ވާހަކަ: ރާގީ
އެޕިސޯޑް 18
ހިންދިރުވާލާފައި އަހަރެން އައޫޒު ކީމެވެ. އެއްޗެއް ޔަގީން ކޮށްލުމަށެވެ. އަހަރެންނަށް ހީވީ ރަނގަޅަށެވެ. އެއީ ނުޒުލާއެއް ނޫނެވެ. އަހަރެންގެ ސިކުނޑިއާ ކުޅެމުންދާ ޝައިތާނެކެވެ. ވަގުތުން އަހަރެން ތެދުވީމެވެ. އަލިކަމެއް ނެތް އެތަނުގައި އަހަރެން ހުރީ ބިރުން ގޮސް ހިތް ހުއްޓޭ ވަރު ވެފައެވެ. 'ނުޒުލާ' ވެސް ތެދުވިއެވެ. އަދި އަހަރެންނާ ދިމާލަށް އަތް ދިއްކޮށްލިއެވެ.
"ކަލޭ އަދި އަހަރެންގެ މީހަކަށް ހަދާނަން،" އެހެން ބުނެފައި ބުރަކަށިން ދެ ފިޔަގަނޑު ހުޅުވާލިއެވެ. ވައިރޯޅިއެއް ހެން މައްޗަށް އުދުހިގަތެވެ. ކައިރީގައި ހުރި ރުއްތަކުގެ ފަންތަކުގައި ޖެހިގަތުމުން ރުކެއް އަރިއަޅާލިއެވެ. އެހާ ވެސް ބާރަށް އެ މަހުލޫގު ދިޔައެވެ. އެ ވަގުތު ވާރޭ ވެހުން ހުއްޓުނެވެ. ވައި މަޑުވިއެވެ. މަޑުމަޑުން ސިފަ ޖެހެމުން ދިޔައީ މަގެކެވެ. އަލިކަމެއް ނެތް ނަމަވެސް ކުރިމަތީ ފެންނަން އޮތް މަގުން ނިކަން ބާރަށް ދުއްވައިގަތީމެވެ. ގެއާ ހިސާބަށް ދެވުނު އިރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. އެހާމެ ބިރުގެންފައެވެ. އަނގައިން ބުނެވޭނީ ވެސް ތުރުތުރުއެޅުން ހުއްޓިގެންނެވެ. ގެއަށް ވަދެފައި ކޮޓަރިއަށް ގޮސް ދޮރު ލެއްޕީމެވެ. އަދި އޭނަ ބުނި އެއްޗަކަށް ވިސްނާލީމެވެ. އެނދުގެ އެއް ކަނެއްގައި އަހަރެން ގޮސް އިނީ ވަރަށް ބޮޑަށް ބިރުގަތުމުންނެވެ. އަހަރެންނާ ދިމާލަށް އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ ބައްޕަ ގާތުގައި ބުނަންވީ ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ހިތް ދެކޮޅު ހެދިއެވެ. ބައްޕައަށް އެކަން ސިއްރު ކުރަން ބޭނުންވިއެވެ. މި އައީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟
ދެ ދުވަސް ވަންދެން އަހަރެން ހުން އައެވެ. ޑޮކްޓަރަށް ދެއްކުމަށް މުއާޒް ކިތަންމެ ފަހަރަކު ބުންޏެވެ. ނަމަވެސް އަހަރެން އޮތީ ބިރު ހުން އައިސްފައެވެ. މި ކަމުގެ ތެރޭގައި އުޅެނިކޮށް އަހަރެންނަށް ވާން ފެށި ގޮތްގޮތުންނެވެ. ހިތަށް ވެސް ނާރާ ކަހަލަ ކަންކަން ވާން ފެށުމުން ޖެހިލުންވާން ފެށިއެވެ. އެ މަންޒަރު އިތުރު މީހަކަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. އެއްވެސް މީހަކަށް އެކަން ހިއްސާ ކުރާކަށް ވެސް ހިތް ނޭދުނެވެ. ބޭނުންވީ ވަގުތުތައް އެކަނި ހޭދަ ކޮށްލާށެވެ. އެ ވާހަކަ މުއާޒް ގާތުގައި އަހަރެން ބުނީމެވެ. އެކަނިވެލައި، ބައެއް ކަންކަމާ ވިސްނާލަން ބޭނުން ކަމުގައި ބުނީމެވެ. މުއާޒް އެކަމަށް އެއްބަސްވިއެވެ. އަދި އެ ގޮތުގައި ދެތިން ދުވަސް ވުމަށް ފަހު ހުން ރަނގަޅުވިއެވެ.
ނުޒުލާ އަމިއްލައަށް ކުރަންވީ ބައެއް ކަންކަން އަހަރެން ބުނެދިނީމެވެ. ކިޔަވަންވީ ޒިކުރުތަކާއި ސޫރަތްތައް ވެސް ކިޔައިދިނީމެވެ. އަދި ބުރުގާ އަޅައި ނިވާވުމަށް ނަސޭހަތްދިނީމެވެ. ނުޒުލާގެ އުޅުމަށް ހެޔޮ ބަދަލެއް އާދޭތޯއެވެ. ދެން ދިނީ ތެޔޮ ފުޅިއެކެވެ. އެއީ އަހަރެން ކިޔަވާފައި ދިން އެއްޗެކެވެ. ކޮންމެ ދުވަހަކު ތިން އިރު އެ ތެޔޮ އުނގުޅަން ބުނީމެވެ. އަދި ހަތް ދުވަސް ވަންދެން އުޑު ހާމަ ތަނަކަށް ނުނިކުމެ އުޅުމަށް ވެސް ބުނީމެވެ. އެއީ އަހަރެންނަށް ހުވަފެނުން ފެނުނު ކަންކަމެވެ. އަހަރެންނަށް އެނގި ހުރި މައުލޫމާތެއް ނޫނެވެ. އެކަން އެ ކުރެވުނީ ކީއްވެ ކަމެއް ހުދު އަހަރެންނަކަށް ނުވިސްނުނެވެ.
"އަނެއްކާ މިރޭ ކީއްކުރަން ތި ގެނައީ؟" ޖިންނި ވާހަކަ ދެއްކިއެވެ. "ކަލޭމެން އެކި ކަންކަން ކުރަމުންނެއްނު ތި ގެންދަނީ. އޭގެން އެއްވެސް ފައިދާއެއް ވާނެތަ؟"
"ފައިދާއެއް ވޭތޯ މި ކުރަނީ،" އަހަރެން ޖެހިލުމެއްނެތި ބުނީމެވެ.
"އެއްވެސް ފައިދާއެއް ނުކުރާނެ. ކަލޭ ނޫޅޭ މީނަ ރަނގަޅު ކުރާކަށް. އެހެން ނޫން ނަމަ ސިހުރު ހެދި މީހާ އެނގުމުން އެކަމަށް ފިޔަވަޅު އަޅާނެ،" ޖިންނި ބުންޏެވެ.
"ސިހުރު ހެދި މީހާ އެނގިއްޖެ. ދެން ސިހުރު ހެދި ތަން ކިޔައިދޭންވީނު. ނުވަތަ ސިހުރު ހެދި ގޮތް ބުނަންވީނު،" އަހަރެން ބުނީމެވެ.
"އަހަރެންގެ ބައްޕައެއް ނޫން ސިހުރު ހެދީ،" ސުޖާއު އާންމުކޮށް ބުނާ ވާހަކަ ބުންޏެވެ. އަހަރެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ.
"ކަލޭގެ ބައްޕަ ސިހުރު ނުހެދިއްޔާ ކަލޭ ކީއްވެ މީނަ އާއެކު ނުނިދަނީ؟ އެއް ކޮޓަރިއެއްގައި އެއް އެނދެއްގައި ތިބޭ އިރު ކަލޭ ކީއްވެ ދުރުގައި އޮންނަނީ؟ ކީއްވެ މާ ގާތް ގުޅުމެއް މީނައާ ނުބާއްވަނީ؟ މިއީ ގައިމު ކަލޭގެ އަންހެނުން. މީނައެއް ނޫންތަ 2000 ރުފިޔާއަށް ކަލެއާ އިންނަން ރަން ކީ؟" ޖިންނީގެ އަޑުގައި ހުރީ ކުރަކި ކަމެކެވެ. ހީވަނީ ވަރަށް އުނދަގުލުން ވާހަކަ ދައްކާ ހެންނެވެ. އަދި އިތުރު ތަފާތު ކަމެއް ހުއްޓެވެ. އެއީ ނުޒުލާގެ އަޑެއް ނޫނެވެ.
"އާނ. އަޑު އަހާ. މި ސުޖާއުގެ ބައްޕަ، އުނހު ދޮން ބައްޕަ. ދޯ،" 'ނުޒުލާ' ނިތްއަރުވާލަމުން ބުންޏެވެ. ހަސީނާގެ ދެ ލޯ ބޮޑުވިއެވެ. މުއާޒްއަށް ބަލާލެވުނީ ސުޖާއުއާ ދިމާލަށެވެ. ރުޅިވެރި ނަޒަރަކުންނެވެ.
"ސުޖާއުގެ ދޮންބައްޕަ އެއީ. ކަލޭމެންނަށް އެކަމެއް ނޭނގެ ދޯ؟ އެ މީހުން މި ރަށަށް ބަދަލުވީ ވަރަށް ކުރިން. ސުޖާއު ވަރަށް ކުޑައިރު. އޭރު ސުޖާއު މަންމަ އިނީ ބަލިވެ. އެކަމަކު އެއީ ވެސް ނަޖީބުގެ ދަރިއެއް ނޫން. އެއީ ސުމާނާ ދޯ،" ސުޖާއުއަށް ބަލާލަމުން ޖިންނި ބުންޏެވެ.
