ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

15 އޭޕްރީލު 2023

އެޕިސޯޑް 24

އަނެއްކާ މިއީ އެއްވެސް ގުޅުމެއް ވާ ކަންތައްގަނޑެއް ބާއެވެ.

އަހަރެން ބިރުގަތެވެ. އެ އަށް ވުރެ ބިރުގަތީ ހަމްޒާ އާއި އަތީކާއެވެ. އަހަރެންގެ މޫނުމަތިން ފެނުނު ޖެހިލުންވުން ފޮރުވީމެވެ. ހަމަ އެ ސިކުންތުގައި ތަނަށް ވެރިވީ ނުބައި ވަހެކެވެ. ހީވަނީ ފަރުމަތި ހިކޭ ދުވަސްވަރު އެ ތަނުން ދުވާ ކަހަލަ ވަހެއް ހެންނެވެ. ފަރުމަހާއި ބޯވަ ފަދަ އެއްޗެހިން ދުވަނީ މިކަހަލަ ވަހެކެވެ. ހަމްޒާ އާއި އަތީކާ ތިބީ ނޭފަތްމަތީ އަތް އަޅައިގެންނެވެ. ދުވާ ނުބައި ވަސް ގަދަވާހެން ވެސް ހީވިއެވެ. އަހަރެންގެ ނޯށަށް ކެތްކުރަން އުނދަގޫވިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ވަސް މަޑުވިއެވެ.

"ކަލޭ ކީއްކުރަން ތި އައީ؟" އާންމުކޮށް އެންމެ ފުރަތަމަ ޖިންނި ޝައިތޯނުން ކުރާ ސުވާލު އަހަރެންނާ ކުރިއެވެ. އެއީ އަޝްބާގެ އަޑެއް ނޫނެވެ. އެއަށް ވުރެ އަޑު މާ ޅައެވެ. ހީވަނީ 10 ވަރަކަށް އަހަރުގެ ކުއްޖަކު ވާހަކަ ދައްކާ ހެންނެވެ.

"ތިއީ ކޮން ނަމެއް ކިޔާ މީހެއް؟" ހިންދިރުވާލާފައި އަހަރެން އެހީމެވެ. އަޝްބާގެ ކަޅި ފެންނަން ނެތުމުން އެ ލޮލަށް ބަލަން ވަރަށް އުނދަގޫވެއެވެ.

"މަށަށް ކިޔާ ނަން ބުނާކަށް ނުޖެހޭ. ކަލޭ މިތަނުން ދޭ. އަހަރެމެންނަށް އުނދަގޫ ކުރަން ނާދޭ،" އަބަދުވެސް ޖިންނިން ބުނާ އެއްޗެހި ބުނަމުން ދިޔައެވެ. ނަމަވެސް އެ އަޑުގައި ހުރީ މަޑުމައިތިރިކަމާއި ވަރުބަލިކަމެވެ.

"އުނދަގޫ ކުރަނީ ކަލޭމެންނޭ އަހަރުމެންނަށް،" އަނެއްކާވެސް ޖިންނި ބުންޏެވެ. "ކީއްކުރަން މިތަނަށް ތި ގެނައީ؟"

ހަމްޒާ އާއި އަތީކާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އަޝްބާގެ ވާހަކަ ދެއްކުމުގައި އެ ވަނީ އެ މީހުންގެ ދަރިފުޅުގެ ބަހުރުވައެއް ނޫނެވެ. ނަމަވެސް އެ ހަށިގަނޑު ބޭނުންކޮށްގެން އެހެން މަހުލޫގެއް އެ ދަނީ މުއާމަލާތު ކުރަމުންނެވެ. އެ މީހުން ތިބީ ލޮލަށް ފެންނަމުންދާ މަންޒަރާއި ކަންފަތަށް އިވެމުން ދިޔަ އަޑު ގަބޫލް ކުރަން އުނދަގޫވެފައެވެ.

"ކަލޭމެން ކީއްކުރަންހޭ އިންސާނަކަށް އުނދަގޫ ކުރަން އައިސް ތި އުޅެނީ؟ ކޮބާ ބޭނުމަކީ؟" ހަމަހިމޭންކަން ގެއްލުވާލީ އަހަރެން އަޑުގަދަކޮށް ކުރި ސުވާލުންނެވެ.

"އޭތް. ކޮން ހަޅޭކެއް ތި ލަވަނީ؟ އަހަރެން ބިރުގަންނާނެ ކަމަށްތަ؟ ކަލޭ ދެކެ ކާކު ބިރުގަންނާނީ؟" ޖިންނި ކިބުރުވެރިވަމުން ބުންޏެވެ.

"ތިހާ ބިރު ކުޑައިއްޔާ ބުނެބަލަ ސިހުރު ހެދި މީހެއް،" އަހަރެން އެހެން ބުނީ އެ ސޮރު ބުނާ އެއްޗެއް ބަލާލާށެވެ.

"ކާކުތަ ބުނީ ސިހުރު ހެދިއޭ؟ ކަލެއަށް އެނގޭތަ ސިހުރަކީ ކޯއްޗެއް ކަމެއް ވެސް؟" ޖިންނި ބުންޏެވެ.

"އާނ. މަށަށް އެނގޭ. އެކަމަކު މަ މިތަނަށް އައީ ކަލޭމެންނާ ޒުވާބުކޮށް ހަނގުރާމަ ކުރާކަށް ނޫން. ކަލޭމެންގެ އުނދަގުލާއި ތުރާލުން މައުސޫމް އަންހެންކުއްޖެއް ސަލާމަތް ކުރަން ވެގެން،" އަހަރެން ބުނީމެވެ.

"އާނ. އޭރުންނެއްނު ކަލެއަށް ފައިދާވާނީ؟ މި ކަމުގެ ބަދަލެއްގެ ގޮތުން ކަލެއަށް މި މަންޖެ ހިބައިން ދޭތޯ ދޯ ތިއުޅެނީ؟" އަހަރެން ސިހުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެކަން ފޮރުވީމެވެ. ވައްކަޅިން ހަމްޒާއަށް ބަލާލީމެވެ. ހަމްޒާ އިނީ 'އަޝްބާއަށް' ބަލަހައްޓައިގެންނެވެ.

"ތިއީ ކަލޭމެން ދޭތެރެ ޖައްސަން ދައްކާ އުޅޭ ވާހަކަ. ކަލޭމެންނަކީ މީހުންގެ މެދުގައި ފިތުނަ ފަސާދަ އާއި ނަފުރަތު ފެތުރުމުގައި އުޅޭ ބައެއް. މީހުންގެ ލޯތަކަށް ސިއްރުން މީހުންގެ އިހުސާސްތަކާ ކުޅެމުންދާ ބައެއް. ކަލޭމެން ދައްކާ ތިޔަ ކަހަލަ ދޯހަޅި ވާހަކަތައް ގަބޫލް ކުރާނެ މީހަކު މިތަނަކު ނެތް." ހިތުގައި ކޮންމެ އެއްޗެއް އޮތް ނަމަވެސް ދުލުކުރިއަށް އަހަރެން ގެނައީ އަހަރެން ބޭނުންވާ ލަފުޒުތަކެވެ. ހަގީގަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެކަން ހާމަވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދެން ވެސް އަހަރެން ބަލާލީ ހަމްޒާ އަށެވެ. އޭނަ ވިސްނަމުން އެ ދަނީ ޖިންނި ދެއްކި ވާހަކަތަކަށް ހެއްޔެވެ؟ އެކަން ގަބޫލް ކޮށްފި ނަމަ ގެއްލުން ވާނީ އަހަރެންނަށެވެ. އަހަރެން މި ދެއްކި ވާހަކަތައް ގަބޫލް ކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެ ވަގުތަކު ނެތެވެ.

"ކަލޭ ގަބޫލް ނުކުރިޔަސް ގަބޫލް ކުރާނެ އެހެން މީހުން ތިބޭނެ،" ޖިންނި ވާހަކަ ދެއްކިއެވެ.

"ކާކު ގަބޫލް ކުރާނީ؟ ކަލޭމެންނަކީ ޝައިތާނުން. ދީނެއް، ދުނިޔެއެއް، އާހިރަތެއް އޮންނަ ބައެއް ނޫން. ދުނިޔެއަށް ފޮނުއްވީތީ ޣާފިލްކަން މަތީ ވަގުތުތައް ހޭދަކުރަމުން ދާ ބައެއް. އެއްވެސް އަދަބެއް އަހުލާގެއް ހުރި ބައެއް ނޫން. ގޮތެއް ފޮތެއް ނެތިގެން އަޖަލު ހަމަވަންދެން މީހުންނަށް ގެއްލުން ދިނުމުގައި ދެމިތިބޭ ބައެއް،" އެއް ނޭވާއިން އަހަރެން އަމުނާލީމެވެ. ހަގީގަތުގައި ކިޔުނު އެއްޗަކާ މެދު ވިސްނާލެވުނީ ވެސް ފަހުންނެވެ.

"އާނ. އަހަރެމެން ނަމާދެއް ނުކުރަން. މިއީ ކާފަރުން ވީމަ. އެކަމަކު ކަލޭ ނަމާދު ނުކުރަނީ ކީއްވެ؟ ތިއީ މުސްލިމެއް ނޫންތަ؟ ކަލޭ އަޅުކަން ކުރަނީ ކަލޭމެން ހެއްދެވި ފަރާތަކަށް ނޫންތަ؟" ޖިންނި އެހެން ބުނުމުން އަހަރެން ގަނޑުވި ކަހަލައެވެ. ތެދެކެވެ. އަހަރެންގެ ވާހަކަ ދެއްކުމުގައި ކޮންމެ ގޮތެއް ހުރި ނަމަވެސް ނަމާދުތަކާ މެދު ޣާފިލް ވެވިއްޖެއެވެ. އެއީ އަހަރެން ކުރާ ހިތް ނުވާތީއެވެ. ހަޔާތަށް އައި ބޮޑު ބަދަލެއްގެ ސަބަބުން ދީނީ ކަންކަމަށް ދޭންޖެހޭ އިސްކަން ނުދެވޭކަން އަހަރެންނަށް ވެސް އެނގެއެވެ. ނަމަވެސް ހިތް ނުވާ ކަމެއް ކުރާނީ ކިހިނެއް ހެއްޔެވެ؟

"މި ބުނީއެއްނު ކަލޭ ދައްކާ ވާހަކަ މީހަކު ގަބޫލެއް ނުކުރާނޭ. ތިއީ ދޮގުވެރިން،" އަހަރެން ޖެހިލުންވަމުން ބުނީމެވެ. އެ ވަގުތު 'އަޝްބާ' ކަރުކެހިލިއެވެ. އެ ސޮރު އެތަނުން ދާން އުޅޭހެން އަހަރެންނަށް ހީވިއެވެ. އަހަރެން ހުއްޓުވާކަށް މަސައްކަތެއް ނުކުރަމެވެ. އެ ދަނޑިވަޅުގައި އަހަރެން ބޭނުންވީ ވެސް އެ ގޮތެވެ. އަހަރެންގެ ނުފެންނަ ފަރާތުގެ ބައެއް ސިފަތައް މީހުންނަށް އެނގެން ބޭނުން ނުވަނީއެވެ. އަހަރެންނަށް ކުރާ އިތުބާރާއި ދޭ ގަދަރު ކުޑަވެދާނެތީއެވެ.

އަޝްބާގެ ބަނޑު ފުއްޕާލިއެވެ. ހީވީ ދުވަސް ފުރިފައިވާ މާބަނޑު މީހެއް ހެންނެވެ. އެ މަންޒަރު ފެނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. ހަމްޒާގެ ދެމަފިރިންގެ ދެ ލޯ ބޮޑުވި ތަން ފެނުނެވެ.

"އަޝްބާއަށް އެ ވަނީ ސިހުރު ޖެހިފައިތަ؟" ހަމްޒާ ސުވާލު ކުރީ އަހަރެންނާއެވެ. ދެ މީހުން ތިބީ ހަމްޒާގެ ގޭގައި ހުރި ކޮޓަރިއެއްގައެވެ. އެ ތަނުގައި ހުރީ އެކި ވައްތަރުގެ ފޮތެވެ. ހަމްޒާއަކީ ފޮތްކިޔުމާއި މައުލޫމާތު މުއްސަނދި ކުރުމަށް ޝައުގުވެރިކަން ހުންނަ މީހެއްކަން ދެނެގަނެވުނެވެ.

"ހާމިޒް،" ފަރާތް ފަރާތަށް އެނބުރެނިކޮށް ހަމްޒާ ގޮވާލިއެވެ.

"އޭނ؟ ކީކޭ؟" އަހަރެންނަށް ބުނެވުނެވެ.

"އަހަރެން ބުނީ އަހަރެންގެ ދަރިފުޅަށް އެ ވަނީ ކޮން ކަމެއް ހޭ؟ އެއީ ސިހުރު ހޭ،" ހަމްޒާ އެހިއެވެ.

"އަދި ނޭނގެ ސިހުރު ކަމެއް. އެކަމަކު ސިހުރަކީ ހަގީގަތެއް. ސިހުރު ދަސްކޮށް ސިހުރު ހެދުމަކީ ނުވަތަ އެއަށް ބަރޯސާވެ އެ ހެދުވުމަކީ ހަރާން ކަމެއް. އަހަރެމެން އިންސާނުންނާ ހިސާބަށް ސިހުރު އައީ އެއާ ކައިރިނުވުމަށް އިންޒާރުތަކެއް ދެމުން. ސިހުރަކީ ގޮތްތަކަކާއި ކިޔެވެލިތަކަކާއި ވާހަކަ ދައްކާ ބަސްތަކެއް. ސިހުރު ހެދޭ މީހާގެ ގައިގައި އެއްވެސް ބީހުމަކާ ނުލައި އޭނަގެ ހަށިގަނޑަށް ނުވަތަ ހިތަށް އަދި ވިސްނުމަށް އަސަރު ކުރުވާ ގޮތަށް ސިހުރު ހަދާނެ. ނަމަވެސް އިންސާނުންގެ އެކި ކަހަލަ ތަކެތި ބޭނުންކޮށްގެން ސިހުރު ހަދާ އުޅޭ. މިސާލަކަށް ނިޔަފަތި، އިސްތަށި، ލޭ ނުވަތަ ހަންކޮޅެއް. ނުވަތަ ލާން ގެންގުޅޭ އަންނައުނު. ސިހުރުގައި މީހާ ބަލިކޮށް ނިކަމެތި ކޮށްލާ ނުވަތަ މީހާގެ ދުވަސް ދުއްވާލާ ތަކެތި ވެސް ވޭ. ދެމަފިރިން ދުރުކުރާ ވަރިތޮޅި އާއި ދެ މީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފައްދާ ތަކެއްޗާއި ދެ މީހަކު ތަތް ކުރުވަން ހަދާ އިސްތިރި ވެސް ވޭ،" އަހަރެން ފުން ނޭވައެއް ބޭރު ކޮށްލީމެވެ.

"އަޝްބާއާ ކައިވެނި ކުރި މީހުން އޭނަ ވަރި ކުރީ ކީއްވެ؟" ނާހަން އުޅުނު ސުވާލު އަހަރެން ކޮށްލީ އޭގެ ޖަވާބު އެނގެން ބޭނުންވާތީއެވެ.

"ތިއީ ވަރަށް ދިގު ވާހަކައެއް. އެކަމަކު ސިއްރެއް އޭގައި އެކުލެވިގެން ވޭ،" ހަމްޒާ ގޮނޑިން ތެދުވެ އަހަރެންނާ ގާތަށް ޖެހިލިއެވެ. "އަހަރެން ހާމިޒަށް އިތުބާރު ކުރަންވީ ތަ؟"

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް