ވާހަކަ: ރާގީ
އެޕިސޯޑް 15
ވަކި ހިސާބަކަށް ދެވުނުތަނާ މަގު އޮޅުނެވެ. ހުރެވުނީ ރަށުގެ އަތިރިމަތީގައެވެ. މިއީ ހީވާ ހީވުމެއް ކަމަށް އަހަރެން އުންމީދު ކުރަމުން ދިޔައީމެވެ. ލޯ މަރާފައި ރަނގަޅަށް ފުހެލީމެވެ. އަދި ލޯ ހުޅުވައިލީމެވެ. ނޫނެކެވެ. ހުރެވުނީ ހަމަ ރަށުގެ އަތިރިމަތީގައެވެ. ވަށައިގެން ހޯދާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަލިކަމެއް ފެންނަން ހުރީ ވަރަށް ދުރުންނެވެ. ބަލާ ބެލުމަށް ހީވަނީ އަހަރެންނަށް ހުރެވުނީ ފިނޮޅެއް ކަހަލަ ތަނެއްގައި ކަމެވެ.
ފިނޮޅަކީ ފަޅުތަކުގައި ދޮންވެލިން އުފެދިފައި ފެނުން މައްޗަށް ހިކިފައި ހުންނަ ތަންތަނަށް ކިޔާ ނަމެކެވެ. ގަސްގަހާއި ރުކެއް ނުހުންނާނެއެވެ. އެއްވެސް ހިޔާވަހިކަމެއް ނުހުރެއެވެ. ބަޔަކު ދިރިއުޅެން ވިސްނި ނަމަވެސް އެކަމެއް އެތަނުގައި ނުކުރެވޭނެއެވެ. އެ ތަނުގެ ކުޑަކަމުންނާއި ފަސްގަނޑު މަޑުވެފައި ދެރަކަމުންނެވެ.
އަހަރެންނަށް އުޑުމައްޗަށް ބަލައިލެވުނެވެ. ހަނދު މަހުން މިރޭ މިއީ 11 ނުވަތަ 12 އެވެ. ހަނދު ދަނީ ފުރިހަމަވަމުންނެވެ. އުޑުމަތިން ދުރުދުރުން ތަރިތައް ފެންނަން ހުއްޓެވެ. އުދަރެސް އޮތީ އަލިކޮށެވެ. ފެންނަ ފެނުމަށް ކިތަންމެ ހިތްގައިމު މަންޒަރެއް ވިޔަސް ހިތުގައި ބިރުވެރިކަން ނޫން އެއްޗެއް ނެތެވެ. ކިތަންމެ ހިތްވަރު ގަދަ މީހެއް ކަމަށް ވިޔަސް މިފަދަ ކަމެއް ދިމާވުމުން ހިތްވަރު އެލޭ ގޮތްވެއެވެ. އަހަރެންނަށް ވެސް ވީ އެފަދަ ގޮތެކެވެ. ހަދާނެ ގޮތެއް ނޭނގިފައި އެތައް އިރަކު ހުރެވުނެވެ. ޖީބުގައި އަތްލީ ފޯނު ކޮބައިތޯ ބަލާލުމަށެވެ. ފޯނެއް ނެތެވެ. ދެން ހަނދާންވީ މިސްކިތަށް ދާން ނުކުތީ ކޮޓަރީގައި ފޯނު ބާއްވާފައި ކަމެވެ. ހުރި ފިޔަވަޅު މަތީގައި ހުއްޓި އެތައް އިރަކު ހުރެވުނެވެ. ދުލުން ހެޔޮ އެއްޗެއް ނޫނީ ނުކިޔަމެވެ. ހިތުގައި ބިރުވެރިކަން އުފެދިފައިވީ ނަމަވެސް މޫނުމަތިން ދައްކަމުން ދިޔައީ ހިތްވަރެވެ. އަހަރެން ބިރުގަންނުވައި ހިތްމަރާލަން އެވެރިންނަށް ކުރެވުނު ކަމެއް ކުރާނޭ ބައްޕަ ވަނީ ބުނެފައެވެ.
ބައެއް ސޫރަތުގެ އާޔަތްތައް ކިޔަވަމުން ދަނިކޮށް ދޫނި ގޮވާ ކަހަލަ އަޑެއް އިވުނެވެ. އަޑު އައީ އަހަރެންގެ ފަހަތުންނެވެ. ފަހަތުގައި އޮތީ ރަށެވެ. އަހަރެންގެ ވަށައިގެން އޮތީ މޫދެވެ. އަނެއްކާވެސް އަޑެއް އިވުނެވެ. މި ފަހަރު އިވުނީ ލޮނުގަނޑަށް އެއްޗެއް ވެއްޓުން ކަހަލަ އަޑެކެވެ. އަހަރެން ފަހަތަށް އެނބުރި ބަލާލީމެވެ. ލޮނުގަނޑުގައި ހަލަބޮލިކަމެއް ހުއްޓެވެ. ނަމަވެސް ބާނި ފިޔަވައި އިތުރު އެއްޗެއް ނުފެނުނެވެ. ދެން ފެނުނީ ރަށާ ދިމާލުން ފިނޮޅަށް އެއްޗެއް އަންނަނިކޮށެވެ. އަހަރެން ވަރަށް ރަނގަޅަށް އެއާ ދިމާލަށް ބަލަން ހުރީމެވެ. ހަނދުވަރުގެ އައްޔާ އެކު ވެސް އެ ފެނުނީ ހިޔަންޏެއް ހެންނެވެ. އަހަރެން ހުރި ދިމާލުގެ ހުޅަނގަށް ވާ ގޮތަށް އޭތި ފިރުކެމުން ކަހަލަ ގޮތަކަށް ފިނޮޅަށް އަރާތަން ފެނުނެވެ. އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އޭގެ ކުލައެއް ނުވަތަ ބައްޓަމެއް ވަކި ވާ ވަރެއް ނުވިއެވެ. އޮތް ގޮތުން ހީވަނީ މާ ނޭވާ ލަނީ ހެންނެވެ. އިންސާނެއް ނޫން ކަން އަހަރެންނަށް ކަށަވަރު ވިއެވެ. ކުއްލިއަކަށް މޫނު އަނބުރާލާފައި އަހަރެންނަށް ބަލާލިއެވެ. ދެ ލޯ ހުރީ ހުދު ކުލައިން ދިއްލިފައެވެ. އަހަރެންނަށް ވީ ގޮތެއް ނޭނގުނެވެ.
ހޭވެރިކަން ވީ އިރު އޮތީ ކޮޓަރީގައެވެ. ކައިރީގައި މުއާޒްގެ އިތުރުން ސުޖާއު ވެސް އިނެވެ. ބޮލުގައި ރިހުމެއް ހުއްޓެވެ. ތެދުވެވޭތޯ އަހަރެން ހިތްވަރު ކުރީމެވެ. ނަމަވެސް ބޮލުގެ ރިހުން ގަދަވާހެން ހީވިއެވެ.
"ހާމިޒް މިރޭ އެއްޗެއް ކައިފިންތަ؟" މުއާޒް އަހަރެންނާ ސުވާލު ކުރީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. "އިޝާއަށް ދިޔަ މީހާ ލަސްވެގެން ހޯދަމުން ދަނިކޮށް ފެނުނީ ރަށުގެ ތުނޑީގައި ހަބަރު ހުސްވެފައި އޮއްވާ."
"ކިހިނެއް އެ ތަނަށް ދިޔައީ؟ ކީއް ކުރަން އެ ތަނަށް ދިޔައީ؟" ސުޖާއު އެހިއެވެ.
"ބަލާލަން ދިޔައީ. މިއަދު ސުޖާއު އެހެން ބުނީމަ ހިތަށް އެރި ތުނޑި ބަލާލަން ގޮސްލާނީއޭ،" އަހަރެން ހަގީގަތް ސިއްރު ކުރީމެވެ.
"އެކަމަކު އެ ގަޑީގައި؟ އަހަރެމެން އިޝާއިން ފޭބި ގޮތަށް ހާމިޒަށް ވަރަށް ގޮވިން. އެކަމަކު މިސްކިތުން ފައިބައިގެން ހާމިޒް ދިޔައީ ވަރަށް ބާރަށް ހިނގަމުން. ދެން ފަހުން ހޯދާހޯދާ ނުފެނުނީމަ ގެއަށް އައީ،" ސުޖާއު ބުންޏެވެ.
އެއިން އެއްވެސް ކަމެއް އަހަރެން ހަނދާނެއް ނެތެވެ. ނަމަވެސް އެމީހުންނަށް ހަގީގަތް ކިޔައިދީފި ނަމަ އިތުރަށް ބިރުގަތުން ނޫން ކަމެއް ނުވާނެއެވެ. ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ.
"އެހެންތަ؟ ނޭނގެ ގޮވި ކަމެއް. އަހަރެން ދިޔައީ ވަރަށް މުހިންމު ކަމެއް ހަނދާން ވެގެން ބައްޕައަށް ގުޅާލަން،" އެހެން ބުނެފައި ގަޑިއަށް ބަލާލީމެވެ. އޭރު ގަޑިން 12 ޖަހަނީއެވެ. ބަނޑުހައިވާ ވަރުން ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ.
"ހާމިޒް މި ޖޫސް ތަށި ބޯލައިގެން ނިދާލާ. މިރޭ ދެން މާ ލަސް ވެއްޖެއެއްނު؟" ޖޫސް ތައްޓެއް ދިއްކޮށްލަމުން މުއާޒް ބުންޏެވެ.
މުއާޒް އާއި ސުޖާއު ނުކުމެގެން ދިޔުމުން ބައްޕައަށް ގުޅީމެވެ. އަދި ވަރަށް ތަފުސީލްކޮށް ހިނގައިދިޔަ ހުރިހާ ކަމެއް ކިޔައިދިނީމެވެ. ބައްޕަ ބުނީ ހަށިރައްކަލަށް ކުރަންވާ ކަންކަން އަހަރެންނަށް ނުކުރެވެނީ ކަމުގައެވެ. ނުވަތަ ކުރެވޭލެއް ފުރިހަމަ ނޫނީ ކަމަށެވެ. އަހަރެން އެކަމަށް ފަރުވާތެރިވާންވީ ވަރަށް ނުވެވެނީ ކަމުގައެވެ. އެ ގޮތަށް ނުކުރާ ނަމަ ނަތީޖާ ވަރަށް ގޯސް ވެދާނެ ކަމަށް ވެސް ބައްޕަ ބުންޏެވެ. ވުމާއެކު އެކަމަށް ދޭ އިސްކަން އިތުރުކޮށް ކުރިއަށް ވުރެ ރަނގަޅަށް އެކަން ކުރުމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
ނުޒުލާއަށް ރުގްޔާ ކުރަން ފެށި ފުރަތަމަ ދުވަހެވެ. ކޮޓަރީގައި ތިބީ ހަސީނާ އާއި މުއާޒް އާއި ސުޖާއުގެ އިތުރުން އަހަރެންނެވެ. އަހަރެންގެ އެދުމުގެ މަތިން ނުޒުލާ ބުރުގާއެއް އެޅުވިއެވެ. އަދި އަތާއި މޫނު ފިޔަވައި ހުރިހާ ތަނެއް ނިވާ ކުރިއެވެ. އާދައިގެ މަތިން އަހަރެން ކިޔަވަން ފެށީމެވެ. ނުޒުލާގެ މޫނުމައްޗަށް އަރަމުން ދާ ކުލަވަރު ވަރަށް ގާތުން ބަލަމުން ދިޔައީމެވެ. ލޯ މަރައިގެން އޮވެ ނުޒުލާ ތުން ތަޅުވަމުން ދިޔައެވެ. ލޯ ހަރަކާތް ކުރަމުން ދިޔައީ ނިތްކުރިއަށް ރޫތައް ގިނަ ކުރަމުންނެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވަނީ އަޖައިބެއް ކަހަލަ އުދާސްކަމެކެވެ. ހީވަނީ ހޫނު ގަދަ ދުވަހެއްގައި ދޮރުތައް ލައްޕައިގެން ބަންދު ކޮޓަރިއެއްގައި ތިބިހެންނެވެ. އެކަމަކު އެ ވަގުތަކީ ހޫނު ގަދަ ވަގުތެއް ނޫނެވެ. ހުރީ ވެސް އޭސީ ޖައްސާފައެވެ. ނުޒުލާ ކުކުރަން ފެށިއެވެ. ހީވަނީ ބަލި އެނދުގައި އޮތް ދުވަސްވީ މީހަކުހެންނެވެ.
"ހޫމް. ކަލޭ އައީ ދޯ؟" ވާހަކަ ދެއްކީ ނުޒުލާގެ ދުލުންނެވެ. ނަމަވެސް ނިވަލުގައި ވަނީ އެހެން މަހުލޫގެއްކަން އަހަރެންނަށް އެނގުނެވެ. އެކަން ނޭނގުނީ އެތަނުގައި ތިބި އެހެން މީހުންނަށެވެ. ވާހަކަ ދެއްކީ ނުޒުލާގެ އަމިއްލަ އަޑުން ކަމުގައި ވާތީއެވެ.
"ތިއީ ކާކު؟" އަހަރެން ސުވާލު ކުރީމެވެ.
"އަހަރެން މިއީ ކާކުތޯ ބަލަން ތިއީ ކާކުތަ؟" 'ނުޒުލާ' އެހެން ބުނި އިރު މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ.
"އަހަރެމެންނަށް އެނގޭ ކަލޭ އަދި އަންނާނެކަން. ކަލެއަކީ މިހާރު މި ދާއިރާއިން ވަރަށް ކުރިއަރަމުން އަންނަ މީހެއްކަން ވެސް އެނގޭ. އަދި ކަލޭ ކުރިއަށް އޮތްތަނުގައި މިކަމުގައި ވަރަށް ނަން ހޯދާނެކަން ވެސް އަހަރެމެންނަށް އެނގޭ." ޖިންނި އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެން ހިތަށް އެރިއެވެ. އެއީ ހަގީގަތެއް ބާވައެވެ؟ ޖިންނިން ބުނާ ބުނުންތަކަކީ ގިނަ ފަހަރު އޮޅުވާލުމާއި ދޮގުން ފުރިފައިވާ ވާހަކަތަކެކެވެ. ނަމަވެސް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް އަހަރެން ހިތުގައި އެ ވަގުތު ހިނގާލިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ވާހަކަތައް ގަބޫލް ކުރަން އަހަރެންގެ ހިތް އެދެން ފެށިއެވެ.
"ކޯއްޗެއް ތި ވިސްނަނީ؟ މި ދައްކަނީ ތެދު ވާހަކައޭ. ކަލޭ މި ކަމުގައި ވަރަށް މަޝްހޫރު މީހަކަށް ވާނެ. އެންމެން ދަންނަ އެންމެންގެ ލޯތްބާއި އިހުތިރާމް ލިބޭ މީހަކަށް ވާނެ. އެކަމަކު ކަލެއަށް އެ ވަރު ވިސްނޭނެ ކަމެއް ނޭނގެ." ޖިންނި ފަހުން އެބުނި އެއްޗެއް ފަހުމްވާ ގޮތެއް ނުވިއެވެ. ދައްކަމުން އެ ދާ ވާހަކަތަކަށް ބީރު ކަންފަތެއް ދޭން އުޅުނަސް އެ ވާހަކަތަކަށް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. އޭގެ ނަތީޖާ ހިތި ވާނެކަން އޭރަކު ނުވިސްނުނެވެ.
- ނުނިމޭ -
ކޮމެންޓް (1)
އިބާ