'ބީވީމާ'ގެ މަންޒަރެއްގައި އިސްމާއިލް އާއި އަޝްފާ (ފޮޓޯ/ޑާކް ރެއިން އެންޓަޓެއިންމަންޓް)
އިންސްޕަޔާ ވިޔަސް ކޮޕީކުރުން ބީވެގެނެއް ނުދިޔަ
މުށުން ބީވުމުގެ ކުރިން އެންމެ ފުރަތަމަ، ސަޅި ތަމަޅަ ފިލްމެއްގެ ޕްލޮޓް ކިޔައިދޭނަމެވެ. ސުމަކުން ފަށައިގެންނެވެ. ޝޮޓުން ޝޮޓަށެވެ.
ދަރިވަރުންތަކަކަށް ފޮޓޯގްރެފީގެ ކްލާހެއް ނަގައިދިނުމަށް ފަހު ކުރާ ދަތުރެއްގައި ރާމް އަށް ގޮސް ވަދެވެނީ އޭނާގެ ސާނަވީ ތައުލީމުގެ ހަނދާންތަކަށެވެ. މި ހަނދާންތައް އޭނާއާ ބައްދަލުކުރަނީ އޭނާ ކިޔަވަން އުޅުނު ސްކޫލާއި ކްލާސްރޫމު ތެރެއަށް ވަދެ އެތަނުގައި ހޭދަކުރާ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ދެން ގޮސް ވަންނަނީ އެ ކްލާހުގައި އެކުގައި ކިޔެވި މުސްކުޅި ދަރިވަރުންނާ އެކު ވަޓްސްއެޕް ގްރޫޕަކަށެވެ.
އެންމެން މަޝްވަރާކޮށްގެން ދެން ބާއްވަނީ އެމީހުންގެ ރީޔޫނިއަން އެއްވުމެކެވެ. ރާމްގެ ކުޑައިރުގެ ލޯބިވެރިޔާ، ޖާނޫ ވެސް މި ރީޔޫނިއަންގައި ބައިވެރިވާނެކަން ރާމް އަށް އެނގެނީ ޕާކެއްގައި ކުލަބޮކިލައިގެން ބާއްވާ މި ކެއުންގަނޑުގެ ތެރެއިންނެވެ. ސިންގަޕޫރުގައި ދިރިއުޅޭ ޖާނޫ މި ރީޔޫނިއަންގައި ބައިވެރިވާން އަންނަ ހަބަރު ލިބުމާ އެކު ކެމެރާ ޒޫމްވެގެން ދަނީ ރާމްގެ މޫނަށެވެ. އެއާއެކު އަހަރެމެން ގޮވައިގެން ދަނީ ވިއްސަކަށް އަހަރު ކުރީގެ ހަނދާންތަކެއްގެ ތެރެއަށެވެ. އެއް ކުލާހެއްގައި ކިޔެވި ރާމް އާއި ޖާނޫގެ ލޯބީގެ ވާހަކައިގެ ތެރެއަށެވެ.
ފަހު އިމްތިހާނުގެ ޗުއްޓީ ދެ މީހުންގެ ދެމެދަށް ވަދެ ދެ މީހުން ވަކިވުމުގެ ކުރިން ރާމްގެ ޔުނީފޯމަށް ގަލަމުން ދެލި ބުރުވާލާފައި ޖާނޫ އެދެނީ އޭނާގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލުމަށެވެ. – ފޮގެޓް މީ ނޮޓް އެވެ.
މިހައި ހިސާބުން އަހަރެމެން އަނެއްކާވެސް އެނބުރި އަންނަނީ ރީޔޫނިއަންގެ ތެރެއަށެވެ. އެ ބައްދަލުވުމަށް ފަހު، ރާމް އާއި ޖާނޫ އަލުން ބައްދަލުވާ ތަނާއި މަންޒަރަށެވެ. ޓެކްސީން ފައިބައިގެން ޖާނޫ އަންނައިރު ރާމް ހުންނަނީ ހާސްވެ ހަދާނެ ގޮތް ހުސްވެ، ފިލަ އެވެ. އެހެން އެންމެނާ ދުރުގައި އެކަންޏެވެ.
ރާމް ވެސް ރީޔޫނިއަން އެއްވުމުގައި އުޅޭކަން ޖާނޫ އަށް އެނގޭ ހިސާބުން އަނެއްކާވެސް ދަމައިގެން ގެންދަނީ ކުރީގެ ހަނދާންތަކަށެވެ. މިފަހަރު ޖާނޫގެ ޕޮއިންޓް އޮފް ވިއުގަ އެވެ. ވީނުވީއެއް ނޭނގި ބޮޑު ޗުއްޓީއަށް ފަހު ރާމް 'ގެއްލުމުން' އޭނާ އަށް ވީގޮތެއް ހޯދުމަށް އުޅޭ ގޮތެވެ. އެންމެފަހުން އެނގެނީ ރާމް އޭނާގެ އާއިލާއާ އެކު އެހެން ސްޓޭޓަކަށް ބަދަލުވީކަމެވެ.
ދެން އަނެއްކާވެސް އެނބުރި އަންނަނީ މިހާރުގެ ވަގުތަށެވެ. ރީޔޫނިއަންއަށެވެ. އަދި ރާމް އެކަނި ފިލައި ހުއްޓައި ފަހަތުން ގޮސް ޖާނޫ އޭނާ އަށް ގޮވާލާތަނެވެ. ކިޔާނެ އެއްޗެއް ނޭނގުނަސް ދެ މީހުން އެކި ދިމަދިމާލުން ވާހަކަތައް ފަށައިގެން ގުޅުވަމުންދާތަނެވެ.
ޖާނޫ މީހަކާ އިނދެގެން އެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވާ ވާހަކަ ރާމް އާއި ޖާނޫ ތިބޭ ތަނެއްގައި ބުނަނީ ގާތް އެކުވެރިއެކެވެ. އެއަށް ފަހު ރާމް ގޮސް ޖާނޫ އަށް ކާއެއްޗެހި އަޅައިގެން ގެނެސްދީ އެންމެފަހުން އެ ތަށިން ދެ މީހުން ކެއުމަށް ފަހު ދަނީ ކޮފީއަކަށެވެ. ޖާނޫގެ ދަރިފުޅުގެ ފޮޓޯގަނޑެއް ޖާނޫގެ ފޯނުން ރާމް އަށް ފެންނަނީ މި ކޮފީގަ އެވެ. އަދި ރާމް އަދިވެސް މީހަކާ ނީންނަ ކަމާއި ދަރިއަކު ވެސް ނެތްކަން ޖާނޫ އަށް އެނގެނީ މި ކޮފީގައި ރައްޓެހިން ތަޅާ އަނގައިންނެވެ.
މި ކިޔައިދެވުނީ 2017 ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމު '96' ގެ ގަޑިއިރަކަށްވާނެހާ މަންޒަރެވެ. އަދި މިއީ، މަރާމާތަށް ފަހު އޮލިމްޕަހުގެ ސްކްރީނުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު 'ބީވީމާ'ގެ ވެސް ފުރަތަމަ ގަޑިއިރުގެ މަންޒަރުތަކެވެ.
މަތީގައި ލިޔެފައި އެ އޮތް ޕްލޮޓުން ރާމް އާއި ޖާނޫ އާއި ސިންގަޕޫރު ޑިލީޓްކޮށްލާފައި ވަޓްސްއެޕް ގްރޫޕް ކޮންފަރެންސް ކޯލަކަށް ބަދަލުކޮށްލުމުން މިއީ ހަނދާން ނައްތާލަން އުނދަގޫވާ ވަރަށް ތަތްވެ އެކުވެފައި އޮތް ދެ ފިލްމެވެ. – 'ފޮގެޓް މީ ނޮޓް' ރާމްއާ ދިމާލަށް ފިލްމުގައި ޖާނޫ ބުނާ ގޮތާއި 'ފޮގެޓް މީ ނޮޓް' އަޔާގެ ޔުނީފޯމުގައި ރާނިޔާ ގަލަމު ދެލިން ލިޔެލާހާ ވެސް ގަދަކޮށް ގުޅިލާމެހިފައިވާ ދެ ފިލްމެވެ. މި ހަގީގަތް ބީވެގެން ނުދާނޭ މިންވަރަށެވެ.
އެހެންވީމަ ތަމަޅަ ފިލްމުގެ ބާކީ އޮތްބައި ކިޔައިދީފި ނަމަ 'ބީވީމާ'ގެ ކުރި އެއްކޮށް މަރުވީ އެވެ. އެ ފިލްމުގެ ހުރިހާ މަންޒަރެއް އޭރުން މި ރިވިއުގައި ލިޔެވުނީ އެވެ. އެހިސާބުން އެއް ބަޔަކު ބުނަން ފަށާނީ "ނަދީމު ތިއޮތީ '96' އާއި 'ބީވީމާ' އެކުގައި ކޮޕީކޮށް" އަކުރުން އަކުރަށް ކީބޯޑަކުން ތަޅާލާފައޭ އެވެ.
އެހެން ނުބުނާންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު އަސްލު އޮރިޖިނަލް ސުވާލު މި އޮތީ ތިރީގަ އެވެ.
މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށް، އަހުމަދު ޒަރީރު 'ލިޔެ ޑައިރެކްޓްކޮށްފައިވާ' 'ބީވީމާ' އަކީ ތަމަޅަ ފިލްމު '96'ގެ ކޮޕީއެއް ހެއްޔެވެ؟ ނުވަތަ އެ ފިލްމުން 'އިންސްޕަޔާވެގެން' އުފެދިފައި އޮތް ފިލްމެއް ހެއްޔެވެ؟ ރަސްމީ ރީމޭކެއް ހެއްޔެވެ؟
މި ސުވާލާއި ޒުވާބު އުފެދިގެން އަންނަނީ މިއީ އިންސްޕަޔާވެގެން އުފެދިގެން އައި ފިލްމެއް ކަމަށް ޑާކް ރެއިން އިން އެކި ސިފަސިފައިގައި ބުނާތީ އެވެ. ނުވަތަ މިއީ އޮރިޖިނަލް ފިލްމެއް ނޫން ކަމަށާއި ފިލްމަކީ '96'ގެ އަސްލަށް އުފެއްދި ފިލްމެއް ކަމަށް 'ބީވީމާ'ގެ ހުރިހާ ޕްރޮމޯޝަންތަކެއްގައިހެން އަބަދުވެސް ތަކުރާރުކޮށް ބުނެ އިއުލާނުކުރި ކަމަށް މިހާރު ބުނާތީ އެވެ.
އެކަމަކު 'ބީވީމާ' އަކީ ތަމަޅަ ފިލްމު '96'ގެ އަސްލަށް ނުވަތަ އެ ފިލްމުން އިންސްޕަޔާވެގެން އުފެއްދި ފިލްމެކޭ ޑާކް ރެއިނުން ބުނި އެއްވެސް ހަބަރެއް، ޑައިރެކްޓަރު އެހެން ބުނި ވާހަކައެއް ވެސް އެންމެ ފުރަތަމަ ސުރުހީއަކަށް ތިލަވެފައެއް ނެތެވެ. އެކަމަކު ފިލްމުގެ ޓިކެޓް ވިއްކަން ފެށި ހަފުތާގައި ޝާއިއުކުރި ދެ ހަބަރެއްގައި ޑާކް ރެއިންއާ ހަވާލާދީ ބުނެފައި ވަނީ 'ބީވީމާ' އިންސްޕަޔާވެގެން އައީ '96' އިން ކަމަށެވެ. އަދި ކޮމެންޓް ކުރި މީހަކު ބުނެފައި އޮތީ "އަތަށް ގޮވީމަ" އެންމެފަހުން އެއްބަސްވީޔޯލަ އެވެ.
އެކަމަކު ވަރަށް ކުރުކޮށް ބުނަން ހެއްޔެވެ؟ މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު އިންސްޕަޔާވާ ގޮތެއް ނޫނެވެ. – މިޔަށް ކިޔަނީ ހަމަ ކޮޕީކުރުމެވެ.
ޑާކް ރެއިން އިން މި ފިލްމުގެ މަސައްކަތް 'ހަލާލުކުރުމަށް' މީގެ ކުރިން ކިތަންމެ މޮޅު ވާހަކައެއް ދައްކާފައި އޮތަސް 'ބީވީމާ' އަކީ '96'ގެ މަންޒަރަކަށް މަންޒަރެއް އަދި ޑައިލޮގަކަށް ޑައިލޮގެއް ނަގައިގެން ކޮށްފައި އޮތް 'ވަރަށް ބުރަ މަސައްކަތެކެވެ.' ތަމަޅަ ފިލްމު އުފެއްދި މީހުންގެ އަތުން ރަސްމީ ހުއްދައެއް ނަގައިގެން ހެދި ނަމަ 'ރީމޭކެއް' ނުވަތަ 'ދިވެހި އެޑަޕްޓޭޝަނަކަށް' ވީހެވެ. – އެކަމަކު އެކަހަލަ ހުއްދައެއް ނެގި ވާހަކައެއް ޕްރޮޑިއުސަރު މިހާތަނަށް އެއްވެސް ޕްރޮމޯޝަނެއްގައި ނުބުނެ އެވެ.
ބުނެފައި އޮތް ވާހަކަ އަކީ ފިލްމުގެ މޮޅު ވާހަކަ އާއި ތަފާތު ވާހަކަ އެވެ. އެކަމަކު އެ މޮޅުވުމާއި ތަފާތުކަމުގެ ކްރެޑިޓް މޮގާ އާއި އޭނާގެ ޓީމު ނަގާނީ ކޮން ގޮތަކުން ހެއްޔެވެ؟ އަދި އެ ހައްގާއި ތައްގަނޑު ޖަހައިދޭނީ ކޮން ކޯޓަކުން ހެއްޔެވެ؟
ވަރަށް ރީތި ފިލްމެއް ތިމަންނާ ބަލައިފީމޭ، އޭތި ކޮޕީކޮށްލަން ހިނގާށޭ ކިޔާފައި ގޮސް 'މޮޅު ފިލްމެއް' ހެދީމާ އެތައް ބައެއްގެ މެދުގައި ވެއްޓިގެން ދަނީ އެތައް ބައެއްގެ އަގެވެ. އޮރިޖިނަލް ލަވަކިޔުންތެރިންނާއި މިއުޒިޝަނުންނާއި ހުނަރުން ފުރިފައިވީ އެކްޓަރުންނަކަށް ވެސް ލިބެން ޖެހޭ ހައްގު ތައުރީފެއް، ސުރުހީއެއް މި ހާވާ ހަޑިއަކާ ހެދި ނުލިބެ އެވެ.
މިސާލަކަށް 'ބީވީމާ' ގައި ހިމެނޭ އެފަދަ ބައެއް ހުނަރުވެރިންނަށް ބަލައިލަމާ ހިނގާށެވެ.
ލީޑް ރޯލު ކުޅެފައި ވަނީ ރާއްޖެ އާއި ސާކް ސަރަހައްދުގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ކޮޕީ އިސްމާއިލް ރަޝީދެވެ. އަލަށް ތައާރަފްވެ ލީޑް ރޯލު ކުޅެފައިވާ ބަތަލާ މަރިޔަމް އަޝްފާ އަކީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި ދިގު އަދި ކާމިޔާބު ކެރިއާއެއް ތަރައްގީކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. ފިލްމުގެ ޓައިޓްލް ލަވަ ކިޔާފައިވާ ޝަލަބީ އިބްރާހީމާއި އެހެން ލަވަކިޔުންތެރިންގެ ގޮތުގައި ފިލްމުން އަޑުއިވިގެން ދިޔަ ޝައްމޫން މުހައްމަދު (އިކުއެޓިކް ވައިބްސް) އާއި މީރާ މުހައްމަދު މާޖިދު ފަދަ ހުނަރުވެރިންނަކީ ދިވެހި އޮރިޖިނަލް ލަވައިގެ އައު ޖީލުގެ ކުރީ ސަފުގައި ތިބި އާޓިސްޓުންނެއް ނޫން ހެއްޔެވެ؟
މީގެ އިތުރުން ވެސް އެތައް އެތައް އާޓިސްޓުންނެއް އެތައް ގޮތަކުން މި ފިލްމަށް ކޮންޓްރިބިއުޓްކޮށްދީފައިވެ އެވެ. އެކަމަކު އެމީހުންގެ މަސައްކަތް ކިތަންމެ އޮރިޖިނަލްވެފައި ކިތަންމެ މޮޅަކަސް އާހިރުގައި ހަޑި މި ވަނީ އެންމެންގެ ނަމެވެ. ފެނުނީ ކޮޕީ ފިލްމަކުންނެވެ.
ފިލްމެއް ކޮޕީކުރަން މިހައި ބައިވަރު ހުނަރުވެރިން އެއްކުރަންވީ ކީއްކުރަން ހެއްޔެވެ؟ މި ހުރިހާ ހުނަރުވެރިން އެއްކޮށްގެން އޮރިޖިނަލް ފިލްމެއް ނަހަދަންވީ ކީއްވެ ހެއްޔެވެ؟ ނެހެދޭނީ ހެއްޔެވެ؟
މިސާލަކަށް ބަލާށެވެ. މި ފިލްމަކީ ޑައިރެކްޓަރު ޒަރީރުގެ ވެސް އަލަތު ފީޗާ ފިލްމެވެ. ޒަރީރަކީ އޭނާގެ ސްކްރިޕްޓް ރައިޓިން އާއި ޑައިރެކްޝަންގެ ހުނަރު މީގެ ކުރިން ވަރަށް ރަނގަޅަށް ޑްރާމާ އަދި ފިލްމުން ސާބިތުކޮށްފައި ހުރި ފަރާތެކެވެ. އެކަމަކު 'ބީވީމާ'ގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ކިތަންމެ މޮޅަސް އެއީ ހަގީގަތުގައި ޒަރީރަށް ހައްގު ކްރެޑިޓް ހެއްޔެވެ؟ އެކަން ފާހަގަކުރަން ކިތަންމެ ބޭނުންވިޔަސް ކަނޑައަޅަންވީ ކޮން މިންވަރެއް ހެއްޔެވެ؟ - މުޅި 'ބީވީމާ' އެހެން ބައެއްގެ ފިކުރީ މުދަލެއްގެ ކޮޕީއަކަށްވާތީ އެވެ.
'ބީވީމާ'ގެ ސްކްރީންޕްލޭ ހުރިހާ ގޮތަކުން ވެސް ދިވެހި ފިލްމުތަކަށް ވުރެ ރަނގަޅެވެ. ސްޓޯރީޓެލިންގެ އިތުރުން ވަކިން ހާއްސަކޮށް ފިލްމުގެ މެއިން ދެ ކެރެކްޓަރުގެ ދެމެދުގައި ދެ ޒަމާނުގައި ބޭނުންކޮށްފައިވާ ޑައިލޮގްތަކާއި އެމީހުންގެ މެދުގައި ގާއިމުކޮށްފައިވާ ކެމިސްޓްރީ އަކީ ޒަރީރުގެ ވެސް މޮޅުކަމެވެ. އެކަމަކު ތަމަޅަ ފިލްމުގައި ވެސް ހުރީ ހަމަ މި ޑައިލޮގެވެ. އަދި މުޅި 'ބީވީމާ' ގައި ވެސް އެންމެންގެ ޝައުގުވެރިކަން ދަމައިގަތް ސްކްރީންޕްލޭ އުކުޅަކީ ތަމަޅަ ފިލްމުގައި ވެސް ހަމަ އެގޮތަށް ބޭނުންކޮށްފައިވާ އުކުޅެކެވެ.
އެތަން ގެނެސްދީފައިވާ ގޮތް ވެސް ކިޔައިދީފާނަމެވެ. އެކަމަކު ކުރި މަރައިނުލައެވެ.
ފިލްމުގައި ހިމެނޭ އެންމެ ޝައުގުވެރިކުރުވަނިވި ތަންކޮޅަކީ ރާނިޔާ (އަޝްފާ/އާޝާ) ހޯދަން ދިޔަ ވާހަކަ އަޔާ (އިސްމާއިލް/ޒިދާން) ބުނާތަނެވެ. އަދި އަޔާ އެ ދުވަހު ނުދެކޭ ކަމަށް ރާނިޔާ ބުނާ ތަނެވެ. މިތަން ފިލްމުގައި ގެނެސްދީފައިވާ ގޮތެވެ.
ބަލާ މީހުންނަށް ފެންނަނީ ރާނިޔާ އަށް އަޔާ ފެނުމުން ވެސް އަޔާއާ ބައްދަލުކުރަން ބޭނުންނުވާތަނެވެ. އެކަމަކު މި ސީން ސްކްރީންޕްލޭގައި ގެނެސްދީފައި ވަނީ ބެލުންތެރިން ގަސްދުގައި އޮޅުން އަރުވާލާ ގޮތަކަށެވެ. އެއީ ވަރަށް ސަޅި ޓެކްނީކެކެވެ. – އެންމެ ފުރަތަމަ މި ދައްކަނީ އަޔާގެ ޕޮއިންޓް އޮފް ވިއުގަ އެވެ.
ދެން ފަހުން ދައްކުވައިދެނީ ރާނިޔާގެ ޕޮއިންޓް އޮފް ވިއުގަ އެވެ. އޭރުން އަހަރެމެންނަށް ފެންނަނީ އަޔާގެ ބަދަލުގައި ރާނިޔާ ބަލައި އައިސް ހުންނަ އެހެން ފިރިހެނެކެވެ. މި ފިރިހެން މީހާ އަކީ ރާނިޔާ ފަހަތު އަޅުވާލައިގެން އުޅޭ ފިރިހެނެކެވެ. އަޔާ ދިން މެސެޖު އަތަށް ލިބުމުން ރާނިޔާ ބޭރަށް ބަލައިލާއިރު އޭނާ އަށް އަޔާ ނުފެނި، ފެންނަނީ ފަހަތު އަޅުވާލައިގެން ޖެއްސުންކުރާ ފިރިހެން މީހާ އެވެ.
މިހައި ހިސާބުން އެ ދުވަހު ވީގޮތް އަހަރެމެންނަށް އެނގިގެންދެ އެވެ. ތަމަޅަ ފިލްމުގައި ވެސް ވަނީ ހަމަ މިހެންނެވެ. ތަފާތަކީ އެކްޓަރުންނާއި ބަހުރުވަ އާއި ލޮކޭޝަނެވެ. ސޭމް ސީން، ސޭމް ސެޓަޕާއި ޓެކްނީކެވެ. އަދި ޑައިލޮގެވެ. ނުވަތަ އެ އޮތީ ހަމަ ގަދަ އަށް ކޮޕީކޮށްލައިފަ އެވެ. – ތަރުޖަމާކޮށްފައޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު އިންސްޕަޔާވުން އޮތީ ވަރަށް ދުރުގަ އެވެ.
މިއީ އިންސްޕިރޭޝަނެއް ނަމަ މަތީގައި އެ އޮތް ޕްލޮޓަކީ '96' އަދި 'ބީވީމާ' ބަލައިގެން އަޅުގަނޑު އިންސްޕަޔާވިވަރު ބޮޑުކަމުން ލިޔެފައި އޮތް ކުރު ވާހަކައެކެވެ. އަދި 'ބީވީމާ' އަކީ އިންސްޕިރޭޝަނެއް ނަމަ، ހިންދީ ފިލްމު 'ކުޗް ކުޗް ހޯތާ ހޭ' އަކީ ދިވެހި ފިލްމު 'ހިތް ހަލާކު' އިން އިންސްޕަޔާވި ފިލްމެކެވެ. – މިއީ ހަމަ އެވަރުގެ ކަމެކެވެ.
ހަގީގަތުގައި ވެސް ކޮޕީކޮށްލާފައި އޮތީ ގައިން ހީބިހިނަގައިގެންދާ ވަރަށެވެ. 'ބީވީމާ' ބަލާފައި ގޮސް '96' ބަލާއިރު ހަމަ އަސްލަށް ވެސް ގައިން ހީބިހިނަގާނެ އެވެ. ކުރިއަށް އޮތް ދެ ގަޑިއިރާއި ބައިގައި ވާނެ ހުރިހާ ކަމެއް ކުލައިން، މަންޒަރުން، އަކުރުން ފިއްޔަށް އެނގޭނެތީ އެވެ.
އެކަމަކު މިވަރަށް ކޮޕީކޮށްފައި ވެސް، އެއީ އިންސްޕިރޭޝަނެކޭ ކިޔާފައި، މި ފިލްމުގެ ވާހަކަ ކިޔައިދޭކަމީ ހަމަ އަސްލަށް ވެސް އަޖާއިބުން އަޖާއިބުވާ ވަރުގެ ކަމެކެވެ. އަދި ރާއްޖޭގެ ފިލްމީ ދާއިރާ އަށް އިންގިލާބެއް ގެނައި ކަމަށް ބުނާ، ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ އިން އެމީހުންގެ އެންމެ 'ތަފާތު'، 'އެންމެ މޮޅު' ފިލްމުގެ ގޮތުގައި 'ބީވީމާ' ޕްރޮމޯޓްކޮށް ވިއްކިކަމީ ވަރަށް ވެސް ލަދުވެތި ކަމެކެވެ.
ދެން މިހާރު މިވީ ގޮތެއް ވެސް ބަލާބަލާށެވެ. ފިލްމުގައި އިސްމާއިލް އާއި އަޝްފާ އަދި އާޝާ އާއި ޒިދާން ކިތަންމެ މޮޅަސް އެކަން ސެލެބްރޭޓްކުރަން މި ލިބުނީ އެންމެ ޖުމްލައެކެވެ. ހިތްގައިމު މިއުޒިކާއި ޅެންވެރިކަމާއި ލަވަކިޔުންތެރިކަމަށް ވެސް ފޮޅުވަތެކެވެ. ޑައިރެކްޓަރާއި އެހެން މީހުންނަށް އަކުރަކާއި ފިއްޔެކެވެ. އެކަމަކު ފިލްމުގައި ޕާފޯމްކޮށްފައިވާ ތަރިންގެ ހުނަރަށް އެއް ހާސް ލަފުޒުގެ ތައުރީފު ލިޔާ ވަރުވެ އެވެ.
ކީއްކުރާނީ ހެއްޔެވެ؟ – '96' ވުޖޫދުގައި ނެތް ނަމަ އޮލިމްޕަހުގައި ހޭދަކުރި ދެ ތިން ގަޑިއިރު ހިތުން ބީވެގެން ނުދިޔައީހެވެ. އެކަމަކު ހަގީގަތަކީ މި އެވެ. 'ބީވީމާ'އޭ ކިޔާ ފިލްމެއް ނެތެވެ. އޮތީ އެ ނަން ކިޔާ 'ކޮޕީ ފިލްމެކެވެ.'
ކޮޕީ ފިލްމަކަށް 'ބީވެގެން' އެ ދިޔައީ އެތައް ބައެއްގެ ވަގުތާއި އެތައް ބައެއްގެ ހުނަރެވެ. ލާރި އެވެ.
ކޮމެންޓް (29)
ޒިއާދާ އުމަރު
ޢަންބޮދާޑް
ކޮޕީ ޑްރޭ
ތޭރަަަ
ސަމަރޭ
ޒީނާ ޒާހިރު
ކޮޕީމޭން
އައި އޭމް
ނަދީމު އަށް ތައުރީފު
ގްރިފިން
ޢަންދަލާ
ޖައުހަރީ
ސައްލޫ
ޖައުހަރި
ޖައުހަރީ
ދަންނަ އެދުރު
އޯނޯ
ޖިމޯ776
ފޭނެއް
އައިޝާ
ވިސްނޭމީހާ
މާއިން
ޒަހުރާ
ކަންބަޅި
ތަމަޅަ ފިލުމު 96
އަންކްރިއޭޓިވް
ފިލްމް ބަލާ ކުއްޖާ
ފިލްމް ބަލާ ކުއްޖާ
މުހައްމަދު