ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

8 އޭޕްރީލު 2023

އެޕިސޯޑް 17

އަހަރެން ލޮލުގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލީ ބޭއިހުތިޔާރުގައެވެ. ޖިންނިންނަކީ އިންސާނުން މަގު ފުރެއްދުމުގައި އަރާ ތިބޭ ބައެކެވެ. ޖިންނި ބަލާ ބެލުމުގައި އެއީ ޖިންނި ހެން ހީނުވި ކިތަންމެ ފަހަރެއް އައެވެ. ހީވަނީ އެއީ ނުޒުލާ ހެންނެވެ. ނުޒުލާއަކީ ސިފަ ރީތި ކުއްޖެކެވެ. ކުލަ އަލި، ތޫނު ކަޅިރަވައެއް ލިބިފައިވާ ކުއްޖެކެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ހިޔާލުގައި ޝައިތާނީ ވަސްވާސް އެނބުރުނެވެ.

"ކީއްކުރަންތަ އޭނަ ދައްކާ ވާހަކަ ތި ގަބޫލު ކުރަނީ؟" ސުޖާއު އަނެއްކާވެސް ބުންޏެވެ. ހީވަނީ ހަގީގަތެއް އެނގިދާނެތީ ބިރުން އުޅޭހެންނެވެ. "ތި ކަހަލަ ޝައިތާނުން ދައްކާ ވާހަކަ ގަބޫލު ކުރަން ހެޔޮ ނުވާނެ."

ސުޖާއު ގާތަށް ރުޅި އައެވެ. އަހަރެންނަށް ސުޖާއުގެ މޫނުމަތިން ފެނުނީ މާނަ ކުރަން ނޭނގޭ ނުތަނަވަސްކަމެކެވެ. ހަސީނާ ބޭނުންވީ ސުޖާއުއާ ސުވާލު ކުރާށެވެ. ދަރިފުޅަށް ލިބެމުން އެދާ އަނިޔާގެ ފަހަތުގައި ސުޖާއުގެ އެއްވެސް ކަހަލަ އަތެއް ވާ ނަމަ ދެން ކަންތައް ވެގެން ދާނީ ކިހިނެއް ހެއްޔެވެ؟

"އަދި ރުޅި އަންނާކަށް ނުވޭ. ހަގީގަތް ނުބަލާ އެއްވެސް މީހަކު އެ ކަހަލަ ވާހަކައެއް ގަބޫލެއް ނުކުރާނެ. ސުޖާއު ކޮން ކަމަކާތަ ތި ހާސް ވަނީ؟" އަހަރެން އަހާލީމެވެ. ސުޖާއު އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭންވިއެވެ.

"އޭނަ ލަދު ގަންނާނެ ހަގީގަތް ހާމަވެދާނެތީ. އަހަރެން ގާތުގައި އަހާބަލަ. އަހަރެން ކިޔައިދީފާނަމޭ،" އެންމެން ގެ ޝައުގުވެރިކަން އަތުލީ 'ނުޒުލާ' ވާހަކަ ދައްކަން ފެށުމުންނެވެ.

ހަސީނާ ޖެހިލުންވީ ދެން އިވިދާނެ އަޑަކާ މެދުގައެވެ. ނުޒުލާއަށް އެނގެން ބޭނުން ނުވާ ކަމެއް ޖިންނި ފަރާތުން އެނގިއްޖެ ނަމަ ވެދާނެ ގޮތަކުންނެވެ. އަދި އެކަންކަން އެނގުމުން ނުޒުލާއަށް ކުރިމަތި ވެދާނެ ކަމަކުންނެވެ.

"އެ ކަލޭގެ އެހެން ބުނި ނަމަވެސް ނުޒުލާއަކަށް ނޭނގޭނެ އެ ދެއްކީ ކޮން ވާހަކަތަކެއް ކަމެއް." އަހަރެންނަށް އެހެން ބުނެވުނީ ހަސީނާގެ މޫނުމަތިން ފެނުނު ކަންބޮޑުވުމުންނެވެ. "އެ ކަމާ ނުވިސްނާ! ނުޒުލާ ހަނދާނެއް ނުހުންނާނެ. އެކަމަކާ ޖެހިލުންވާނެ ކަމެއް ނެތް."

