ބައިސްކޯފުގެ އާ ކޮންޓެންޓްތައް ދައްކާލުމަށް ބޭއްވި އިވެންޓްގެ ތެރެއިން (ފޮޓޯ/ބައިސްކޯފު)

ބައިސްކޯފު

ބައިސްކޯފަށް 4، ކުރިއަށް ހުރި އުފެއްދުންތައް ވަރުގަދަ

އާ ސީރީސްތަކުގެ ތެރޭގައި ފިލްމީ ތަރި ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ 50 އެޕިސޯޑްގެ ސިލްސިލާއެއް ހިމެނޭ
18 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

ދިވެހި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުވުމުގައި ބައިސްކޯފުގެ ދައުރު ބޮޑު

އެނިވާސަރީއާ ދިމާކޮށް ބައިސްކޯފުން ނެރުނީ 'އައްސަލާމް އަލައިކުމް'

ޒުވާން ޑައިރެކްޓަރު އަޒްހާންގެ 'މިރާއީ' ވަރަށް އަވަހަށް ފެންނާނެ

މުނިފޫހިފިލުވުމުގެ ދިވެހި ކޮންޓެންޓް ގެނެސްދޭ ބައިސްކޯފަށް ހަތަރު އަހަރެވެ. މި ޕްލެޓްފޯމާ އެކު ދިވެހި އުފެއްދުންތަކަށް ބޮޑު ކުރިއެރުމެއް ވެސް ލިބިފައިވާކަން ފާހަގަ ކުރެވެ އެވެ. ފަންނާނުންގެ ތަރައްގީއަށް މަސައްކަތް ކުރެ އެވެ. ހުނަރު ދިރުވަން މަސައްކަތް ކުރެ އެވެ. 

މޯބައިލް ސްޓްރީމިން އެޕަކުން ފަށައިގެން، މިހާރު ގޭގެ ސިޓިން ރޫމްގައި ޓީވީން ބަލައިލެވޭ ބައިސްކޯފުން ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާ އަށް ބޮޑު ބަދަލެއް ވޭތުވެދިޔަ ހަތަރު އަހަރު ވަނީ ގެނެސްފަ އެވެ. ޕްރޮޑިއުސަރުންނާއި ލިޔުންތެރިން އަަދި ހުނަރުވެރި އެކްޓަރުންގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

އިހުގެ ދިވެހި ކޮންޓެންޓްގެ އައިބު ގޮތްގަނޑާއި އަމިއްލަ އަށް މަޖާވުމުގެ ވައްޓަފާޅި ދޫކޮށްލައި ގެނެސްދޭ އާ ސިލްސިލާތަކުގެ ސްޓޯރީޓެލިން އާއި ޕްރޮޑަކްޝަން ވެސް ރަނގަޅީ އެވެ. އެކްޓަރުންގެ އެކްޓިން މޮޅެވެ. މުޖުތަމައުގައި ހުންނަ މައްސަލަތަކާއި އިޖްތިމާއީ ކަންކަމަށް އަލިއަޅުވާލާ އުފެއްދުންތައް ބަލާ މީހާ އެ ހާސްކަމަށް ގަންބާލާ އިރު، ލޯބީގެ ރީތީ އަސަރުގަދަ ވާހަކަތަކުން އެ އިހްސާސްތައް ވެސް ކޮށްލެވެ އެވެ. އަދި ފާހަގަކޮށްލެވެނީ އެކި ޖޮންރާގެ ކޮންޓެންޓް ހުންނަ ކަމެވެ. ޓޯކް ޝޯތައް، ތުރިލާ އަދި ޕީރިއަޑް ޑްރާމާ ހިމެނެ އެވެ. މިއީ ވެސް ކުރިއެރުމެކެވެ. 

މިހާ ހިސާބަށް ދިވެހި ކޮންޓެންޓް ގެނައުމުގައި ބައިސްކޯފުގެ ދައުރެއް ވެސް ވާނެކަން ޔަގީނެވެ. މި ޕްލެޓްފޯމަކީ ދާއިރާ އަށް ވެސް ލިބިގެންދާ ކުރިއެރުމެކެވެ. 

'ޔާރާ'

ފިލްމީ ތަރި ރިޝްމީ ރަމީޒް (ފޮޓޯ/މިލްޒީރޯ ނިޝާން/ އަވަސް)

މި މަހު ބައިސްކޯފުން ވަނީ ކުރިއަށް ހުރި ތަފާތު އާ ކޮންޓެންޓްތަކެއްގެ ޓީޒާތައް ދައްކާލާފަ އެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 'ޔާރާ' އެވެ. ފިލްމީ ތަރި ރިޝްމީ ރަމީޒު ޑައިރެކްޓްކޮށް ނެރޭ 50 އެޕިސޯޑްގެ  ސިލްސިލާ އެކެވެ. ސީރީސް ބިނާވެފައިވަނީ ބައިސްކޯފުގެ ހިޓް ސިލްސިލާ 'އެހެނަސް'ގެ ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ އަކަށެވެ.

ބައިސްކޯފުން ވަރަށް އަވަހަށް ސްޓްރީމްކޮށްލެވޭނެ 'ޔާރާ' ސިލްސިލާގެ ބައެއް އެކްޓަރުން ދައްކާލަނީ 

ޝޯ އިން ވަރަށް ގިނަ އެކްޓަރުން ފެނިގެން ދާނެ އެވެ. ބައިސްކޯފުން މިހާރު ވަނީ ސީރީސްގެ ފުރަތަމަ ބައިން ފެންނަ އެކްޓަރުން ތައާރަފްކޮށްފަ އެވެ.

'މިރާއީ'

ދިވެހި ފިލްމީ ތަރި ވާޝިޔާ މުހައްމަދު (ޝިޔާ): ދާއިރާގައި އޭނާގެ މަގުބޫލުކަން އަންނަނީ އިތުރުވަމުން (ފޮޓޯ/މޯލްޑިވިއަން މޮޑެލްސް)

ދެން އާ ރިލީޒަކަށް ކުރިއަށް އޮތީ 'މިރާއީ' އެވެ. ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ މި ޝޯއިން ފެނިގެންދާނީ ވެސް ޒުވާން ކާސްޓެކެވެ. މަގުބޫލުކަން ހޯދަމުން އަންނަ އެކްޓްރެސް ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފު އަބްދުﷲ، މުހައްމަދު އިޝްފާން އަދި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) މި ސީރީސް އިން ފެންނާނެ އެވެ.

'މިރާއީ'ގެ ޓީޒާއެއް

ސީރީސްގެ ވާހަަކަ ބިނާވެފައިވަނީ ދިރިއުޅުމުގައި ހެދިފައިވާ ގޯސްތަކަކާ ކުރިމަތިލައި އެކަމުން އަރައިގަނެ ތަގްދީރު ބަދަލު ކުރަން ބަޔަކު ކުރާ މަސައްކަތްތަކަކަށެވެ.

'ގުދަން'

މުހައްމަދު މުންތަސިރު (މުންކޮ) ބައިސްކޯފުގެ އިވެންޓެއްގައި (ފޮޓޯ/ބައިސްކޯފު)

އިޖްތިމާއީ އެކި މައްސަލަތަކަށް ބިނާކޮށް މިދިޔަ އޮގަސްޓް މަހު ނެރުނު 'ގުދަން'ގެ އެންމެ ފަހު އެޕިސޯޑު  މިހާރު ބައިސްކޯފުން ސްޓްރީމްކޮށްލެވޭނެ އެވެ. މިއީ މުހައްމަދު މުންތަސިރު (މުންކޮ) މުޅިން އާ ކޮންސެޕްޓަކަށް ލިޔެފައިވާ 12 އެޕިސޯޑުގެ ސީރީޒްއެކެވެ. ސީރީޒްގެ ސްކްރީންޕްލޭ ލިއުނީ އެތައް ފިލްމަކަށް ސްކްރީންޕްލޭ ލިޔެދީފައިވާ މަހްދީ އަހުމަދެވެ. މި ސިލްސިލާ ޑައިރެކްޓްކުރީ އިބްރާހިމް ވިޝާމް އެވެ.

'އައްސަލާމް އަލައިކުމް'

'އައްސަލާމް އަލައިކުމް': އެނިވާސަރީއާ ގުޅުވައިގެން ބައިސްކޯފުން ވަނީ މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ނެރެފައި

ބައިސްކޯފުގެ އެނިވާސަރީއާ ދިމާކޮށް ޑާކް ރެއިންކް ރޮނިކަލްގެގެ ފަރާތުން އުފައްދާފައިވާ 'އައްސަލާމް އަލައިކުމް' މިހާރު  ބަލާލެވޭނެ އެވެ. ކްރައިމް ޖޮންރާގެ މި ސީރީޒް އިން ދައްކައިދެނީ ދިވެހިންގެ ތެރޭގައި އާއްމުވެފައިވާ ބްލެކްމެއިލް އާއި މަކަރުން ފައިސާ ހޯދުމުގެ ކަންތައްތަކެކެވެ. މިއަދުގެ ހާލާތާ ގުޅެ އެވެ.

އަހުމަދު ތޮލާލް ލިޔެފައިވާ މި ސްކްރިޕްޓަށް ދިރުން ގެނެސް އެކްޓަރުންގެ ގޮތުގައި ފެންނަނީ އަހުމަދު ރިޒްވީ، އަހުމަދު މުހައްމަދު، މަރިޔަމް ހަލީމް، ޝަރަފް، ތާތި އަދި ޝިޔާޒް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް