ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

7 އޭޕްރީލު 2023

އެޕިސޯޑް 16

އޭގެ ނަތީޖާ ހިތިވާނެކަން އޭރަކު ނުވިސްނުނެވެ.

އެ ވަގުތު އަހަރެންނަށް ފެނުނީ 'ނުޒުލާ' ހިނިތުންވެލަނިކޮށެވެ. އަހަރެންނާ ދިމާލަށް އެފަދަ ގޮތަކަށް ހީނލުމުން ހަށިގަނޑުގައި ބުނެދޭން ނޭނގޭ ކަހަލަ ޖަޒުބާތެއް އުފެދުނެވެ. ނަމަވެސް އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވީމެވެ. އަދި ކިޔެވުން ކުރިއަށް ގެންދަން ފެށީމެވެ.

"ކަލޭ ކީއްކުރަން މަ މިތަނަށް ގެނައީ؟" އަނެއްކާވެސް ޖިންނި ސުވާލު ކުރި އެވެ.

"ކަލޭމެން ކީއްވެ ނުޒުލާއަށް ތި އުނދަގޫ ކުރަނީ؟ އޭނަ ކޮން ކަމެއް ކަލޭމެންނަށް ކުރީ؟" އަހަރެން އަހާލީމެވެ.

"އެއީ އަހަރެމެންގެ ވަޒީފާ. ކަލޭމެންގެ ތެރޭގައި ވެސް މަސްވެރިންނާއި ދަނޑުވެރިންނާއި ވަޑާންކުރާ މީހުންނާއި ރާނާ މީހުން އުޅެއެއްނު؟ އެ ގޮތަށް އަހަރެމެންނަކީ ސިހުރުވެރިން ސިހުރު ހަވާލު ކުރާ ޖިންނިން. އެއާ ހަވާލުވެ އެ މީހުން ބުނާ ދުވަހެއް ވަންދެން ބުނާ ކަމެއްގެ މަތީގައި ދެމިތިބުން އެއީ އަހަރެމެންގެ ވަޒީފާ،" ޖިންނި ބުންޏެވެ.

ތަނުގައި ތިބި އެންމެން ތިބީ ހައިރާންވެފައެވެ. ނުޒުލާގެ އަޑުން ވާހަކަ ދެއްކި ނަމަވެސް އެއީ ނުޒުލާ ނޫންކަން އެނގުނީ އެ ހިސާބުންނެވެ. ހަސީނާ އިނީ ފެންކަޅި ވެފައެވެ.

"އިންސާނުންނަށް ގެއްލުން ދީގެން ކަލޭމެންނަށް ލިބެނީ ކޮން ހިތްހަމަޖެހުމެއް؟ ކަލޭމެންނަށް އެނގޭތަ ތި ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން؟" އަހަރެން ބުނީމެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ކަލޭމެން ވެސް އަހަރެމެންނަށް ކުރާ ޖެއްސުމާއި ދޭ ގެއްލުން ކުޑައެއް ނޫނޭ. މަގުމަތިން ދާ އިރު ވެސް ދާނީ ޖެހިގަނެފައި. ވައްޓާލާފާނެ ކޮންމެ ފަދަ ތަނަކަށް ވެސް. އަހަރެމެންނާ ދިމާލަށް އެއްޗެހި އުކާނެ. ކުޑަކަމު ދާނެ. އަހަރެމެންގެ ޅަ ދަރިންނަށް ވެސް އެހާ ގެއްލުން ދޭ. ދެން ތި ބުނަނީ ފާފައޭ. ކަލޭމެން ކުރާ ފާފަތައް ކުޑަތަ؟ ސިހުރުވެރިންނަކީ ކާފަރުންނަށް ވުރެ ވަކި މޮޅު، ރަނގަޅު ބައެއްތަ؟ ކަލޭމެން ބުނާނެ ޖިންނި ޝައިތާނުންނޭ އަބަދު ދޮގު ހަދަނީ. އިންސާނުން ހަދަނީ އަބަދު ތެދުތަ؟"

އޭނަ އެ ދެއްކީ މުޅިއަކުން ދޮގު ވާހަކަތަކެއް ނޫނެވެ. އެހެން ނަމަވެސް ގަބޫލް ކުރަން އުނދަގޫ ހަގީގަތަކީ ޖިންނިންނަކީ ވެސް މަދު ފަހަރެއްގައި ތެދު ހަދާ ބައެއްކަމެވެ.

"ކަލޭމެންނަކީ އަބަދުވެސް އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ދޭން އުޅޭ ބައެއް. އަބަދުވެސް އަނެކާ އުފަލުގައި އުޅޭތަން ދެކެން އުނދަގޫ ވެގެން އުޅޭ ބައެއް. ހަސަދަވެރިކަން އޮންނަނީ ދަރި އާއި މައިމީހާއާ ދޭތެރޭގައި ވެސް. އެއްބަނޑު މީހުން ދޭތެރޭގައި ވެސް. މީހުން ރީތި ދިރިއުޅުން އުޅޭތަން ފެނުނީމަ އެކަމާ ހަސަދަލައި އެސްފީނާ ޖައްސައި ވަރިތޮޅި ހަދާ ބައެއް ތީ. އެހެން ވީމާ ތި ވަރުގެ ބައެއް އަހަރެމެންނަށް މޮޅު ނަސޭހަތް ދޭން ރީއްޗެއް ނޫން." ޖިންނި ދެއްކީ ހަގީގަތާ ހިލާފު ނޫން ވާހަކަތަކެކެވެ. ގަބޫލް ކުރަން އުނދަގޫ ވިޔަސް އަދި ބޭނުން ނުވިޔަސް އެކަން އޮތީ އެހެންނެވެ.

"އަހަރެން ނޫޅެން ކަލެއަށް މޮޅު ނަސޭހަތް ދޭކަށް. ހަމައެކަނި ބުނެލަންވީ ނުޒުލާ ފަހަތުން އަޅައިގަނެގެން ތި އުޅޭ ސަބަބު. އޭނަ ކަލޭމެންނަށް ކޮން ގެއްލުމެއް ދިނީ؟" އަހަރެން މަޑުމަޑުން ބުނީމެވެ.

"ކާކުތަ ބުނީ ނުޒުލާ ގެއްލުމެއް ދިނީއޭ؟ އަހަރެމެން މި އުޅެނީ އޭނައަށް މީހަކު ހެދި ސިހުރަކާ ހަވާލު ވެގެން. އުނހު، އަދި އެއެއް ވެސް ނޫން. ނުބައިކޮށް ކަންނޭނގެ މި ބުނެވެނީ ދޯ؟" ވިސްނާލާ ގޮތް މޫނަށް ހަދާލަމުން ޖިންނި ބުންޏެވެ.

ޖިންނިން ބަލާނީ އަބަދުވެސް އިންސާނުންނަށް އޮޅުވާލެވޭތޯއެވެ. ދޮގާއި މަކަރާއި ހީލަތުން އިންސާނުންގެ ބުއްދިއާ ކުޅެލެވޭތޯއެވެ. ހަގީގަތް ފޮރުވާފައި ދޮގު ހާމަ ކުރުމަކީ ޖިންނިން ކުރާ ހިތުން ކުރާ ކަމެކެވެ.

"އާނ ހަނދާން ވެއްޖެ. ސިހުރެކޭ ހެދީ." ޖިންނި އެހެން ބުނުމުން އަހަރެންނާ ދިމާލަށް ސުޖާއު ބަލާލިއެވެ.

"ކާކު ހެދީ؟" އަހަރެން އަހާލީމެވެ.

"ކަލޭމެން ދަންނަ މީހެއް،" ޖިންނިގެ ޖަވާބު ކުރެވެ.

"ނަން ބުނެބަލަ،" އަނެއްކާވެސް އަހަރެން ބުނީމެވެ.

"ނަޖީބު." ޖިންނި އެހެން ބުނުމުން އެންމެންގެ ލޯ ބޮޑުވި ތަން އަހަރެންނަށް ފެނުނެވެ. "އޭނަ ނުބުނެއޭ ނުބުނާށެކޭ. މަށަށް ހީވަނީ ހަނދާން ނެތުނީހެން."

"އެއީ ދޮގެއް،" ސުޖާއު ވަގުތުން ބުންޏެވެ.

"ނަޖީބު އެއީ ކާކު؟" އަހަރެން ސުވާލު ކޮށްލީ ސުޖާއުއާއެވެ.

"އެއީ ނުޒުލާގެ ބަފާބެ. ސުޖާއުގެ ބައްޕަ،" ޖިންނި ވަގުތުން ޖަވާބު ދިނެވެ. އަހަރެން ހައިރާނެއް ނުވެއެވެ. އެއީ ކޮންމެ ފަދަ ގާތް މީހަކު ވެސް އެފަދަ ކަމެއް ކޮށްފާނެތީއެވެ. ނަމަވެސް ވިސްނާލަން މަޖުބޫރުވީ އެކަން ކުރި ސަބަބެވެ.

"ކަލޭ ތި ހަދަނީ ތެދު ކަމެއް އަހަރެމެން ކިހިނެއް ގަބޫލް ކުރާނީ؟" އަހަރެން ސުވާލު ކުރީމެވެ.

"ދެން ކީއްކުރަން މަ މިތަނަށް ތި ގެނައީ؟ ކީއްކުރަން މަށާ ތި ސުވާލު ކުރަނީ؟" 'ނުޒުލާ' ދެ ބުމަ ގޮށްޖަހާލަމުން ބުންޏެވެ. "މަށަށް ހެޔޮ ގަބޫލް ނުކުރިޔަސް. މަށަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ. ގަބޫލް ނުކޮށްގެން ގެއްލުން ވާނީ ކަލޭމެންނަށް."

"އެއީ ދޮގެއް. އަހަރެންގެ ބައްޕަ އެ ވަރުގެ ކަމެއް ނުކުރާނެ. ބައްޕަ ކީއްވެ ނުޒުލާއަށް ގެއްލުމެއް ދޭންވީ؟" ސުޖާއުއަށް ކެތެއް ނުކުރެވުނެވެ. ފުންމައިގެން ތެދުވިއެވެ. އަހަރެން ބުނީ ހަމަޖެހުމަށެވެ.

"އެހެން ވިއްޔާ ބުނެބަލަ. ނަޖީބު ކީއްވެ އެކަހަލަ ކަމެއް ކުރީ؟" އަހަރެން ސުވާލު ކުރީމެވެ.

"މި ދެ މީހުން ކައިވެނި ކުރީ އޭނަގެ ނުގަބޫލުގައި ދޯ؟" ޖިންނި ބުންޏެވެ. އަހަރެން ބަލާލީ ސުޖާއުއަށެވެ. މުއާޒް ވެސް އިނީ ހައިރާން ވެފައެވެ.

"މިއިން ސުޖާއުއަށް ވަރަށް ނަސޭހަތްދިން ނުޒުލާއާ ނީންނާށޭ. އެއީ އުޅުމެއް ހުރި ކުއްޖެއް ނޫނޭ." ޖިންނި ދައްކާ ވާހަކަތަކުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ހަސީނާއަށެވެ. ހަސީނާ ދެކެނީ ސުޖާއުއަކީ ވެސް އަމިއްލަ ދަރިއެއް ފަދައިންނެވެ. މުއާޒް ދެކެ ވާ ލޯބި ސުޖާއު ދެކެ ވަނީ ވެސް ނުޒުލާއަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.

"ކައިވެނިކޮށްގެން އެ ގޭގައި ނޫޅެވުނީ ވެސް ނަޖީބުއާ ހެދި. އެހެންވެ ނުކުމެގެން އައިސް މި ގޭގައި އެ އުޅެނީ ދޯ؟" ޖިންނި ވާހަކަ ކުރިއަށް ގެންދިޔައެވެ. ހަސީނާ އާއި މުއާޒްއަށް އެނގިފައި އޮތީ މާބަނޑުވުމުން ނުޒުލާ މަންމަ ކައިރިއަށް އަންނަން ބޭނުންވީ ކަމުގައެވެ. ސުޖާއު ހަގީގަތް ސިއްރު ކުރީތީ މިއަދު ހަސީނާ ދެރަވިއެވެ.

"އަހަރެން ގަބޫލް ކުރަން ބައްޕަ މި ގުޅުމަށް މަރުހަބާ ނުކިޔާކަން. އަދި މި ކައިވެންޏަށް ގަބޫލް ނޫންކަން ވެސް. އެކަމަކު ނުޒުލާއަށް މި ވަރުގެ ބޮޑު ދެރައެއް، އަނިޔާއެއް ނުދޭނެ. އަހަރެންގެ ބައްޕަ ތި ބުނާހާ ދަށު ދަރަޖައަކަށް ނުވެއްޓޭނެ." އަޑަށް ބާރުލާފައި ސުޖާއު ވާހަކަ ދެއްކި ނަމަވެސް ލޮލުން ހާމަ ވަމުން ދިޔައީ އެހެން ކަމެކެވެ. އަހަރެންނަށް އެކަން ފާހަގަވިއެވެ.

"ކަލޭމެން ތި ދައްކާ ހުރިހާ ވާހަކައެއް ނުޒުލާއަށް ވެސް އެނގޭނެ. އަޑު އިވޭނެ،" ޖިންނި ބުންޏެވެ. އެ ވަގުތު ހަސީނާ ދެ ލޯ ބޮޑުވިއެވެ. ދަރިފުޅަށް އެފަދަ ކަންކަން އެނގޭކަށް ހަސީނާ ބޭނުމެއް ނުވިއެވެ.

"ދެން ބުނެބަލަ. ކީއްވެ ނަޖީބު އެކަން ކުރީ؟ ކޮންމެވެސް ބޮޑު ސަބަބެއް އޮންނާނެއެއްނު،" އަހަރެން ބުނީމެވެ.

"އާނ. ކަލެއަށް ވަރަށް ވިސްނޭ ދޯ؟ ވަރަށް ބޮޑު ސަބަބެއް އެބަ އޮތް. އަދި ވަރަށް ބޮޑު މަގުސަދެއް ވެސް އެބަ އޮތް. އެކަމަކު އޭނައަށް އަސްލު އޭނަ ބޭނުންވި މަގުސަދު ހާސިލްވި ހެންނެއް ހިއެއް ނުވޭ،" ޖިންނި ވާހަކަ ކުރިއަށް ގެންދިޔައެވެ. "ބަދަލުގައި އެހެން ކަމެއް ވާން ފެށީ. އަހަރެން ހީވެސް ނުކުރާ ކަހަލަ ކަމެއް."

"ކޮން ކަމެއް؟" އަހަރެންގެ ޝައުގުވެރިކަން އިތުރުވިއެވެ. ޖިންނި އެ ވަގުތު ހިނިތުންވިއެވެ. އެ ހިނިތުންވުމުގައި ނުބައި އަސަރެއް ހުއްޓެވެ. އަހަރެން ލޮލުގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލީ ބޭއިހުތިޔާރުގައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް