ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

16 އޭޕްރީލު 2023

އެޕިސޯޑް 25

"އަހަރެން ހާމިޒަށް އިތުބާރު ކުރަންވީތަ؟"

"އިތުބާރު ނުކުރަންވީ އެއްވެސް ސަބަބެއް އެބަ އޮތްތަ؟" އަހަރެން ވެސް ކުރީ ސުވާލެކެވެ. "ދަރިފުޅުގެ މިފަދަ ކަމަކަށް އަހަރެން އިހުތިޔާރު ކުރާނީ ވެސް ސަބަބެއް ނެތިއެއް ނޫން ދޯ؟"

ހަމްޒާ ބޯޖަހާލިއެވެ.

"އަހަރެންގެ ދަރިފުޅަކީ ކުރިން ވަރަށް ދީންވެރިކޮށް އުޅުނު ކުއްޖެއް. އަހުލާގު ރަނގަޅު، މައިންބަފައިންނަށް ކިޔަމަންތެރި ކުއްޖެއް. ކިޔަވައިގެން ހުރި ހަރުދަނާ ކުއްޖެއް." ހަމްޒާގެ ލޮލުން ބަބުޅަމުން ދިޔައީ ދަރިއަކަށްޓަކައި ވާ ލޯތްބެވެ.

"ގެވެހިކޮށް އުޅެމުން އައި ކުއްޖެއް. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުތަކެއް އަންނަން ފެށި. ކުރަމުން އައި ހުރިހާ ރަނގަޅު ކަންކަން ހުއްޓާލީ ކުއްލިއަކަށް. އަހަރެންނާއި އަތީކާ ދިން ތަރުބިއްޔަތުގައި ކޮޅުފައިން ޖެހީ ރައްޓެހިންގެ ބަސް އަހަމުން. ޕާޓީ ކުރުމާއި ސަފާރީތަކަށް ދިޔުންވީ އާދައިގެ ކަންކަމަށް."

"ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ؟" ހަމްޒާގެ ވާހަކަ މެދުކަނޑާލާފައި އަހަރެން ސުވާލު ކުރީމެވެ.

"ނޭނގެ. ހަމަ އެއްގޮތަކަށް ވެސް ނޭނގެ. އަތީކާ ވެސް ތި ކަމަކާ ވިސްނާ ވިސްނާ ވަރުބަލިވެއްޖެ. ސުވާލެއް ކުރިޔަސް ޖަވާބެއް ނުދޭނެ. އެހެން އުޅެފައި ބުނީ މީހަކާ އިންނަން ބޭނުމޭ. އެ ވަގުތު އަހަރެން އެހިން ކާކުތޯ، ކޮން ކަހަލަ މީހެއްތޯ. އެކަމަކު އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިން. އެންމެ ފަހުން އަހަރެން އަމިއްލައަށް އެ މީހެއްގެ ފަތިފުށް ހޯދީ. ކަމަކު ދާކަށް ނެތް. ހަގީގަތް ހާމަވީ އިރު މިވީ ޑްރަގް ޑީލަރަކަށް. ދެން ވަރަށް ނަސޭހަތް ދެވުނު. އަޝްބާ ހުރީ ގުޑާލާ ގޮތަކަށް ނޫން. ގޮތް ދޫނުކޮށް އެ މީހާއާ އިންނަން ބޭނުންވެފައި،" ހަމްޒާ އިސްޖަހާލިއެވެ. "އެންމެ ފަހުން ހަތިޔާރު ބެހެއްޓީ އަހަރެން."

"އެ މީހާއަށް ކިޔަނީ ފަޒީލް. އޭނައާ އެއްކޮށް އަޝްބާ ހޭދަ ކުރީ ބަރާބަރު ހަ މަސް ދުވަސް. ކައިވެނި ރޫޅިއްޖެ. ވީ ކިހިނެއްތޯ އެހުމުން ކިޔައެއް ނުދިން. ފަހުން އަހަރެންނަށް އެނގުނީ ފަޒީލް އެހެން އަންހެނުންގެ ގާތަށް ދަނީ ކަމަށް. އެތައް ފަހަރަކު އެ ޒުވާބެއް ކުރުމަށް ފަހު ހައްލު ނުވެގެން ވަރިވީ. ދެން އިނީ ވެސް ވަރަށް އުޅުން ވިޔާނުދާ މީހަކާ. އެއީ ފުރަތަމަ ކައިވެންޏަށް އެއް އަހަރު ފަހުން. އޭނަ އަޝްބާއަށް ވަރަށް އަނިޔާ ކުރި. އެކަމަކު އަޝްބާ ވަރަށް ކެތްކުރި. އެންމެ ފަހުން ކެތްތެރިކަން ކޮޅުންލައިގެން އެ ކައިވެނި ވެސް ރޫޅާލީ."

"އަހަރެން އެންމެ ދެރަވީ އަހަރެންނާއި އަތީކާގެ ބަސް އަޝްބާ ގަބޫލް ނުކުރީތީ. އޭނައަކަށް އަހަރެމެން ދަހެއް ނުވި. އަހަރެމެން ދިން ތަރުބިއްޔަތުގެ އެއްވެސް އަގެއް ނެތް. އަހަރެންނަށް ހީވީ އަހަރެމެން މަތިން އޭނަ ހަނދާން ނެތިއްޖެއޭ. އޭނަގެ ސަބަބުން އަހަރުމެން ކުރި ހިތާމަ އާއި ވީ ހިތްދަތިކަން އަހަރެން ހަނދާން އެބަ ހުރި." ހަމްޒާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

"ދެ ވަނަ ކައިވެނި ރޫޅުނު ތަނާ މި ކަންތައްގަނޑެއް ލައްވާލީ. އަހަރެން ހިތަށް އަރާ އެކަމާއި މިކަމާ އެއްވެސް ގުޅުމެއްވޭ ބާއޭ!" ސުވާލުގެ ނަޒަރަކުން އަހަރެންނާ ދިމާލަށް ހަމްޒާ ބަލައިލިއެވެ.

"ތިއެއް ބުނާކަށް އަދި ފަސޭހައެއް ނޫން. އަދިވެސް އިތުރަށް ބަލައިގެން ނޫނީ ތިހާ އަޑިއަކަށް ފީނައެއް ނުގަނެވޭނެ،" އަހަރެން ބުނީމެވެ.

ރުގްޔާ ކުރުމާ ބެހޭ ގޮތުން އަހަރެންނަށް ވަރަށް ގިނަ ކަންކަން އެނގި ދަސްވިއެވެ. އެ ގޮތުން ޝަރުއީ ރުގްޔާގައި ޝަރުތުތަކެއް ވެއެވެ. މިސާލަކަށް ބުނާ ނަމަ ފަރުވާ ކުރުމަށް ހިލޭ އަންހެނުންނާ އެކަހެރިވުމަކީ ޝަރުއީ ގޮތުން ހިލާފު ކަމެކެވެ. އަދި ރުގްޔާ ކުރާއިރު ގޮތް ނޭނގޭ ކިޔެވެލިތައް ކިޔެވުމަކީ ހަރާން ކަންކަމެވެ. އެ ގޮތުން ގުރުއާނުގެ އާޔަތްތައް ކިޔަވަން ޖެހޭނީ ކައިރީގައި ތިބޭ މީހުންނަށް އަޑު އިވޭހެން ސާފުކޮށެވެ. ކިޔަވާ އެއްޗެއް ނޭނގޭހެން ނުވަތަ އަޑު ނީވޭ ހެން ކިޔެވުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ރުގްޔާ ކުރާ މީހާ ކުރަން ނުޖެހޭ ސުވާލުތަކެއް ވެސް ވެއެވެ. ބަލި މީހާގެ މަންމަ ނުވަތަ ބައްޕަ އަދި އާއިލާގެ އެހެން ވެސް މީހެއްގެ ނަން އަހައިގެން ނުވާނެއެވެ. އަދި ބަލި މީހާ ގާތުގައި ނަދުރު ބުނުން ނުވަތަ އެއްޗެއް ކަތިލުން ފަދަ ކަންކަން ވެސް ބުނެގެން ނުވާނެއެވެ. ނުވަތަ ވަކި ހާއްސަ ތަނަކަށް ޒިޔާރަތް ކުރަން ބުނެފި ނަމަ އެއީ ސިހުރުވެރިއެކެވެ.

ރުގްޔާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމުގެ ބަދަލުގައި އަހަރެންގެ ޝައުގުވެރިކަން ދީއްލާލީ އެހެން ދިމާލަކަށެވެ. އެއީ ކީއްވެ ވީ ގޮތެއް ކަމެއް ވެސް އަހަރެންނަކަށް ނުވިސްނުނެވެ. ސިހުރަކީ އަހަރެންނަށް އާ އެއްޗެއް ނޫނެވެ. ނަމަވެސް ސިހުރާ ބެހޭ ގިނަ މައުލޫމާތުތަކެއް އެއްކުރެވެން ފެށީ އެކަމަށް ދެވޭ އަހައްމިއްޔަތުކަމެއްގެ ބޮޑުކަމުންނޭ އަހަރެންގެ ހިތަށް އެރިއެވެ. ބޭނުމަކީ ނުވަތަ މަގުސަދަކީ ކޮބާ ހެއްޔެވެ؟ ހިތަށް އަރަމުންދާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވެއެވެ. ވިސްނެމުން ދިޔައީ މި ކުރެވެނީ ރަނގަޅު ކަމެއް ގޮތުގައެވެ.

ސިހުރު ބޭނުން ކޮށްގެން ތިމާ ބޭނުންވާ މީހުންނަށް ގެއްލުން ދޭން ޖިންނި ފޮނުވުމަކީ ހަގީގަތުގައި އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ގެއްލުންދޭން އެ ދާ މީހާއަކީ އީމާންތެރިކަން ވަރުގަދަ މީހެއް ނަމަ ބައެއް ފަހަރު އުނދަގޫތަކެއް ކުރިމަތިވެއެވެ. ބައެއް ހާލަތްތަކުގައި އެ މީހާގެ ޖިސްމަށް ގެއްލުންދެއެވެ. އަނެއްބައި ހާލަތްތަކުގައި އެ މީހެއްގެ އަހުލުންނަށް ނުވަތަ މުދަލަށް ގެއްލުން ދެއެވެ. ހަށިގަނޑުގެ ތެރެއަށް ވައްދާ ގޮތަށް ސިހުރު ހެދުމަކީ އެންމެ އުނދަގޫ ވައްތަރުގެ ސިހުރެވެ. ގެއްލުންދޭން އެ އުޅޭ މީހާއަކީ އީމާންތެރިކަން ނުވަތަ އަގީދާ ބަލިކަށި މީހެއް ނަމަ ޝައިތާނާއަށް ވަދެގަންނަން ފަސޭހަވާނެއެވެ. އަދި ފާއިތުވެގެންދާ ކޮންމެ ދުވަހަކާ އެކު އެ މީހާގެ އީމާންތެރިކަން ބަލިކޮށްލައެވެ. އަދި ޝައިތާނާގެ ބާރު އެ މީހެއްގެ މައްޗަށް ގަދަކުރެއެވެ.

ހަމްޒާމެންގެ ގެއަށް އަހަރެންނަށް ދެވުނީ ތެމިގެންނެވެ. ވާރޭ ވެހޭލެއް ބޯކަމުންނެވެ. ކިތަންމެ ފަހަރަކު ނާންނަން ހިތަށް އެރިއެވެ. އެކަމަކު ނައިސް ހުންނަން ބޭނުންނުވީއެވެ. ބޮލުން ފައިބަމުން ދިޔަ ފެން ތިކިތައް ފޮހެމުން ގޭތެރެއަށް ވަނީމެވެ. ހަމްޒާ އިނީ ސިޓިން ރޫމްގައެވެ. އަހަރެން ފެނުމުން ކޮޓަރިއަށް ހިނގާށޭ ބުންޏެވެ. އަދި ތެތް އެއްޗެހި ބަހައްޓާފައި ގަމީހަކާއި ޖީންސެއް ދިނެވެ. އެއްޗެހި ބަދަލު ކޮށްލައިގެން އަހަރެން ދިޔައީ އަޝްބާގެ ކޮޓަރިއާ ދިމާލަށެވެ. ހަމްޒާ އާއި އަތީކާ ވެސް އެކުގައި ވަނެވެ.

އަޝްބާ ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް އަހަރެންނަށް ލިބެއެވެ. އެ މޫނު ފެންނަ ކޮންމެ ފަހަރަކު ހިތަށް ހަމަޖެހުމާއި ސިކުނޑިއަށް ލުޔެއް ލިބެން ފެށިއެވެ. އޭނާ ބަލާލާ ކޮންމެ ބެލުމެއްގައި އެ ހުންނަ ގޮތަކުން އަހަރެންގެ ބަސް މަދުވެއެވެ. އެ ބެލުމުގައި ވަނީ މާނަ ފުން ބަސްތަކެކެވެ. އަންގައިދޭން އެ އުޅެނީ އަހަރެން ވެސް މި ކުރާ އިހުސާސްތައް ހެއްޔެވެ؟

"ނިތްކުރިއަށް ކިހިނެއްވެފަ ތި ހުރީ؟" ހަމްޒާ ސުވާލު ކުރީ އަޝްބާއާއެވެ. އެ ވަގުތު އަހަރެންނަށް ވެސް ރަނގަޅަށް އެ މޫނަށް ބަލައިލެވުނެވެ. އަޝްބާ ނިތްކުރީގައި އަތްލިއެވެ. އަދި ބިންމަތީ ޖައްސައިގެން އިން ދެފައި ނަގައި އެނދުމައްޗަށް ލިއެވެ.

"ކަމެއް ވެއްޖެތަ؟" ފަރުވާ ކުޑަ ގޮތަކަށް އަޝްބާ އަހާލިއެވެ.

ވެހެމުން ދިޔަ ވާރޭގެ އަޑުގަދަވިއެވެ. ވިދާލި ވިދުވަރާ އެކު ކުޑަދޮރު ވަރަށް ބާރަށް ތެޅިގަތެވެ. އަހަރެންނަށް އެ ދިމާލަށް ބަލައިލެވުނީ ބޭއިހުތިޔާރުގައެވެ. އެ ވަގުތު ހިޔަންޏެއް އެ ތަނުން ހުރަސް ކޮށްލިތަން ފެނުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް