދަގޫވި،" ޖިންނި ބުންޏެވެ. "އޭނާ މި ގެއިން ނެރުނީ އޭނަގެ އެއްވެސް ކުށެއް ނެތި."
"އެހެން ނުވާނެ. އެ ދުވަހު އަލަމާރިއަށް ލީ ފައިސާ ނެގީ ވާސިއު،" ހަމްޒާ ހަރު އަޑުން ބުންޏެވެ.
"ވާސިއުއެއް ނޫން ނެގީ. ކަލޭއަށް ބޭއްވުނުތަން ނޭނގުނީ. ފަހުން އެ ފައިސާ ފެނުނީ ކޮންތާކުން؟ އެނދު ދަށުގައި ހުރި ދަބަހަކުން. ކަލޭ ހަނދާން ކޮށްބަލަ. އެކި އަދަދުން ފައިސާ ގެންގުޅެމުން ގޮސް އެތަނަށް ކަލެއަށް ރައްކާ ކުރެވުނީ. އެ ފައިސާ ނަގާފައި ދިނީ އަތީކާ އަތަށް، މި ގޭގައި ސާފު ކުރަން އުޅޭ މީހެއް." ޖިންނި އެހެން ބުނުމުން ހަމްޒާ އާއި އަތީކާ އެކަކު އަނެކަކަށް ބަލައިލިއެވެ. އެއީ ތެދެކޭ ބުނާ ކަހަލަ ގޮތަކަށެވެ.
"އެ ދުވަހު އޭނާ ކިހާ އާދޭހެއް ކުރި. ތިމަންނަ ކުރި ކަމެއް ނޫނޭ. އެކަމަކު ކަލޭމެން އޭނާ ބޮލުގައި ވަގު ބަދުނާމު އެޅުވީ. އޭނާގެ އަންހެނުން އިނީ އަލަތު ދަރިފުޅަށް ބަލިވެ. އެކަމަކު ހާލަތު ދިމާ ކުރި ގޮތުން އެ ދަރިފުޅު ސަލާމަތެއް ނުކުރެވުނު. އޭނާގެ އަންހެނުން ގޮވައިގެން ކިހާ ހާލެއްގައި އޭނާ އުޅުނީ؟ ކަލޭމެން އޭނާ އުޅުނު ހާލެއް ވެސް ބަލައިނުލާ. ދަރިފުޅާ އެކު އަންހެނުން ވެސް މި ދުނިޔެ ދޫކުރި،" ޖިންނި ވާހަކަ ކުރިއަށް ގެންދިޔައެވެ. "އިންސާނުން ތިއީ އެއްބަނޑު އެއްބަފާކަން ވެސް ނުދަންނަ ބައެއް."
ހަމްޒާގެ މޫނުމަތިން ފެންނަމުން ދިޔައީ މަޑުމޮޅިކަމެވެ. ކުށްވެރިއަކު ފަދައިން ކަރު އެލުވާލެވުނީ ބޭއިހުތިޔާރުގައެވެ. ކުރެވުނު ކުށަށް ތައުބާވާން ބޭނުންވިއެވެ. ވާސިއު ގާތުން މާފަށް އެދެން ބޭނުންވިއެވެ.
"އޭނާ އެ ހިތާމާގައި އެތައް ދުވަހަކު އުޅުނު. ކަލެއަކީ މުއްސަނދިކަމަށް ލޯބި ކުރަމުން އެކަން ކުރިއަރުވަން އުޅުނު މީހެއް. އެކަމަކު ކަލޭގެ ޣައިރު ހާޒިރުގައި ބައްޕައެއްގެ ލޯބި އަޝްބާއަށް ދިނީ ވެސް އޭނާ. އޭނާއަކީ ލިބޭ މިންވަރަށް ޝުކުރުކޮށްގެން އެކަން ދަނެގެން އުޅުނު މީހެއް. މިތާ އުޅުނު އިރު ވެސް ކަލޭގެ އެންމެ ފައިސާއެއްގައި ވެސް ނުޖެހި އުޅުނު މީހެއް. އެކަމަކު އޭނާގެ މުޅި އުޅުން ބަދަލު ކޮށްލީ ހާލަތު. ކަލޭ އެޅުވި ދޮގު ތުހުމަތު،" ޖިންނި ކިޔައިދެމުން ދިޔައެވެ.
"ކަލޭ ތި ބުނަނީ ހަމްޒާގެ ދީންވެރިކަމުންނޭ އޭނައަށް ސިހުރު ނުޖެހުނީ. އެކަމަކު އަޝްބާއަކީ ވެސް ކުރިން ވަރަށް ދީންވެރިކޮށް އުޅުނު ކުއްޖެއް. ދެން ކިހިނެއް އެހާ ފަސޭހައިން އޭނައަށް އެކަން ޖެހުނީ؟" އަހަރެން އަހާލީމެވެ.
"އޭނަގެ އެންމެ ބޮޑު ހަލާކަށް ވީ އޭނައާ ޖެހުނު ފިރިހެނުން. އޭގެ ސަބަބުން އޭނަގެ އުޅުން ބަދަލުވާން ފެށީ. އުޅުން ބަދަލުވީމާ ސިހުރު ޖެހޭލެއް ފަސޭހަ ވާނެއެއްނު؟ ކަލެއަށް އެ ވަރު އެނގޭނެ."
"ވަރަށް ކުރިން ފެށިގެން ވެސް އަޝްބާއާ އޭނާ ބައްދަލު ކުރާނެ. ބޭރު ތެރެއިން ވެސް އަދި ވާސިއު އުޅޭ ގެއިން ވެސް. އެކަމަކު އެކަން ސިއްރު ކުރުމަށް ވާސިއު އޮންނަނީ ބުނެފަ. މައިންބަފައިން ގާތު އެ ވާހަކަ ނުބުނުމަށް އޮންނަނީ ވިސްނައިދީފަ. އަޝްބާއަކީ ވާސިއު ދެކެ ނުލާހިކު ލޯބިވާ ކުއްޖެއް،" ޖިންނި ބުންޏެވެ. "އެ ބައްދަލުވުންތަކުގައި ވާސިއު ހުރީ އަޝްބާއަށް ވަރަށް ގިނަ އެއްޗެހި ކާން ދީފަ."
ހަމްޒާ ވިސްނާލިއެވެ. ވާސިއުއާ ގުޅުން ބަދަހިވީ ކުއްލިއަކަށް ނޫނެވެ. ގެއިން ނެރުނު ފަހުން މަދުމަދުން ވާސިއު ފެންނަން ފެށިއެވެ. އެކި ކަންކަމުގައި މަގުމަތިންނާއި ފިހާރަތަކުންނެވެ. ވާހަކަ ދައްކަން މަސައްކަތް ކުރަމުން ގޮސް އަނެއްކާވެސް ގުޅުން އާލާވިއެވެ. ކުރިން އޮތް ގާތްކަން ނެތް ނަމަވެސް އެއްބަނޑު އެއްބަފާ ލޭގެ ގުޅުން ބަދަހިވާން ނެގީ މަދު ދުވަސްކޮޅެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ހަމްޒާ ދެއްކި ވާހަކަތައް ވާސިއު ގަބޫލް ނުކުރާ ކަމަށް ހެދީ އެހެން ވެގެންތާއޭ ހަމްޒާ ހިތަށް އެރިއެވެ. ހަމްޒާ ﷲ އަށް ޝުކުރުކުރިއެވެ. އަމިއްލަ ނަފުސަށް އެކަން ނުޖެހުމުންނެވެ. ހަމްޒާއަކީ ނަމާދަށް އިސްކަން ދޭ މީހެކެވެ. ހަވީރާއި ހެނދުނުގެ ޒިކުރުތައް ކިޔައި ނިދަމުން ކުރުސި އާއި ދުއާތައް ކޮށްގެން އޮންނަ މީހެކެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފަށަލައެއް ހަމްޒާ ވަށައިގެން ލެވުނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އަމިއްލަ ދަރިފުޅުގެ މައްޗަށެވެ. އެކަމާ ހަމްޒާ ދެރަވިއެވެ. ހަމްޒާ ބޭނުންވި ވަރަކަށް ދަރިފުޅުގެ ހިތުގައި އީމާންތެރިކަމެއް ނުފެތުރުނެވެ. ނަތީޖާ މިއަދު ފެންނަން އޮތެވެ.
"ދެން ތި ބުނަނީ ބަދަލު ހިފުމުގެ ގޮތުން އޭނާ ކުރި ކަމެކޭތަ؟" ހަމަހިމޭންކަމުގެ އެ ވަގުތުގައި އަހަރެން ސުވަލު ކުރީމެވެ.
"އާނ. ޅަ ކުއްޖަކަށް ވެސް ދެން އެ ވަރު ވިސްނޭނެއެއްނު؟ ކަލޭމެންނަށް އަސްލު ގަބޫލް ނުކުރެވެނީ އެކަހަލަ ކަންކަން އެއްބަނޑު މީހުން ކޮށްފާނެކަން. އެހެން މީހަކަށް އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އެއީ 'ހެދިގެން އުޅޭ ގޮތް' ނޫނީ އެއީ 'އުޅެން ފަސޭހައަކަށް މީހުންނަށް ދައްކަން ނުވަތަ މީހުންގެ ސަމާލުކަން ހޯދަން އުޅޭ ގޮތް.' ކޮންމެ ފަދަ ކަމެއް ވެގެން ދިޔަޔަސް އެއީ ތެދެއް ކަމަކަށް ގަބޫލެއް ނުކުރާނެ. އެކަމަކު ތިމާ މީހާއަށް ސިހުރެއް ލައްވާލީމާ މި އެނގެނީ އެ ކަމުގައި ހުރި ތަކުލީފު. ތިމާގެ މައިންބަފައިންނާއި އެއްބަނޑު މީހުން ތެޅެން ޖެހޭ ހާލު. ދެން ކިޔަންވީ އެހެން މީހުންނަކަށް ނުވިސްނޭނޭ އަހަރެމެން އުޅޭ ހާލެއް. އެހެން މީހުންނަކަށް ނޭނގޭނޭ ތިމަންމެން މިކަން ރަނގަޅު ކުރަން ކުރާހާ ކަންކަމެއް،" ޖިންނި ބުންޏެވެ. އެއީ ތެދު ވާހަކަތަކެކެވެ. އަހަރެމެން ތެރޭގެ ގިނަ މީހުންގެ އާދައެވެ.
"އަހަރެން މިރޭ ވަރަށް ވަރުބަލި ވެއްޖެ. ދެން ދޫކޮށްލާ،" ޖިންނި ބުންޏެވެ.
"އަހަރެން ކަލޭ ނުހިފަހައްޓަމޭ. އެކަމަކު އަދި އެއް ވާހަކަ. އަދިވެސް އޭނަ ސިހުރު ހަދާތަ؟ މި ބުނީ އޭތި އާލާ ކުރޭހޭ؟" އަހަރެން އަހާލީމެވެ.
- ނުނިމޭ -