"އެ ކުއްޖާ ބޮޑުވެ ފުރާވަރަށް އަޅަމުން އައި އިރު ވެސް ތިޔަ ނަޖީބެއްގެ އަތް ދަށުން ސަލާމަތެއް ނުވެވުނު. ސުޖާއު އޭރު އުޅުނީ ރިސޯޓެއްގައި. އެ ނަޖީބަކީ ވަރަށް ނުބައި ނިޔަތެއްގައި އުޅުނު މީހެއް. އެނގޭތަ؟ ސުޖާއު މަންމަ ވެސް މަރުވީ ހިތުގެ ބަލީގައެއް ނޫން. ނަޖީބް ސިހުރެއް ހަދައިގެން އެ ފަކީރު މަރާލީ." ޖިންނި ދައްކަމުން ދިޔަ ވާހަކަތަކުން ހައިރާންވީ އަހަރެން އެކަންޏެއް ނޫނެވެ.
"އޭނަގެ އުނދަގުލާ ހެދި ސުމާނާ މީހަކާ އިނދެގެން އެހެން ގެއަކަށް ދިޔައީ. ދެން މިއީ ނުޒުލާ. ނުޒުލާ އަކީ އޭނައަށް ވަރަށް ކަމުދާ ކުއްޖެއް. ވަރަށް ގިނައިން މަގުމަތިން ފެނުނަސް ފާޑުފާޑު އެއްޗެހި ބުނާނެ. ވަށްކަޅިން ބަލައި އަތްލާން ވެސް އުޅުނު. ކަލޭމެން ގަބޫލް ނުކުރަންޏާ ނުޒުލާ ކައިރީ އަހާބަލަ،" ޔަގީން ކަމާއެކު ޖިންނި ބުންޏެވެ.
"ތި ވަރުގެ ކަންކަން ވެގެން ދިޔަ އިރު އަހަރެންގެ ދަރިފުޅު އަހަރެން ގާތު ބުނާނެ،" ހަސީނާއަށް ކެތް ނުވެގެން ބުންޏެވެ.
"ނުބުނީ ވެސް ކޮންމެވެސް ކަމެއް ވެގެންތާ،" ޖިންނި ބުންޏެވެ.
"އެހެން ވިއްޔާ އަހަރެން ގާތުގައި ބުނާނެއެއްނު. ފުރަތަމަ އިންނަން އެހީމަ ވެސް ތި ކަހަލަ އެއްޗެއް ބުނާނެ،" ސުޖާއު ބުންޏެވެ.
"ކަލޭ ގާތު ވެސް ނުބުނާނީ ކޮންމެވެސް ކަމެއް ވީމަ. އެހެން ނޫނީ ސިއްރެއް ނުކުރާނެ. ކަލެއާ ކައިވެނި ކޮށްގެން ތިގެއަށް ނުޒުލާ ގެންދިޔަ ފަހުން ވީ ކަންކަން ކިޔާދިންތަ؟ ކިތައް ދުވަހު އޭނަ ނުޒުލާއަށް ގޯނާ ކުރަން އުޅުނީ؟ ކިތައް ދުވަހު ތި ކޮޓަރިއަށް އޭނަ ވަންނަން މަސައްކަތް ކުރީ؟ ނުޒުލާ އެކަނިވާ ވަގުތުތަކުގައި ކިހާ ޖެއްސުމެއް އޭނަ ކުރީ. ކަލޭގެ ދެ ލޯ ހުރީ ކަނުވެފައިތަ؟ ކަލޭ ގާތުގައި އެންމެ އެއްޗެއް ބުނީ. އެއީ އެ ނަޖީބު މާ ގިނައިން ބަލާތީ އުނދަގޫވެއޭ. އެކަމަކު ކަލޭ ކީކޭ ބުނީ؟ ނުޒުލާ ރީތިވީމަ ކޮންމެ މީހަކު ވެސް ބަލާނޭ. ކަލޭ ހެދީ މަޖަލަކަށް،" ޖިންނި ވާހަކަ ދެއްކީ އަކުރުން އަކުރަށްހެން އަހަރެންނަށް ހީކުރެވުނެވެ.
"މާބަނޑުވުމުން މަންމަ ކައިރިއަށޭ ކިޔާފައި މި ގެއަށް ބަދަލުވީ ނުޒުލާއަށް ތި ގޭގައި ކެތްނުވެގެން. އެހެންވެ ނަޖީބު ސިހުރު ހެދީ. އޭނަ ހަދާފައި ހުރީ ކަލޭމެން ތި ނިދާ ކޮޓަރިއަށް ވަންނަން އިންނަ ގާ ދަށަށް. މިހާރު ވެސް ގޮސް ބަލާބަލަ އެތަނުގައި އޮންނާނެ ސިހުރު ވަޅު ލާފައި. އަސްލު ނަޖީބު ހެދީ ވަރިތޮޅިއެއް. ކަލޭމެން ދެ މީހުން ވަކި ކޮށްލަން،" ޖިންނި ބަލާލީ ސީދާ ސުޖާއުގެ ދެ ލޮލަށެވެ.
"އެކަމަކު ވީ އެހެން ކަމެއް،" ޖިންނި އޮތީ ސުޖާއުއަށް ބަލަހައްޓައިގެންނެވެ. "ދޯ؟ ކަލެއަށް އެނގޭ މަ މި ބުނާ އެއްޗެއް ދޯ؟"
- ނުނިމޭ -