"ކަލޭމެން މަ ދައްކާ ވާހަކަ ގަބޫލު ނުކުރަންޏާ މަ މިތަނުގައި އޮތުމުގެ ބޭނުމެއް ނެތް. މިތަނަށް އެރެނީ އެހާ އުނދަގުލުން. އިންސާނެއްގެ ހަށިގަނޑު ތެރޭގައި ވަގުތުތައް ހޭދަ ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނޭ. އެންމެ އުނދަގޫ ކަމަކީ ތިހެން ހާޒިރު ކުރަން އުޅޭ އިރު މައްޗަށް އެރުން. ހީވަނީ މަ ވަރަށް ބާރަށް ފިތި ދާނެހެން،" އެ ޖަވާބާ އެކު 'ނުޒުލާ' އަޑެއް ލައްވާލިއެވެ. ކުކުރައިގަންނަ ކަހަލަ އަޑެއް ލައްވާލާފައި ލޯ މަރާލިއެވެ. އަހަރެން އެއްޗެއް ބުނަންވީ އިރު ވަގުތު ފާއިތުވިއެވެ. ނުޒުލާ ލޯ ހުޅުވާލިއެވެ. އެންމެންނާ ދިމާލަށް ވަކިވަކީން ބަލާލިއެވެ. ހަސީނާ އައިސް ނުޒުލާ ގާތުގައި އިށީނެވެ. އަހަރެންނާއި މުއާޒް އަދި ސުޖާއު ބޭރަށް ނުކުތީމެވެ.

"ސުޖާއު. އަހަރެން ބޭނުމެއް ނޫން ޖިންނި އެ ދެއްކި ވާހަކަތައް ގަބޫލް ކުރާކަށް. އެކަމަކު އެކަމުގައި ކުޑަ ނަމަވެސް ހަގީގަތެއް ވާ ނަމަ މިހާރު ތެދަށް ކިޔައިދީ،" މުއާޒް ވާހަކަ ދެއްކީ ސޯފާގައި އިށީންނަމުންނެވެ.

"އަހަރެން ޔަގީންކަން މި ދެނީ. ހަމަ ގައިމު ވެސް އަހަރެންނަށް އެނގިގެން ބައްޕަ އެ ކަހަލަ ކަމެއް ނުކުރޭ. އަހަރެންނަށް ވިސްނޭ ގޮތުގައި ބައްޕަ މި ކައިވެންޏަށް ނުގަބޫލުވީ މުއާޒްމެން އަހަރެމެންނަށް ވުރެ މުއްސަނދިވެފައި އަހަރެމެން އެކަށީގެން ނުވާތީ،" ސުޖާއު ޖެހިލުންވެ އިނދެ ބުންޏެވެ. "އެ ދުވަސްކޮޅު އެ ކަހަލަ ވާހަކައެއް ބުނީ."

"ޖިންނިން ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ކުރާކަށް ނުވާނެ. ކަމުގެ ހަގީގަތް ބަލާފައި ނޫނީ އިތުބާރު ކުރާކަށް ނުވާނެ،" އަހަރެން ބުނީމެވެ.

އަހަރެން ހިނގަމުން ދިޔައީ ރަށުގެ އުތުރުކޮޅާ ދިމާލަށެވެ. އެ ތަނަކީ ވަރަށް ބޮޑު ފަސްގަނޑެއް ލާފައި އޮންނަ ހިތްގައިމު ހިސާބެކެވެ. އިރު އޮއްސެމުން ދިޔަ އެ ވަގުތަކީ އެ ސަރަހައްދުގައި އެކި އުމުރު ފުރައިގެ މީހުން ތިބި ވަގުތެކެވެ. މި ރަށް، އާބަދީގެ ގޮތުން މީހުން ގިނައެވެ. ގިނަ މީހުން ދިރިއުޅެނީ ރަށުގެ މެދު ތެރޭގައެވެ. ގިނައިން އޮންނަނީ ބޮޑެތި ގަސްތަކެވެ. މަތި ބެދިފައިވާ ބިޔަ ގަސްތަކާއި ފެތުރިފައި އޮންނަ ވެޔޮތަކުންނެވެ. ރަށުގައި ބޮޑު ކުޅިއެއް އޮވެއެވެ. ނަމަވެސް އެއީ މީހުން ނޫޅޭ ހިސާބުގައެވެ.

މަޣްރިބް ބަންގި ގޮވުމުން މިސްކިތާ ދިމާލަށް ހިނގައިގަތީމެވެ. ރަށުގެ އެ ފަރާތުން މިސްކިތާ ހިސާބަށް ދާން ވަގުތުކޮޅެއް ނަގާނެއެވެ. އަހަރެން ހިނގަމުން ދިޔައީ ރަށުގެ ހޭޅިފަށާ ދާދި ގާތުންނެވެ. އެއް ފަރާތުގައި ދަނޑުބިންތައް އޮތެވެ. ލޮނުގެ އަސަރު ކުޑަ ވަނީ ގުދުރަތީގޮތުން އުފެދިފައިވާ ބޮޑު، ފުޅާ ފަސްގަނޑުންނެވެ. އަހަރެންނަށް ފާހަގަވި އަނެއް ކަމަކީ ކިތަންމެ މީހުން ގިނަ ނަމަވެސް މީހުން މަދުހެން ހީވުމެވެ. އިރު އޮއްސުމުން ރަށުގައި ވެރިކަން ކުރަނީ އަނދިރިކަމާއި ހަމަހިމޭންކަމެވެ. ފަޅުކަމެވެ. ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް މީހަކު ނުކުމެ އުޅޭތީ ނުފެނެއެވެ. ކިތަންމެ ތަރައްގީވެފައި އޮތް ރަށެއް ނަމަވެސް އެކަން އޮތީ އެހެންނެވެ.

އަހަރެން ހިނގަމުން ދިޔަ ސަރަހައްދަކީ ނާމާން ސަރަހައްދެއް ކަމަށް މީހުން ބުނެ އުޅެއެވެ. ހިނގަމުން ދިޔަ މަގު ކުރި ބެދޭހެން ހީވިއެވެ. ވަގުތަކީ ދެ ނަމާދު ދޭތެރެއެވެ. މޫސުން ރީތިކޮށް އޮވެފައި ވިލާތައް ނަގަން ފެށިއެވެ. އުޑުމަތި ބަނަވެ ވާރޭ ވެހެން ނެގީ މަދު ސިކުންތުކޮޅެކެވެ. އަހަރެން ހުރީ ގަބޫލު ކުރަން އުނދަގޫ ވެފައެވެ. ކުރިމަތިން ފެންނަމުން ދާ މަންޒަރުތަކަކީ ހަގީގަތެއް ނެތް ކަމެކޭ ހިތް ބުނަމުން ދިޔައެވެ.

ސިއްސައިގެން ދިޔައީ ގުގުރަން ފެށުމުންނެވެ. މުޅި މާހައުލު ވަނީ އަނދިރި ވެފައެވެ. ވަށައިގެން ހޯދާލި އިރު އެއްވެސް ދިރުމެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ހިތުގައި ބިރުވެރިކަން އުފެދެން ފެށީ އެ ވަގުތުއެވެ. ވިދާލާ ވިދުވަރާ އެކު ކަނޑުމަތި ފެންނަނީ ވަރަށް ނާމާންކޮށެވެ. ހުޅިނަގައި ބިންދަމުން ދިޔަ ރާޅުގެ އަޑު ގަދަވިއެވެ. ގަސްތަކުގައި އަޅާ ވައިގެ އަޑު އިވެން ފެށީ ދާދި ގާތުންނެވެ. އެއާ އެކު ޖަހާ ގުގުރީގެ އަޑާ އެކު ހުރިހާ އަޑެއް އެއްވުމުން ހީވަނީ ބިރުވެރި މިއުޒިކެއް ކުޅޭ ހެންނެވެ.

ކުއްލިއަކަށް އިވުނު އަޑުން ފަހަތް ބަލާލީމެވެ. ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އޮތީ ބޯކެޔޮ ވަލެކެވެ. މަގެއް ފެންނާކަށް ނެތެވެ. އަނެއްކާވެސް އެ އަޑެއް ތަކުރާރުވިއެވެ. ހީވަނީ އަންހެނަކު ރޯ އަޑު ހެންނެވެ. ވަރަށް ވޭނީ އަޑަކުންނެވެ. ނަމަވެސް އެފަދަ ގަޑިއެއްގައި އިންސާނެއް އެތަނުގައި ހުރުމަކީ ބިރުން ހަލާކުވާނެ ކަމެކެވެ. އަހަރެންގެ ހާލަތު އެފަދައެވެ.

ބިރުގެންފައިވާލެއް ބޮޑުކަމުން ކުޑަކަމުދާން ޖެހުނެވެ. ނަމަވެސް އެފަދަ ތަނަކަށް އެ ކަހަލަ ކަމެއް ކުރުން އެއީ އެއް ގޮތަކަށް ވެސް ބުއްދިވެރިކަމެއް ނޫންކަން ވިސްނުނެވެ. އަހަރެން ހިނގައިގަތީ ގަސްތަކާ ދިމާލަށެވެ. ކިޔުނު ހުރިހާ ހެޔޮ އެއްޗެއް ކިޔަމުން ހަށި ރައްކަލަށް ކިޔުނު ޒިކުރުތައް ކިޔަމުންނެވެ. ހިނގަމުން ދިޔަ ވަރަކަށް އަންހެން މީހާ ރޯ އަޑު ގަދަވަމުން ދިޔައެވެ. ހީވަނީ އޭނާއާ އެއް ހިސާބަކަށް އަހަރެންނަށް އާދެވިއްޖެ ހެންނެވެ. އަހަރެންގެ ލޮލަށް ފެނުނު މަންޒަރު ގަބޫލް ކުރަން އިންތިހާއަށް އުނދަގޫވިއެވެ. ނަމަވެސް އެއީ ހަގީގަތެކެވެ. އެތަނުގައި އިށީނދެގެން އިނީ ނުޒުލާއެވެ. އަތުގައި ކުޑަކުއްޖެއް އޮތެވެ. ނުޒުލާ އިނީ ރޯށެވެ. ހިންދިރުވާލާފައި އަހަރެން އައޫޒު ކީމެވެ. އެއްޗެއް ޔަގީން ކޮށްލުމަށެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް