ކެބިނެޓް ބަދައްލުވުމެއްގެ ރިޔާސަތުގައި ރައީސް މުއިއްޒު (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ވޯލްޑް ބޭންކް

ބޭންކުތަކުގެ ރައުސްމާލުގެ ބޮޑު ބައެއް ސަރުކާރުގެ ލޯނުގެ ގޮތުގައި އޮތުމުން ކަންބޮޑުވުން

ރާއްޖޭގައި ހުރި ބޭންކުތަކުގެ ޖުމްލަ އެސެޓް ނުވަތަ ރައުސްމާލުގެ %40އާ އެއްވަރުގެ އަދަދެއް ސަރުކާރާއި އެސްއޯއީތަކަށް ވަނީ ލޯން ދޫކޮށްފައި
1 ގަޑިއިރު ކުރިން
3

ވޯލްޑް ބޭންކުން މިދިޔަ ހަފްތާ އާންމުކޮށްފައިވާ 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، ޖޫން 2026'ގެ ރިޕޯޓުގައި، ރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތަކުގެ އެސެޓް ނުވަތަ ރައުސްމާލުގެ ވަރަށް ބޮޑު ބައެއް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް، އެސްއޯއީތަކަށް ލޯނު ދޫކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އެ އިދާރާއިން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި ބޭންކުތަކުގެ ޖުމްލަ އެސެޓް ނުވަތަ ރައުސްމާލުގެ %40އާ އެއްވަރުގެ އަދަދެއް ސަރުކާރާއި އެސްއޯއީތަކަށް ލޯން ދޫކޮށްފައިވެ އެވެ. މީގެ އިތުރުން:

  • ބޭންކުތައް ފިޔަވާ ރާއްޖޭގައި މާލީ އެހި ހިދުމަތްތައް ދޭ ކުންފުނިތަކުން ސަރުކާރަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ރައުސްމާލުގެ %66އަށް އަރާ

  • މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރައުސްމާލުގެ %42އަކީ ސަރުކާރުގެ ދަރަނި

 ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނި ވަނީ މިދިޔަ އަހަރު %25.9 އިތުރުވެފަ އެވެ.

ތަފްސީލް - މާލީ ދާއިރާއިން ސަރުކާރާއި އެސްއޯއީތަކަށް ދޫކޮށްފައިވާ ދަރަނީގެ މިންވަރު މިދިޔަ އަހަރު ވަނީ 2024އާ އަޅާބަލާއިރު %15.4 އިތުރުވެފަ އެވެ. އެގޮތުން:

  • ސީދާ ސަރުކާރަށް ދޫކޮށްފައިވާ ސެކިއުރިޓީސް އަދި ލޯން 75 ބިލިއަން ރުފިޔާ؛ މިއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ %62.8 

  • އެސްއޯއީތަކުގެ ލޯނުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ؛ މިއީ ޖީޑީޕީގެ %7.1 

ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް ފައިސާ ހޯދަން ރާއްޖޭގެ ބޭންކުތަކަށް މިގޮތަށް ބަރޯސާވާ މިންވަރު ބޮޑުވުމަކީ ރާއްޖޭގެ މާލީ އަދި ފިސްކަލް ނިޒާމުގެ ހަމަޖެހުމަށް އޮތް ނުރައްކާތައް އިތުރަށް ބޮޑުވެގެންދާ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވުމުގެ ފުރުސަތު 'ޑެޓް ޑިސްޓްރެސް' ބޮޑުވެފައިވާއިރު، މުޅި މާލީ ނިޒާމުގެ ބޮޑު ބައެއް ސަރުކާރަށް ބަރޯސާވެފައި އޮތުމަކީ މުޅި އިގްތިސާދަށް އޮތް ވަރަށް ބޮޑު ރިސްކެއް،" ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކުރި އެެވެ. 

ރާއްޖޭގެ ދަރަނީގެ ހާލަތު 

ވޯލްޑް ބޭންކުގެ ރިޕޯޓްގައި ރާއްޖޭގެ ދަރަނީގެ ހާލަތު ފާހަގަކުރަމުން ބުނީ އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ ދަރަނި ދަށަށް ދާނޭ ކަމަށް ނުބެލެވޭ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ސީދާ ދައުލަތުގެ ޖުމްލަ ދަރަނި ޖީޑީޕީގެ %129.7 އަރާފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ. އެގޮތުން: 

  • ބޭރުގެ ދަރަނި: 4.1 ބިލިއަން ޑޮލަރު؛ ޖީޑީޕީގެ %52.9 

ބޭރުން ފައިސާ ހޯދުމަށް ދަތިވެފައިވާތީ ބަޖެޓުގެ ދަރަނި ފޫބެއްދުމަށް އެތެރޭގެ ވަސީލަތްތަކަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން، މިދިޔަ އަހަރު އެތެރޭގެ ދަރަނި ވަނީ:

  • 5.4 ބިލިއަން ޑޮލަރުން (ޖީޑީޕީގެ %76) އިން 6.0 ބިލިއަން ޑޮލަރަށް (ޖީޑީޕީގެ %76.8އަށް ) އިތުރުވެފައި

ދައުލަތުގެ ހަރަދުކުރުމުގެ ސްލޫކު ނުވަތަ ފިސްކަލް ސިޔާސަތު ރަނގަޅު ނުކުރާ ނަމަ މެދު ރާސްތާގައި ދައުލަތުގެ ދަރަނި ޖީޑީޕީގެ %140ވުރެ މައްޗަށް ދާނެކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ. އެގޮތުން 2027ގައި %140.5 އަދި 2028ގައި %143.2އަށް ދަރަނި އަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.

ކޮމެންޓް (3)

profile-image-placeholder

ބަފާ

30 މިނިޓު ކުރިން
ރާއްޖެއަށް ބޭރު ފައިސާ ކްރައިސިސް ޖެހޭއިރަށް ބީއެމްލްއޭ އެމްްއެމްއޭ ކީމާ އޭގެން ދޭހަވަނީ ޔޫއާ އޭން ޔޫސްފުލް އިޑިއޮޓްކަން. ޑޮލަރު ފޭރެ ގުރޫޕަށް ޔޫސްފުލް

މަޓީބްރޯ

31 މިނިޓު ކުރިން
ކަލޯ ރާއްޖެއަށް 2 މިލިއަން ޓުއަރިސްޓުން އާދޭ. އެއިން މީހަކު މަދުވެގެން 2000 ޑޮލަރު ހަރަދު ކުރާނެ ރާއްޖެއަށް ދެން ހިސާބު ޖަހާ. ރާއްޖޭވިއްކައިގެން ޖުމްލަ ލިބެނީ ކިތައް ޑޮލަރު ކަމާ އެއީ ރާއްޖެވަންނަނީ ކިތަކެއް ކަމާ އެއިން ނުވަންނަނީ ކިތަކެއްކަމާ މަޓީގައު މެމްބަރު ކަމު އުޅޭ ޑޯލަރު ލިބޭ މީހުން 21 އަށް ވިއްކީމައި ދިވެހި ކޮންމެ އާއިލާއަކުން އެ ނެގެނީ 400 ލައްކަ ރުިފޔާގެ ޖިޒީއެއް ކަން ލިޔާނެ ގަލަމެއް އަތެއް މިގައުމުގައި ނެތް. އަބަދު ސަރުކާރޭ ފަޅޮލޭ ކިޔާއިުރު ސަރުކާރަށްވރެު ބާރުގަދަ އިންޑަސްޓްރީ ވާހަކަ ދައްކާނެ ނޫހެއް ނެތް. ދެން ނަކަސް ތަޅަން ދުވާލަކު .. އަވަގުރާނަ ނުގޮވާ ދެން ކުރުކޮށްލީ

ސިކުނޑި

1 ގަޑިއިރު ކުރިން
ދަރަނި ދެއްކީމޭ ކިޔާ އަޅި ބުރުވަނީ ދަރައިގެން! މިއަށް ކިޔަނީ ނކސތެޅުން!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް