ވާހަކަ: ރާގީ
އެޕިސޯޑް 23
"ދެ މީހުންނާ އިނދެ ވަރި ވެފައި ހުރީ."
ހަމްޒާ ދައްކަމުން ދިޔަ ވާހަކައިން އަހަރެން ކުރިން ހީކުރީ ސުކޫލުގައި އުޅޭ އުމުރުގެ ކުއްޖެއް ކަމަށެވެ.
"އަހަރެން ދާނަން މިރޭ 9 ޖަހާ އިރު،" ސައިބޮއި ނިމުމުން އަހަރެން ބުނީމެވެ. "ކެލާ ކޮޅަކާއި ފިނިފެން ފުޅިއެއް ހޯދާފަ ބަހައްޓާ."
ނުވައެއް ޖެހި އިރު އަހަރެން ހުރީ އެ ބުނާ ގެއެއްގެ ކުރިމަތީގައެވެ. ހަމްޒާއާ އެކު ގޭތެރެއަށް ވަދެގެން ދިޔަ އިރު ހީވަނީ ކުޑަވަރެއްގެ ގަނޑުވަރެއް ހެންނެވެ. ގޭތެރެ ޒީނަތްތެރި ކޮށްފައިވަނީ އަގު ބޮޑެތި ފަރުނީޗަރުންނެވެ. ބިންމަތީގައި އަޅާފައިވަނީ ރަތްކުލަ އާއި ރަންކުލަ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ މަހުމާ ދޫލައެކެވެ. ސޯފާއެއް ނެތް ނަމަވެސް އިށީންނަން ހުރީ އިހުގެ ޝާހީ ގޮތްގަނޑު ހުރި ގޮނޑިއެވެ. ކޮންމެ ގޮނޑިއެއްގައި ވެސް ރަންކުލަ ބޭނުންކޮށްފައި ހުރީ ބުރަކަށި ޖެހޭ ހިސާބުގައެވެ. މަތީގައި އެލުވާފައިވާ ޗާނދަލިޔާގެ ހައިބަތު ބޮޑެވެ. އެއިން މުޅި ސިޓިންރޫމަށް އަލިކަން ގެނެސްދެއެވެ. ތަނބުތަކުގައި ހުރީ ރިހިކުލައިން ފަރުމާކޮށްފައެވެ. ތަނބުތަކާ ދިމާ މައްޗަށް ދެވަނަ ފަންގިފިލާ ފެންނަން ހުއްޓެވެ. އެތަނުގައި އެކި ހިސާބުގައި ދޮރުތައް ހުއްޓެވެ. ކޮންމެ ދޮރެއް ވެސް ހުރީ ރަތާއި ރަންކުލައިން ފަވާފައެވެ. އަހަރެން ހުރީ އާޝޯހު ވެފައެވެ. އެ ތަނުގެ ރީތިކަން ފެނުމުން އެހެން ކަމަކަށް ޝައުގުވެރިކަން ދިނުން އުނދަގޫވިއެވެ.
"މިއީ އަހަރެންގެ ގެ. އާންމުކޮށް ގިނަ މީހުންނާ އަޅާ ބަލާއިރު ތަނަވަސްކަމުގައި އުޅޭ މީހެއް. އެކި ކަހަލަ ގިނަ ވިޔަފާރިތަކެއް ކޮށް އުޅެން. މާލީ ގޮތުން އެއްވެސް ދަތިކަމެއް ދިމައެއް ނުވޭ. ލިބިފައި ހުރީ ހެޔޮލަފާ ދީންވެރި ބައިވެރިއެއް. އެއީ އަތީކާ. އަހަރެންނާއި އަތީކާ ކައިވެނިކޮށްގެން އުޅޭތާ 30 އަހަރު ވެއްޖެ. ﷲގެ އިރާދަފުޅުން ދިރިއުޅުން ވަރަށް އުފާވެރި. ނަމަވެސް..." ހަމްޒާ ފަހަތް ބަލައިލީ މީހަކު އަންނަހެން ހީވުމުންނެވެ. "މިއީ އަހަރެންގެ އަންހެނުން އަތީކާ."
ފަހަތުން އައި އަންހެނަކަށް އިޝާރާތްކޮށްފައި ބުންޏެވެ. ބަލާބެލުމަށް ހީވަނީ 30 އަހަރުގެ ޒުވާނެއް ހެންނެވެ. ލާފައި ހުރީ ކަޅު ހެދުމެކެވެ. ހުރީ ބުރުގާ އަޅައިގެންނެވެ. އަހަރެން ފެނުމުން ސަލާން ގޮވާލިއެވެ. ވާހަކަ ދެއްކުމުގައި މަޑުމައިތިރިކަމެއް ލިބިފައިވެއެވެ. ދެމަފިރިންނަކީ ވެސް ހިތްތިރި ދެ މީހުންގެ ގޮތުގައި އަހަރެންނަށް ސިފަ ކުރެވުނެވެ. އެހާ މުއްސަނދި، ފައިސާވެރި ދިރިއުޅުމެއް ލިބިފައިވީ ނަމަވެސް ބޮޑާކަމެއް ފާހަގައެއް ނުވެއެވެ.
"މިއީ ދަރިފުޅުގެ ކޮޓަރި،" ކޮޓަރީގައި ޓަކި ޖަހާލަމުން ހަމްޒާ ބުންޏެވެ. "ދަރިފުޅާ އަޝްބާ!"
ދޮރު ހުޅުވީ ޒުވާން އުމުރު ފުރައިގެ ކުއްޖެކެވެ. މޫނުމަތިން ފެނުނީ ނިދުމުގެ އަސަރެވެ. މިލާމޯޅިވެފައިވާ މޫނުގެ އަލިކަން ފަނޑެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑުގެ ނިކަމެތިކަން ފާހަގަ ކުރެވުނެވެ. އަހަރެމެން ވަންނަން އޭނަ ތަން ދެއްކިއެވެ. ސުވާލުގެ ނަޒަރުން އަހަރެންނާ ދިމާލަށް ބަލާލަމުން އެނދުގައި އިށީނދެލިއެވެ. އެ ވަގުތު އަތީކާ އައީ އަހަރެން ބުނި ތަކެތި ހިފައިގެންނެވެ.
"މިއީ ކާކު؟" އަޝްބާ އެހިއެވެ.
"މިއީ ހާމިޒް. މިއީ ދަރިފުޅަށް ތިވާ އުނދަގޫތައް ރަނގަޅުވޭތޯ ގެނައި މީހެއް،" ހަމްޒާ ހިނިތުންވާން މަސައްކަތްކުރިއެވެ.
"އަހަރެންނަށް މިވާ އުނދަގޫތައް މީހަކަށް ރަނގަޅެއް ނުކުރެވޭނެ. އެކަން ރަނގަޅުވާނީ ވަގުތު ޖެހުމުން،" އަޝްބާ އެނދުގައި އޮށޯވެލިއެވެ.
"އެ ވަގުތަކީ މިއީ ކަމުގައި ވެސް ވެދާނެ ދޯ؟" އަހަރެން ބުނީމެވެ. އަޝްބާ އިތުރު އެއްޗެއް ނުބުނެ ބެޑްޝީޓް ހަށިގަނޑުގައި އަޅާލިއެވެ. ހީވަނީ އެއީ ކޮށްކޮށް ފަރިތަވެފައިވާ ކަމެއް ހެންނެވެ. އަހަރެން ބަލާލީ ހަމްޒާ އަށެވެ.
އަތީކާ ގެނައި ތަކެތި އަހަރެން އެއްކުރީމެވެ. އަދި ޝަހާދަތް އިނގިލި ލައިގެން އިނދެ ކިޔަވަން ފެށީމެވެ. އާދައިގެ މަތިން އަބަދުވެސް އަހަރެން ކިޔަވާ އާޔަތްތަކާއި ކިޔެވުންތައް ކިޔެވީމެވެ. އަޝްބާ އޮތީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. މާޔޫސްވެފައިވާ ދެ ލޮލުން ބުނެދެމުން ދިޔައީ ކީކޭ ކަމެއް ނުވިސްނުނެވެ. ނަމަވެސް އެ ލޮލުގައި ރިހުމެއް ވެއެވެ. މާނަ ފުން ބުނެދިނުމެއް ވެއެވެ. އެ ބެލުމުން އަންގައިދޭން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟
އަހަރެންގެ ކިޔެވުމަކަށް ބަދަލެއް ނުގެންނަމެވެ. ނަމަވެސް އަޝްބާ އެ ވަރަށް ބަލާތީ ކިޔަވަން އުނދަގޫވި ވަގުތުތައް ދިޔައެވެ. އަޝްބާއަކީ ރީތި ކުއްޖެކެވެ. ހަށިގަނޑުގެ ކުލަ އަލި، ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ކުއްޖެކެވެ. ކަޅިރަވަ ތޫނު ދެ ލޮލުގައިވާ އެސްފިޔަތައް ދިގެވެ. މޫނުމަތީގައި މި ވަގުތު ދިރުމެއް ނެތް ނަމަވެސް އެ މޫނު ރީއްޗެވެ. އަހަރެންނަށް މި ވިސްނެނީ ކޮން ކަމަކާ ހެއްޔެވެ؟ އަހަރެންގެ މަގުސަދު ހަނދާން ނެތުނީ ހެއްޔެވެ؟ މިފަދަ ކަމަކަށް ހިޔާލު ކުރެވެންވީ ސަބަބެއް ނުވިސްނުނެވެ. އަޝްބާގެ ނަޒަރު އެހެން ދިމާލަކަށް ނުދިޔައެވެ. ވަކި ވަރަކަށް އުނދަގޫވާން ފެށުމުން އަހަރެން ކިޔެވުން ހުއްޓާލީމެވެ.
"ކިހިނެއްވީ؟" ހަމްޒާ އެހިއެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. އިސްޖަހާލީމެވެ.
"ކަމެއް ގޯސްވީތަ؟" އަނެއްކާވެސް ހަމްޒާ ވާހަކަ ދެއްކިއެވެ.
އަހަރެން އިސްއުފުލައި ބަލައިލީމެވެ. އެ ވަގުތު ވެސް އަޝްބާ އޮތީ ބަލަހައްޓައިގެންނެވެ. ނަމަވެސް މި ފަހަރު ހިނިތުންވެލިއެވެ. ޖަވާބުގައި އަހަރެންނަށް ވެސް ހިނިތުންވެވުނެވެ. އެއީ ބޭއިހުތިޔާރުގައި ކުރެވުނު ކަމެކެވެ. އެ ތަނުން ތެދުވެ ނުކުންނަން ހިނގައިގަތީމެވެ. ކޮޓަރިން ބޭރަށް ނުކުމެފައި އަހަރެން އަތް ފުހެލީ ޖީބުން ނެގި ރުމާލުގައެވެ. އަތުގައި ހޭކިފައި ހުރި ކެލާ ކުނޑިތައް ފޮހެވުނެވެ. ނަމަވެސް ހިތުގައި އެޅުނު ރޮނގެއް ނުފޮހެވުނެވެ.
"ހާމިޒް. ކިހިނެއްތަ ވީ؟" ހަމްޒާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ.
"ކަމެއް ނުވޭ. މިރޭ އެކަން ވާ ގޮތެއް ނުވި. އަހަރެން އަންނާނަން މާދަމާ ރޭ ވެސް ހަމަ މި ގަޑިއަށް،" ހިނިތުންވެލަމުން އަހަރެން ބުނީމެވެ.
ދެވަނަ ރޭ ވެސް ވީ އެހެންނެވެ. އަޝްބާގެ ބެލުމުގައި އެ ހުންނަ ކަމަކުން އަހަރެންގެ ހަތަރެސްފައި ފިނިވެއެވެ. މީހާ ހީކަރުވާ ތުރުތުރުލާން ފެށިއެވެ. މާ ގިނަ އިރު އެ ގޮތުގައި މަޑު ނުކުރެވުމުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ހަމްޒާގެ ހިތުގައި އުފެދޭނެ ސުވާލު އަހަރެންނަށް ތަސައްވަރު ކުރެވެއެވެ. ނަމަވެސް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ މިކަހަލަ އުނދަގުލެއް އަހަރެންނަކަށް ނުވެއެވެ. ތަޖުރިބާ ކުރަމުން މިދާ އިހުސާސްތަކަކީ ހިތަށް ހަމަޖެހުން ލިއްބައިދޭ އިހުސާސްތަކެކެވެ. އެހެން ވިޔަސް ސިކުނޑިއަށް އުނދަގޫވާން ފެށިއެވެ.
ތިންވަނަ ރޭ ވެސް ހަމަ އެ ގަޑިއަށް އަހަރެން ދިޔައީމެވެ. އާދައިގެ މަތިން ކިޔަވަން ފެށީމެވެ. އަޝްބާ އޮތީ މަތި ބަލަހައްޓައިގެންނެވެ. އިރުކޮޅަކާ އަހަރެންނާ ދިމާލަށް ބަލާލައެވެ. އަހަރެން މަސައްކަތް ކުރީ ވީހާ ވެސް ބޮޑަށް އަޝްބާއާ ދިމާލަށް ނުބަލާ ވޭތޯއެވެ. އެކަން ވީ ކުރަން އުނދަގޫ ކަމަކަށެވެ. ބަދަލުގައި އަޝްބާ ބެލުން ހުއްޓާލުމުން ވެސް އުނދަގޫވިއެވެ. ބަޔާން ކުރަން ނޭނގޭ ރިހުމެއް އުފެދުނެވެ. މި ކަމަށް ދޭނެ ނަމެއް ނުވިސްނުނެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ރޭ ވެސް ކުރިއަށް ދާ ގޮތެއް ނުވިއެވެ. އަހަރެންނަށް އުނދަގޫވިއެވެ. އެންމެ ފަހުން އެ ރޭ ވެސް މެދުކަނޑާލާފައި ގެއަށް ދިޔައީމެވެ. ހަމްޒާ ގާތުގައި އެކި ފަހަރު އެކި ބަހަނާ ދެއްކީމެވެ. އަދި ވަގުތު ނުޖެހެނީ ކަމުގައި ބުނީމެވެ.
ހަތަރުވަނަ ރޭ ތަފާތުވިއެވެ. އަޝްބާ އެއްވެސް ވަރަކަށް އަހަރެންނާ ދިމާލަކަށް ނުބެލިއެވެ. އެކަމަކު އެކަމުން ވެސް އުނދަގޫވިއެވެ. ނަމަވެސް އަހަރެން ކެތްތެރިވީމެވެ. ކިޔެވުން ހުއްޓާ ނުލައި ކުރިއަށް ގެންދިޔައީމެވެ. އޭގެ އިރުކޮޅެއް ފަހުން އަޝްބާ ދެ ލޯ މަރާލާފައި ހުޅުވާލިއެވެ. ކަޅި ފެންނާކަށް ނެތެވެ. ލޯ ހުރީ ހުދު ކުލައިގައެވެ. އަހަރެންނަށް ހަނދާންވީ ފިނޮޅުގައި ދިމާވި ހާދިސާއެވެ. އެ ވަގުތު ފެނުނު މަހުލޫގެ ދެ ލޯ ވެސް ހުރީ ހުދު ކުލައިގައެވެ. އަހަރެން ހިތަށް އެރިއެވެ. އަނެއްކާ މިއީ އެއްވެސް ގުޅުމެއް ވާ ކަންތައްގަނޑެއް ބާއެވެ.
- ނުނިމޭ -