ރާއްޖެ ޒިޔާރަތްކުރި ޒުވާން ޓޫރިސްޓުންތަކެއް ހުޅުމާލޭގެ ޕާކެއްގައި މަޑުކޮށްލައިގެން: ޓޫރިޒަމް ޓްރެންޑަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ޖެންޒީ ޓޫރިސްޓުން ރާއްޖެއަށް އިތުރުވަނީ؛ އެއް ބަހުން ރީތި ރާއްޖެ

ޖެންޒީ ޓޫރިސްޓުން އިތުރުވެ، ސޯޝަލް މީޑިއާގެ ނުފޫޒު ބޮޑުވުމާއެކު ގެސްޓްހައުސް ޓޫރިޒަމާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުގެ މުހިންމުކަން ވަނީ އިތުރުވެފައި
17 ގަޑިއިރު ކުރިން

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުން ރާއްޖެއާ މެދު ދެކޭ ގޮތާ ގުޅޭ ސާވޭ، "މޯލްޑިވްސް ވިޒިޓާ ސާވޭ 2025" އިން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ %73 އަކީ މުޅިން އަލަށް ރާއްޖެ ތަޖުރިބާކުރި މީހުންނެވެ. އަދި %25 ޓޫރިސްޓުންނަކީ މީގެ ކުރިންވެސް ރާއްޖެއަށް އައިސްފައިވާ ނުވަތަ ރިޕީޓް ޓޫރިސްޓުންނެވެ. ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތަޖުރިބާ އެންމެ ބަހަކުން ސިފަކޮށްދިނުމަށް އެދުމުން، އެންމެ ގިނަ ޓޫރިސްޓުން ބޭނުންކޮށްފައިވާ ބަހަކީ "ބިއުޓިފުލް" ނުވަތަ ރީތި އެވެ.

މި ރިޕޯޓުން ފާހަގަކުރެވުނު އެންމެ ޝައުޤުވެރި އެއް ކަމަކީ، ރާއްޖެއަށް ޒުވާން، ނުވަތަ 'ޖެންޒީ' ޓޫރިސްޓުން އަންނަމުންދާ މިންވަރާއި އެމީހުންގެ ޗުއްޓީ ހޭދަކުރުމުގެ ތަފާތު އާދަކާދަތަކެވެ.

ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި ވަރުތައް

ޖެންޒީ ޓޫރިސްޓުންގެ ތަފާތު އާދަކާދަތައް

ސާވޭގައި ބައިވެރިވި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ %47 އަކީ މިލެނިއަލްސް ކަމަށްވީ ނަމަވެސް، 28 އަހަރުން ދަށުގެ ޖެންޒީ ޓޫރިސްޓުނބްގެ ހިއްސާ ވަނީ %20 އަށް އަރާފަ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް މާކެޓަށް އަންނަމުންދާ ބަދަލުތައް ދައްކުވައިދޭ ކުޑަމިންވަރެކެވެ. އެގޮތުން: 

  • ވަގުތުން ދަތުރު ރޭވުން: އުމުރުން ދޮށީ މީހުން ދަތުރުތައް ވަރަށް ކުރިން ރާވާއިރު، ޒުވާން ޖެންޒީ ފަތުރުވެރިން ދަތުރު ރާވަނީ ވަރަށް ފަހު ވަގުތުގަ އެވެ. އެގޮތުން 20 އަހަރުން ދަށުގެ ޖެންޒީންގެ %31 އަދި 21-28 އަހަރުގެ ޖެންޒީންގެ %28 މީހުން ރާއްޖެ އައުމަށް ނިންމާފައިވަނީ ދަތުރުގެ އެއް މަސްދުވަހަށް ވުރެ ކުރު މުއްދަތެއްގަ އެވެ.

  • ސޯޝަލް މީޑިއާގެ ނުފޫޒު: ޖެންޒީ ޓޫރިސްޓުން ރާއްޖެއާ ބެހޭގޮތުން މައުލޫމާތު ހޯދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެގޮތުން، 21-28 އަހަރުގެ ޒުވާނުންގެ %46 އަދި 20 އަހަރުން ދަށުގެ %36 ޒުވާނުން ރާއްޖެ ހޯދީ ސޯޝަލް މީޑިއާއިންނެވެ. ނަމަވެސް ބޭބީ ބޫމާސް (61-79 އަހަރު) ގެ މީހުންގެ ތެރެއިން ސޯޝަލް މީޑިއާ ބޭނުންކުރީ އެންމެ %7 މީހުންނެވެ.

  • މީހުން ދިރިއުޅޭ ރަށްރަށަށް އޮތް ޝައުޤުވެރިކަން: ރިސޯޓުތަކަށްވުރެ ބޮޑަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށް ޖެންޒީ ޓޫރިސްޓުން ދޭ ސަމާލުކަން ބޮޑެވެ. 20 އަހަރުން ދަށުގެ ޒުވާނުންގެ %36 އަދި 21-28 އަހަރުގެ ޒުވާނުންގެ %27 މީހުން ހިޔާރުކުރީ ހަމައެކަނި ގެސްޓްހައުސްތަކެވެ.

  • ލަގްޒަރީ އާއި އެޑްވެންޗާ: 20 އަހަރުން ދަށުގެ ޖެންޒީ ޓޫރިސްޓުންގެ ތެރެއިން %17 މީހުންނަކީ "ލަގްޒަރީ" ނުވަތަ މަތީ ފަންތީގެ ތަޖުރިބާ ހޯދަން އައި މީހުންނެވެ. މިއީ އެހެން އުމުރުފުރާތަކަށްވުރެ މަތީ އަދަދެކެވެ.

ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އުމުރުފުރާ

"ރީތި" ރާއްޖެ: އުންމީދަށްވުރެ ފުރިހަމަ ތަޖުރިބާއެއް

ޓޫރިސްޓުން އެމީހުންގެ ޗުއްޓީ "ބިއުޓިފުލް"، "ޕެރަޑައިސް" އަދި "އޭމޭޒިން" ފަދަ ބަސްތަކުން ސިފަކޮށްފައިވާއިރު، ސާވޭގެ ނަތީޖާއިން ވެސް ފެންނަނީ ރާއްޖެއިން ޓޫރިސްޓުންނަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެގޮތުން: 

  • މަތީ ރޭޓިން: %57 ޓޫރިސްޓުން ވަނީ ރާއްޖޭގެ ޗުއްޓީއަށް 10/10 ގެ ފުރިހަމަ ރޭޓިންއެއް ދީފަ އެވެ.

  • އުންމީދަށްވުރެ މާ ފުރިހަމަ: %42 ޓޫރިސްޓުން ބުނެފައިވަނީ ރާއްޖެއިން ލިބުނު ތަޖުރިބާ އެމީހުން އުންމީދުކުރި ވަރަށްވުރެ މާބޮޑަށް ވެސް ފުރިހަމަ ކަމަށެވެ.

  • އެހެން މީހުންނަށް ރިކޮމެންޑްކުރުން: %70 ޓޫރިސްޓުން ވަނީ ރާއްޖެއަކީ ޒިޔާރަތްކުރަން އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި އެހެން މީހުންނަށް 10/10 ރިކޮމެންޑްކުރާނެ ކަމަށް ބުނެފަ އެވެ.

  • އެނބުރި އައުމުގެ ޔަގީންކަން: އަލުން އަނބުރާ ރާއްޖެ އަންނާނެކަމުގެ %100 ޔަގީންކަން %60 ޓޫރިސްޓުން ދީފައިވެ އެވެ. މިއީ ރާއްޖެއަށް ރިޕީޓް ޓޫރިސްޓުން ގެނައުމަށް އޮތް ވަރަށް ބޮޑު ފުރުސަތެކެވެ.

ރާއްޖޭގައި ހޭދަކުރި ޗުއްޓީ ސިފަކުރުމުގައި ޓޫރިސްޓުން ބޭނުންކުރި ބަސްތައް

ދަތުރު ރޭވުމާއި ހަރަދުކުރުން: އޮއިވަރަށް އައި ބަދަލު

ޒަމާނާ އެއްގޮތަށް ދަތުރު ރާވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ޓޫރިސްޓުންގެ ތެރެއިން %51 މީހުން ފްލައިޓާއި އެކޮމޮޑޭޝަން ބުކްކުރީ ވަކިވަކިންނެވެ. ޓްރެވަލް ޕެކޭޖެއްގެ ގޮތުގައި ބުކްކުރީ %45 މީހުންނެވެ. އެގޮތުން: 

  • މަގުބޫލު ހަރަކާތްތައް: ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ހަރަކާތަކީ ސްނޯކެލިން (%67) އަދި އަރާމުކޮށްލުން (%63) އެވެ. މީގެ އިތުރުން %54 މީހުން ވަނީ މަންޓާ، މިޔަރު އަދި ޑޮލްފިން ފަދަ ވައިލްޑްލައިފް ތަޖުރިބާ ހޯދާފަ އެވެ.

  • ކުރާ ހޭދައާ އެކަށީގެންވޭ: ރާއްޖޭގެ އެކޮމޮޑޭޝަން (%58) އަދި ކެއިންބުއިން (%57) އަކީ ކުރާ ހޭދައާ އެކަށީގެންވާ ކަންކަން ކަމަށް ޓޫރިސްޓުން ގަބޫލުކުރެ އެވެ. ނަމަވެސް ސުވެނިއާ ގަތުން (%42) އަދި ސްޕާ ހިދުމަތްތައް އަގުބޮޑު ކަންކަން ކަމަށް %40 ޓޫރިސްޓުންގެ ފާހަގަކޮށްފައިވެ އެވެ.

މި ސާވޭގެ ނަތީޖާތަކުން ބުނެދެނީ ރާއްޖެއަކީ ހަމައެކަނި މުއްސަނދި، ދޮށީ އުމުރުގެ ޓޫރިސްޓުންނަށް އޮތް މަންޒިލެއްގެ ޓެގް މިހާރު ބަދަލުވަމުންދާ ކަމެވެ. ޖެންޒީ ޓޫރިސްޓުން އިތުރުވެ، ސޯޝަލް މީޑިއާގެ ނުފޫޒު ބޮޑުވުމާއެކު ގެސްޓްހައުސް ޓޫރިޒަމާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުގެ މުހިންމުކަން ވަނީ އިތުރުވެފަ އެވެ. މިއީ %73 ޓޫރިސްޓުންނަށް ފުރަތަމަ ތަޖުރިބާއަށް ވީނަމަވެސް، އެމީހުންގެ ދުލުން ރާއްޖެ ސިފަކުރާ "ބިއުޓިފުލް" މި ބަހަކީ ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގު އުޖާލާކަން އަންގައިދޭ އެންމެ ބޮޑު ހެއްކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް