'ބީވީމާ' ފިލްމުގެ ސެޓެއްގައި މަރިޔަމް އަޝްފާ އޭނާގެ ކޯއެކްޓަރު އިސްމާއީލް ރަޝީދު އެކު. (ފޮޓޯ/ޑާކް ރެއިން އެންޓަޓެއިންމަންޓް)
'ބީވީމާ' އަކީ ރީމޭކެއް، އެހެން ގޮތަކަށް ދައްކަން އުޅެފައެއް ނުވާނެ: ޑާކް ރެއިން
ގިނަ ދުވަސްތަކަކަށް ފަހު ދިވެހި ސިނަމާ އަށް އައި ފުރަތަމަ ފިލްމު 'ބީވީމާ' އަކީ ރީމޭކެއް ކަމަށް އެ ފިލްމު އުފެއްދި ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ބީވީމާ' ބެލުމަށް ފަހު، އެ ފިލްމާ ބެހޭގޮތުން 'ދައުރު' ގައި ޝާއިއު ކުރި ލިޔުމަކާ މެދު ހިތްހަމަނުޖެހި ޑާކް ރެއިން އިން ވަނީ ބަޔާނެއް ނެރެފަ އެވެ. 'ބީވީމާ' އަކީ ތަމަޅަ ފިލްމު '96' އިން ހިޔާލު ލިބި އިންސްޕަޔާވި ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވީ ނަމަވެސް އެއީ ހަގީގަތުގައި ކޮޕީއެއް ކަމަށް 'ދައުރު'ގެ ލިޔުމުގައި ބުނެފައިވެ އެވެ.
ތަފްސީލް - ޑާކް ރެއިން އިން ބުނީ 'ބީވީމާ' އަކީ އެ ޕްރޮޑަކްޝަން ހައުސްގެ އަމިއްލަ ހިޔާލެއް ކަމަށް ބުނެ އޮޅުވާލައިގެން އުފައްދާފައިވާ ފިލްމެއް ކަމަށް ދައްކައިގެން ހަދާފައި އޮތް ކޮޕީއެއްގެ ގޮތުގައި 'ދައުރު'ގެ ލިޔުމުގައި ސިފަކޮށްފައިވާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި '96' އަކީ ވަރަށް ގިނަ ބަޔަކު ރީމޭކްކޮށްފައިވާ ފިލްމެއް ކަމަށާއި 'ބީވީމާ' އަކީ ދިވެހި މުޖުތަމައުއަށް އެ ފިލްމު ފައްތައި ތައްޔާރުކޮށްފައިވާ "ދިވެހި ރީމޭކެއް" ކަމަށް ވެސް ޑާކްރެއިން އިން ބުންޏެވެ.
އެނގުން މުހިއްމު - އާއްމުގޮތެއްގައި ފިލްމުތަކުގެ ރީމޭކު ހަދާއިރު، އަސްލު ފިލްމު އުފެއްދި މީހުންގެ އަތުން ރަސްމީ ހުއްދަ ނަގަ އެވެ. ނަމަވެސް 'ބީވީމާ' ހެދުމަށް އެފަދަ ހުއްދައެއް ނެގި ކަމަކަށް ޑާކް ރެއިން އިން ބުނެފައެއް ނުވެ އެވެ.
ފަސްމަންޒަރު - އެންމެ ފުރަތަމަ 'ބީވީމާ'ގެ މަސައްކަތް ފަށައިގެން ކުރިއަށް ދިޔައިރު، '96' ކިޔާ ފިލްމެއްގެ ވާހަކައެއް ހަބަރުތަކަކަށް ނާދެ އެވެ. ނަމަވެސް ފިލްމުގެ ޕޯސްޓަރުތައް އާންމުވި ހިސާބުން ބައެއް އާންމުންނަށް ފާހަގަވެގެން އެ ފިލްމަކީ '96'ގެ ކޮޕީއެއް ކަމަށް ބުނެ ދެ ފިލްމުގެ ޕޯސްޓަރުތައް އަޅާބަލައި ފާޑުކިޔަން ފެށި ފަހުން ޑާކް ރެއިން އިން، އެއީ '96'ގެ އިންސްޕިރޭޝަންއެއް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، ޑާކް ރެއިން އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، 'ބީވީމާ'ގެ މަސައްކަތް ފެށި ހިސާބުން ވެސް، އެ ފިލްމަކީ ތަމަޅަ ފިލްމު '96' އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަމަށް ފިލްމުގެ ކާސްޓުންނަށާއި މީޑިއާ އަށް މައުލޫމާތު ދީފައިވާނެ ކަމަށެވެ.
ޑާކް ރެއިންގެ ބަޔާނުގައި ބުނީ:
-
'ދައުރު' ގައި ލިޔުން ޝާއިއު ކުރުމުގެ ކުރިން، ލިޔުންތެރިޔާ އަހްމަދު ނަދީމް، ފިލްމުގެ ޑައިރެކްޓަރު އަހްމަދު ޒަރީރަށް ފޯނުން ގުޅައި މިއީ ކޮޕީ ފިލްމެއް ނޫންހޭ ބުނި ކަމަށް
-
ޖަވާބުގައި، މި ފިލްމަކީ '96' އަސްލަކަށް ބަލައިގެން ހަދާފައިވާ ދިވެހި ރީމޭކެއްކަން އެއްވެސް އިރަކު ވަންހަނާކޮށްފައި ނުވާނެ ކަމަށް ޒަރީރު ބުނި ކަމަށް
-
ފިލްމު އިއާލާންކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް އައިއިރު އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތްގޮތުން އެ ވާހަކަ ދައްކާފައިވާނެ ކަމަށާއި ފިލްމުގެ ޕޯސްޓަރު އަދި ޓްރެއިލާ ރިލީޒްކުރި އިވެންޓްގައި ވެސް، ފިލްމު އުފެއްދުމުގެ ހިޔާލު އައި ގޮތާއި މި ފިލްމު އަސްލަކަށް ބަލާފައިވާ '96' އެއީ ފިލްމުގެ ޕްރޮޑިއުސަރަށް ކިހާ ރީތި ފިލްމެއް ކަމުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކުރި ކަމަށް ނަދީމް ގާތު ޒަރީރު ބުނި ކަމަށް
-
ޖަވާބުގައި، އެކަން އޭނާއަށް އެނގިފައިނުވާ ކަމުގައި ޒަރީރު ގާތު ނަދީމް ބުނި ކަމަށް
'ދައުރު'ގެ ރިވިއުގައި ބުނެފައިވަނީ:
-
'ބީވީމާ' އަކީ ތަމަޅަ ފިލްމު '96'ގެ އަސްލަށް ނުވަތަ އެ ފިލްމުން އިންސްޕަޔާވެގެން އުފެއްދި ފިލްމެކޭ ޑާކް ރެއިނުން ބުނި އެއްވެސް ހަބަރެއް، ޑައިރެކްޓަރު އެހެން ބުނި ވާހަކައެއް ވެސް، އެންމެ ފުރަތަމަ ސުރުހީއަކަށް ތިލަވެފައެއް ނެތް ކަމަށް
-
އެކަމަކު ފިލްމުގެ ޓިކެޓް ވިއްކަން ފެށި ހަފުތާގައި ޝާއިއުކުރި ދެ ހަބަރެއްގައި، ޑާކް ރެއިންއާ ހަވާލާދީ، 'ބީވީމާ' އިންސްޕަޔާވެގެން އައީ '96' އިން ކަމަށް ބުނެފައިވާ ކަމަށް
-
ބީވީމާ' އަކީ '96'ގެ މަންޒަރަކަށް މަންޒަރެއް އަދި ޑައިލޮގަކަށް ޑައިލޮގެއް ނަގައިގެން ކޮށްފައި އޮތް މަސައްކަތެއް ކަމަށް
-
މިއީ އިންސްޕަޔާވެގެން ފިލްމު ހަދާ ގޮތް ނޫން ކަމަށާއި މިއީ ކޮޕީކުރުން ކަމަށް
ޑާކް ރެއިން އިން ބުނީ 'ދައުރު'ގެ ލިޔުމުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށާއި އެއީ 'ބީވީމާ' ފިލްމާއި ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުންގެ އަގު ވައްޓާލަން ޒާތީ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށެވެ.
"ދައުރުގައި ލިޔެފައިވާ އާޓިކަލްގައި ފާހަގަކޮށްލަން ހަނދާންނެތިފައިވާ އެއް ކަމަކަކީ '96' މި ފިލްމަކީ ވެސް އެހެން ފިލްމެއްގެ ހިޔާލުން އިންސްޕަޔާ ވެގެން ހަދާފައިވާ ފިލްމެއް ކަމެވެ،" ބަޔާނުގައި ބުންޏެވެ.
ކޮމެންޓް (3)
ފިލްމު ބަލާ މީހެއް
ބުރުގާ
އިންސްޕަޔާ