ވާހަކަ: ރާގީ
އެޕިސޯޑު 19
"އެކަމަކު ވީ އެހެން ކަމެއް،" ޖިންނި އޮތީ ސުޖާއުއަށް ބަލަހައްޓައިގެންނެވެ. "ދޯ؟ ކަލެއަށް އެނގޭ މަ މި ބުނާ އެއްޗެއް ދޯ؟"
އަހަރެންނާއި މުއާޒް އަދި ހަސީނާ ވެސް ބަލަހައްޓައިގެން ތިބީ ސުޖާއުއާ ދިމާލަށެވެ. ޖަވާބެއްގެ އިންތިޒާރުގައެވެ. ސުޖާއުގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. ނިތްކުރިން ހިއްލަން ފެށި ދާ ތިކިތައް އިސާހިތަކު ފައިބަން ފެށިއެވެ.
"މަށަކަށް ނޭނގެ އޭނަ އެ ދައްކަނީ ކޮން ކަހަލަ ވާހަކައެއް ކަމެއް،" އެންމެ ފަހުން ސުޖާއު ބުންޏެވެ.
"އެންމެ ރަނގަޅު. ކަލޭ އެއްބަސްނުވަންޏާ މަ ކިޔައިދީފާނަން،" ޖިންނި ބުންޏެވެ.
"ނަޖީބު ހެދި ވަރިތޮޅި ހެދުނީ ނުބައި ސާއަތެއްގައި. ރަނގަޅަށް އެކަން ކުރި ނަމަ މިހާރު މި ދެ މީހުން ތިބޭނީ ވަރިވެފައި،" އަނެއްކާވެސް ޖިންނި ބުންޏެވެ.
"ހަގީގަތަށް ބުނަންޏާ ސުޖާއު އަކީ ގޯސް މީހެއް ނޫން. އެކަމަކު މި ސިހުރެއްގެ ސަބަބުން އޭނައަށް ވެސް ބަދަލުތަކެއް އަންނަން ފެށީ. ހުދު އޭނައަށް ވެސް ނޭނގި. ކުރިން މި ދެމަފިރިން އުޅުނީ ވަރަށް ގުޅިގެން ހަމަޖެހިގެން. އަލަތު ދަރިފުޅަށް ބަލިވެއިންކަން އެނގުމުން ނުޒުލާއަށް ސުޖާއުގެ އެހީތެރިކަމާއި އަޅާލުން އިންތިހާއަށް ލިބެން ފެށި. އެކަންކަން ބަލާކަށް އެ ނަޖީބަކަށް ކެތެއް ނުވި." ޖިންނި ދައްކަމުން ދިޔަ ވާހަކަތައް ކަނުލައި އަހަމުން ދިޔައީމެވެ.
"އެކަމަކު ފަހުން. ފަހުން ކިހިނެއް ވާން ފެށީ؟ ނުޒުލާ ގާތުގައި އަހާބަލަ ސުޖާއު އެންމެ ފަހުން ލޯބިން އެއްޗެކޭ ބުނީ ކޮން އިރަކުތޯ؟ ލޯބިން ފިރުމާލީ ކޮން ދުވަހަކުތޯ؟ ނިދަނީ ވެސް ދެ މީހުން ދެ އެނދުގައި." ޖިންނި އެހެން ބުނުމުން ހަސީނާ ވިސްނާލިއެވެ. ތެދެކެވެ. އެ ކޮޓަރިއަށް އިތުރު އެނދެއް ވެއްދީ ސުޖާއުއެވެ. ހަސީނާ ސުވާލު ކުރުމުން އެއީ ދަރިފުޅަށް ކަމުގައި ބުންޏެވެ. ނަމަވެސް އެއީ ބޮޑު މީހަކަށް އޮވެވޭ ވަރުގެ ސިންގަލް އެނދެކެވެ.
"ސުޖާއުއާ އެކު ނިދަނީ އަހަރެން،" ޖިންނި އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. ދެން ތިބި މީހުން ދެ ލޯ ބޮޑުވިއެވެ.
"އަސްލު ވަރިތޮޅި ނުބައިކޮށް ހެދުނީމަ މިހެން މިވީ. އައި މަގުސަދު ހަނދާން ނެތުނީ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ސުޖާއު އަހަރެންނަށް ވަރަށް ކަމުދޭ. އެކަން ލޯތްބަށް ބަދަލުވީ ކޮން އިރަކު ކަމެއް ވެސް ނޭނގެ. އެނގޭ އެއްޗަކީ ދެނެއް ސުޖާއު ދުލެއް ނުކޮށްލެވޭނެކަން." ޖިންނި ވާހަކަ ދައްކަމުން ދިޔަ އިރު ސުޖާއުއަށް އަންނަ ބަދަލުތައް އަހަރެން ފާހަގަ ކުރީމެވެ.
"އަސްލު އޭނައަކަށް ކުރިން ނޭނގޭނެ މިހެން ވާ ކަމެއް. އެކަމަކު ފަހުން އޭނައަށް އެނގޭނެ މީހަކު އޭނަ ކައިރީ އުޅޭކަން. ފެންވަރާއިރު، ކައިބޮއި ހަދާއިރު އަދި ނިދާއިރު ވެސް އަހަރެން ހުންނަނީ އޭނައާ ދާދި ގާތުގައި. ބޭނުމިއްޔާ އަދިވެސް އިތުރު ވާހަކަތައް އަހަރެން ކިޔައިދީފާނަން. އެކަމަކު ނުޒުލާ ހިތުގައި ޖެހި ސުޖާއު ލަދުގަތުން ނޫން ކަމެއް ނުވާނެ. ކިޔައިދޭންވީތަ؟" ޖިންނި ސުވާލު ކުރީ އަހަރެންނާއެވެ. އަހަރެން އިތުރު އެއްޗެއް ނާހަމެވެ. ދެމަފިރިންގެ ސިއްރުތައް ހިފެހެއްޓުމަށްޓަކައެވެ.
"ދަރިއަކު އެބަ ހުރިތަ؟" ނުކުރަން އިން ސުވާލު ކުރީމެވެ. ހިތަށް ކެތް ނުވެގެންނެވެ. ޖިންނި ގާތަށް ލާނެތް ހިންޏެއް އައެވެ. ޖަވާބެއް ނުދީ ވިއްސަކަށް ސިކުންތުވިއެވެ. އެ ވަގުތު ކޮޅަކީ އެތަނުގައި ތިބި އެންމެންނަށް ވެސް ދިގު ވަގުތެކެވެ.
"އަހަރެންގެ ނަސީބު ދެރަކަމުން އަދި ތިޔަ ކަހަލަ ކަމެއް ނުވޭ،" ޖިންނި ބުންޏެވެ.
"ދެން އެހެން ވިއްޔާ މި ދެމަފިރިންގެ ދިރިއުޅުމުން ދުރަށް ދޭ. ސުޖާއު ދޫކޮށްލާ،" އަހަރެން ބުނީމެވެ.
"ތިހާ ފަސޭހައިން ތި ކަމެއް ނުވާނެ. އަހަރެން ލޯބިވީ ގަސްދުގައެއް ނޫން. އަދި އެއްވެސް ޝަރުތަކާ ލައިގެންނެއް ވެސް ނޫން. ކަލޭމެންނަށް ހީވަނީ ޖިންނިންނޭ ބުނެފިއްޔާ އެ މީހުން ދޭނީ ހުސް ގެއްލުން ކަމަށްތަ؟ ނޫން. އަހަރެން ސުޖާއު ދެކެ ވަނީ ހަގީގީ ލޯބި. އޭނައަށް އެތައް ގޮތަކުން އަހަރެން ހުންނާނީ އެހީތެރިވެދީފަ. އިންސާނުންނަށް ނުކޮށްދެވޭ ކިތަންމެ ކަމެއް ކޮށްދީފަ. އެކަމަކު އެ ކަންކަން ސާބިތު ކުރެވޭނެ މާ ބޮޑު ހެއްކެއް މި ވަގުތު ނެތް. އަހަރެން އޭނަގެ ދިރިއުޅުމުގައި ހުއްޓެކޭ ކިޔާފައި އޭނައަށް ލިބޭނެ އެއްވެސް ދެރައެއް ނޯންނާނެ. ލިބޭނެ ގެއްލުމެއް ވެސް ނޯންނާނެ. ގެއްލޭނެ މިނިވަންކަމެއް ވެސް ނޯންނާނެ. ވިއްޔާ ވާނީ ފައިދާ. ލިބޭނީ އުފަލާއި ހިތްހަމަޖެހުން."
"އެކަމަކު އޭނަގެ އަންހެނުންނަށް ލިބެނީ ހިތާމަ އާއި އަނިޔާއޭ. ކަލޭ އެ ވަރު ނުދަންނަންތަ؟ ކަލެއަށް އެނގޭތަ ތި ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން؟" އަހަރެން ބުނީމެވެ.
ހަސީނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އައެވެ. ދަރިފުޅުގެ އުފާވެރި ހަޔާތަށް އައި ގަދަ ތޫފާނީ އޮއިވަރަކުން ސަލާމާތްވާނެ ކޮޅެއް ނުފެންނަހެން ހީވާން ފެށީމައެވެ. އޭނާ ވަނީ އެ ދަރިފުޅަށްޓަކައި އެތައް ހުވަފެނެއް ދެކިފައެވެ. އެ ދަރިފުޅުގެ ހަޔާތް އާބާދުކޮށް، ރަނގަޅު މުސްތަގުބަލެއް ހޯދައިދެވޭތޯ ކެނޑިނޭޅި އެތައް ގުރުބާނީއެއް ވިއެވެ. އަޅައިގަނެގެން އުޅެނީ އިންސާނެއް ނޫނެވެ. ކުރިމަތިލާން ޖެހެނީ ނުވެސް ދަންނަ ޝައިތާނުންތަކަކާއެވެ.
"މަށަށް އުނދަގޫ ނުކޮށް ދޫކޮށްލަބަލަ. ކިހާ ދެރަ ކަމެއް. މަ ނެތޭ ޝައުގުވެރިކަމެއް ކަލޭމެންނާ ވާހަކަ ދައްކާކަށް. މަ ބޭނުމެއް ނޫން ކަލޭމެންނާ ތަޅާފޮޅާކަށް." އެ ވަގުތަށް ރުގުޔާ ކުރުން ހުއްޓާލީމެވެ. ނުޒުލާ ނިދަން ބާއްވާފައި އެންމެން ކޮޓަރިން ނުކުތެވެ.
ހުރިހާ އެންމެން ވެސް ނަޒަރު ހުރީ ސުޖާއުއާ ދިމާލަށެވެ. މިހާ ގިނަ ދުވަސް ވީ އިރު ވެސް ސުޖާއުގެ ކިބައިން އެ ކަހަލަ ކަމެއް ނުފެނެއެވެ. ކަމެއް ވެގެން އުޅޭހެން ހީވެސް ނުވެއެވެ. ސުޖާއު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަރު އެލި އިސްޖެހިފައެވެ. ހަސީނާއާ ހަތަރުކަޅި ހަމަ ކުރަން ނުކެރިފައެވެ. އަހަރެންނަށް ވިސްނުނީ އެ ކަމުގައި ސުޖާއުގެ ކުށެއް ނެތް ކަމެވެ. ވަގުތު ފާއިތުވުމުގެ ކުރިން ހަގީގަތް އެނގުނުކަމީ ޝުކުރު ކުރަން ޖެހޭނެ ކަމެކެވެ. ސުޖާއުއަށް ދަރިއަކު ހުރި ނަމަ އޭނަ މަރުވަންދެން ވެސް ދަރިފުޅުގެ އުނދަގޫ ލިބިލިބި ހުރެދާނެއެވެ.
ޖިންނިންނަކީ އެތައް ހާސް އަހަރަކު ދުނިޔޭގައި އުޅޭ ބައެކެވެ. އެ ސޮރުމެން ގޯނާ ކުރަނީ އެ ސޮރުމެންނަށް ގިނަ ފަހަރު ގެއްލުމެއް ލިބުމުންނެވެ. ސިހުރުތަކާ ހަވާލުވަނީ ޖިންނިންގެ ތެރެއިން އެންމެ ވަރުގަދަ މާރިދުންނެވެ. ސިހުރުގެ ކުޑަ ބޮޑުމިނުން ނަމަ އިފުރީތުން ވެސް ހަވާލުވެއެވެ.
ރޭގަނޑުގެ ނިންޖަށް އަހަރެން ހުރީ ވަރުބަލިވެފައެވެ. އެ ވަގުތު ހަނދާންވީ އިޝާ ނަމާދު ނުކުރެވޭ ކަމެވެ. އެނދުން ތެދުވުންވީ ބޮޑު ކަމަކަށެވެ. އަހަރެން ހައިރާންވީ ނަމާދަށް ދޭންވާ އިސްކަން ނުދެވުމުންނެވެ. މިއީ ދުވަހަކު ވެސް ވީ ކަމެއް ނޫނެވެ. ބޮލުގައި އަތް އަޅައިގެން އޮވެވުނީނެވެ. ދެން ހަނދާންވީ މަޣުރިބު ވެސް ނުކުރެވޭ ކަމެވެ. ފުންމައިގެން ތެދުވެވުނެވެ. ހަވީރުގެ ޒިކުރުތައް ވެސް ނުކިޔެއެވެ. އަހަރެންނަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ އެ ވަގުތު ކޮޓަރީގައި ދިއްލާފައި ހުރި ބޮކި ކަނިކަނި ލާން ފެށިއެވެ. އަހަރެންނަށް ބަލާލެވުނީ ދޮރުފޮތިގަނޑާ ދިމާލަށެވެ. ހިޔަންޏެއް ހުރަސް ކުރާތަން ފެނުނެވެ. އަންހެނެއްކަން އެނގުނީ އިސްތަށިގަނޑު ވިހުރޭތަން ފެނުމުންނެވެ. މަޑުމަޑުން އޭނާ ހިނގާފައި ދިޔައެވެ. ކޮޓަރި ދޮރު ހުޅުވަން ދާން އުޅުނީމެވެ. އެއްލި ކަޅިއަކުން ގަޑި ބަލައިލެވުމުން ފިޔަވަޅު ހުއްޓުނެވެ. ދަންވަރު 2:35 ވީއެވެ.
އެ ވަގުތު ދޮރުގައި ޓަކި ޖެހިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހުއްޓުމެއް ނެތި ޓަކި ޖަހަމުން ދިޔައެވެ. އަހަރެން ހުރީ ދޮރު ނުހުޅުވާށެވެ. އަހަރެންނަށް ވިސްނުނީ އެއީ އަހަރެން ބިރުގަންނުވަން ކުރާ ކަމެއްގެ ގޮތުގައެވެ. ދޮރުފޮތިތައް ކުރިއަށް ވުރެ ބާރަށް ހެލެން ފެށިއެވެ. ހީވަނީ ނައްޓާލާފާނެ ހެންނެވެ. ނިވިފައި ހުރި ބޮކި ދިއްލުނެވެ. ޓަކި ޖެހުން ހުއްޓުނެވެ. އަހަރެންނަށް ފަހަތަށް ޖެހިލެވުނެވެ. އެ ވަގުތު ތެތް އެއްޗަކަށް އެރުނެވެ.
- ނުނިމޭ -