ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

5 އޭޕްރީލު 2023

އެޕިސޯޑް 14

ކުއްލިއަކަށް އެ އެތި ބޯ ހިއްލާލިއެވެ.

އަހަރެން ސިއްސައިގެން ދިޔައެވެ. އެފަދަ ބިރުވެރި ސޫރައެއް ދުވަހަކުވެސް ނުދެކެމެވެ. ކުކުޅު ބިހެއްގެ ބައްޓަމަށް އިން އެ ބޮލުގައި ހުރީ ކަށި ފަޅާފައެވެ. އެންމެ އިސްތައްޓެއް ވެސް ނެތެވެ. ކުލަ އަކީ މަޑުމަޑު ފިޔާތޮށި ކުލައެކެވެ. އެންމެ ލޮލެއް ނިތްކުރީގައި ބޮޑުކޮށް ފެންނަން ހުއްޓެވެ. ލޮލުގައި ކަޅިއެއް ނެތެވެ. ނޭފަތް އިނީ ކައްޓެއްހެން ތޫނުކޮށެވެ. އަނގަ އިނީ ދުވަސްވީ މީހުންގެ އަނގަހެން ރޫ އަރާފައެވެ. ސިފަ ހުތުރު އެ މަހުލޫގު ފެނުމުން އަހަރެން ކޮޅަށް ތެދުވީމެވެ. އަދި ހުސް ޖާގައެއް ލިބޭތޯ ލޯންޗުގެ ކުރިއަށް ދިޔައީ ތަންތަނުގައި ހިފަހައްޓަމުންނެވެ. ނަސީބު ރަނގަޅެވެ. ޖާގަ ލިބުނީ މެދު ތެރެއިންނެވެ. އަހަރެން އިނީ ދެ މީހެއްގެ ދޭތެރޭގައެވެ. ކިޔުނު ހުރިހާ ހެޔޮ އެއްޗެއް ކިޔަވަމުން ދިޔައީމެވެ.

އެ ރަށަށް ދެވުނު އިރު 11 ޖަހަނީއެވެ. ތިން ގަޑިއިރުގެ އެ ދަތުރު ދިގުލައިގެން ދިޔައީ އިންޖީނަށް ތެޔޮ އަޅަން އެހެން ރަށަކަށް މަޑު ކުރުމުންނެވެ. ރަށަށް ފޭބުމާ އެކު އަހަރެން ނަޒަރު ހިންގާލީ އަސްމާ ބުނި މީހަކު ފެނޭތޯއެވެ. ލޮލަށް ހެޔޮވަރު ކޮށްލާފައިވާ އައިނު ނަގައި ބޮލަށް ޖަހާލީމެވެ. އަދި ފޯނު ނަގާފައި ގުޅާލަން ހިތަށް އެރިއެވެ.

"އައްސަލާމް އަލައިކުމް،" ސަލާމަށް އަތް ދިއްކޮށްލަމުން މީހަކު ބުނި އަޑު އިވުނެވެ. އަހަރެން އިސްއުފުލާލީމެވެ. "މުއާޒް."

ސަލާން ބަލައިގަތުމަށް ފަހު ދެ މީހުން އެކަކު އަނެކަކަށް ތައާރަފްވެލީމެވެ. އަދި ސައިކަލަށް އަރައި، ކުރިމަތިން ފެންނަން އޮތް ބޮޑު މަގުން ދިޔައީމެވެ. ދިޔަ މަގުމަތީ މުއާޒް އެކި ވާހަކަ ދެއްކިއެވެ. އަހަރެން ބެލީ ރަށުގެ އެކި ދިމަދިމާލަށެވެ. އެއީ ބޮޑު ރަށެކެވެ. ގަސް ގިނަ، މަގުތައް ފުޅާ ރަށެކެވެ.

ސައިކަލު މަޑުކޮށްލުމަށް ފަހު ގެއަކަށް ވަނީ މުއާޒްގެ ފަހަތުންނެވެ. ދޮރާށިން އެތެރެއަށް ވަދެވުމުން ހިތަށް ހަމަޖެހުން ލިބުނީ ގޯތިތެރޭގައިވާ ސާފު ތާހިރުކަމާއި ތަރުތީބު ރީތިކަމުންނެވެ. ގޯތި ތެރެއިން ގެއަށް ދާން އޮތީ ކުދި ގާ ޖަހާފައިވާ މަގެކެވެ. ވާއަތް ފަރާތުގައި ހުރީ އުނދޯއްޔެކެވެ. ހައިވަކަރުން ހަދާފައިވާ ވަރުގަދަ އުނދޯއްޔެކެވެ. ކައިރީގައި ބޮޑު ދެ ގަސްމުށިގަނޑު ހުއްޓެވެ. ކަނާއަތް ފަރާތުގައި އޮތީ މަސް ފެންގަނޑެކެވެ. ރީތިކޮށް ރާނާފައި މުށި ޖަހާފައިވާ އެ ފެންގަނޑުގައި ވަރަށް ގިނަ ވައްތަރުގެ މަސް އުޅެއެވެ. އަހަރެން އެންމެ އަޅައިގަތީ ގޯތިތެރޭގައި ހެދިފައި ހުރި ބިޔަ މޫނިމާ ގަހަށެވެ. މޫނިމަލަކީ ބިޔަކޮށް ހެދޭ، ހިޔާ ބޮޑު ގަހެކެވެ. ގަހުގައި އަޅާ މަލަކީ ކުދި ފިޔަބަރިއެއް ލާފައި ހުންނަ މީރު ވަސް ދުވާ މަލެކެވެ. އަހަރެން ވަތް އިރު ވެސް މޫނިމާ ވަސް ދުވައެވެ. ގަހުގެ ދަށުގައި ތިން ޖޯލި އެލުވާފައި ހުއްޓެވެ. ކުރުކޮށް ބުނާ ނަމަ ގޯތިތެރެ އޮތީ ވަރަށް ހިތްގައިމުކޮށެވެ.

ގޭތެރެއަށް ވަދެވެނީ ފެންޑާއެއްގެ ތެރެއިންނެވެ. ފެންޑާގައި ސޯފާއެއް ހުއްޓެވެ. މުށިޖަހައި ޒަމާނީ ފެންވަރަށް ހަދާފައިވާ އެ ގެ ފުރިހަމައެވެ. އަހަރެން ބަލަމުން ދިޔައީ ފާރުތަކުގައި ކަނޑައި ނަގާފައިވާ ފަރުމާތަކަށެވެ. ހީވަނީ ވަރަށް ކަވި މަސައްކަތެއް ހެންނެވެ. ނަމަވެސް އެކަން ބަޔަކު ކޮށްފައި ހުރީ ވަރަށް ފުރިހަމައަށެވެ.

"މިއީ އަހަރެންގެ މަންމަ ހަސީނާ." މުއާޒު އެހެން ބުނި އަޑަށް އަހަރެން ބަލައިލީ ކުރިމައްޗަށެވެ. ކުރިމަތީ ހުރީ ދެބައި އުމުރުގެ އަންހެނެކެވެ. އަހަރެން ހިނިތުންވެލީމެވެ.

"މިއީ ކޮއްކޮގެ ފިރިމީހާ ސުޖާއު،" ޒުވާން އުމުރު ފުރައިގެ  ފިރިހެނެއް ދައްކާލުމަށް ފަހު ބުންޏެވެ. އަހަރެން ސަލާން ކޮށްލީމެވެ. "ހިނގާ ކޮޓަރިއަށް."

އަހަރެންނާއި މުއާޒްގެ އިތުރުން ހަސީނާ އާއި ސުޖާއު ވެސް ހިނގައިގަތެވެ. މުއާޒް އެ ބުނާ ކޮޓަރިއަށް ވަތް އިރު އިނީ ޒުވާން އަންހެންކުއްޖެކެވެ. އޭނަ މާބަނޑެވެ. އަހަރެން ހައިރާންވީ އެ ކަހަލަ ވާހަކައެއް އަސްމާ ނުބުނީމައެވެ. ބަނޑަށް ހީވަނީ ހަތް މަސް ނުވަތަ އަށް މަސް ވެފައި ހެންނެވެ. މިލާފައިވާ މޫނެކެވެ. ހާވާލާފައިވާ އިސްތަށިގަނޑެކެވެ. މިއިން ދުވަހަކު ވެސް ފެންވަރާފައި އިން ހެނެއް ހީނުވެއެވެ. އަނަރޫފަވެފައިވާ ނިކަމެތި ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. އަހަރެން ފެނުމުން ބަލައިލިއެވެ.

"މިއީ ކާކު؟ ކީއްކުރަން ގެނައި މީހެއް؟" އޭނާ ބުންޏެވެ.

"މިއީ އަހަރެންގެ ކޮއްކޮ ނުޒުލާ،" މުއާޒް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން މިއީ ނުޒުލާގެ ރައްޓެއްސެއް ކަމަށް ބަލަންވީނު؟" އެނދު ކައިރީ ހުރި ގޮނޑިއެއްގައި އަހަރެން އިށީންނަމުން ބުނީމެވެ.

"އަހަރެންގެ ހުންނާނީ އެންމެ ރައްޓެއްސެއް،" ނުޒުލާ ބުންޏެވެ.

"އެހެންތަ؟ އެއީ ކާކު؟" އޯގާތެރިކަމާ އެކުގައި އަހަރެން އެހީމެވެ.

"ނުބުނާނަން. އޭނަ ބުނި އޭނަގެ ވާހަކަ މީހުން ކައިރީ ނުކިޔައްޗޭ،" ނުޒުލާ އަނެއް ފަރާތަށް އެނބުރެމުން ބުންޏެވެ.

ނުޒުލާއާ އެކުވެރިކަމާ އެކު ވާހަކަ ދެއްކޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެ ބުނާ އެކުވެރިޔާއަކީ ކާކުތޯ އޮޅުންފިލުވޭތޯ ވެސް ބެލީމެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ނުޒުލާގެ ވާހަކަތަކުން ހީވަނީ އޭނައަކީ ކުޑަކުއްޖެއް ހެންނެވެ. ކުޑަކުދިން ބޮޑާހާކާފައި ވާހަކަ ދައްކާހެން ވާހަކަ ދެއްކިއެވެ. ތުން ދަމާފައި ރުޅި ހަދާހެން ރުޅި ހަދައެވެ. ކުސްތަޅާހެން ކުސްތަޅައެވެ.

"ހާމިޒް ކީކޭ މި ކަމުގައި ބުނަނީ؟" މުއާޒް އަހަރެންނާ ސުވާލު ކުރިއެވެ. އަހަރެމެން ތިބީ ރަށުގެ އަތިރިމަތީގައި ހުންނަ ޖޯލިފަތީގައެވެ. އަހަރެންނާ ޖެހިގެން އޮތީ ސުޖާއުއެވެ. ކުރިމަތީ ހުރި ޖޯލީގައި އޮތީ މުއާޒެވެ.

"އަދި އެއްޗެއް ބުނަން ތަންކޮޅެއް އަވަސް ދޯ؟ އެކަމަކު ތިއީ ޑޮކްޓަރީ ކަމެއް ނޫން،" ވިސްނާލަފައި އަހަރެން ބުނީމެވެ.

"އަހަރެންގެ އަންހެނުން މިކަމުން ރަނގަޅު ވާނެތަ؟" ކަންބޮޑުވެފައި އިން ސުޖާއު އަހާލިއެވެ.

"އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ހިތްވަރާއި ކެތްތެރިކަމާއެކު ކުރިމަތިލާ ކަންކަމުގައި މާތް ﷲ ކާމިޔާބު ލައްވާނެ" ހިނިތުންވެލަމުން އަހަރެން ބުނީމެވެ.

"ކޮން ކަމެއް ކުރަން ޖެހޭނީ؟ މި ބުނީ އެއްވެސް އެއްޗެއް ހޯދަން ޖެހޭނެތަ މިކަން ކުރާ އިރު؟" މުއާޒް އަހާލިއެވެ.

"އަހަރެން ބުނާނަން ހޯދަންވާ އެއްޗެއް. އެކަމަކު މި ވަގުތު ޖެހޭނީ ކޮންކަހަލަ ކަމެއްތޯ ބަލާލަން. ސިހުރު ނުވަތަ އެސްފީނާތޯ. ނުވަތަ އިސްތިރި ވަރިތޮޅިތޯ،" ވިސްނާލާފައި އަހަރެން ބުނީމެވެ. "ނުޒުލާއަށް ނަފުރަތު ކުރާ އެއްވެސް މީހެއް ނުވަތަ ބަޔަކު އެނގޭތަ؟"

"ތިހެން ނޭނގެ ބުނާކަށް. އޭނައަކީ ވަރަށް މަޑުމައިތިރި ކުއްޖެއް. އެހާ ގިނައިން ބޭރަކަށް ނުނިކުންނާނެ. ގިނައިން ދާނީ ސުޖާއުމެން ގެއަށް. އެ ގޭގައި އުޅޭނެ ނުޒުލާއާ އެއް ފުރައިގެ ކުއްޖެއް. ސުޖާއުގެ ކޮއްކޮ ސުމާނާ. އޭނަ ކައިރިއަށް ދާނެ. އެކަމަކު މިހާރު ކޮޓަރިން ވެސް ނުކުންނަނީ ވަރަށް މަދުން،" މުއާޒު ބުންޏެވެ.

"ކިހިނެއް މި ކަމެއް ދިމާވީ؟" އަހަރެން އަހާލީމެވެ.

"އަހަރެމެން ވަރަށް ގިނައިން ހަނދުވަރު މޫސުމުގައި ތުނޑިއަށް ދަން. އެއް ރޭ ގޮސްފައި އައި ފަހުން އުޅުނީ ބޮލުގައި ރިއްސާތީ. އޭގެ ފަހުން ފަހަރަކު ކަމެއް ވަމުން ގޮސް މިހެން ވީ. އޭރު ބަނޑަށް ފަސް މަސް،" ސުޖާއު ބުންޏެވެ.

"މާބަނޑު އިރު އެކަހަލަ ގަޑިގަޑީގައި އެފަދަ ތަންތަނަށް ދިޔުން އެހާ ރަނގަޅެއް ނުވާނެ،" އަހަރެން ބުނީމެވެ.

އިޝާ ނަމާދު ކޮށްލައިގެން އަހަރެން ދިޔައީ ގެއާ ދިމާލަށެވެ. އަހަރެން ހުންނަނީ މުއާޒްމެން ގޭގައެވެ. މަގުތައް ކިތަންމެ ފުޅާ ނަމަވެސް މަގުތަކުގައި ވަނީ ފަނޑު އަލިކަމެކެވެ. ބައެއް ހޮޅިދަނޑީގައިވާ ލައިޓް ވަނީ ނިވިފައެވެ. އަހަރެން ހުންނަ ގެ ހުންނަނީ މިސްކިތާ ދާދި ގާތުގައެވެ. އަހަރެން ހިނގަމުން ދިޔަ އިރު އެކުގައި އެހެން މީހަކު ހުރިހެން ހީވެއެވެ. ވައަތް ފަރާތް ބަލާލަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އެ ވަސްވާހަކަށް އިޖާބައެއް ނުދެމެވެ. ހަށިގަނޑުގައި ޖެހޭހާ ކައިރިން އެ މީހަކު ހިނގާ ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް އަހަރެން ހުރީ ވުލޫ މަތީގައެވެ. ނުކުތީ މިސްކިތުން ނަމާދު ކޮށްގެންނެވެ. ކިޔަމުން ދިޔައީ ﷲގެ ކަލިމަތަކެވެ. އެ މީހަކަށް އަހަރެންނަކަށް ގެއްލުމެއް ނުދެވޭނެއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ މަގު އޮޅުނެވެ. ހުރެވުނީ ރަށުގެ އަތިރިމަތީގައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް