Majlis 2024

ރެވިއޯ ބޭންޑުގެ މެމްބަރުން: އޮލިމްޕަހުގެ ފުރަތަމަ ޝޯއަށް ތިބީ ތައްޔާރުވެގެން

މިއުޒިކް

ނޮއިސްގައި ރެވިއޯގެ އުދުހިލުން އާ ލަވަތަކަކާ އެކު

އަންނަ ހަފްތާބަންދުގައި އޮލިމްޕަހުގައި ބާއްވާ ޝޯގައި ރެވިއޯ ކުޅޭނީ ހުކުރު ދުވަހުގެ ރޭ
11 މާރިޗު 2023

އަނެއްކާވެސް އުދުހިލަން ތައްޔާރުވާށެވެ. އަންނަ ހަފްތާބަންދުގައި ބާއްވާ 'ނޮއިސް' ގައި ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގެ ސްޓޭޖުން ރެވިއޯ ފެންނާނެ އެވެ. 

ރެވިއޯގެ 'އުދުހިލާ'

ޖެންޒީ އާއި ދެން ވެސް ތިބި ބަޔެއްގެ ތަރުހީބު އެ ބޭންޑަށް ހޯދައިދިން ލަވަ 'އުދުހިލާ' އިން މަޝްހޫރުވި ޒުވާން ބޭންޑްގެ މިއުޒިކް ހިތްގައިމެވެ. އެމީހުންގެ ލަވައެއް އަޑުއަހައިފިއްޔާ އެ ލަވަ ބޮލުތެރޭ އެނބުރޭނެ އެވެ. ލައިވް ޝޯތަކުގައި ބޭންޑުން އޯޑިއަންސަށް ދައްކާލާ ހަކަތަ އާއި ވައިބް ރަނގަޅެވެ. 

ރެވިއޯ ބޭންޑްގެ މެންބަރުން ފޮޓޯއަކަށް ހުއްޓިލައިގެން

ރެވިއޯގައި ހިމެނެނީ ހަގު ޓީމެކެވެ. އެންމެން ވެސް އުމުރުން 30 އަހަރުން ދަށުގަ އެވެ. ބޭންޑްގެ ލީޑް ވޯކަލިސްޓް އަކީ ކޯފައުންޑާ އަހުމަދު ހުމާމް (ޒޯލޯ) އެވެ. ބޭންޑްގެ އަނެއް ފައުންޑިން މެންބަރަކީ ޑްރަމަރު ޖީމް ނިޔާޒެވެ. ކީބޯޑްގައި ހުރީ ހުސެއިން ހިސާން އެވެ. ލީޑް ގިޓަރިސްޓަކީ ޒަޔާން ފައިސަލް އެވެ. ބޭސިސްޓް އަކީ އިނާން އާދިލް އެވެ.

އުފެދުނުތާ މާ ގިނަ ދުވަހެއް ނުވިޔަސް ރެވިއޯ އިން ވަނީ އަމިއްލަ އަލްބަމެއް ނެެރެފަ އެވެ. މުޅިން އޮރިޖިނަލް ހަތް ލަވަ ހިމެނޭ 'ކުރެހުން' ރިލީޒްކުރީ މިދިޔަ އަހަރެވެ. އެއީ ބޭންޑްގެ އަމިއްލަ އުފެއްދުންތަކުގެ ފެށުމެވެ. އަލްބަމްގެ ފުރަތަމަ ލަވައިގެ ނަމަކީ ވެސް 'ފެށުމެއް' އެވެ. ދެން 'ކުރެހުން' ލަވައިން 'ހޫރެއް ފަދައިން' ކުރެހި ކުރެހުން ނިންމާލައި 'ހުވަފެނެއް' ބަލައިލާ 'ނޭނގުނު ދޯ'އޭ ބުނެލައި 'ދޫކޮށްފާ' ދަނީ 'ރަން ރާގު'ން އަލްބަމް ޖަރީކޮށްފަ އެވެ.

ބައިސްކޯފުން މިދިޔަ އަހަރު ބޭއްވި 'ޗަނާޗާ' ޝޯގައި ޒަޔާން ފައިސަލް ގިޓާ ކުޅެނީ (ދައުރު ފޮޓޯ/އަބްދުﷲ ޔާޝާއު)

މީގެ ތިން އަހަރު ކުރިން ރެވިއޯ ފަށައިގަތް އިރު ލަވަތަކަށާއި އަލްބަމަށް ސަމާލުކަން ހޯދަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނަސް، މިހާރު އެކަން މަޑުމަޑުން އަންނަނީ ބަދަލުވަމުންނެވެ. ރެވިއޯއޭ ބުނީމާ ނޭނގޭ ޒުވާނަކު މިހާރު މަދެވެ.

ބައިސްކޯފުން މިދިޔަ އަހަރު ބޭއްވި 'ޗަނާޗާ' ޝޯގައި ރެވިއޯގެ ޒޯލޯ ލަވަކިޔަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔާޝާއު)

މިދިޔަ އަހަރުގެ 'ޗަނާޗާ' އަށް ފަހު ހުޅުމާލޭގައި އުރީދޫ އިން ބޭއްވި ފަން ރަންގައި މިއުޒިކް ކުޅެން ރެވިއޯ އެރި އިރު ވާރެއާ ހެދި ކުޑަކޮށް މެދުކަނޑާލަން ޖެހުނަސް، ރެވިއޯގެ މިއުޒިކް އަޑުއަހާފައި އަދި އެ ފޯރީގައި ބައިވެރިވެފައި ނޫނީ ގެއަށް ނުދާން އެތައް ޒުވާނުންނެއް މަޑުކުރި އެވެ. ފެނިގެން ދިޔައީ ތަރުހީބާއި ލޯތްބެވެ.

'ނޮއިސް' ގައި އާ ލަވަތަކެއް ވެސް ކުޅޭނެ

އެއްކާފުން މާޗް 17 އަދި 18ގައި އޮލިމްޕަހުގައި ބާއްވާ 'ނޮއިސް' އިވެންޓްގެ ޝެޑިއުލް

ރެވިއޯ އިން 'ނޮއިސް'އާ މެދު ބުނަން އޮތީ މިއީ އެއްކާފު ކްރިއޭޓިވް ސްޓޫޑިއޯ އިން ފަންނާނުންނަށް ފަހިކޮށްދޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އަހަރެމެންނަށް ޝޯއެއް ދިނުމަށް ސްޓޭޖެއްގެ އިތުުރުން މީހުންނަށް ވެސް މިއުޒިކް އެންޖޯއިކޮށްލާނެ ފުރުސަތެއް މި ހޯދާދިނީ،" ޒޯލޯ ބުންޏެވެ.

ރެވިއޯގެ ކޯފައުންޑާ އަދި ޑްރަމަރު ޖީމް ނިޔާޒު

ޒޯލޯ ބުނިގޮތުގައި އޭނާގެ މިއުޒިކީ ދަތުރުގައި އޮލިމްޕަހަކީ ހާއްސަ ތަނެކެވެ. އޮލިމްޕަހުގެ ސްޓޭޖު އޭނާގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ އިރު، އަމިއްލަ ބޭންޑާ އެކު އޮލިމްޕަހުގައި ފުރަތަމަ ފަހަރަށް ދޭ ޝޯ އަށް އޭނާ އާއި ބޭންޑް އޮތީ ކެތްމަދުވެފަ އެވެ.

'ނޮއިސް' ގައި ރެވިއޯގެ އާ ލަވަތަކެއް ކުޅޭނެ ކަމުގެ ޔަގީންކަން ޒޯލޯ ދިނެވެ. އުފާވެރި އަނެއް ހަބަރަކީ ބޭންޑްގެ ދެވަނަ އަލްބަމް ފޭނުންނާ ހިސާބަށް ވަރަށް އަވަހަށް އަންނާނެ ކަމެވެ.

ބޭންޑުން ބުނާގޮތުގައި "ރެވިއޯ" މި ލަފްޒުގެ މާނައަކީ ފޯރިނެގުމެވެ. އެހެންވީމާ އޮލިމްޕަހުގައި 17 މާޗުގައި ބާއްވާ ޝޯގައި މި ބޭންޑާ އެކު ފޯރިނަގަން ތައްޔާރުވާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް