ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންތަކެއް އިރުއޮއްސޭ މަންޒަރު ބަލަނީ (ފޮޓޯ/އަންސްޕްލޭޝް)

ޓޫރިޒަމް

މުއްދަތު ހަމަވުމުން ރިސޯޓު ހިންގި ރަށް ދައުލަތަށް ނަގާއިރު ބަދަލު ދޭނެ އުސޫލެއް

މި އުސޫލުގެ ދަށުން ބަދަލު ދޭން ޖެހެނީ ޓޫރިމަށް ދޫކޮށްފައިވާ ތަނެއްގައިވާ އިމާރާތްތަކާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމަށް ފަހު

ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތާ ހަވާލުކުރާ ތަންތަނުގައި ހުންނަ މުދަލާއި ތަކެއްޗަށް ބަދަލު ދޭނެ އުސޫލެއް އެކުލަވާލައިފި އެވެ.

ވީ ކިހިނެއް؟ - އޮޑިޓާަ ޖެނެރަލްގެ އޮފީހުން އެކުލަވާލައި، އަމަލު ކުރަން ފަށާފައިވާ މި އުސޫލު އެކުލަވާލީ ޓޫރިޒަމަށް ދޫކޮށްފައިވާ ތަނުގެ ކުލީގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާއިރު ނުވަތަ ދައުލަތަށް ނަގާއިރު އެ ތަނުގައި ހުރި މުދަލާއި ތަކެއްޗަށް ބަދަލު ދިނުމުގެ އިޖުރާއަތްތައް ބަޔާންކުރާށެވެ. 

ތަފްސީލް - މި އުސޫލުގެ ދަށުން ބަދަލު ދޭން ޖެހެނީ ޓޫރިމަށް ދޫކޮށްފައިވާ ތަނެއްގައި ވާ އިމާރާތްތަކާއި ތަކެތީގެ އަގުން، އެ އެއްޗެހީގެ ބާކަމަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމަށް ފަހު އެވެ.

އެ އުސޫލުގައި ބުނީ ދައުލަތުން ދޭން ޖެހޭ އަގު ކަނޑައަޅާނީ އެފަދަ ތަނެއް ކުއްޔަށް ދޫކުރި މުއްދަތު ހަމަވެގެން ދައުލަތަށް އަނބުރާ ހަވާލުކުރަން ޖެހޭ ހާލަތުގައި ނުވަތަ ދައުލަތަށް ނަގާ ހާލަތުގައި ކަމަށެވެ.

ކުލީގެ މުއްދަތު ހަމަވުމުން، ދައުލަތަށް އަނބުރާ ހަވާލުކުރާއިރު އެތަން އޮޕަރޭޝަނަލް ހާލަތުގައި ހުރި ނަމަ ތަނުގެ ބާމިނަށް ކެނޑުމުން ޖެހޭ އަގު ދައުލަތުން ދޭން ޖެހެނީ:

  • ލީސް އެގްރިމެންޓުގެ ދަށުން ހުށަހަޅާ، އަޕްޑޭޓުކޮށް ބަލަހައްޓަމުން ގޮސްފައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ، އެތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުން ހުރި އުފުލޭ، ނުއުފުލޭ މުދަލާއި ތަކެތި

  • މިފަދަ އިންވެންޓްރީއެއް ބަލަހައްޓަމުން ނުދާ ނަމަ، މި އުސޫލުގެ ދަށުުން ތަނުގެ ބާކަމަށް ކެނޑުމުން ޖެހޭ އަގު ކަނޑައެޅުމުގެ މަސައްކަތުގެ ބޭނުމަށް ތައްޔާރުކުރާ، އެތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުން ހުރި އުފުލޭ، ނުއުފޭ މުދަލުގެ އިންވެންޓްރީގައި ހިމެނޭ މުދަލާއި ތަކެތި

  • މި ދެ އިންވެންޓްރީގައި ނުހިމެނޭ އުފުލޭ މުދަލުގެ ތެރެއިން، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަނބުރާ ގެންގޮސްފައި ނުވާ މުދަލާއި ތަކެތީގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީއިން ބަހައްޓަން ބޭނުންވާ މުދަލާއި ތަކެތި

މި އުސޫލުގެ ދަށުން، ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް އަނބުރާ ގެންދިޔުމުގެ އިހުތިޔާރު ލިބިދޭ މުދަލާއި ތަކެތި ވެސް ބަޔާންކޮށްފައިވެ އެވެ. ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބު ކުރުމުގައި ނުހިމަނާނެ މުދަލާއި ތަކެތި ވެސް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވިއިރު ހުރީ އޮޕަރޭޝަނަލް ހާލަތުގައިކަން ނުވަތަ ނޫންކަން ކަނޑައަޅާނީ މިނިސްޓްރީން ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އަގު ހިސާބުކުރުމުގައި ނުހިމަނާނެ ތަކެތީގެ ތެރޭގައި

  • ބާވުމުގެ ސަބަބުން ހިދުމަތް ދިނުމުގައި ބޭނުންކުރަމުން އައިސްފައިނުވާ ނުވަތަ މަރާމާތުކޮށްގެން ނުވަތަ އަޕްގްރޭޑްކޮށްގެން ވެސް ބޭނުން ނުކުރެވޭނެ ތަކެތި

  • މަރާމާތުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ހަރުމުދަލުގެ ތެރެއިން އެތަކެތި ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް ހިނގާ ހަރަދު، އެ އެއްޗެއްގެ އަންދާޒާ ކުރެވޭ ބުކްވެލިއުގެ %30 އަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ތަކެތި

  • މުދާ އުފެއްދި ފަރާތުން އެ އެއްޗެއްގެ ބޭނުންކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ތަކެތި

  • އައުޓް ޑޭޓެޑް މޮޑެލްތަކުގެ މުދާ

  • މިނިސްޓްރީގެ ހުއްދަ ނެތި ނުވަތަ މިނިސްޓްރީ އިން ފާސްކޮށްފައިވާ ކުރެހުންތަކާއި ހުއްދަތަކާ ހިލާފަށް ބިނާކޮށްފައިވާ އިމާރާތްތަކާއި އެފަދަ ތަންތަން އަދި އެ ހުއްދަތަކާ ހިލާފަށް އިމާރާތްތަކާއި އެހެނިހެން ތަންތަނަށް ގެނެސްފައިވާ ބަދަލުތައް

އެ އުސޫލުގައި ބުނާ ގޮތުން ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރަން ޖެހޭ މުދަލަކާ ގުޅުން ހުރި މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އެންގުމުން، ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްނުދީ 30 ދުވަސް ވެއްޖެ ނަމަ ބަލަށް ކެނޑުމުން ޖެހޭ އަގު ކަނޑައަޅާނީ އެ މުދަލުގެ ހާލަތަށާއި ކުރިއަށް އޮތް ތަނުގައި އެ މުދަލެއް ބޭނުންކުރެވިދާނެ މުއްދަތަށް ރިއާޔަތްކޮށްގެންނެވެ.

މިނިސްޓްރީން ބޭނުންނުވާ އަދި ރަސްމީ އިންވެންޓްރީ އާއި ބަދަލުގެ އަގު ހިސާބުކުރަން ތައްޔާރުކުރާ އިންވެންޓްރީގައި ނުހިމެނޭ ތަކެތި ވިއްކާލަން ނޫނީ އަނބުރާ ގެންދިޔުމަށް ތަން ކުއްޔަށް ނަގައިގެން އުޅުނު މީހުންނަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

އުސޫލު ބުނާ ގޮތުން:

  • ބަލަށް ކެނޑުމުން ޖެހޭ އަގު ހިސާބުކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދާނީ އޮޑިޓު އޮފީހުން

  • މި އުސޫލުގެ ދަށުން އެއްވެސް ބަޔަކަށް ފައިސާ ދޫކުރެވޭނީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަގު އޮޑިޓާ ޖެނެރަލް އޮފީހުން ކަނޑައެޅުމުން. އެ ފައިސާ ދޫކުރާނީ ޓޫރިޒަމް މިނިސްޓްރީ އިން


ކޮމެންޓް (2)

profile-image-placeholder

ސިކުނޑި

19 މިނިޓު ކުރިން
މިހާރު ހަލާކު ނުވެއޮތް ހަމައެކަނި ކަމަކީ ރާއްޖޭ ޓޫރިޒަމް! ތިއުޅެނީ އެކަންވެސް ހަލާކު ކުރަން! މުއްދަތު ހަމަވުމުން ރަނގަޅު ގޮތަކީ، އެގްރީމެން އާކުރުން! މާޒީގައި ތިޔަކަންކުރަންވެސް ބަޔަކު އުޅުނު! އެއީ އެހެން ނިޔަތެއްގައި! ވަގުތީ ފައިދާއެއް ލިބިދާނެ! ވަކިބަޔަކަށް މާލީ މަންފާވެސް ވެދާނެ! އެކަމަކު އާޚިރު ނަތީޖާ ހިތިވާނެ!

ސިކުނޑި

50 މިނިޓު ކުރިން
އަތުގަ ހޭކެންޏާ ދަތުގަ ހޭކޭނެ!!! މިފަދަ އުސޫލުތަކަކީ، ގަސްތުގައި ކޮރަޕްޝަން ހިންގަން ހަދާ އުސޫލު! މިއީ ލީސް އެގްރީމެންޓްގައި ނެތް ކަމެއް! ރިސޯޓް ހިންގާ ފަރާތުގެ މަސްލަހަތު އޮތް ކަމެއްގައި ސަރުކާރުން އިސްނަގައިގެން މިފަދަ ހަދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ!! މިއުސޫލުގެ ދަށުން ކަންހިގާނެ މަގަކީ.... (1) މުދާ އަގު ކުރަން ހަވާލު ކުރަން ކަޓެއް. (2) އަގު ކުރާ ފަރާތަށް ކަޓެއް (3) އެޕްރޫވް ކުރާ މީހާއަށް ކަޓެއް. މިގޮތަށް ދައުލަތުގެ ފައިސާ ބަހަން އެއްގޮތަކަށްވެސް ފުރުސަތު ދެވިގެން ނުވާނެ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް