ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

12 އޭޕްރީލު 2023
1

އެޕިސޯޑް 21

މުއާޒް ވެސް ކުރުސި ކިޔާފައި އެ މޮހާލިއެވެ. އޭގައި އޮތީ ވަރަށް ބާވެފައިވާ ޓީޝާޓެކެވެ. އަދި 2 އިންޗި ވަރަށް ކުޑަކޮށް ބަނދެފައިވާ އިސްތަށިކޮޅެކެވެ. ކުޑަ ފޮތިކޮޅެއްގައި ބަދެފައިވާ އެއްޗެއް ވެސް ހުއްޓެވެ. އެ ވެސް މޮހާލިއެވެ. އެއިން ފެނުނީ ނިޔަފަތިތަކެކެވެ. ހުރީ ހީނާފަތް އަޅާފައެވެ. އަހަރެން ބަލާލީ ސުޖާއުއަށެވެ. އެ ވަގުތު އޭނައަށް ބިރުން ފަހަތަށް ޖެހިލެވުނެވެ.

"ތިއީ ނުޒޫގެ އެއްޗެހި. އާނ. އޭނަ އުޅުނު މި ޓީޝާޓް ގެއްލިގެން. މިއީ އޭނަ ނިދަން ލާ އެއްޗެއް. ނުޒޫ ވަރަށް ހީނާފަތް އަޅާ ހިތްވާނެ. ތިއީ އޭނަގެ ނިޔަފަތި. ހަމަ ޔަގީން." ސުޖާއުއަށް ރޮވެން ފެށިއެވެ. އެންމެ ޅަ އިރުއްސުރެ ބައްޕައެއްގެ ލަގަބު ދީގެން އުޅުނު މީހާގެ ހުރި ވިޔާނުދާކަން އެނގުމުންނެވެ. ލޯބިވާ އަނބިމީހާއަށް އެފަދަ ދެރައެއް ދޭން އޭނާ ބޭނުންވީ ކޮން ފަދަ ނުބައި މަގުސަދެއްގައި ހެއްޔެވެ؟ ހަސީނާ ހުރީ ރޯން ބޭނުންވެ ނުރޮވިފައެވެ. ލޮލަށް ފެންނަމުން ދިޔައީ ހަގީގަތެއްކަން ގަބޫލް ކުރަން ވެސް އުނދަގޫވެފައެވެ.

"މި އެއްޗެހި ޖެހޭނީ ނައްތާލަން،" އަހަރެން ބުނީމެވެ.

"ރޯކޮށްލަންވީ ތަ؟" މުއާޒް އެހިއެވެ.

"ނޫން. ތި ނައްތާލަން ޖެހޭނީ އެއްޗެއް ކިޔަވާލާފައި. އަލިފާނަކީ ޖިންނިން އުފެދުމުގެ އަސްލު. ތި އެއްޗެހި ޖެހޭނީ ކަނޑަށް އަޅާލަން،" އަހަރެން ބުނީމެވެ.

ދުވަހުގެ ހަވީރުވުމުގެ ކުރިން އަހަރެން އެދުނު ގޮތަށް ހުރިހާ ކަމެއް ނިމިގެން ދިޔައެވެ. ނުޒުލާ ކޮޓަރިން ނުކުތީ އަމިއްލައަށެވެ. އިރުގެ އަލިކަން ފެނުމުން ނުޒުލާގެ ލޮލަށް އުނދަގޫވާހެން ހީވިއެވެ. ދެ ލޯ މަރަން ފެށިއެވެ. މަޑު ހިނގުމެއްގައި ގޮސް އުނދޯލީގައި އިށީނެވެ. ގާތުގައި ހަސީނާ ވެސް އިނެވެ. ހަސީނާގެ ކޮނޑުގައި ނުޒުލާ ބޯ އަޅާލިއެވެ. އެ މަންޒަރު ބަލަން ސުޖާއު ހުރީ ފެންކަޅިވެފައެވެ. ނަމަވެސް ހިތާމައަކީ ސުޖާއުގެ ފަހަތުން ފެންނަން ހުރި ހިޔަނި ދުރަށް ނުދާކަމެވެ. އެކަމަށް ޖެހޭނީ ވަކި ރުގްޔާއެއް ކުރާށެވެ. ސުޖާއުގެ އުޅުން ވެސް ބަދަލު ކުރާށެވެ.

"އަހަރެން ދޭނަން ނުޒުލާ ކިޔަވަންވީ ޒިކުރުތަކެއް. އަދި ބައެއް ދުއާތަކާއި ހެނދުނާއި ހަވީރު އަދި ނިދުމުގެ ކުރިން ކުރަންވީ ބައެއް ކަންކަން ވެސް،" މުއާޒް ގާތުގައި އަހަރެން ބުނީމެވެ.

"ދެން އަހަރެން؟" ސުޖާއު ކަންބޮޑުވުން ފާޅު ކުރަމުން ބުންޏެވެ.

"މިރޭ ތި ކަމާ އުޅޭނީ. ދެން އެ ސޮރުމެންނަކަށް ބާރެއް ނުދެއްކޭނެ. ވަރިތޮޅި އެ ވަނީ ނައްތާލާފައި. އެ މީހުން ޖެހޭނީ އަނދާ އަޅިއަށް ވާން. ނުވަތަ އިސްލާމްދީން ގަބޫލް ކުރަން." އަހަރެން އެހެން ބުނީ ސުޖާއުގެ ފަހަތަށް ބަލާލަމުންނެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ސުޖާއު އޮތީ ޖޯލީގައެވެ. ނުވިސްނަން ބޭނުންވިޔަސް ވިސްނެނީއެވެ. އާއިލާ ކަމަށް ދެކެމުން އައި ބައްޕަގެ މަގާމުގައި ހުރި މީހަކު އެފަދަ ކަމެއް ކުރުމުން އެކަން ގަބޫލް ކުރަން ދަތިވެފައެވެ. ދަންވަރުވުމުން ހިތުގައި ޝައްކާއި ވަހުމް އުފެދެއެވެ. ބިރުގަންނަން ފެށީ ކަމުގެ ބޮޑުކަމާއި ހަގީގަތް ހާމަވުމުންނެވެ. ކޮށްފާނެ ކަމަށް މީހަކު ހީވެސް ނުކުރާ ކަހަލަ ކަންކަން ކޮށްފައި ހުރީމައެވެ. ކޮއްކޮގެ ޅަ އުމުރު އަނދިރިކަމުގެ ތެރެއަށް ވައްޓާލީ ވެސް ނުބައި މީހެއްގެ ރޭވުންތެރިކަމުންނެވެ. އެކަންކަން އެނގެން މިހާ ލަސްވީ ކީއްވެ ހެއްޔެވެ؟ ސުމާނާއަށް ގުޅާފައި އެ ވާހަކަ ދައްކަން ހިތަށް އެރިއެވެ. ނަމަވެސް ޖެހިލުންވިއެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟

އަހަރެން އިނީ ކޮޓަރިތެރޭގައެވެ. ރޭގަނޑުގެ ކެއުމަށް ފަހު، އޮފީސް މީހަކާ މަޝްވަރާއެއް ކޮށްލުމަށެވެ. ޗުއްޓީގެ ދުވަސް ހަމަވާން އޮތީ ދެ ދުވަހެވެ. ދެ ދުވަސް ތެރޭގައި މާލެ ދާން ފުރަން ޖެހޭނެއެވެ. އަހަރެން ބޭނުންވީ ސުޖާއުއަށް ދިމާވެފައިވާ މުސީބާތުން ސަލާމަތްކޮށްދޭށެވެ. ވަރަށް ގިނަ ފަހަރު އެދުމުން އިތުރު ދެ ދުވަސް ޗުއްޓީގެ ގޮތުގައި އިތުރު ކޮށްދިނެވެ.

ކޮޓަރިތެރެއަށް ވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. ގަޑިން އޭރު 10 ޖަހަނީއެވެ. އަހަރެން އިނީ އެނދާ ދާދި ގާތުގައި ހުރި ގޮނޑިއެއްގައެވެ. ކައިރީގައި މުއާޒް އިނެވެ. އެނދުގައި އޮތީ ސުޖާއުއެވެ.

"އަހަރެން ވަރަށް ބިރުގަނޭ. މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތަ؟" ސުޖާއު ޖެހިލުންވެފައި އެހިއެވެ.

"ކޮން ކަމަކާ ބިރުގަންނަނީ؟ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ. ލޯ މަރާލާ،" އަހަރެން ބުނީމެވެ.

ސުޖާއު ލޯ މަރާލިއެވެ. ހުދު ފޮތިގަނޑަކުން ސުޖާއުގެ ހަށިގަނޑު ނިވާ ކުރީ ހަމައެކަނި މޫނު ފެންނަ ހެންނެވެ. ޖީބުން ނެގި ކުޑަ ފޮތެއް އެނދު ކައިރީގައި ބޭއްވީމެވެ. އަދި ހުދު ތަށީގައި މާމުއި ބޭނުން ކޮށްގެން ލިޔަން ފެށީމެވެ. ވަކި ހިސާބަކަށް ލިޔެވުމުން ގުރުއާން ކިޔަވަން ފެށީމެވެ. އެ ގޮތުގައި 13 މިނެޓް ހިނގިއެވެ. ތަށި ލިޔެ ނިމުމުން އަހަރެން ކިޔެވުން ހުއްޓާލީމެވެ.

"ސުޖާއުގެ ކަކުލުގައި ޖަހާލަބަލަ،" މުއާޒް ގާތުގައި ބުނީމެވެ. އެ ވަގުތު މުއާޒް އެކަން ކުރިއެވެ.

"މަށަކަށް ނުވާނެ އެއްވެސް ތަދެއް،" ކުއްލިއަކަށް ސުޖާއު ލޯ ހުޅުވަލާފައި އަންހެން އަޑަކުން ބުންޏެވެ. "ކުރިން ވެސް މި ގޮތް އޮތް ދޯ."

"ފިރިހެނެއްގެ ހަށިގަނޑުގެ ތެރޭގައި އުޅޭ އިރު ތަފާތު އިހުސާސެއް ކުރެވެނީ. މާ ހިތްހަމަޖެހޭ. އަދި އެ ވެސް ތިމާ އެންމެ ބޭނުން ވާ މީހާ،" 'ސުޖާއު' ހިނިތުންވެލަމުން ބުންޏެވެ.

"އަހަރެން މިރޭ ކަލޭ މިތަނަށް މި ގެނައީ މާ ގިނަ ވާހަކަތައް ދައްކާކަށް ނޫން. ބޭކާރު ގޮތުގައި ވަގުތުތައް ހޭދަ ކުރާކަށް ވެސް ނޫން،" ޖެހިލުންކުޑަކަމާ އެކު އަހަރެން ބުނީމެވެ.

"ކަލޭ ކުރިމަތީގައި އޮތީ ދެ ގޮތް. އެއް ގޮތަކީ ސުޖާއު ދޫކޮށް މުޅި އުމުރަށް ދިޔުން. ނުވަތަ ކަލޭ އަންދާލުން،" އަހަރެން ބުނީމެވެ. "ތިންވަނަ ގޮތް ވެސް ބުނެފާނަން. އިސްލާމް ދީން ގަބޫލް ކުރޭ."

"ކަލޭމެންގެ މުޅި އުމުރު ތި ހޭދަ ކުރަނީ މީހުންނަށް ގެއްލުން ދިނުމާއި ފާފައިގެ ތެރޭގައި. ކަލޭމެން ފަހުރުވެރި ވަނީ ދިގު އުމުރެއް ދެއްވީތީ. އެކަމަކު ދެން މާ ގިނަ ދުވަހެއް ނެތް ކަލެއަކަށް. އަހަރެން ބޭނުން ނަމަ މިރެއިން މިރެއަށް ވެސް ކަލޭގެ ދުވަސް ދުއްވާލެވިދާނެ،" އަހަރެން ބުނީމެވެ.

"އެހެންވީމައޭ އަހަރެމެން އަބަދުވެސް ބުނަނީ އިންސާނުންނަށް ކިތަންމެ ކުޑަ ބާރެއް ލިބުނަސް ހާދަ ބޮޑާވެއޭ. ކަލެއަށް އިހުސާސް ކުރެވޭތަ ކަލެއަށް އަންނަމުން ތިދާ ބަދަލުތައް؟ އަހަރެންގެ ލޮލަށް ފެނޭ. މަ ކީކޭ ފުރަތަމަ ރޭ ބުނީ؟ ކަލޭ ހަނދާނެއް ނެތް ދޯ؟" ޖިންނި ބުނި ވާހަކަ އަހަރެން ހަނދާން ހުއްޓެވެ. ނަމަވެސް އެ ބުނާ ބަދަލުތަކެއް އަންނަމުން ދާކަން ވެސް އެއީ ދޮގެއް ނޫނެވެ.

"ކަލޭ މިއަދު ކިތައް ނަމާދު ކުރިން؟" ޖިންނި އެހިއެވެ. އަހަރެން ހައިރާންވިއެވެ. ހަނދާން ކޮށްލީމެވެ. އެންމެ ނަމާދެއް ވެސް ނުކުރެވެއެވެ. އެހެންވިއްޔާ އަހަރެން އެ ގަޑިތަކުގައި ކުރީ ކީއް ހެއްޔެވެ؟ މުއާޒް އިނީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ ތެދެއްހޭ އަހާ ކަހަލަ ގޮތަކަށެވެ.

"ކަލޭ މިތަނަށް ގެނައީ އަހަރެންނާ ސުވާލް ކުރާކަށް ނޫން. އިސްލާމްދީން ގަބޫލް ކުރާނީތަ ނުވަތަ އަންދާލަންވީތަ؟ މުޅި އުމުރު ދުނިޔޭގެ އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަ ކުރަމުން ބޭކާރު ކޮށްފައި އާހިރަތުގެ މޮޅާ މަންފާ ހޯދިއްޖެއްޔާ އުފަލެއް ނުވާނެތަ؟ އޭރުން ކަލެއަށް ދެ ދުނިޔެ ލިބުނީ. ހިތްހަމަޖެހުމާއި އުފަލާއި އަރާމު ލިބުނީ. މީހާ ކުރި ހުރިހާ ފާފައެއް ފޮހެވި ހުދު ކަފަކޮޅަކަށްވީ. އެއްވެސް ހުރަހަކާ ނުލާ ސުވަރުގެ ވަންނަންވީ،" އަހަރެން ބުނީމެވެ.

ހިނދުކޮޅަކަށް ޖިންނި ހަމަހިމޭންވިއެވެ. އެއްޗެއް ނުބުނެ އިރުކޮޅެއްވިއެވެ. ވިސްނާލަން ބޭނުންވީ ކަމުގައި ވެދާނެއެވެ. އީމާންތެރިކަމަކީ ވަގުތު ޖެހުމުން އެކަމުގެ ފޮނިމީރުކަން ލިބޭ ނިއުމަތެކެވެ. ބަޔާން ކުރަން ނޭނގޭ ފަދައިން ފެތުރިގެންދާ އަލިގަދަ ނޫރެކެވެ. ކިތަންމެ ހަނި ޖާގައަކުން ވަގުތު ކިތަންމެ ކުޑަ ތަންވަޅެއް ދިން ނަމަވެސް ދެމިގަނެގެންދާ ފަދަ އައްޔެކެވެ.

"ހަމަ ގައިމު ވެސް ކަލޭ މަރާލާކަށް އަހަރެން އެއްވެސް ޖެހިލުމެއް ނުވޭ،" ވަގުތުގެ ބޭނުން އަހަރެން ހިފީމެވެ. "ކަލޭ ވެސް ބޭނުންވާނީ ވަގުތީ އުފަލަކަށް ވުރެ ދާއިމީ އުފާ. ދާއިމީ ނިއުމަތާއި ހިތްހަމަޖެހުން. މިހާ ދުވަހު ފާފައިގެ ތެރޭގައި އުޅެފައި އެހާ ފަސޭހައިން ސުވަރުގެ ދެވެން އޮއްވައި ނުދާނީ ކާކު؟ މޮޔައެއް ދޯ؟ އިސްލާމް ދީން ގަބޫލް ކުރޭ. އެއީ ދެ ބައި މީހުންނަށް ވެސް ފައިދާ ހުރި ގޮތް."

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

އަށްގޮދާ

14 އޭޕްރީލު 2023
ވަރަށް އިންޓަރެސްޓިން. ބިންމާ ގޮތަށް ކިޔާއެކައްޗެއް ނުކިޔާ ވާހަކަ ކުރިއަށް ގެންދަނީ.... ވާހަކަ ފެންނުވާނެކަމަށް ހީކުރަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް