ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

18 އޭޕްރީލު 2023

އެޕިސޯޑް 27

"އަލުން އޭނާއާ ބައްދަލު ކޮށްފައި އެ ވާހަކަ އަހަންވީ ކަންނޭނގެ."

"ކީއްކުރަން؟ އެކަމަށް ވުރެ ދަރިފުޅު ސަލާމަތް ކުރަން އުޅުނިއްޔާ މާ ރަނގަޅު ވާނެ. ތި ކަހަލަ ކަންކަމުގައި ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް. ތިޔަ ބުނާ ކަހަލަ ނުބައި ނިޔަތެއް އޮތް މީހެއް ނަމަ އޭނަ އެހާ އިސްކަމެއް ދީގެން މިކަން ކުރަންވީ ކީއްކުރަން؟ އަދި އަހަރެމެން އަގެއް ވެސް ނުދެން. އަނެއްކާ އޭނާ އެހާ ފަރުވާތެރި. ގުޅާލާ ކޮންމެ ދަންވަރެއްގައި ވެސް މި ގެއަށް އާދޭ. އަހަރެން ފުރަތަމަ ވެސް އިސްމާއިލް ގެންނަން ދެބަސްވީ މިކަހަލަ ކަމެއް ދިމާވެދާނެތީ. ދެ މީހަކު އެއްފަހަރާ ގެނެސްގެން ޖެހޭނީ މައްސަލަ. އަނެއްކާ ހާމިޒް ވެސް ކީކޭ ހިތަށް އަރާނީ؟" އަތީކާ ދެއްކީ ގަބޫލު ކުރެވޭ ވާހަކަތަކެކެވެ.

ގޭތެރެއަށް ވަންނަމުން މުޅި ތަނަށް އަހަރެން ބަލައިލީމެވެ. ތަރުތީބެއް ނެތި އުކާލާފައިވާ އަންނައުނުތަކާއި އެކި ވައްތަރުގެ ކުނިބުނިތަކުން މުޅި ސިޓިންރޫމް ވަނީ ހަޑިވެފައެވެ. ޑަސްބިނަށް އަޅަމުން ދިޔަ ކާތަކެތީގެ ވަސް ހުރީ މުޅި ތަނަށް ފެތުރިފައެވެ. އެ ތަކެތި ދިޔައީ މުޅަވަމުންނެވެ. ކަރުދާހާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ކުނިވަށިގަނޑުގެ ބޭރުގައި ވެސް ހުއްޓެވެ. ބޮއި ހުސްކޮށްފައިވާ ފެންފުޅިތަކާއި އެކި ވައްތަރުގެ ޕެކެޓާއި ލުއިކާނާގެ ބާވަތްތަކުގެ ހުސް ޕެކެޓްތައް ވެސް އޮތެވެ. އެއީ އަހަރެންނަށް ކަމުދާ ގޮތެވެ. ތަން ތާހިރު ކޮށްގެން އުޅެން އުނދަގޫވެއެވެ. ތަރުތީބު ބޮޑުވުމުން ކަމަކުނުދެއެވެ. އަލަށް އައި މި ބަދަލުތަކަކީ ކޮން ކަންކަމެއްގެ ފެށުމެއް ކަމެއް އަހަރެންނަކަށް ނުވިސްނުނެވެ.

ލެޕްޓޮޕް ނަގައިގެން އެކި އެއްޗެހި ބަލަމުން ދިޔައީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ވީޑިއޯއެކެވެ. އެއީ ސައުދީ އަރަބިއާގައި އިލްމުވެރިއަކު ރުގްޔާ ކުރާ ވީޑިއޯ އެކެވެ. އެހެންޏާ ފާހަގަ ނުވާ ކަމެއް އެ ވީޑިއޯއިން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަޑު ބާރު ކޮށްލާފައި އަޑު އަހައިލީމެވެ. ބަހުރުވަ ހުރީ އުރުދޫއިންނެވެ. އަހަރެންނަށް އުރުދޫ ބަސް ވަރަށް ފަރިތަކޮށް އެނގެއެވެ. އޭގައި ކިޔަމުން ދިޔަ ވާހަކަތަކާއި ދައްކަމުން ދިޔަ ކަންކަމަށް އަހަރެން ސަމާލުކަން ދިނީމެވެ. ވީޑިއޯ ނިމުނު އިރު ގަޑިން 2:33 ވެއްޖެއެވެ. އަހަރެން ދިޔައީ މިސްކިތާ ދިމާލަށެވެ. ވީޑިއޯއިން އިވުނު އަޑުތަކުން އަހަރެން ބޭނުންވީ އެކަން ތަޖުރިބާ ކޮށްލާށެވެ. ވުލޫނުކޮށް މިސްކިތުގެ ބޭރުގައި އިނދެގެން ކިޔެވެލިތަކެއް ކިޔެވީމެވެ. ފަތިސް ވުމުން ގެއަށް އައިސް ނިދަން އޮށޯތީމެވެ. ވީ އެއްވެސް ކަމެއް ނެތެވެ. ފޫހިވެގެން ދެ އަތަށް ފުރޮޅެނިކޮށް ނިދުނު އިރު، އިރުއަރަން ކައިރިވެދާނެއެވެ.

އަހަރެން އިނީ އަޝްބާގެ އެނދު ކައިރީގައި ހުރި ގޮނޑިއެއްގައެވެ. ހަގީގަތުގައި އަހަރެން ހީކުރީ ދެން ރުގްޔާ ކުރަން ގެންނާނީ އިސްމާއިލް ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ހީކުރި ގޮތާ ހިލާފަށެވެ. އަހަރެންގެ ބަދަލުގައި އިސްމާއިލެއް ނުގެނައެވެ. އަހަރެންގެ މަގުސަދު ހާސިލް ވާކަމުގެ ފެހި ސިގްނަލް ލިބުނީ އެ ރެއެވެ.

ކިޔަވަން ފެށިތާ މާ ގިނަ އިރެއް ނުވެ އަޝްބާ ކުކުރައިލިއެވެ.

"ހޫމް. އަނެއްކާވެސް މަ ގެނައީ ދޯ؟ ކަލޭގެ އުނދަގޫ ހާދަ ބޮދު ވެއްޖެއޭ." އެ އަޑު އައީ ދެ އަޑު އެކުވެގެންނެވެ. ހީވަނީ އަންހެނަކާއި ފިރިހެނެއް އެކީގައި ވާހަކަ ދައްކާ ހެންނެވެ.

"ކަލޭ ދެން ބުނަން ވެއްޖެ އެއްނު ސިހުރު ހެދީ ކާކުކަން؟ މަށަށް އެނގޭ ސިހުރަކާ ހަވާލުވެގެންކަން އައިސް ތި އުޅެނީ،" އަހަރެން ހެދީ ދޮގެކެވެ. ސިހުރެއް ނުވަތަ އެސްފީނާއެއް ކަމެއް ވެސް އޭރަކު އަހަރެންނަކަށް ނޭނގެއެވެ.

"ކަލޭ ދެން ތިހާ މޮޅިއްޔާ އެ ބާތިލް ކޮށްބަލަ،" ޖިންނި އެހެން ބުނުމުން އަހަރެން ހިންދެމިލީމެވެ.

"ބާތިލް ވެސް ކުރާނަން. ބަލަން ތިބެބަލަ،" އަހަރެން ބުނީމެވެ.

"ޖިންނިންނަށް ދެއްވީ ބާރުތަކެއް. އަހަރެމެން އިންސާނުންނަށް ދެއްވީ ބުއްދި،" އަހަރެން ވާހަކަ ކުރިއަށް ގެންދިޔައީމެވެ. "ކޯއްޗެއް ބާރުގަދައީ؟ މޮޅު މީހާއަކީ ބާރުގަދަ މީހާއެއް ނޫން. ބުއްދިވެރި މީހާ. އެހެންވީމަ ވިސްނަބަލަ. މަށިން ހެއްދެވި އިންސާނާއަށް ސަޖިދަ ކުރަން އެންގެވީ ދުން ނާރާ ހުންނަ އަލިފާނުން ހެއްދެވި އިބިލީހަށް. އެހެން ނޫން ނަމަ އިންސާނާއަށް އަންގަވާނީ އިބިލީހަށް ސަޖިދަ ކުރަން. އަހަރެމެންނަކީ ބުއްދީގެ އަހުލުވެރިން. ފުރަތަމަ ވެސް އިސްކުރަނީ ބުއްދި. އެކަން އިސްކޮށް އީމާންތެރިކަމާއި ގުރުއާން އަދި ސުންނަތުގައި ހިފައިގެން ތިބިހާ ހިނދަކު ކަލޭމެންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެ. އަހަރެމެން ނުބުނަން އަހަރުމެންނަކީ ވެސް ކުށް ނުކުރާ ބައެކޭ. ކުށް ކުރެވޭ. ހިތުގައި ހަސަދަ އާއި ރުޅިވެރިކަމާއި ނަފުރަތު ވެސް އުފެދޭ. ބަދަލުހިފަން ވެސް ބޭނުންވޭ. ސިހުރަށް މަގު ހުޅުވޭ ހިސާބަކީ އެއީ. އެކަމަކު ކާމިޔާބު ލިބޭނީ ހައްގަށް. ހައްގު ގޮތުގައި ތިބީ އަހަރެމެން ވީމަ." އެ ހިސާބަށް ވާހަކަ ދިޔުމުން އަހަރެން ބަލައިލީ ހަމްޒާ އަށެވެ. އަހަރެން ދެއްކި ވާހަކައެއް މި ދެއްކީ ހަމްޒާގެ އިތުބާރު ހޯދާށެވެ. ހަމްޒާގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމެވެ.

"މޮޅު ތަގުރީރެއް ދީފައި އިނަކަސް އެއާ އެއްގޮތަށް އަމަލުތައް ނުބަހައްޓަންޏާ ކޮބާ ފައިދާއެއް ދޯ؟ އަހަރެންނަށް ފެނޭ ބައެއް މީހުންގެ ކުރިމަގު. އެއީ ތިމާ އުޅެން ދިމާ ކޮށްފައި ހުރި ގޮތުން. ނުވަތަ ތިމާ އިހުތިޔާރުކޮށްގެން ތި އުޅޭ މަގުން،" ޖިންނި ބަލައިލީ އަހަރެންނާ ދިމާލަށެވެ. "ކަލެއަށް އެބަ ވިސްނޭތަ މަ މި ކިޔާ އެއްޗެއް؟"

އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. ވާހަކަ ދިގުލައިގެން ދާން ފެށިއެވެ. ބޭކާރު ވާހަކަތަކާއި ކަމާ ނުގުޅޭ ވާހަކަތައް ގިނަވަމުން ދިޔައެވެ. ޖިންނި ވާހަކަ ދައްކަމުން ދިޔައީ އެކި ފަހަރު އެކި އަޑުންނެވެ. އެއްބައި ފަހަރު ވަރަށް ޅަ ކުއްޖެއްގެ އަޑެވެ. އަނެއްބައި ފަހަރު މުސްކުޅި ފިރިހެނެއްގެ އަޑުންނެވެ. އަޝްބާގެ އަރުތެރެއިން އެ އަޑު ނުކުންނަނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. އަޝްބާއަކީ މާލޭގައި އުފަންވެ މާލޭގައި ދިރިއުޅެމުންދާ ކުއްޖެކެވެ. ބައެއް ފަހަރު ބައެއް ރަށްރަށުގެ ބަހުރުވައިން ވާހަކަ ދައްކާ އިރު ހީވަނީ އެއީ މުޅިން އެހެން މީހެއް ހެންނެވެ. ހީވަނީ އެއީ އެ ރަށެއްގެ ރައްވެއްސެއް ހެންނެވެ. އެއްވެސް ވަރަކަށް ތަފާތުކަމެއް ފާހަގައެއް ނުކުރެވެއެވެ.

"އަހަރެން އެބަ އަންނަން ތަނަކަށް ޖެހިލާފައި. މި ގަޑީގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް އެއީ،" ގޮނޑިން ތެދުވަމުން އަހަރެން އެހެން ބުނީ ހަމްޒާ ގާތުގައެވެ. "އޭނަ އެ އޮތީ އަދި ހަމައިގައެއް ނޫން. އެކަމަކު ޖިންނިއެއް މި ވަގުތަކު ނެތް. އެހެން ވިޔަސް އޭނަ އެކަނިވިޔަނުދޭތި. އަހަރެން އަންނާނަން ވީ އެންމެ އަވަހަކަށް. ކޮންމެވެސް މީހަކު އޭނަ ގާތުގައި މަޑު ކުރާތި."

އަހަރެން ނުކުމެގެން ދިޔައީ މިސްކިތާ ދިމާލަށެވެ. ހަމްޒާ އިނީ އަޝްބާއާ ދިމާލަށް ބަހަލަހައްޓައިގެންނެވެ. އަޝްބާ އިނީ ފާރުގައި ލެނގިލައިގެންނެވެ. ހަމްޒާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

"ބައްޕަ ކީކޭ ތި ހިތަށް އަރަނީ؟" އަޝްބާ އެހިއެވެ. ހަމްޒާ އިނީ ޝައްކެއްގެ މަތީގައެވެ. އެއީ ހަމަ ތިމާގެ އަސްލު ދަރިފުޅު ބާއޭ ސުވާލު އުފެދިފައެވެ.

"އެއްޗެއް ހިތަކަށް ނާރާ،" ހަމްޒާ އަވަސް އަވަހަށް ބުންޏެވެ.

"އަހަރެން ބުނާ ކަމެއް ކޮށްދީފާނަންތަ؟" އަޝްބާ ބުންޏެވެ.

"ކޮން ކަމެއް؟"

"ފެން ފޮދެއް ގެނެސްދީބަލަ،" އަޝްބާ އެހެން ބުނުމުން ހަމްޒާ ބަލައިލީ މޭޒުމަތީގައި ހުރި ފުޅިއަށެވެ. އެއީ ރުގްޔާ ފެން ކިޔަވާފައި އަޝްބާ ބޯން ބަހައްޓާފައި ހުރި ފުޅިއެކެވެ. ހަމްޒާއަށް ފެނުނީ ހުސް ފުޅިއެވެ. ނަމަވެސް ހަގީގަތުގައި އޭގައި ފެން ހުއްޓެވެ. ހަމްޒާ ތެދުވީ ދަރިފުޅަށް ފެން ފޮދެއް ބަލާ ދިޔުމަށެވެ. ހަނދާން ނެތުނީ އަޝްބާ އެކަނިކޮށް ނުލުމަށް ބުނި ބުނުމެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް