ބޭންކު ކާޑު ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަނެއް ހަދަނީ (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް ކާޑުތަކުން ކުރި ބޭރު ފައިސާގެ މުއާމަލާތްތައް ތިން ގުނަ އިތުރުވެއްޖެ
ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ މުއާމަލާތްތަކުގެ ހޭދަ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭ އެވްރެޖުކޮށް %231 އިތުރުވެފައިވާ ކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ބޭންކުގެ ކަސްޓަމަރުންގެ އަދަދު ވެސް އިތުރުވަމުން އަންނައިރު، ކަސްޓަމަރުންގެ ބޭނުންތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތައް އެއަށް ވުރެ ހަލުވިކޮށް އިތުރުވަމުން އަންނަ ތަން އެ ހިސާބުތަކުން ފެނެ އެވެ.
ތަފްސީލް - ބޭންކުން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެ ބޭންކުގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުތަކުން ކޮށްފައިވާ ބޭރު ފައިސާގެ މުއާމަލާތްތަކާއި ކަސްޓަމަރުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
އެގޮތުން، 2021 ވަނަ އަހަރުގެ ތެރޭ އެވްރެޖުކޮށް މަހެއްގެ މައްޗަށް 15.3 މިލިއަން ޑޮލަރުގެ މުއާމަލާތް ކުރިއިރު، މި އަހަރު ތެރޭ މިހާތަނަށް އެވްރެޖުކޮށް 50.7 މިލިއަން ޑޮލަރުގެ މުއާމަލާތް މަހެއްގެ މައްޗަށް ކޮށްފައިވެ އެވެ. އެއީ:
-
2021 ވަނަ އަހަރު އެވްރެޖުކޮށް މަހަކު 15.3 މިލިއަން ޑޮލަރު
-
2022 ވަނަ އަހަރު އެވްރެޖުކޮށް މަހަކު 20.3 މިލިއަން ޑޮލަރު
-
2023 ވަނަ އަހަރު އެވްރެޖުކޮށް މަހަކު 25.8 މިލިއަން ޑޮލަރު
-
2024 ވަނަ އަހަރު އެވްރެޖުކޮށް މަހަކު 32.4 މިލިއަން ޑޮލަރު
-
2025 ވަނަ އަހަރު އެވްރެޖުކޮށް މަހަކު 43.8 މިލިއަން ޑޮލަރު
-
2026 ވަނަ އަހަރުގެ މިހާތަނަސް އެވްރެޖުކޮށް މަހަކު 50.7 މިލިއަން ޑޮލަރު
އެ މުއްދަތުގައި ބޭންކުގެ ކަސްޓަމަރުންގެ އަދަދު ވެސް ވަނީ އެވްރެޖުކޮށް %144 އިތުރުވެފަ އެވެ. އެގޮތުން، 2021 އިން މި އަހަރުގެ މިހާތަނަށް ކާޑު ބޭނުންކޮށްގެން މަހެއްގެ މައްޗަށް ކުރި ބޭރު ފައިސާގެ މުއާމަލާތްތަކުގެ އެވްރެޖު ޖުމްލަ %231 އިތުރުވެފައިވެ އެވެ.
ބޭންކުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް މަހެއްގެ މައްޗަށް ކަސްޓަމަރަކު ކުރާ ބޭރު ފައިސާގެ މުއާމަލާތުގެ އަގު 167 ޑޮލަރަށް އަރަ އެވެ. އެގޮތުން:
-
އެންމެ ގިނައިން ކާޑު ބޭނުންކުރަނީ ބޭރުގެ އޮންލައިން ވެބްސައިޓުތަކުން މުދާ ގަތުމަށް
-
ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ޕީއޯއެސްތަކުގައި ކުރާ މުއާމަލާތްތައް
ގުޅުން ހުރި - ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ ވިއްކާ އަދަދު ނިސްބަތުން ގިނަ ވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ބޭންކުން ވަނީ ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތަކަށް ދުވާލަކަށް ވަކި ލިމިޓެއް ވަނީ ކަނޑައަޅައިފަ އެވެ.
ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މިކަމުގެ ފައިދާ ލިބޭނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
ކޮމެންޓް