ތިލަ މާލެ ބްރިޖް ފެންނަ ހިސާބުގައި ވިލިނގިލި ގޮނޑުދޮށުގައި ބަޔަކު ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވޯލްޑް ބޭންކް

މިއަހަރު އަދިވެސް 600 މިލިއަން ޑޮލަރު ދައްކަން ޖެހޭ؛ ރިޒާވް ވަރަށް ނިކަމެތި

ބޭންކުތަކުގެ ޖުމްލަ އެސެޓްގެ %40 ހިއްސާކުރަނީ ސަރުކާރާއި ކުންފުނިތަކުގެ ދަރަނި ކަމަށްވުމުން މިއީ މާލީ ނިޒާމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރި
1 ގަޑިއިރު ކުރިން

ވޯލްޑް ބޭންކުން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ޖޫން 2026ގެ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުން ފާހަގަވާ އެންމެ މުހިންމު އެއް ހިސާބަކީ 500 މިލިއަން ޑޮލަރުގެ ސްކޫކާއި 500 މިލިއަން ޑޮލަރުގެ އިންޑިއާގެ ކަރަންސީ ސްވޮޕްގެ ދަރަނި ދެއްކުމަށް ފަހު ރާއްޖޭގެ ރިޒާވަށް މިހާރު ވެފައިވާ ގޮތެވެ. މިއަހަރުގެ ބާކީ އޮތް ބަޔަށް ބަލާއިރު އަދިވެސް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ބޭރުގެ ދަރަނި ދެއްކުމަށް ބޭނުންވާ ކަމަށް އެ ރިޕޯޓްގައި ފާހަގަކުރި އެވެ. މީގެ އިތުރުން މިއަހަރު އިގްތިސާދީ ދުވެލި %0.7 ދަށަށް ދާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ރިޒާވް ހީނަރުވެފައި؛ އެކަމަކު ބޮޑު ދަރަންޏެއް އެބައޮތް

ރިޕޯޓުގައިވާ ގޮތުން އެކި ގައުމުތަކުގެ އެހީތެރިކަމާއި ޓޫރިޒަމްގެ ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ގެނެސްފައިވާ ސިޔާސަތުގެ ސަބަބުން މިދިޔަ މާޗްގައި ރާއްޖޭގެ ރަސްމީ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އިތުރުވި އެވެ. ނަމަވެސް މިދިޔަ އޭޕްރީލް ގައި ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދައްކާ ހަލާސްކުރުމާއި އިންޑިއާއާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ އަނބުރާ ދެއްކުމާ ގުޅިގެން ރަސްމީ ރިޒާވް ވަނީ:

  • 717.9 މިލިއަން ޑޮލަރަށް ވެއްޓިފައި؛ އެއީ، 1.4 މަހުގެ އިމްޕޯޓަށް ވާވަރުގެ ފައިސާ

މީގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަ ރިޒާވް ނުވަތަ ޔޫސެބުލް ރިޒާވް ވެސް ވަނީ އޭޕްރީލް މަހު 147.7 މިލިއަން ޑޮލަރަށް ވެއްޓިފައި ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ:

  • 0.3 މަހުގެ އިމްޕޯޓަށް ވާވަރުގެ ފައިސާ ކަމަށް ރިޕޯޓްގައި ބުނި

ސުކޫކް ދެއްކުމާ ގުޅިގެން ރާއްޖެ ބަނގުރޫޓްވުމުގެ ހިރާސް ކުޑަވުމުން ފިޗުން އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރި ނަމަވެސް، މިއަހަރު އަދިވެސް ބޭރުގެ ދަރަނީގެ ގޮތުގައި 600 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުން ދިގުލައިގެން ދިއުމުން ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުމާއި ދަރަނި ދެއްކުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ވެސް ރިޒާވްއަށާއި ޑޮލަރުގެ ލިކުއިޑިޓީއަށް ހީނަރުކަން އަންނާނެ ކަން ވެސް ފާހަގަކުރި އެވެ.

އިގްތިސާދު މަޑުޖެހި ޓޫރިޒަމްގެ ވަޒީފާތަކަށް އަސަރުކުރަނީ

މިދިޔަ އަހަރު އިގްތިސާދީ ދުވެލި %6.3 ހުރި ނަމަވެސް، މި އަހަރު 0.7 އިންސައްތައަށް ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ރިޕޯޓްގައި ލަފާކޮށްފަ އެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމާއި ތެލުގެ އަގު އުފުލުން އަދި ބޭރުގެ މާލީ އެހީތެރިކަން ހޯދަން ދަތިވުމުގެ ސަބަބުން ދިމާވާނެ ހީނަރުކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން 2026 ވަނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ %20 އަށް ވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ. މީގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ވަޒީފާތަކަށް އަސަރުކޮށްފައިވާ ކަމަށް ވޯލްޑް ބޭންކުގެ ދިރާސާތަކުން ހޯދިފައިވާ ކަމަށް ރިޕޯޓްގައި ބުންޏެވެ. އެގޮތުން: 

  • މަސައްކަތްކުރާ ގަޑިތަކާއި އާމްދަނީ: ފަތުރުވެރިން މަދުވުމުގެ ސަބަބުން ހިދުމަތްދޭ ދާއިރާގައި މަސައްކަތްކުރާ މީހުން މަސައްކަތްކުރާ ގަޑިތައް ވަނީ މަދުވެފައި. އަދި ހާއްސަކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް މަސައްކަތްކުރާ މުވައްޒަފުންގެ ހަގީގީ އާމްދަނީ ވަނީ %1-2އާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައި. 

  • ވަޒީފާ ނެތް މިންވަރު: ކުންފުނިތަކުން މުވައްޒަފުން އެއްކޮށް ވަކިކުރުމުގެ ބަދަލުގައި ހާލަތަށް އަންނަ ބަދަލަށް ބަލައި ބައެއް މުވައްޒަފުން ގޭގައި ބޭތިއްބުމުގެ ސިޔާސަތެއް ޓޫރިޒަމް ވިޔަފާރިތަކުން ގެންގުޅޭ. އެހެންވެ ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވެފައިވަނީ %0.4ގައި ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރި.

ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުން ދިގުލައިގެން ހިނގައްޖެނަމަ، މި އަސަރުތައް ޓޫރިޒަމްގެ އިތުރުން އެހެނިހެން އިގްތިސާދީ ސިނާއަތްތަކަށް ވެސް ފެތުރި، ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމުގެ އިންޒާރު ރިޕޯޓުގައި ދީފައިވެ އެވެ.

ތަކެތީގެ އަގުތައް އުފުލުމުގެ ނުރައްކާ

އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް 2024 ގައި %1.4ގައި ހުރުމަށް ފަހު 2025ގައި %4.0 ވަނީ މަތިވެފަ އެވެ. އަދި މިއަހަރު އެ އަދަދު %6އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ. މިއީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލުމާއި ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން ވާނެ ގޮތެކެވެ.

ރާއްޖެއަކީ މުޅިން އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން، ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު އާއިލާތަކަށް ވަރަށް އަވަހަށް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އެގޮތުން:

  • ހަމައެކަނި ކާބޯތަކެތީގެ އަގު %10 އުފުލުނަސް ފަގީރުކަމުގެ ރޭޓް %1.6 ޕޮއިންޓް މަތިވެގެންދާނެ

  • ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ނުވަތަ %48.9 އާއިލާތަކަކީ ކުއްލިއަކަށް ދިމާވާ މިފަދަ ސޮކްތަކުގެ ސަބަބުން ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ބިރު އޮތް މީހުން 

މި އަސަރުތައް މާލެއަށް ވުރެ ބޮޑަށް ފެންނާނީ ފަގީރުންގެ %90 ވުރެ ގިނަ މީހުން ދިރިއުޅޭ އަތޮޅުތަކުގަ އެވެ.

ފިސްކަލް އަދި ދަރަނީގެ ބޮޑެތި ގޮންޖެހުންތައް

މިދިޔަ އަހަރު ކެޕިޓަލް ހަރަދުތައް ކަނޑާލައިގެން ފިސްކަލް ޑެފިސިޓް ކުޑަކުރި ނަމަވެސް، މިއީ ހަމައެކަނި ބިލްތަކަށް ފައިސާ ދެއްކުން ފަސްކުރުން ނުވަތަ ކޭޝް ބޭސިސްއިން ހިސާބު ތައްޔާރުކުރުމުން ވީ ގޮތެއް ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކުރި އެވެ. މީގެ ސަބަބުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާ އިތުރުވެ، އެކި ދާއިރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވަނީ މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށް ރިޕޯޓްގައި ބުންޏެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި 2025 ގައި ޖީޑީޕީގެ %129.7 އަރާފައިވާއިރު، އެއްވެސް އިސްލާހެއް ނުގެނެސްފިނަމަ މެދު ރާސްތާގައި މިއަދަދު %140އަށް ވުރެ މަތިވާނެ ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރި އެވެ. މީގެ އިތުރަށް ރިޕޯޓްގައި ބުނީ: 

  • ބޭރުން ފައިސާ ހޯދަން އުނދަގޫވުމުގެ ސަބަބުން އެތެރޭގެ ބޭންކުތަކުން ސަރުކާރުން ދަރަނި ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި 

  • އެމްއެމްއޭ ހިމެނޭ ގޮތުން ބޭންކުތަކުގެ ޖުމްލަ އެސެޓްގެ %40 ހިއްސާކުރަނީ ސަރުކާރާއި ކުންފުނިތަކުގެ ދަރަނި ކަމަށްވުމުން، މިއީ މާލީ ނިޒާމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނި

ސަލާމަތް ވާން އިގްތިސާދީ އިސްލާހީ އެޖެންޑާއެއް މުހިންމު

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ މެކްރޯއިކޮނޮމިކް ނުވަތަ މާލީ ހަމަޖެހުން އަލުން އިއާދަކުރުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ ފުރިހަމަ ފިސްކަލް އިސްލާހީ އެޖެންޑާ އަވަހަށް ތަންފީޒުކުރުން މަޖުބޫރެވެ. ގެންނަން ޖެހޭ ކަމަށް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ އިސްލާހުތަކަކީ:

  • 1-

    ސަބްސިޑީގެ ނިޒާމު ބަދަލުކުރުން: އެންމެނަށް އެއްގޮތަކަށް ދޭ ބްލޭންކެޓް ސަބްސިޑީތައް ކަނޑާލައި ހަމައެކަނި އެހީއަށް ބޭނުންވާ ފަގީރު އާއިލާތަކަށް އަމާޒުކޮށްގެން ނަގުދު ފައިސާގެ އެހީދިނުން.

  • 2-

    އާސަންދަ ނިޒާމް އިސްލާހުކުރުން: ހިދުމަތްދޭ އުސޫލުތައް ބަދަލުކޮށް، ބޭހުގެ އަގު ހެޔޮކުރުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓްނިޒާމު ފުޅާކޮށް އާސަންދަ ހަރަދުތައް ކުޑަކުރުން.

  • 3-

    ސަރުކާރު ކުންފުނިތައް އިސްލާހުކުރުން: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ނުވަތަ ކޯޕަރޭޓް ގަވަނަންސް ހަރުދަނާކޮށް، މާލީގޮތުން އަމިއްލައަށް ހިންގޭނެ ތަންތަނަށް ހެދުން.

  • 4-

    ތަރައްގީގެ މަޝްރޫއުތައް ޕީއެސްއައިޕީ އަލުން ރާވާލުން: ތަރައްގީގެ މަޝްރޫއުތައް އިސްކަންދޭ ތަރުތީބުން ބަހާލައި ކެޕިޓަލް ހަރަދުތައް ހަމަޖެހޭ އުސޫލަކުން ކުޑަކުރުން.

ވޯލްޑް ބޭންކުން ރިޕޯޓްގައި ބުނި ގޮތުގައި މި އިސްލާހުތައް ގެންނައިރު ނިކަމެތި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި ދަރަނި ދެއްކުމަށްޓަކައި ހަގީގަތާ އެއްގޮތް މާލީ ސިޔާސަތު ގެންގުޅުން މިވަގުތަށް ވަރަށް މުހިންމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް