ނަވާޒުއްދީން ސިއްދީގީ އާއި ނޭހާ ޝަރުމާގެ 'ޖޯގީރާ ސާރާ ރާ ރާ'
ޓީޒާ: ދިގު ބްރޭކަކަށް ފަހު ނަވާޒުއްދީންގެ އާ ފިލްމު 'ޖޯގީރާ ސާރާ ރާ ރާ'
ފިލްމުތަކުން ދިގު ބްރޭކެއް ނެގުމަށް ފަހު ނަވާޒުއްދީން ސިއްދީގީ އާ ފިލްމަކާ އެކު އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.
ޒާތީ ދިރިއުޅުމުގައި މިފަހުން ބޮޑު ހައިޖާނެއްގެ ތެރޭ އުޅެފައިވާ ނަވާޒުއްދީންގެ އާ ފިލްމަކީ ރޮމޭންޓިކް ކޮމެޑީ 'ޖޯގީރާ ސާރާ ރާ ރާ' އެވެ. ނޭހާ ޝަރުމާއާ އެކު އޭނާ ކުޅެފައިވާ ފިލްމުގެ ޓީޒާ މިހާރު ވަނީ ނެރެފަ އެވެ.
އަންނަ މަހު 12 ގައި ސިނަމާގައި އަޅުވާ މި ފިލްމުން ޒަރީނާ ވައްހާބު، ސަންޖޭ މިޝްރާ އަދި މަހަކްޝޭ ޗަކްރަބޮތީ ވެސް މި ފިލްމުގެ މުހިއްމު ރޯލުތަކަކުން ފެންނާނެ އެވެ.
ނަވާޒުއްދީން އަނބިމީހާ އާލިޔާ އާއި ކޮއްކޮ ޝަމްސުއްދީންއާ އެކު މައްސަލަގަނޑެއްގެ ތެރޭގައި އުޅޭތާ މަސްތަކެއް ވަނީ ވެފަ އެވެ. ނަވާޒުއްދީނާއި ޝަމްސުއްދީނާ ދެމެދު ޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ އިރު ސޯޝަލް މީޑިއާގައި އެކަކު އަނެކަކާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް ބޮމްބޭ ހައި ކޯޓުން މިހާރު ވަނީ ދެބެއިންނަށް އަންގައިފަ އެވެ.
ނަވާޒުއްދީން އޮތީ ސޯޝަލް މީޑިއާގައި އޭނާގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ކޮއްކޮ އަތުން 100 ކްރޯޑު ރުޕީސް ހޯދަން ދައުވާކޮށްފަ އެވެ.
ދަރިންގެ ތައުލީމުގެ ކަންކަމާ މެދު ނަވާޒުއްދީނާއި އާލިޔާއާ ދެމެދު ޖެހިފައި އޮތް މައްސަލަ މިހާރު ހައްލުކޮށް، ސްކޫލަށް ދާން ކުދިން އަނބުރާ ދުބާއީއަށް ގެންދާނެކަން ކޯޓަށް ވަނީ އަންގައިފަ އެވެ.