ވާހަކަ: ރާގީ
އެޕިސޯޑް 28
ހަނދާން ނެތުނީ އަޝްބާ އެކަނިކޮށްނުލުމަށް ބުނި ބުނުމެވެ.
ހަމްޒާ ފެން ފުޅިއެއް ހިފައިގެން އައި އިރު އަޝްބާއެއް އެނދަކު ނެތެވެ. ހަމްޒާގެ އަތުން ފެން ފުޅި ވެއްޓުނެވެ. ކޮޓަރީގެ އެތަން މިތަން ހޯދަން ފެށިއެވެ. ފެންނާކަށް ނެތެވެ. އަތީކާއަށް ގޮވަމުން ދިޔައެވެ. ދެން އިވުނީ ފާހާނާއިން ފެން އޮއްސާ ކަހަލަ އަޑެކެވެ. އެ ދިމާލަށް ދާން ހިނގައިގަތް ވަގުތު އަތީކާ ކޮޓަރިއަށް ވަނެވެ. ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ފާހަނާގެ ދޮރު ހުޅުވާލިއެވެ. އަޝްބާ ހުރީ އިސްކުރުން ފެން ބޯށެވެ. މޫނުމަތީގައި ހުރީ ރުޅިވެރިކަމެވެ. ދެ މީހުން ވެގެން އަތުލަފި ކޮށްގެން އަޝްބާ އެތަނުން ނެރުނެވެ.
"ދަރިފުޅާ! ކީއްވެ އެތަނުން ފެން ބުއީ؟ ބައްޕަ ދިޔައީ ދަރިފުޅަށް ފެން ފުޅިއެއް ބަލާ،" އަޝްބާގެ ބުރަކަށީގައި ފިރުމާލަމުން ހަމްޒާ ބުންޏެވެ.
އަޝްބާ ޖަވާބެއް ނުދިނެވެ. މޫނުމަތިން ފެނުނު ރުޅިވެރިކަން ހިތާމައަށް ބަދަލުވިއެވެ. އެ ލޮލުގައި ވަނީ ވޭނެކެވެ. ވަރަށް އަސަރާއެކުގައި ހަމްޒާ އާއި އަތީކާގެ މޫނަށް ބަލަމުން ދިޔައެވެ. ލޮލުން ކަރުނަ ނީރާލިއެވެ. ލޮލުން ކަރުނަ އޮހޮރެމުން ދިޔަ އިރު މަޑު ގިސްލުމެއް ހުއްޓެވެ. ހަމްޒާ އާއި އަތީކާ ވަރަށް ގިނަ ސުވާލު ކުރިއެވެ. ނަމަވެސް އަޝްބާ އެ ގޮތުގައި އިނެވެ. ގިސްލަ ގިސްލާފައި ރޮނީއެވެ. ހަމްޒާގެ ހިތަކަށް ކެތެއް ނުވިއެވެ. ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. ދަރިފުޅު ތަހައްމަލް ކުރަމުން އެދާ ވޭނާއި ތަކުލީފް އިހުސާސް ކުރަން ބޭނުން ވަނީ ކަންނޭނގެއެވެ. އަތީކާ ހުއްޓާނުލައި އެތައް ސުވާލެއް ކުރިއެވެ.
"އަތީ. ހާމިޒްއަށް ގުޅާބަލަ،" އެންމެ ފަހުން ހަމްޒާ ބުންޏެވެ.
"އަހަރެން މި އައީ،" ކޮޓަރިތެރެއަށް ވަންނަމުން އަހަރެން ބުނީމެވެ. "ކިހިނެއް ވީ؟"
ވީ ގޮތް ހަމްޒާ ކިޔައިދިނެވެ. އަހަރެން ބަލާލީ އަޝްބާއަށެވެ. އޭރު އަޝްބާގެ ތުންފަތުގައި ކުޅެމުން ދަނީ ލާނެތް ހިނިތުންވުމެކެވެ. މީގެ ހިނދުކޮޅެއް ކުރިން ގިސްލަމުން ދިޔަ އަޝްބާގެ ލޮލުން ފޭބި ކަރުނަތައް ހުއްޓުނެވެ. އެއީ އަޝްބާ ކުޅުނު ކުޅިގަނޑެއް ހެއްޔެވެ؟ ނުވަތަ އޭގެ ފަހަތުގައި ވަނީ އެހެން މަހުލޫގެއް ހެއްޔެވެ؟ އަޝްބާ އެނދުގައި އޮށޯވެލުމުން އަހަރެން ކިޔަވައިލީމެވެ. އެއްވެސް ބަދަލެއް ނައެވެ. އެހެން ނަމަވެސް ފެނިގެން ދިޔައީ އަޝްބާ ފުން ނިންޖަކުން ނިދާލިތަނެވެ. އެ ރެއަށް ރުގްޔާ ކުރުން ނިންމާލީމެވެ.
"ތިހެން އުޅެނިކޮށް ތިކަން ވެދާނެ ބޮޑު ބައްޔަކަށް ވެސް،" ވާސިއު ބުންޏެވެ. ވާސިއުއަކީ ހަމްޒާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. "ތިކަހަލަ ގިނަ ކަންކަމަކީ ނަފުސާނީ ކަންކަން."
"ވާސިއުތަ ހަމަ ތިހެން ތި ބުނަނީ؟ ހަމަ ރަނގަޅަށް އެނގޭނެ މިކަމުގައި އަހަރެން ކިހާ ވަރަކަށް ގޭނިއްޖެކަން. ނުކުރާ ކަމެއް މަދު ވާނެ. މީހަކު ބުނިއްޔާ ބުނި ކަމެއް ކޮށްގެން އުޅުނީ. ނަފުސާނީ ޑޮކްޓަރުންނަށް ވެސް ދެއްކުނު އަދަދެއް ނޭނގެ. އެ މީހުންނަށް ވެސް އެއްވެސް ކަމެއް ފެނުނު ކަމަކަށް ނުވޭ. އަހަރެން ބޯ ހާސްވެގެން ބޯ ފަޅައިގެން ނުގޮސް މި ހުންނަނީ އަތީ ހިތްވަރު ދޭތީ،" ހަމްޒާ އަސަރާ އެކު ބުންޏެވެ. "ހަގީގަތް އެނގޭ ހިސާބުގެ މީހަކު ތިހެން ބުނާތީ އަހަރެން ދެރަވޭ."
"ބޭބެ ދެރަ ކުރާކަށް ނޫން މިހެން މި ކިޔަނީ. އެކަމަކު އަދިވެސް ތިކަމުގެ ފަރުވާއާ ދިމާނުވަނީ ހެން އަހަރެންނަށް ހީވަނީ،" ވާސިއު ބުންޏެވެ.
"ވާސިއުއަށް ވެސް އެ މަންޒަރު ފެންނަ ނަމަ ތިހެން ނުބުނާނެ."
"އަހަރެންނަކަށް ނުފެންނާނެ އެއްނު؟ ބޭބެމެން ގެއަކަށް އަހަރެންނަކަށް ނުވަދެވޭ. ބޭބެއެއްނު އެކަން މަނާ ކުރީ؟" ވާސިއު އަނެއް ފަރާތަށް އެނބުރެމުން ބުންޏެވެ.
"އެކަމަކު ކަމެއްގެ ހަގީގަތް ނުބަލާ ތިހެން އެއްޗެހި ބުނާކަށް ނުވާނެ. ހަމަ، އަޑު ބަދަލުވެފައި މީހާގެ އުޅުން ބަދަލުވާ އިރަކަށް އެ ނުވާނެ ޖިންނި ކަމަކަށް ނުވަތަ ސިހުރު ކަމަކަށް. އެކަމަކު އެކަމާ މާ ބޮޑަށް ހިފާލާފައި އެކަމާއިގެން އުޅެންޏާ އެ ވެދާނެ ޖިންނިއަކަށް. ސިހުރެއް ހަދާފައި ނަމަ އެ ހެދި މީހާ ބޭނުންވާ ގޮތް ކަންނޭނގެ ތި ވަނީ. އެކަމާ މުޅި އާއިލާ ސިހިސިހި ބިރުން ތިބުން. ދެން ތި ބުނަނީ އަޝްބާގެ ހަށިގަނޑަށް ޖިންނި ވަންނަނީއޭ. ކާކުތަ ތި ކަހަލަ ވާހަކަ ގަބޫލު ކުރާނީ؟" ވާސިއު ފައްޗަކަށް އަމުނާލިއެވެ. "ޖިންނި ހަމަ ލޮލަށް ފެނުން އެއީ ވަރަށް ނާދިރު ކަމެއް. އާންމުކޮށް އެކަހަލަ ކަމެއް ވިޔަސް މި ވަނީ ދެބަ ދޭތެރެ ނުވަތަ ހުވަފެނެއްގައި. ދެން ހަމަ ލޮލަށް އެކަހަލަ ސިފައެއް ހީވިޔަސް އައޫޒު ކިޔާފައި ކުރުސި ކިޔާށޭ ބުނެއެއްނު؟"
އެ ކަންކަން ހަމްޒާ ހަނދާން ހުރެއެވެ. އެކަމަކު ލޮލަށް ފެނުނު މަންޒަރު ސިފަ ކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ހަމްޒާގެ މަގުސަދަކީ ވާސިއުއަށް އެއްޗެއް ސާބިތުކޮށްދިނުމެއް ނޫނެވެ. ގަބޫލު ނުކުރާ މީހަކު ނުކުރަންވީ އެވެ. އެއައަކުން ހަމްޒާއަށް ލިބޭނެ ދެރައެއް ނޯންނާނެއެވެ. ކޮއްކޮ ކަމަށް ވާތީ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހިތާމަތައް ހިއްސާ ކުރެވުނީއެވެ. ހީކުރީ އެކަމުން ލުޔެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ އަބަދުވެސް ވާ ހެންނެވެ. ވާސިއުއަކީ އަމިއްލަ ގޮތްގަނޑެއް ހުންނަ މީހެކެވެ. ބޯހަރު، ގޮތްދޫނުކުރާ މީހެކެވެ.
ހަމްޒާ އާއި އަތީކާ ތިބީ ކޮޓަރީގައެވެ. ކުއްލިއަކަށް ބާރުގަދަ އަޑުފައްގަނޑެއް އިވުނެވެ. ހީވީ ފުރާޅު މައްޗަށް ގާތަކެއް މީހަކު އޮއްސާލި ހެންނެވެ. ދެ މީހުން އެކުގައި ސިއްސައިގެން ދިޔައެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. އަތީކާއަށް ބަލައިލެވުނީ ދޮރާ ދިމާލަށެވެ. ދިއްލާފައި ހުރި ފަނޑު އަލިކަމުން ދޮރު ކައިރީގައި މީހަކު ހުރިހެން ހީވެއެވެ. އަތީކާ ބިރުން ތެޅިގަތެވެ. އަދި ހަމްޒާގެ ގައިގައި ހިފަހައްޓާފައި ދޮރާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. ހަމްޒާ ވެސް އެ ދިމާލަށް ބަލައިލިއެވެ. އެއްވެސް އެއްޗެއް ނުފެނުނެވެ.
"ކިހިނެއް ވީ؟" ހަމްޒާ ސުވާލު ކުރިއެވެ. އަތީކާއަށް ހިޔަނި ގެއްލުނެވެ. ދެން ފެނުނީ އަޝްބާގެ ކޮޓަރީގެ ދޮރު ލެއްޕޭތަނެވެ. ދެ މީހުން އެކުގައި އެ ދިމާލަށް ދުއްވައިގަތެވެ. ދޮރުގައި އެތައް އިރަކު ޓަކި ޖެހުމުން ވެސް ދޮރެއް ނުހުޅުވިއެވެ. ދަންވަރު ބާރަ ޖަހައި ބޮޑު ވެއްޖެއެވެ. ހަމްޒާ ކަންބޮޑުވިއެވެ. ކުރިން ނުފެންނަ އެތައް ކަމެއް އަޝްބާގެ ކިބައިން ފެންނަން ފެށުމުންނެވެ. ދަރިފުޅަށް ވަމުންދާ ގޮތްތަކާއި ތަހައްމަލް ކުރަމުންދާ ވޭންތައް ލުއިކޮށްދެވޭނެ އެއްވެސް ގޮތެއް ނުފެނުމުންނެވެ.
އަހަރެންނަށް އެ ގެއަށް ދެވުނު އިރު 12:50 ވެއްޖެއެވެ. އޭރު ވެސް އަޝްބާ ދޮރެއް ނުހުޅުވައެވެ. ދެ ފަހަރަކު އަހަރެން ގޮވާލީމެވެ. މަޑުމަޑުން ދޮރު ހުޅުވުނެވެ. ތިން މީހުން އެކުގައި ކޮޓަރިއަށް ވަނީމެވެ. އަޝްބާ އިނީ އެނދުގައި ހަމަޖެހިލައިގެންނެވެ.
"ދަރިފުޅާ. ބައްޕަމެން ގޮވި އަޑެއް ނީވުނުތަ؟" ހަމްޒާ ކަންބޮޑުވެފައި އެހިއެވެ. އަޝްބާ ބަލަހައްޓައިގެން އިނީ އަހަރެންނާ ދިމާލަށެވެ.
ސިހުރު ޖެހިފައިވާ މީހެއްގެ ފަރާތުން ފެންނަ ހުރިހާ އަލާމާތެއް އަޝްބާގެ ކިބައިން ފެންނަމުން ދިޔައެވެ. ބަންގި އަޑު އިވޭ ހިނދު ނުވަތަ ރުގްޔާގެ އާޔަތްތައް ކިޔަވާ ވަގުތުގައި އޭނައަށް އެތައް އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައެވެ. ސިހުރުގެ އަސަރު ބޮޑަށް ކޮށްފައި ތިބޭ މީހުންނަށް އެ އުނދަގޫތައް ކުރިމަތިވާލެއް އަވަސް ވެއެވެ. ގިނަ ވަގުތު އެކަނި އުޅުމާއި އުޅޭ މާހައުލު އަނދިރި ކޮށްގެން އުޅުމަކީ ވެސް އެފަދަ މީހުން ލޯބި ކުރާ ކަންކަމެވެ. އަޝްބާގެ ކިބައިން ވެސް ފެންނަމުން ދިޔައީ އެކަހަލަ ކަންކަމެވެ.
ކިޔަވަން ފެށިތާ މާ ގިނަ އިރެއް ނުވެ ޖިންނި ހާޒިރުވިއެވެ. މި ފަހަރު ވާހަކަ ދެއްކުމުގައި އަޑުގައި ހުރީ ވަރަށް އާދައިގެ ބަހުރުވައެކެވެ. ހީވަނީ މެދު އުމުރުފުރައިގެ ފިރިހެނެއް ހެންނެވެ.
"ކަލޭ ކީއްވެތަ އަހަރެމެންނަށް އުނދަގޫ ކުރަން އިރުކޮޅަކާ ތި އަންނަނި؟" ޖިންނި އެހިއެވެ.
"ކަލެއަށް އެނގޭނެ މަ މި އަންނަނީ ކީއްކުރަން ކަން،" އަހަރެން އެއްވެސް ޖެހިލުމެއްނެތި ބުނީމެވެ.
އާދައިގެ މަތިން އެވެރިން ދައްކާ ބޭކާރު ވާހަކަތައް ދައްކަން ފެށިއެވެ. އެ މީހުންގެ ވަރުގަދަކަމާއި އިންސާނުންގެ އާރެއް ބާރެއް ނެތްކަމުގެ ވާހަކައެވެ. އެބައި މީހުން މެދުވެރިކޮށް އިންސާނުން ހާސިލްކުރާ ބޭނުންތަކާއި އަމިއްލަ އެދުމުގެ ވާހަކަތަކެވެ. ކުރާ ކޮންމެ ސުވާލަކަށް ސުވާލެއް ކުރަމުން ދިޔައެވެ. އެއްފަހަރާ ދެ ޖިންނި ވާހަކަ ދައްކާ ފަހަރު ވެސް އަންނަމުން ދިޔައެވެ.
"ކަލޭ ހީވަނީ މިރޭ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން އައިސް އިންނަ ހެން. ކަލޭގެ މޫނުމަތިން އެއްވެސް ޖެހިލުންވުމެއް ނުފެނޭ،" ޖިންނި ބުންޏެވެ.
"ކަލެއަށް އެ ވަރު ވިސްނިއްޖެ ދޯ. އާނ. މަ މިރޭ މި އައީ ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން. ތިހެން އައިސް ބޭނުން އިރަކު އިންސާނެއްގެ ހަށިގަނޑަށް ވަދެ ބޭނުން ކަމެއް ކަލޭމެންނަކަށް ނުކުރެވޭނެ،" އަހަރެން ބުނީމެވެ. "މިރޭ ދޭނީ އެންމެ ފުރުސަތެއް. ސިހުރު ހެދި މީހާގެ ނަން ބުނޭ."
"ސިހުރެއްކަން ކަލޭ ޔަގީން ކޮށްފައި ދޯ ތި އައީ؟" ޖިންނި ބުންޏެވެ. އަހަރެން ޖަވާބެއް ނުދެމެވެ. "މި ސޮރު މިހާރު ވަރަށް މޮޅު ވެއްޖެއޭ."
- ނުނިމޭ -
ކޮމެންޓް (4)
އެދުރުބެ
އަރޫ
ޢަސީ
ރަންކަމަން