ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

17 އޭޕްރީލު 2023
3

އެޕިސޯޑް 26

އެ ވަގުތު ހިޔަންޏެއް އެ ތަނުން ހުރަސް ކޮށްލިތަން ފެނުނެވެ. އަތީކާއަށް ފޯނެއް އައެވެ. ގުޅަނީ އަތީކާގެ މަންމައެވެ. އެހެންކަމުން އެއީ މުހިންމު ކޯލަކަށް ވާތީ، ބޭރަށް ނުކުތެވެ. ހަމްޒާ ދިޔައީ ފެން ޖަގެއް ބަލައެވެ. ކޮޓަރީގައި ހުރި ފެން ފުޅި ހުސްވެފައި ހުރުމުންނެވެ. އަހަރެންނާއި އަޝްބާ އެކަހެރިވިއެވެ. އަޝްބާއާ ދިމާލަށް ބެލުން ނޫން ކަމެއް އަހަރެންނަކަށް ނުވިއެވެ.

"ތި ވަރަށް ނުބަލާ،" ކަންފަތް ކައިރިން އެ އިވުނު އަޑަކީ ކުރިން ވެސް އިވުނު އަޑެކެވެ. ސިއްސައިގެން ގޮސް އަހަރެން ފަހަތް ބަލައިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުރިމައްޗަށް އެނބުރުނު އިރު އަޝްބާ ހުރީ އަހަރެންގެ މޫނާ މޫނު ޖެހޭހާ ގާތުގައެވެ. ފަހަތަށް ޖެހިލެވުނު ވަގުތު މީހަކު ގައިގާ ޖެހުނުހެން ހީވެގެން އަނެއްކާވެސް ފަހަތް ބަލައިލީމެވެ. ހުރީ ހަމްޒާއެވެ.

"ކިހިނެއްވީ؟" ހަމްޒާ އައިސް ފެން ޖަގު ބަހައްޓަމުން އަހާލިއެވެ. އަހަރެންނަށް ބަލައިލެވުނީ އަޝްބާއަށެވެ. އޭނަ އިނީ އެނދުމަތީގައެވެ. ގުގުރީގެ އަޑު ގަދަވާން ފެށިއެވެ. ދިއްލާފައިވާ ބޮކިތައް ނިވެން ފެށިއެވެ. ހަމްޒާ އިނީ ކަންބޮޑުވެފައެވެ. ފަނޑު އަނދިރިކަން ކޮޓަރިތެރެއަށް ވެރިވެގަތެވެ. އަޝްބާ އޮށޯވެލީ އެ ވަގުތުއެވެ. ހަމްޒާ ދިޔައީ ސްވިޗާ ދިމާލަށެވެ. ސްވިޗް މަސައްކަތެއް ނުކުރިއެވެ. އަނދިރިވަމުން ގޮސް ކޮޓަރިތެރެ އެއްކޮށް ކަހަލަ ގޮތަކަށް އަނދިރިވިއެވެ. ވަތްގަނޑަކުން ނެގި ބައްތިއެއް ދިއްލަން ހަމްޒާ އުޅުނެވެ. ނަމަވެސް އެ ވެސް މަސައްކަތެއް ނުކުރިއެވެ. އަހަރެން އިނީ ގޮނޑީގައެވެ. ކުއްލިއަކަށް ކަމެއް ފާހަގަ ކުރެވުނެވެ. އަޝްބާ ގާތުގައި އިތުރު މީހަކު އޮށޯވެލައިގެން އޮތްހެން ހީވިއެވެ. ވިދާލާ ވިދުވަރާއެކު އެ މީހާ ސިފަވިއެވެ. އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އަހަރެންނެވެ. އަހަރެންގެ ސިފައެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އޮތީ އަޝްބާގެ ގައިގައި ޖެހޭ ހިސާބުގައެވެ. އަހަރެން ހިންދިރުވާލީމެވެ. ބިރުގެންފައި އިން ވަރުން އަނގައިން ބުނަން ވެސް އުނދަގޫވިއެވެ.

ކުއްލިއަކަށް މުޅިތަން އަލިވިއެވެ. އަތީކާ އައީ ލައިޓެއް ހިފައިގެންނެވެ. އަހަރެންނަށް ބަލައިލެވުނީ އަޝްބާގެ އެނދާ ދިމާލަށެވެ. އެތަނުގައި އަޝްބާ ނޫން އިތުރު މީހަކު ނެތެވެ. އެހެން ނަމަވެސް އެއީ އަހަރެންނަށް ހީވި ގޮތެއް ނޫނެވެ. އެ ވަރު އަހަރެންނަށް ޔަގީނެވެ. އަމިއްލަ ރޫހު ތިމާ މީހާއަށް ފެންނަންވީ ސަބަބެއް ނުވިސްނުނެވެ. ދޭން އެ އުޅެނީ ކޮން މެސެއްޖެއް ހެއްޔެވެ؟

ސަލާން ގޮވާލާފައި ފިރިހެނަކު ކޮޓަރިއަށް ވަނެވެ.

"މިއީ އިސްމާއިލް. މިއީ ވެސް ރުގްޔާ ކުރާ މީހެއް. އަހަރެން ހަނދާން ނެތުނީ އިސްމާއިލް އަންނަ ވާހަކަ ބުނަން." ހަމްޒާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އެކަން އަހަރެންނަށް ފާހަގަވިއެވެ. އަހަރެން ފަރުވާ ކުރަމުން ދަނިކޮށް އިތުރު މީހަކު ގެނައުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަހަރެންނަށް އޮތް އިތުބާރު ކުޑަވީ ހެއްޔެވެ؟ ނުވަތަ އަހަރެންނަށް ކުރާ އިހުތިރާމް ބަދަލުވީ ހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ބޭނުންވި ނަމަވެސް ސުވާލެއް ނުކުރަމެވެ. ދަނޑިވަޅު ނުޖެހޭތީއެވެ.

"އިސްމާއީލް އިށީދޭ،" ތަން ދައްކަމުން ހަމްޒާ ބުންޏެވެ. އޭނާ އިށީންނަމުން އަހަރެންނާ ވެސް ސަލާން ކޮށްލިއެވެ.

އިސްމާއިލް ބިސްމި ކިޔާފައި ކިޔަވަން ފެށިއެވެ. އަހަރެން އިނީ ފޫހިވެފައެވެ. ހަގީގަތުގައި އެ ތަނުގައި އެ ވަގުތު އިންނަން ވެސް ބޭނުން ނުވެފައެވެ. ބޭނުމަކީ ވެސް ކޮބާ ހެއްޔެވެ؟ ދެ މީހުންނަށް އެއްފަހަރާ ރުގްޔާއެއް ނުކުރެވޭނެއެވެ. އެ ގޮތަށް ހެދުމުން އެކަން ވަނީ ބޮޑު މަސްހުނިގަނޑަކަށެވެ. ދެ މީހުންގެ އަމަލުތަކާއި ކިޔެވެލިތައް ތަފާތު ވާނެއެވެ. އެއީ އަހަރެންނަށް ވިސްނެމުން ދިޔަ ގޮތެވެ. ތިރީސް މިނެޓް ކިޔެވި ފަހުން ވެސް އެއްވެސް ކަމެއް ނުވިއެވެ. އެ ހުރިހާ ވަގުތު ވެސް އަޝްބާ އޮތީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެންނަކަށް މިއަދު އުނދަގުލެއް ނުވިއެވެ. ހިތަށް ހަމަޖެހުން ލިބެމުން ދިޔައީ އެ ބެލުން ތިރިނުވުމުންނެވެ. ނަމަވެސް އެކަން ފާހަގަ ކުރަމުން ދިޔައީ އިސްމާއިލެވެ.

ކިޔެވުން ހުއްޓާލާފައި އިސްމާއިލް ބޭރަށް ނުކުތެވެ. އަދި ބޮލުގެ އިޝާރާތުން ބޭރަށް ނުކުތުމަށް ހަމްޒާއަށް އެދުނެވެ. އަހަރެންނާ ދިމާލަށް ހިނިތުންވެލާފައި ހަމްޒާ ނުކުތެވެ.

"ކިހާ ވަރެއްގެ އިތުބާރެއް ކޮށްފައި ގެނައި މީހެއް އެ ހާމިޒް އެއީ؟" އިސްމާއިލް އެހިއެވެ. ދެ މީހުން ތިބީ ގޭގެ ބޮޑު ކޮޓަރީގައެވެ.

"ކިހިނެއްވީ؟" ހަމްޒާ ނުތަނަވަސްވަމުން އެހިއެވެ.

"ބުނެބަލަ."

"އިތުބާރު ކުރަން ވަގުތުކޮޅެއް ނެގި. ފުރަތަމަ އިތުބާރު ކުރީ އޭނަ ރަނގަޅު ކުރި މީހުންގެ ބަސްތަކަށް،" ނިތްކުރިއަށް ރޫ ގިނަ ކޮށްލަމުން ހަމްޒާ ބުންޏެވެ. "ވީ ކިހިނެއް ހޭ؟"

"މަށަކަށް ހިއެއް ނުވޭ އެއީ އެހާ ރަނގަޅު ނިޔަތެއްގައި އުޅޭ މީހެއް ހެންނެއް،" އިސްމާއިލް ބުންޏެވެ.

މީހަކު ހުންނަ ގޮތަކުން އެ މީހެއްގެ ހަގީގަތެއް ނޭނގޭނެއެވެ. ހަމްޒާއަށް އެ ވަރު ވިސްނެއެވެ. އެކަމަކު ރުގްޔާ ކުރާ މީހުން ވެސް އެކަކު އަނެކަކުގެ ބޮލުގައި ތުހުމަތު އެޅުވުން އެއީ ވެސް ކުރާ ކަމެކެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ އެ މީހަކު މޮޅު ނަން ހޯދާށެވެ. ފުރަތަމަ ފެނިލުމަކުން މީހެއްގެ ގޮތާއި ނިޔަތް ދެނެއެއް ނުގަނެވޭނެއެވެ. ހަމްޒާއަށް ވިސްނާލެވުނީ އެހެންނެވެ.

"ކީއްވެ ތިހެން ތި ބުނީ؟" ހަމްޒާ އަހާލިއެވެ.

"އަހަރެންނަށް ހަމަ އެކަހަލަ އެއްޗެއް ވިސްނެނީ. ތިއީ އަހަރެން ދަންނަ މީހެއްގެ ރައްޓެއްސަކަށް ވީތީ އެހެން މި ބުނީ،" އިސްމާއިލް ހަމްޒާގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ. "އޭނައާ މެދު ސަމާލު ވެގެން ހުންނާތި."

"މަޑުކޮށްބަލަ" އިސްމާއިލް ހިނގައިގަތުމުން ހަމްޒާ ބުންޏެވެ. "ތިހެން އަދި ބުނެލާ އެއްޗަކަށް އަހަރެން ކިހިނެއް އިތުބާރު ކުރާނީ؟ ވީ ކީއްކަން ބުނެލާފަ ދޭބަލަ."

"ހަމްޒާއަކަށް ނުފެނޭތަ އަޝްބާ އޭނައާ ދިމާލަށް ބަލާ ގޮތެއް؟ ހަމަ އެހާ ކަނުވެފައިތަ ތި ހުންނަނީ؟" އިސްމާއިލް ބުންޏެވެ.

"ތި ބުނީ؟ އޭނަ ކޮންމެ މީހަކު ގެނަޔަސް އެ ގޮތަށް ބަލަހައްޓައިގެން އޮންނަނީ." ހަމްޒާއަކަށް އިސްމާއިލް އެ ބުނި އެއްޗެއް ނުވިސްނުނެވެ.

"ބަލާފާނެ. އެކަމަކު އެ ގޮތަކަށް ނުބަލާނެ. އަހަރެން މި ކިޔެވި ކިޔެވުމުގައި އަޝްބާއަށް އެއްވެސް އުނދަގުލެއް ވި ހެންނެއް ހިއެއްނުވޭ. އެކަމަކު ގިނަ ކޭސްތަކުގައި ވަރަށް ބޮޑަށް އެކަން ފާހަގަވެގެން ދާނެ. ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ. ހީވަނީ އަހަރެން ކިޔެވި ވަރަކަށް ކޮންމެވެސް އެހެން މީހަކު އެކަން ބާތިލް ކުރަން މަސައްކަތްތަކެއް ކުރާ ހެން،" އިސްމާއިލް ބުންޏެވެ.

"ދެން އެ އެހެން މީހަކީ... ހާމިޒް؟" ހަމްޒާ ސުވާލު ކޮށްލިއެވެ.

"އަހަރެންނަށް އެނގޭ މިކަން ގަބޫލު ކުރަން އުނދަގޫ ވާނެކަން. އެކަމަކު އޭނަގެ މަގުސަދު ރަނގަޅުހެން މަށަށް ހީނުވަނީ،" އިސްމާއިލް ބުންޏެވެ.

އިސްމާއިލް ދެއްކި ވާހަކައާ މެދު ހަމްޒާ ވިސްނިއެވެ. ދެން ހަދާނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. ރޭގަނޑު ނިދަން އޮވެފައި އަތީކާއާ އެ މަޝްވަރާ ކުރިއެވެ.

"މީހަކު ފުރަތަމަ ފެނިލުމަކުން ތިހެން ވިސްނާކަށް ނުވާނެ. އިސްމާއިލް އެ ދެއްކި ވާހަކަތަކުގެ ބުރަދަނެއް ހުރި ހެނެއް މަށަކަށް ހިއެއް ނުވޭ. ހާމިޒްގެ ދެން ކޮން މަގުސަދެއް އޮންނާނީ؟ އޭނަގެ ނިޔަތް ރަނގަޅުހެން މަށަށް ހީވަނީ،" އަތީކާގެ ހިޔާލު ފާޅު ކުރިއެވެ.

"ތިއީ މަ ވެސް ހިތަށް އަރާ އެއްޗެއް. އެކަމަކު އިސްމާއިލް އެހެން ބުނާނީ އޭނައަށް ކޮންމެވެސް އެއްޗެއް ފެނިގެން،" ބާލީހުގައި ހަމަޖެހިލަމުން ހަމްޒާ ބުންޏެވެ. "އަލުން އޭނައާ ބައްދަލު ކޮށްފައި އެ ވާހަކަ އަހަންވީ ކަންނޭނގެ."

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (3)

ކިޔުންތެރިއެއް

17 އޭޕްރީލު 2023
ފުރަތަމަ މީހާގެ ނަޒަރުން އައިސް ކިހިނެއް ބޭރުގަ ދެއްކި ވާހަކަ ތަކާ ހީވި ހީވުންތައް ހާމިޒް އަށް އެނގނީ؟
1 0

އަމާނީ

17 އޭޕްރީލު 2023
@ކިޔުންތެރިއެއް ވާހަކަ ލިޔެވޭނެ ތަފާތު ގޮތްތައް ހުރޭ. ފުރަތަމަ މީހާގެ ނަޒަރުން ލިޔުނަސް އޭނައަށް ހީވީ އޭ ކިޔާފަކަ ނޫން ލިޔެފައި އެ އޮތީ
0 0

މަލީހާ

17 އޭޕްރީލު 2023
@ކިޔުންތެރިއެއް ހާމިޒް އަށް އެކަން އެނގުނު ކަމެއް ނޭނގެ ދޯ އަދި. ކިޔުންތެރިންނަށް ކިޔައިދީފަ އޮތަސް ވާހަކައިގައި އުޅޭ ކެރެކްޓާ ތަކަށް ނޭނގި އޮވެދާނެއްނު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް