ވާހަކަ: ރާގީ
އެޕިސޯޑް 20
އަހަރެންނަށް ފަހަތަށް ޖެހިލެވުނެވެ. އެ ވަގުތު ތެތް އެއްޗަކަށް އެރުނެވެ. އަވަސް އަވަހަށް ދުރަށް ޖެހިލާފައި ތިރިއަށް ބަލާލެވުނެވެ. މުށިތައް މަތީގައި އޮތީ މަޑު ރީނދޫ ކުލައިގެ ދިޔައެކެވެ. ހީވަނީ ލޮނދި އެއްޗެއް ހެންނެވެ. ލޮނދިތައް ހަރަކާތް ކުރާހެން އަހަރެންނަށް ހީވިއެވެ. ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ދެ ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރެވުނީއެވެ. މަޑުމަޑުން އޭތި ހަރަކާތް ކުރަމުން ގޮސް ދެމެން ފެށިއެވެ. އަދި ފާހަނާ ދޮރު ދަށަށް ދިޔައެވެ. އަހަރެން ގޮސް ފާހާނާ ދޮރު ހުޅުވާލީމެވެ. އެއްވެސް އެއްޗެއް ނެތެވެ. ދެން ވެސް ނަމާދު ކުރާކަށް ސަމާލުކަމެއް ނުދެވުނެވެ. ކަންނެތްކަމާއެކު އާފުރެމުން ގޮސް އެނދަށް ވެއްޓިގަނެވުނެވެ. އޮވެވުނީ ބަންޑުންނެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލަން މަސައްކަތްކުރީމެވެ.
"ދެން ކުރަންވީ ކޮން ކަމެއް؟" ހެނދުނުގެ ނާސްތާއަށް އިށީންނަމުން މުއާޒް ބުންޏެވެ. ސައިބޯން ތިބި އަހަރެންނާއި މުއާޒް އަދި ހަސީނާއެވެ.
"ކޮބާ މިއަދު ސުޖާއު؟" މުއާޒް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންނަށް ވެސް ކުރެވުނީ ސުވާލެކެވެ.
"ނޭނގެ. ވަރަށް ހެނދުނާ ނުކުމެގެން ގޮސްފި،" ކަޅު ސައި ތައްޓެއް އަހަރެންނާ ގާތް ކޮށްލަމުން ހަސީނާ ބުންޏެވެ.
"ހާމިޒްއަށް ހަމަ ޔަގީންތަ މި ކަމުގައި ސުޖާއުގެ އަތެއް ނުވާކަން؟" މުއާޒް ރޮށްޓެއް ނަގަމުން އެހިއެވެ.
"ޔަގީނެއް ނޫން. ހީވަނީ. އެކަމަކު ނުޒުލާއަށް ދެރައެއް ދީގެން އޭނައަށް ވަކި ކޮން މޮޅެއް ވާނީ؟" އަހަރެން އެހެން ބުނެ ނިމުނު ވަގުތު ސުޖާއު ކާ ކޮޓަރިއަށް ވަންނަނީއެވެ.
"އަހަރެންނަށް ވާނެ އެއްވެސް މޮޅެއް ނޯންނާނެ. މަށަށް ތި ޝައްކު ކުރަނީ މަ ކޮން ކަމެއް ކޮށްގެން؟ މިހާރު ވެސް ހިނގާބަލަ ނަޖީބު ކައިރިއަށް. މަ ތިކަމުގައި ބައިވެރިވި ތޯ އަހާލަން." ސުޖާއު އައިސް ގޮނޑީގައި އިށީނެވެ. ހަސީނާ ހައިރާންވީ ނަޖީބުގެ ނަމުން ސުޖާއު މުހާތަބު ކުރުމުންނެވެ.
"އަހަރެންނަށް އެނގޭ އަހަރެން ކަންކަން ސިއްރު ކުރިކަން. ކުރިން ބުނަން ޖެހޭ އެއްޗެހި ނުބުނެ ހުރެވުނުކަން. އެކަމަކު އަހަރެން ވެސް އުޅުނީ މަސްހުނިގަނޑެއްގެ ތެރޭގައި. އޭނަ އެ ދެއްކީ ތެދު ވާހަކަތަކެއް. އަހަރެންނަށް މީހަކު ހުންނަކަން އިހުސާސް ކުރެވެން ފެށީ ނުޒުލާއަށް އެ ބަދަލުތަކެއް އަންނަން ފެށިތަނާ. ހުދު އަހަރެންނަށް ވެސް ނޭނގެ ވަނީ ކީއް ކަމެއް. ކާ ހިތެއް ވެސް ނުވޭ. ވަރަށް ގިނަ ވަގުތު ތުނޑީގައި ވެސް ހޭދަ ކުރެވެން ފެށި. މުއާޒްއަށް ފާހަގަނުވާ ކަމެއް ނޭނގެ. އެކަމަކު ދަންވަރު ވެސް އަހަރެން ވަރަށް ގިނައިން ޖޯލީގައި އެކަނި އޮންނަން. އަހަރެންނަށް އިހުސާސް ކުރެވެނީ ކޮންމެވެސް ރައްކާތެރިކަމެއް އަހަރެން ވަށައިގެން ވާކަން. އަހަރެންނަށް އޭގެ ސަބަބުން ހިތްހަމަޖެހުން ލިބެނީ. ހިތަށާއި ހަށިގަނޑަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ވާން ފެށީ. އެކަމަކު ފަހުން އެނގުނު އެއީ އަސްލެއް ނޫންކަން. އެކަމުގައި ކޮންމެވެސް ގޯހެއް އެބަ އުޅޭކަން." ސުޖާއު އިނީ އިސްޖަހާލައިގެންނެވެ. "އަހަރެންނާއި އަހަރެންގެ އަންހެނުން މި ކަމުން ސަލާމަތް ކޮށްދީ. ޕްލީޒް."
ސުޖާއުގެ ވާހަކަތައް އަޑުއަހަން އެހެން މަހުލޫގެއް ވެސް އެތަނުގައި ހުއްޓެވެ. އެކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ.
"ޖިންނި އަވަލުމާއި ސިހުރު ޖެހުމަކީ މުޅިން ދެ ކަމެއް. ސުޖާއުއަށް ވަނީ ޖިންނިއެއް ހިތާވެ އަވަލާފައި. ސިހުރުގެ ކަމެއް ނަމަ ތިއަށް ވުރެ ތަންކޮޅެއް ފަސޭހަވާނެ ރަނގަޅު ކުރަން. ސިހުރު ޖެހުމުން ފެންނަ ބައެއް އަލާމާތްތަކަކީ މާ ގިނައިން ބޮލުގައި ރިއްސާނެ. ރީތިކޮށް ހިނގާބިނގާވެ އުޅުނު މީހަކު ކުއްލި ކުއްލިއަށް ވެއްޓެން ފަށާފާނެ. އެވަގުތު އޭނައަށް ހީވެދާނެ މީހަކު ފަހަތުން ކޮށްޕާލީއޭ ވެސް. އެއްވެސް ކަމަކާ ނުލާ މާގިނައިން ހީފާނެ. އެކަނި އިނދެގެން ވާހަކަ ދައްކާނެ. ދެން އަނެއް ކަމަކަކީ މީހާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައުން. މިސާލަކަށް މާގިނައިން ނިދުމާއި ކާ މިންވަރު ގިނަވުން. ނޫނީ ކުއްލިއަކަށް މާޔޫސްވުމާއި އެއްވެސް ކަމަކާ ނުލާ މާ ގިނައިން ރުއިން. ބަރާބަރަށް ނިދާ މީހަކު ވަކި ސަބަބަކާ ނުލާ ރޭގަނޑު ހަތަރުދަމު ހޭލާ ހުރެފާނެ. ޝައިތާނާ ނިދާނީ ފަތިސްވުމުގެ ކުރިން. ދެން ހޭލައިގެން ހަރަކާތްތެރިވެ ގަންނާނީ މަޣްރިބުގެ ބަންގީގެ ފަހުން. އެ ގަޑިތަކަށް މި ބުނާ ކަހަލަ މީހުންގެ ހަރަކާތްތައް ވެސް އަވަސްވެގަންނާނެ. ސިހުރު ޖެހުނީމަ ތިމާއަށް ޒާތްޒާތުގެ ހުވެފެން ފެންނާނެ. މިސާލަކަށް އުސް ތަނަކުން ވެއްޓޭތަން، ނުވަތަ ކަޅު ހަރުފަ އާއި ނަގުލަންދާށި ކަޅު ކުއްތާ ކަހަލަ އެއްޗެހި ހަމަލާ ދޭތަން. ނުވަތަ ކަޅު ވެނެއް މޫދު އަޑީގައި ތިމާއަށް ގޯނާ ކުރާތަން." އަހަރެން ފުން ނޭވައެއް ލީމެވެ.
"އެކަމަކު މިއާ ހިލާފަށް ޖިންނި އަޅައިގަތީމަ ގޯނާ ކުރާނީ މަދު ފަހަރަކު. އެ ސޮރުމެން ރުޅި އަންނަ ކަހަލަ ކަންކަން ކުރުމުން ޖެއްސުން ކުރާނެ. މިސާލަކަށް ނަމާދުތައް ގަޑިން ގަޑިއަށް އާދަކޮށް ކުރުން. ގޭތެރޭގައި ގިނަ ވަގުތު ގުރުއާން ކިޔަވައި އަޑުއެހުން. ނުވަތަ މިސްކިތުގައި ވަގުތު ހޭދަ ކުރުމާއި ޒިކުރުތައް ކޮށް ދުއާ ކުރުން ގިނަ ކުރުން. ކުރު ގޮތަކަށް ބުނާ ނަމަ ހެޔޮ އަމަލު ކުރުން މަތީ ސާބިތުވެ ހުންނަ ނަމަ އެ ސޮރުމެން ޖެއްސުން ކުރަން މަސައްކަތް ކުރާނެ،" އަހަރެން ބަލާލީ ސުޖާއުއަށެވެ.
"ދެން މަ ކިހިނެއް ހަދަންވީ؟" ސުޖާއު ކަންބޮޑުވަމުން އެހިއެވެ.
"ފުރަތަމަ ޖެހޭނީ ނުޒުލާއަށް ހަދާފައި ހުރި ސިހުރު ބާތިލްކޮށް ނައްތާލަން. ހިނގާބަލަ އެތަން ކޮނެލަން ދާން. އަހަރެން އެބަ އަންނަން ކޮޓަރިއަށް ވަދެލާފައި،" ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ.
ކޮޓަރިއަށް ވަދެ އަހަރެން ގެންގުޅޭ ފޮތްތައް ބަލަން ފެށީމެވެ. ވަރިތޮޅި ބާތިލް ކުރުމުގައި ގެންގުޅޭ އެކި ގޮތްތައް ކިޔާލިމެވެ. އޭގެ ކުރިން ކިޔާލަންވީ ބައެއް ޒިކުރުތައް ވެސް ކިޔާލީމެވެ.
"ފަކީރާއެއް ގެނޭ،" ކޮޓަރިން ނުކުންނަމުން މުއާޒް ގާތު ބުނެލީމެވެ. "ނުޒުލާ މި ވަގުތު ކޮޓަރިން ނުނެރޭތި."
އަހަރެމެން އެންމެން ވެސް ތިބީ އެތަނުން ފެންނާނެ އެއްޗަކަށް ތައްޔާރު ނުވެއެވެ. ފެންނާނީ ކޮން ކަހަލަ އެއްޗެއްކަން ނެނގޭތީއެވެ. މުއާޒް ކޮންނަން ފެށިއެވެ. ގާ އޮތް ހިސާބުގެ އެކި ދިމަދިމާ ކޮނުނެވެ. އެއްވެސް އެއްޗެއް ނުފެނުނެވެ. އަވިގަދަ އެ ވަގުތު ހޫނު ގަދައެވެ. މުއާޒް ހިންދެމިލިއެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ.
"އަދި ފޫޓަކަށް ކޮނެބަލަ." އެއީ ހީވި ގޮތެއް ނޫނެވެ. އަހަރެންގެ ކަންފަތް ކައިރިގައި އެހެން ބުނީ އަންހެން އަޑެކެވެ. އަޑު އިވުނު ދިމާލަށް ސިއްސައިގެން ގޮސް ބަލާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުއާޒް ގާތުގައި ކޮންނަން އަދި ބުނަންވީ ހެއްޔެވެ؟
"ނެތެއްނު މިތާކު އެއްވެސް އެއްޗެއް؟" ނިތްކުރިން ފައިބަމުން ދިޔަ ދާ ތިކިތައް ފޮހެލަމުން މުއާޒް ބުންޏެވެ.
"އަދި ކޮނެލަބަލަ. ގާތް ގަނޑަކަށް ފޫޓެއްހާ ވަރަށް،" އަހަރެން ކަރުކެހިލަމުން ބުނީމެވެ.
މުއާޒް ކޮންނަން ފެށިއެވެ. ވަކި ވަރަކަށް ކޮނުމުން އެއްޗެއްގައި ޖެހުނެވެ. މަޑު އެއްޗެއްހެން ހީވިއެވެ. މުއާޒް ދެ ލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރީއެވެ. "ތި ނަގާބަލަ. ބިސްމި ކިޔާތި،" އަހަރެން ބުނީމެވެ.
މުއާޒް އެ ނެގި އިރު ތުރުތުރު އަޅައެވެ. އެއީ ފޮތިން ބަދެފައިވާ އެއްޗެކެވެ. ހީވަނީ ކުޑަ ބާލީހެއް ހެންނެވެ. ނަމަވެސް ގޮށްޖަހާފައި އިނީ ވަށްކޮށެވެ. މަޑު އަޅި ކުލައިގެ ފޮތިން ބަދެފައިވާ އޭގެ ބޮޑު މިނުގައި 7 އިންޗި ހުއްޓެވެ. އެ ހިފައިގެން އައިސް ފެންޑާގައި ހުރި މޭޒެއްގެ މަތީގައި ބޭއްވިއެވެ. އޭގައި ހުރި ވެލިތައް ފޮޅާލިއެވެ. ބަނދެފައިވާ ގޮށް މުހާލަން އަހަރެން ބުނީމެވެ. އެ ވަގުތު އަހަރެން ކުރުސި ކިޔަވާލީމެވެ.
މުއާޒް ވެސް ކުރުސި ކިޔާފައި އެ މޮހާލިއެވެ.
- ނުނިމޭ -