ޑީބީއެމްގެ ޗެއާގެ މަގާމުން އިސްތިއުފާ ދެއްވި އަރޫނީ ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ (ފައިލް ފޮޓޯ/ރައީސް އޮފީސް)

ޑީބީއެމްގެ މަސައްކަތް ނުފެށި އުޅެނިކޮށް ޗެއާޕާސަން ވެސް އިސްތިއުފާ ދެއްވައިފި

ޑީބީއެމް އުފެއްދިތާ ދެ އަހަރު ވީއިރު އެ ބޭންކުގެ މަސައްކަތެއް އަދިވެސް ނުފަށާ؛ އެ ބޭންކުގެ ސީއީއޯ ވެސް ކުރިން ވަނީ އިސްތިއުފާދެއްވާފައި

އުމްރާނީ ތަރައްގީ އާއި އިގްތިސާދީ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އޭނާ އިސްތިއުފާ ދެއްވިކަން ޕީސީބީން މިއަދު ޔަގީންކޮށްދިން ނަމަވެސް އިސްތިއުފާ ދިން ސަބަބެއް ނުބުނެ އެވެ.

ތަފްސީލް - އަރޫނީއަކީ ފައިނޭންޝަލް ސާވިސްގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވައިފަ އެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދާ، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބޭންކު އުފެއްދީ މެއި 2024ގަ އެވެ.

އެ ބޭންކު ރަސްމީކޮށް ހުޅުވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދެ އަހަރުވީއިރު ވެސް ބޭންކުގެ މަސައްކަތްތަކެއް ނުފެށެ އެވެ.

ޑީބީއެމްގެ ވިޔަފާރި ފެށުމަށް އެމްއެމްއޭން ހުއްދަ ދިނީ މި އެ އަހަރުގެ ޖެނުއަރީ މަހު އެވެ. ބޭންކިންގެ މަސައްކަތް ކުރުމަށް އެ ބޭންކަށް ލައިސަންސް ދޫކުރީ 24 އޮކްޓޯބަރު 2024ގަ އެވެ.

އެނގުން މުހިންމު - ޑީބީއެމްގެ ޗެއާޕާސަން އިސްތިއުފާ ދެއްވިއިރު، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ މިދިޔަ އަހަރުގެ މާޗު މަހު އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މުސާރަ ނުލިބޭތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ޓްރައިބިއުނަލުން މައްސަލަ ބާތިލް ކުރި އެވެ.

އެމްޑީއަށް ދޭންޖެހޭ މުސާރައާ ގުޅޭ ގޮތުން ޑީބީއެމް އިން ބުނެފައިވަނީ ޕެޓާސަން-ޖޯންސްއަށް ލިބެން ޖެހޭ މުސާރަ ފުރިހަމައަށް ދީފައިވާނެ ކަމަށެވެ.

ކޮމެންޓް (1)

profile-image-placeholder

މުޙައްމަދު އަލް ޢާދިލް

49 މިނިޓު ކުރިން
އިހަށްދުވަހު ފައިނޭންޝަލް އެކްސްޕޯ އެނިމުނީ! އަދި ނުވޭ 24 ގަޑިއިރު. ބޮޑު ސްޓޯލްއަކާއެކު ޑީބީއެމްވެސް އެކްސްޕޯގައި އެގްޒިބިޓް ކުރި. ދެން ތިޔަ ނޫސްވެރިންނަކަށް ނޭގުނުތަ ބަލާލަން އެތަނުން ކުރަނީ ކީއްތޯ، އަދި މިހާރު ދެމުންދާ ޚިދުމަތްތަކަކީ ކޮބާތޯ؟ ޑީބީއެމް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނޭގި، އަދި ކަންނެތް ކަމުން ހޯދަންވެސް ނޫޅެ މަސައްކަތް ނުފަށައޭ ބުނުމަކީ ވަރަށް ޒިންމާދާރުކުޑަކަމެއް. މަސައްކަތް ފެށިކަމަށް ވާނީ ސޯޝަލް މީޑިއާގައި ބޮޑެތި ޕޯސްޓުތައް ކުރަންފެށީމަތަ. ޑީބީއެމްއަކީ ރައީސްގެ ޕުލެޖެއް ވިޔަސް އެވަރަށް ސިޔާސީ ނުކޮށްބަލަ. ބެންކު ރަނގަޅަށް ހިގައިފިއްޔާ ހަމަ ރަނގަޅުވާނީ ރައްޔިތުންނަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް