ނަވާޒުއްދީން ސިއްދީގީ އަދި އަނބިމީހާ އާލިޔާ
ނަވާޒުއްދީން އަބުރުގެ ދައުވާ އަނބުރާ ގެންގޮސް އަންހެނުންނާ އެކު ވަރީގެ އެއްބަސްވުމަކަށް
ކައިވެނީގެ ހައިޖާނުގަނޑު އެންމެ ފަހުން ނިމުމަކަށް ގެނައުމަށް އަނބިމީހާ އާލިޔާއާ އެކު ވަރީގެ އެއްބަސްވުމަކަށް ދާން ނަވާޒުއްދީން ސިއްދީގީ ނިންމައިފި އެވެ.
ހަބަރުތައް ބުނާގޮތުގައި އާލިޔާއާ ދެކޮޅަށް އޭނާ ހުށަހެޅި އަބުރުގެ ދައުވާ، އެ އެއްބަސްވުމުގެ ދަށުން ނަވާޒުއްދީން އަނބުރާ ގެންދާނެ އެވެ. އަދި ކައިވެނީގައި ޖެހިފައިވާ އެހެނިހެން މައްސަލަތައް ހައްލުކުރުން ވެސް އެއްބަސްވުމުގައި ހިމެނޭ ކަމަށާއި ދެ ދަރިންގެ ހަލޯނަތާ ގުޅުވައިގެން ތޮޅުމަކަށް ނުދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ނަވާޒުއްދީނާއި އާލިޔާ ފާޅުގައި އަރާރުންވަމުންދާތާ ކިތަންމެ ދުވަހެކެވެ. ނަވާޒުއްދީން ދަރިން އުކާލާފައިވާ ކަމަށާއި ނަވާޒުއްދީންގެ މަންމަ އާލިޔާއަށް ފުރައްސާރަކޮށް، މުމްބާއީގައި ހުންނަ ނަވާޒުއްދީންގެ ގެއަށް ވަނަނުދިން ކަމަށް ބުނެ އާލިޔާ ވާހަކަދައްކާފައިވާ އިރު ނަވާޒުއްދީން ވަނީ އާލިޔާއަކީ ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި އުޅޭ މީހެއް ކަމަށް ބުނެފަ އެވެ.
އާލިޔާ އޮންލައިން ނޫހަކަށް ބުނިގޮތުގައި ދެ މީހުން ވަރިވާ ގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ. އެކަމާ ބެހޭގޮތުން އޭނާގެ ވަކީލު ރިޒްވާން ސިއްދީގީ ބުނީ ސެޓްލްމެންޓް އެއްބަސްވުމުގެ ތަފްސީލެއް ހާމަނުކުރާނެ ކަމަށެވެ. ނަމަވެސް ކުދިން ތިބޭނީ އާލިޔާ ގާތުގައި ކަމަށާއި، ހާއްސަކޮށް ނަވާޒުއްދީންގެ ބިޒީ ޝެޑިއުލަށް ބަލާއިރު، އެކަމުގައި ދެބަސްވުމެއް އޮވެގެން ނުވާނެ ކަަމަށް ވަކީލު ބުންޏެވެ.
ނަވާޒުއްދީން މި ހަފްތާގެ ކުރީކޮޅު އޭނާގެ ކޮއްކޮ އާއި އާލިޔާގެ މައްޗަށް ހުށަހެޅި އަބުރުގެ ދައުވާގައި ވަނީ 100 ކްރޯޑު ރުޕީސް އާއި މައާފުގެ ސިޓީއެއް ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފަ އެވެ.
އާލިޔާގެ ވަކީލު ބުނީ އެއީ އަސްލެއް ނެތް ދައުވާއެއް ކަަމަށެވެ. އަދި މިހާރު ދެ ފަރާތުން އެއްބަސްވުމަކަށް ދާން ނިންމާފައިވާ އިރު އެ މައްސަލަ ވެސް ހައްލުވެގެންދިޔުން މުހިއްމު ކަމަށް އޭނާ ބުންޏެވެ.
އާލިޔާ ބުނިގޮތުގައި އޭނާއަށް ވަނީ ދިރިއުޅެން އުނދަގޫވެފަ އެވެ. މިހާރު ކުއްޔަށް ދިރިއުޅޭ އެޕާޓްމެންޓުން މި މަހުގެ ނިޔަލަށް ނުކުންނަން އެންގުމުން އިތުރު އެއް މަސް ދޭން އެދިފައިވާ ކަމަށާއި ޖެހިގެން އުޅޭ މައްސަލައާ ހެދި އޭނާއަށް ތަނެއް ކުއްޔަށް ދޭން މީހުން ބޭނުންނުވާ ކަމަށް އާލިޔާ ބުންޏެވެ. އަދި އޭނާ ބުނީ އޭނާގެ އަތުގައި ފައިސާ ނެތުމުން ދަރިން ތިބީ ސްކޫލަށް ނުދެވިފައި ކަމަށާއި ނަމަވެސް އެ ކުދިން އެކި ކްލާސްތަކަށް ފޮނުވަމުންދާ ކަމަށެވެ.
އާލިޔާ ވަނީ ވަރިވުމަށް ފަހު ކުރީގެ ނަމަށް ރުޖޫއަވާން ނިންމައިފަ އެވެ. އޭނާގެ އަސްލު ނަމަކީ އަންޖަނާ ކިޝޯރު ޕާންޑޭ އެވެ.