ފައިނޭންޝަލް އެކްސްޕޯ ހުޅުވައި ދެއްވުމަށްފަހު ރައީސް އެކްސްޕޯ ބައްލަވާލައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
މާލީ ދާއިރާގެ ފަހުގެ ހިދުމަތްތަކާ އެކު ފައިނޭންޝަލް އެކްސްޕޯ ފަށައިފި
މާލީ ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޑިޖިޓަލް ހިދުމަތްތަކުގެ އިތުރުން ދާއިރާއަށް އަންނަމުންދާ އާ ބަދަލުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އިންތިޒާމުކުރާ މި އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެގޮތުން:
-
އެކްސްޕޯ ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު
-
ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައި
ތަފްސީލް - ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10އަށް ކުރިއަށްދާ މި ހަރަކާތުގައި ވިޔަފާރި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި މާލީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ރެގިއުލޭޓަރީ އިދާރާތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެ އެވެ.
މި އެކްސްޕޯގެ ތެރޭ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އެ މީހުންގެ އާ އުފެއްދުންތައް ދައްކާލާ، ބައެއް ހިދުމަތްތައް ތައާރަފުކުރާނެ އެވެ.
މި އަހަރުގެ އެކްސްޕޯގެ ޝިއާރަކީ 'ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު' އެވެ.
މި ޝިއާރުގެ ދަށުން އީޖާދީކަމަށް ނުވަތަ އިނޮވޭޝަނަށް އިސްކަންދީފައިވާ ކަމަށް އެމްއެމްއޭން ބުންޏެވެ.
މި އެކްސްޕޯއަކީ މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތައް އެއްވެސް ހުރަހެއް ނެތި އޮޅުންފިލުވާލުމަށް ލިބޭނެ ތަފާތު ފުރުސަތެކެވެ. ޑިޖިޓަލް ވޮލެޓް، ވިޔަފާރި ފައިނޭންސިން، އިންވެސްޓްމަންޓް ނުވަތަ އިންޝުއަރެންސްގެ ހިދުމަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ދާއިރާތަކުގެ މައުލޫމާތު މި އެކްސްޕޯ އިން ލިބޭނެ އެވެ.
ކޮމެންޓް