ބިޒްނަސް ފަސްޓް - ގެއްލުމުން ހަށި ފޮޅާލާ ކުނިން ނަފާ ހޯދަން ތެދުވެ
އަހަރުމެން އުކާލާހާ ކުންޏެއް ނަގައި ސާފުކުރާ ވޭސްޓްމެނޭޖުމަންޓު ކޯޕަރޭޝަން(ވެމްކޯ)އިން ދިވެހީންނަށް އެތައް ކަމެއް ރީތިކޮށްލަ ދީފި އެވެ. އެ ކުންފުނިން މަސައްކަތް ފެށުމާ އެކު ކުނި އުކާލުމަކީ ހަޑި ކަމެއްގެ ގޮތުގައި ދިވެހި ޒުވާނުންނަށް ދެކެވިފައި އޮތް އޮތުން މުޅިން ބަދަލުވެ، ކުނި އުކުމުގެ ވަޒީފާއަށް އެތައް ދިވެހިންނެއް ނުކުތެވެ. ނަތީޖާއަކަށްވީ ކުނިވެ، ގޮނޑުވެފައި އޮތް މާލެ ސާފުވެގެން ދިޔުމެވެ. މުހިންމު ޔުޓިލިޓީ ކުންފުންޏަކަށް ވެމްކޯވީ ނަމަވެސް އެ ކުންފުނީގެ ކުރިމަގާ މެދު އުފެދިފައިވާ ސުވާލުތައް ވަރަށް ވެސް ގިނަ އެވެ.
ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއަށް ހާއްސަކޮށް "ދައުރު"އިން މަހަކު ދެ ފަހަރު ގެނެސްދޭން މި ފަށާ "ބިޒްނަސް ފަސްޓް"ސެގްމަންޓުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މި ވަނީ އެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވައިފަ އެވެ.
ބޮޑު ގެއްލުމެއް، އެކަން ބަދަލުކުރެވޭނެ
މައިގަނޑު މަސައްކަތެއްގެ ގޮތުގައި ވެމްކޯއިން ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ އިރު 2016 ވަނަ އަހަރުން ފެށިގެން 2018 އަށް އެ ކުންފުންޏަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 50 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ. އެހެން ވީމާ ތިން އަހަރު ދުވަސް ތެރޭ އެ ކުންފުންޏަށްވީ ގެއްލުން 150 މިލިއަން ރުފިޔާއަށް އަރަ އެވެ.
އާދަމް ވިދާޅުވީ 2018ގައި އޭނާ ކުންފުންޏާ ހަވާލުވި އިރު ކުންފުނީގައި 68 މިލިއަން ރުފިޔާގެ ދަރަނި އޮތް އިރު، ކުންފުނީގެ ބޭންކު އެކައުންޓުތަކުގައި ހުރީ އެންމެ 3.5 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ވަރަށް މަސައްކަތް ކޮށްގެން 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ދަރަނި 28 މިލިއަން ރުފިޔާއަށް ކުޑަކޮށް ގެއްލުން ވެސް 26 މިލިއަން ރުފިޔާއަށް ދަށްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި އެއް މިލިއަން ޑޮލަރުގެ ފައިދާއެއް ކުންފުންޏަށް ހޯދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފައިދާ ހޯދީ ކުންފުނީގައި 30 މިލިއަން ރުފިޔާގެ ރިޒާވެއް ބެހެއްޓުމަށް ފަހު ކަމަށް ވެސް އާދަމް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ހޯދި ކުރިއެރުން ކޮވިޑާ އެކު ގެއްލިގެން ދިޔައީ އެވެ.
"އަޅުގަނޑުމެން ބެލީ ވިޔަފާރީގެ ގޮތުގައި ބޮޑަށް ފޯކަސް ކުރެވޭނެ ދާއިރާތަކަށް ފޯކަސްކޮށް، އިންވެސްޓްކޮށްގެން ރަނގަޅުކުރަން ހުރި ދާއިރާތަކަށް އިންވެސްޓްކުރުމާައި ރިޒާވެއް ކުރިއޭޓްކޮށްގެން އެއަށް އިންވެސްޓްކުރުމަށް،" ވެމްކޯ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރަން ގެންގުޅުއްވާ ސުޓުރެޓެޖީ އާދަމް ވިދާޅުވެ ދެއްވި އެވެ.
ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ މި އަހަރުގެ ފަސްޓު ކުއާޓާ (ޖެނުއަރީ،ފެބުރުއަރީ،މާޗު)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެމްކޯއަށް ވަނީ 12.1 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.
ކޮވިޑަށް ފަހު އެ ގެއްލުން އެ ގޮތަށް ފެނުނު ނަމަވެސް އާދަމް ދެއްވާ ޔަގީން ކަމަކީ ކުނިން ނަފާ ހޯދޭނެ އެތައް ގޮތްތަކެއް ހޯދައިގެން ކުންފުނީގެ ވިޔަފާރީގެ ސްޓުރެޓެޖީ ބަދަލުކޮށް ވެމްކޯއަކީ ފައިދާއަކާ އެކު ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓް ކުރާ ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށެވެ.
"މި ކުންފުންޏަކީ ނަފާ ނެރެވޭނެ އެސެޓަކަށް ހެދޭނެ. ތިޔަ ބޭފުޅުންނަށް މިއީ ލައިބިލިޓީއެއްގެ ގޮތުގައި ތިޔަފެންނަ ފެނުން ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަމާ އެކު އަޅުގަނޑު މިއިނީ. އެއްވެސް ޝައްކެއް ނެތް އެކަމަށް. މިއީ ކުރިމަގު އޮތް ކުންފުންޏެއް،" އާދަމް ވިދާޅުވި އެވެ.
އަމާޒަކީ ރިސައިކަލް، ރިޔޫސް
އެންވަޔަރަމަންޓު މިނިސްޓްރީއިން މިހާރު އިއުލާންކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ގޭ ބިސީތަކުން ކުނި ނެރެން ޖެހޭނީ ވަކިކޮށްގެން ކަމަށެވެ. ކުނިވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފަދަ ތަކެތި ދެން ނެރެން ޖެހޭނީ ވަކިކޮށްގެންނެވެ. އާދަމް ވިދާޅުވި ގޮތުގައި މިއީ ކުނިން ނަފާ ހޯދަން އެޅޭ ފުރަތަމަ ފިޔަވަޅެވެ.
ކުނިން ނަފާ ހޯދަން ބަލާއިރު މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގޭބިސީތަކުގައި އުފެދޭ ހުރިހާ ބާވަތެއްގެ ކުނި އެއްކޮށްލައިގެން ނެރެމުން ދިޔުން ކަމަށް އާދަމް ވިދާޅުވި އެވެ. އެހެންވުމުގެ ސަބަބުން ދެވަނަ ފަހަރަށް ބޭނުން ކުރެވޭނެ ބާވަތުގެ ކުންޏާއި ވަގުތުން ނައްތާލެލަން ޖެހޭ ކުނި އެކުވެ، މަސްހުނިވެ ބޭނުން ކުރެވޭ ޒާތުގެ ކުނި ވެސް ނައްތާލަން ޖެހެ އެވެ.
"ކުނި އުކާލުމުގެ ހިދުމަތް އެކަނި ދީގެން އެއީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫން. އެއީ ކުނި ނައްތާލުމުގެ ހަރަދަކީ ބޮޑު ހަރަދެއް. މެޝިނަރީތައް އެހާ އަގުބޮޑު. ދެން އެހެން ވީމާ ކުރަން ޖެހޭ ކަމަކީ ވޭސްޓް ސެގުރިގޭޓްކޮށްގެން އޭގައި ހުންނަ ބޭނުން ކުރެވޭނެ ކުންޏާއި އެ ނޫން ކުނި ވަކިކުރުން. އޭރުން ރިސޭލް، ރިސައިކަލް އަޕްސްކޭލިންއަށް ދެވޭނެ،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެމްކޯގެ އަމާޒަކީ ކުނި ވަކިކުރަން ފެށުމުން ކުނީގެ ގޮތުގައި އުކާލާފައި ހުންނަ ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ޒާތުގެ ތަކެތި ވިއްކޭނޭ ފިހާރައެއް ހުޅުވުން ކަމަށެވެ. އަދި އިތުރު މެޝިނަރީތަކަށް އިންވެސްޓްކޮށް ޕްލާސްޓިކް ފަދަ ތަކެތި ރިސައިކަލް ކުރެވޭނެ ކެޕޭސިޓީ ގާއިމް ކުރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ކުނި އުކާލުމުގެ ހިދުމަތް އެކަނި ދީގެން އެއީ ދެކޮޅު ޖެއްސޭނެ ކަމެއް ނޫން. ނަމަވެސް މި ކުންފުނި އަޅުގަނޑުމެންނަށް ފައިދާއަށް ބަދަލު ކުރެވޭނެ
އާދަމް ވިދާޅުވި ގޮތުގައި ގޭބިސީތަކުން ކުނީގެ ބާވަތްތައް ވަކިކުރަން ފެށުމުން އެކި ބާވާތްތަކުގެ ކުނި ނަގަން ވަކި ދުވަސްތަކެއް ކަނޑައަޅައި ޝެޑިއުލްއެއް ތައްޔާރުކުރަން ވިސްނަމުން ދާ ކަމަށެވެ. އެގޮތަށް އިންތިޒާމުތައް ރޭވުމުން ކުނި ނެގުމުގެ ކަންކަން ވަކި އުސޫލުތަކެއްގެ ތެރެއަށް ފެތިގެން ދާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
"ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫން ހުރިހާ ބާވަތެއްގެ ކުނި ހުރިހާ ދުވަހަކު ނެގުމަކީ. އެހެން ވީމާ އަޅުގަނޑުމެން ވެސް އެބަ ޖެހޭ އާންމުން ހަމަ ކުޑަކުޑަ ބަދަލެއް ގެންނަން. މި ކުނީގެ ބާވަތްތައް ދެކޮތަޅަކަށް ވަކިކޮށްލުން،" އާދަމް ވިދާޅުވި އެވެ.
އެންމެ ބޮޑު މަސައްކަތް، ޒަމާންވީ އަލިފާންގަނޑު ނިއްވާލުން
އާދަމް ވިދާޅުވި ގޮތުގައި ވެމްކޯއިން މިވަގުތު ހިންގާ އެންމެ ބޮޑު މަސައްކަތަކީ ތިލަފުށީގައި ޒާމާންތަކެއް ވަންދެން އަނދަމުން އަންނަ ކުނީގެ އަލިފާންގަނޑު އަބަދަށް ނިއްވާލުމެވެ. އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ)އިން ފަންޑުކޮށްގެން ބޭރުގެ އެކްސްޕާޓެއްގެ ލަފާގެ މަތިން ހިންގާ އެ މަޝްރޫގެ ދަށުން ކުރާ ކަމަކީ ތިލަފުށީގެ ކުނީގެ ފަރުބަދަ ލޭޔަރު ތަކަކަށް ވަކިކޮށް ކޮންމެ ލޭޔަރެއްގެ މައްޗަށް ވެލި އަޅައި ސީލްކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު ތިލަފުށިން ދުން އެރުމަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހާ ޒަމާންތަކެއް ވަންދެން އަނދައަނދާ އޮތް އަލިފާންގަނޑަކަށް ވީމާ އެތަނުން މީތޭން ކަހަލަ ވިހަ ގޭސް އަރައަރާ ހުންނާނެ. އެހެން ވީމާ އެތަން އެހެން ނުނިވި ދުން އަރައަރާ އެ ހުންނަނީ. މިހާރުވެސް އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަން ފެށީމާ ދުންއަރާވަރު މަދުވާނެ. އެތަން އަޅުގަނޑުމެންނަށް އެއްކޮށް ސީލްކޮށް ލެވޭނީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން. އެއާ އެކު ދެން ތިލަފުށިން ދުން އެރުން އެއީ ނާދިރު ކަމެއް،" އާދަމް ވިދާޅުވި އެވެ.
ކުރިމަގު އުޖާލާ، މިއީ ޒުވާނުންގެ ކުންފުންޏެއް
ވެމްކޯއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އާދަމް ފާހަގަ ކުރެއްވީ ގިނަ ޒުވާނުންތަކަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެވުމެވެ. އާދަމް ފާހަގަ ކުރެއްވި ގޮތުގައި ކުނި ނެގުމުގެ ވަޒީފާއިން ފެށިގެން ގޮސް އިންޖިނިއަރުންނާ ހަމައަށް ކުންފުނީގެ ވަޒީފާގައި ތިބި މީހުންގެ ބޮޑު ބަޔަކީ 35 އަހަރަށް ވުރެ އުމުރުން ހަގު މުވައްޒަފުންނެވެ. ކޮވިޑުގެ ތެރޭގައި ވަގުތީ މުވައްޒަފުން ހޯދަން އިއުލާން ކުރުމުން ވެސް ކުރިމަތިލީ ފަރާތްތަކުގެ %90 އަކީ ޒުވާނުން ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
"ޒުވާނުން މި ކުންފުނީގެ ވަޒީފާއަށް ޝައުގުވެރިވުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އުފާ. މިތަނުގައި ވޯކިން އަވާޒްތައް ހުންނާނީ ޕާޓްޓައިމްކޮށް ވެސް ޒުވާނުންނަށް މަސައްކަތްކޮށްލެވޭނެ ގޮތަށް ފްލެކްސިބުލްކޮށް،" އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެމްކޯގެ އޮޕަރޭޝަންތައް ހަރުދަނާ ކުުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ވެމްކޯގެ އޮޕަރޭޝަންތައް އަވަސްކޮށް ހަރުދަނާ ކުރުމަށް 40 އާ ވެހިކަލް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވެމްކޯއަށް ހޯދާނެ ކަމަށް ވިދާޅުވި އެވެ. އަދި ތިލަފުށީގެ އިންފުރަސުޓުރަކްޗާ އާއި މާލޭގައި ހުރި ކުނި ޖަމާ ކުރާ އިންފުރާސްޓުރަކްޗާ ހަރުދަނާކުރުމަށް އިންވެސްޓްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިމަގަށް މުސްތަގުބަލަށް މި އިންވެސްޓްކުރަނީ. މި ކުންފުންޏަކީ ނަފާ ނެގޭނެ ކުންފުންޏަކަށް ވާތީ މި އިންވެސްޓްމަންޓުތައް މި ކުރަނީ. މި ކުންފުނީގެ ކުރިމަގު އުޖާލާ. ރަނގަޅު މިސްރާބަކަށް އަޅުގަނޑުމެން މި ދަނީ،" އާދަމް ވިދާޅުވި އެވެ.