ވާހަކަ: ރާގީ
އެޕިސޯޑް 22
"އިސްލާމް ދީން ގަބޫލް ކުރޭ. އެއީ ދެބައި މީހުންނަށް ވެސް ފައިދާ ހުރި ގޮތް."
އެހާ ފަސޭހައިން އެއްގަލަކަށް އެރޭނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އޭނާ އިސްލާމްދީން ގަބޫލް ކުރިއެވެ. އިސްލާމް ވުމަށް ފަހު އަމަލުތަކާއި އުޅުން ބަހައްޓަންވީ ގޮތް އަހަރެން ކިޔައިދިނީމެވެ. ދީނާ ބެހޭ ގޮތުން މައުލޫމާތު ކިޔައިދިނީ އަހަރެންނަށް އެނގި ހުރި މިންވަރަކުންނެވެ. އެކަމަށްޓަކައި އޭނަ ޝުކުރު އަދާ ކުރިއެވެ. އަދި ކުރެވުނު ކަންތަކާ ތައުބާވާނެ ކަމުގައި ބުންޏެވެ.
ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ސުޖާއު ދެ ލޯ ހުޅުވާލި އިރު އޭނައަށް ވަނީ ރޮވިފައެވެ. ހިނގާދިޔަ ހުރިހާ ކަމެއް އޭނައަށް އަޑުއިވުނެވެ. އިހުސާސް ކުރެވުނެވެ. ޝުކުރުގެ ސަޖިދައެއް އޭނަ ކުރިއެވެ.
އަހަރެން އެ ރަށުން ފުރީ އެ ދެމަފިރިން ރަނގަޅު ވެއްޖެކަން ޔަގީން ކުރުމަށް ފަހުގައެވެ. ހަސީނާ އާއި މުއާޒް އަހަރެންނަށް ޝުކުރު އަދާ ކުރިއެވެ. އަގެއް ދިނީ އަދަދު ބޮޑުކޮށެވެ. ހިފަން ޖެހިލުންވިއެވެ. ނަމަވެސް ބޭނުންވާލެއް ބޮޑުކަމުން ނޫނެކޭ ނުބުނަމެވެ. އެކަމުގައި އަހަރެން ދެކޭ ގޮތް ބަދަލުވާން ފެށިއެވެ. ވިސްނުމަށް އައީ ދެން އެކަހަލަ ކަމެއް ކުރާ އިރު ފުރަތަމަ ވެސް އަގެއް ކިޔުމެވެ. އެއީ ކީއްވެ އައި ހިޔާލެއް ކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. ފަހުން އެނގުނު ގޮތުގައި ނަޖީބު އެ ރަށަކު ނޫޅެއެވެ. އޭނާ ކުރި ކަންތައް ފަޅާއެރުމުން އެ ރަށް ދޫކޮށް ދިޔައީއެވެ. ވީ ތަނެއް ރަށު އެއްވެސް މީހަކަށް ނޭނގެއެވެ.
މާލެ އައުމަށް ފަހު އަހަރެންގެ ވިސްނުން ބަދަލުވިއެވެ. އަހަރެން ބޭނުންވީ ވަޒީފާއިން ކެނޑޭށެވެ. އަދި މި ރޮނގުން އިތުރަށް ކުރިއަށް ދާށެވެ. މި ދާއިރާއިން ކުރިއެރުމާއި އިތުރު ކާމިޔާބީތައް ބޭނުންވިއެވެ. ހަރުދަނާ އާމްދަނީއެއް ލިބޭ މަސައްކަތަކަށް މިކަން ހަދަން ބޭނުންވިއެވެ. އިންޓަނެޓް މެދުވެރިކޮށް އެކަމާ ބެހޭ އިތުރު މައުލޫމާތުތައް އެއްކުރަން ފެށީމެވެ. އެކި ގައުމުތަކުގައި އެކަން ކުރާ ގޮތް ހޯދައި ބަލަން ފެށީމެވެ. އެކަމާ ބެހޭ ފޮތެއް ވާ ނަމަ އަހަރެން އެ ފޮތެއް ގަންނަމެވެ. ބޭރު ގައުމުތަކުން ލިބެން ހުންނަ ފޮތެއް އެނގުނަސް ރާއްޖެ ގެންނަން ފެށީމެވެ. ކުރު ގޮތަކަށް ބުނާ ނަމަ އަހަރެންގެ ދުނިޔެއަކަށް އެ މަސައްކަތް ވާން ފެށިއެވެ. އެހެން ނަމަވެސް އެންމެ ފުރިހަމަ މިނިވަންކަމާ އެކު އެ މަސައްކަތުގައި އުޅުމަށް ހުރަހަކަށްވީ އުޅެމުން އައި ތަނެވެ. ވުމާއެކު ވަކިން ތަނަކަށް ބަދަލުވީމެވެ.
އެ ތަނަކީ އެއް ކޮޓަރި ތަނެކެވެ. ހަތް ފަންގިފިލާއަށް ހަދާފައިވާ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި އުޅެނީ އަހަރެން އެކަންޏެވެ. ކައްކާ ކެވޭ ގޮތަށް ހަދާފައިވާ އެތަން އަހަރެން ބޭނުންވާ ގޮތަށް ތަރުތީބު ކޮށްލީމެވެ. ފާރުތަކުގައި އަނދިރި ކުލައެއް ލީމެވެ. ނިދާ ކޮޓަރީގައި ފަނޑު އައްޔެއް ދޭ ބޮއްކެއް ހަރުކުރީމެވެ. ފަންކާއެއް ނުލަމެވެ. އޭސީއެއް ވެސް ލީމެވެ. އެ ހުރިހާ ހަރަދެއް ކުލިން ކެނޑިއެވެ. އަހަރެންގެ ބަޖެޓަށް ފެތޭ އެތަނުގައި އަހަރެން އުޅެން ފެށީ ހިތްހަމަޖެހިގެންނެވެ.
އަމިއްލަ ދިރިއުޅުމަށް އައި އަނެއް ބަދަލަކީ ކަޅުކުލައަށް ލޯބި ޖެހެން ފެށުމެވެ. ކަޅު ގަމީހާއި ކަޅު ޖީންސުގެ އިތުރުން ކަޅުކުލައިގެ ޓީޝާޓް ގަންނަން ފެށީމެވެ. އަހަރެން ހީވެސް ނުކުރާ ކަހަލަ މި ބަދަލުތަކަކީ ހެޔޮ ބަދަލުތަކެއް ކަމުގައި ވިސްނެމުންދިޔައެވެ. އަހަރެންގެ އިސްތަށިގަނޑަކީ ފަން އިސްތަށިގަނޑެކެވެ. އެ އިސްތަށިގަނޑު ނުކޮށައި ދިގު ކުރަން ފެށީމެވެ. ހަޔާތަށް އައި ބޮޑެތި މި ބަދަލުތައް އަހަރެންގެ އާއިލައަކަށް ކަމަކު ނުދިޔައެވެ. ހާއްސަކޮށް ބައްޕައަށެވެ. ބައްޕަ ނަސޭހަތް ދޭން ފެށިއެވެ. އަހަރެންނަށް ވީ ބޮލުގެރިހުމަކަށެވެ. އަހަރެންނަށް ހީވީ މިނިވަންކަމާ ބެހެނީ ކަމުގައެވެ. ވުމާއެކު ބައްޕަގެ ފޯނު ކޯލްތަކަށް ޖަވާބު ދިނުން މަދު ކޮށްލީމެވެ.
ދުވަހެއް ދުވަހަކަށް އަހަރެންނަށް ދާން އޮތް މަގު އަލިވަމުން ދިޔައެވެ. އަހަރެންނަށް ފެންނަނީ ކާމިޔާބެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އަހަރެންނަށް ގުޅައެވެ. އެ މީހުންގެ ހާލަތު ބަޔާން ކޮށްދެއެވެ. އަހަރެންނަށް ވަގުތު ވީ ވަރަކުން ކޮންމެ މީހަކަށް ވެސް އެހީތެރިވަމުން ދިޔައީމެވެ. އަހަރެންގެ އެކައުންޓަށް ފައިސާ ވަންނަމުން ދިޔައީ ހީވެސް ނުކުރާހާ ބާރު މިނުގައެވެ. އަހަރެންގެ މަގުސަދު ހަނދާން ނެތެން ފެށީ އެ ހިސާބުންނެވެ. މިކަމަކީ އާމްދަނީ ހޯދަން ކޮށުނު ކުރު މަގެއްކަމުގައި ވިސްނުނެވެ.
އެއް ރެއެއްގެ ފަތިހެވެ. އަހަރެން ހުރީ އިރުއަރާ މަންޒަރު ފޮޓޯ ނަގާށެވެ. ފަހަތުން މީހަކު ގޮވާލި އަޑަށް ބަލައިލީމެވެ.
"ތިއީ ރުގްޔާ ކުރާ ހާމިޒްތަ؟" އަހަރެން އޭނައާ ދިމާލަށް ހިނގައިގަތީމެވެ. ކުރިމަތީ ހުރީ ދެބައި އުމުރުގެ ފިރިހެނެކެވެ. ހަށިގަނޑު ހިއްކެވެ. ބޮލުގެ އިސްތަށިގަނޑު ވަރުގަދައެވެ. ހީވަނީ ކަޅު ކުލަ ޖައްސާފައި ހެންނެވެ. މަޑު ނޫކުލައިގެ ރޮނގުދެމި ގަމީހަކާއި ފަޓުލޫނެއް ލައިގެން ދަށަށް ޖަހާލައިގެން އޭނާ ހުރީ ޖީބަށް އަތް ވެސް ޖަހާލައިގެންނެވެ.
"ތިޔަ ބުނީ ރަނގަޅަށް. މިއީ އެ މީހަކީ،" އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން ހިނިތުންވެލީމެވެ. "ކިހިނެއް ވީ؟"
"މި އުޅެނީ ވަރަށް ބޮޑު ކަމެއް ޖެހިގެން. ވަގުތެއް އޮތިއްޔާ އަހަރެމެންގެ ގެއަށް ޖައްސާލަންވީނު." އޭނަ ފޯނު ނެގިއެވެ. "އަހަރެންނަށް ކިޔަނީ ހަމްޒާ، މިއީ އަހަރެންގެ ނަންބަރު. ރިންގެއް ދީބަލަ."
އޭނަ އެ ބުނި ގޮތަށް އަހަރެން ކަންތައް ކުރީމެވެ. އަދި ނަންބަރު ހަމްޒާ ނަމުގައި ސޭވް ކުރީމެވެ.
"އަދިވެސް ވީ ކަމެއް ނުބުނަމެއްނު؟" އެންމެ ފަހުން އަހަރެން ބުނީމެވެ.
"ވެގެން މި އުޅޭ ގޮތަކީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު..." އެހެން ބުނެފައި އޭނަ ދެ އަތަށް ބޯ ހޫރުވާލިއެވެ. "ނޭނގެ އޭނައަށް ވާ ގޮތެއް."
"އެންމެ ރަނގަޅު. ހިނގާ ތި ވާހަކަ ދައްކާލަން މިތާ ކައިރި ތަނަކަށް،" އަހަރެން މަގު ދައްކަމުން ބުނީމެވެ. "ހެނދުނުގެ ސައި ގަޑި ވެސް ޖެހިއްޖެ."
އަހަރެންނާއި ހަމްޒާ ދިޔައީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. ހެނދުނުގެ އެ ވަގުތަކީ ގިނަ އަދަދެއްގެ މީހުން ނާސްތާއަށް އިންސާފު ކުރަމުން ދިޔަ ވަގުތެކެވެ. ކުޑަކުދިންނާއި އާއިލާގެ މެންބަރުންނާ އެކު އަންނަން މިއީ ހިތްގައިމު ތަނެކެވެ. އަހަރުމެން އެރީ މައްޗަށެވެ. ތަންކޮޅެއް އެކަހެރިކޮށް ހުރި މޭޒަކަށް އަހަރެމެން ދިޔައީމެވެ. އެތަނުގައި ތިބޭ އިރު ކުރިމަތިން ފެންނަން އޮތީ ހުޅުމާލެއަށް ދާ ބްރިޖެވެ. މަޑުމަޑުން ވައިޖެހެމުން ދިޔަ ނަމަވެސް ހެނދުނުގެ އިރާ އެކު ހޫނުކަން އިހުސާސް ކުރެވެމުން ދިޔައެވެ. ވެއިޓަރު އައުމުން ދެ މީހުން ވެސް ބުނީ މަސްހުންޏާއި ރޮށި ގެނައުމަށެވެ.
"ކިހިނެއްވީ ދަރިފުޅަށް؟" ގެނައި ކަޅު ސައި ތައްޓަށް ހަކުރު ޕެކެޓެއް އަޅާލަމުން އަހަރެން އަހާލީމެވެ.
"ހަގީގަތަށް ބުނަންޏާ ނޭނގެ ވީ ކިހިނެއް ކަމެއް. އެކަމަކު މިހާރު ވަމުންދާ ގޮތް ކިޔައިދީފާނަން. ފުރަތަމަ ވާން ފެށި ގޮތަކީ ރުޅި ގަދަ ވާން ފެށީ. ކުދިކުދި ކަންކަން ވެސް ބޮޑު ކޮށްލައިގެން އުޅެން ފެށީ. ދެން ބޮލުގައި ރިއްސާ ވާހަކަ އަބަދު ކިޔާނެ. ބިރުވެރި ހުވަފެން ފެނިގެން ހަޅޭއްލަވަން ފަށާފާނެ. ދެން ނަމާދު ކުރުން ހުއްޓާލީ ހަމަ ކުއްލިއަކަށް. ދެ ނަމާދު ދޭތެރޭ ވެސް އިންނާނެ ޓެރަހަށް އަރައި އުނދޯލީގައި. އެތަނުގައި އިނދެގެން ލަވަ އަޑުއަހާ. އެ ހިސާބުން އަހަރެން ބުނިން އަންހެނުން ގާތު، މިއީ އާދައިގެ ކަމެއް ހެނެއް ހިއެއް ނުވެއޭ." ހަމްޒާ ދެއަތަށް ބޯ ހޫރާލިއެވެ.
"އެކި ޑޮކްޓަރުންނަށް ވެސް ދެއްކިން. މީހުން ބުނިއްޔާ ބުނި ކަމެއް ކުރިން. އެކަމަކު ވީ ހަމަ އެއްވެސް ކަމެއް ނެތް. ފަންޑިތަ ހަދާ މީހުން ވެސް ގެނައިން. ތަށި ލިޔުއްވައި، ފެން ކިޔުއްވައި އެކަހަލަ ކަންކަން ވެސް ކުރިން. އެއްވެސް ފައިދާއެއް ނުކުރި،" ހަމްޒާ ކޮފީ ފޮދުވަރެއް ބޯލިއެވެ. "ދެ މީހުންނާ އިނދެ ވަރި ވެފައި ހުރީ."
- ނުނިމޭ -