ބާޒާރު މަތީގައި މީހަކު މުދާތަކެއް އުފުލާއިރު ފަހަތުގައި ޕެސެންޖާ ލައިނާއެއް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ރާއްޖޭގެ އިގްތިސާދީ ދުވެލި ފަހަތަށް ދިޔަ ނަމަވެސް އަންނަ އަހަރަށް އުންމީދު ބޮޑު: އައިއެމްއެފް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް ރާއްޖޭގެ ޓޫރިޒަމާއި އިގްތިސާދަށް ކުރަން ފަށާފައިވީ ނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދަކުން މި މަހުގެ 4 އިން 14އަށް ރާއްޖެ ކުރި އިގްތިސާދު މުރާޖައާކުރުމުގެ ދަތުރަށް ފަހު މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ އިގްތިސާދާ މެދު މާޔޫސް ނުވާ ކަމަށް ބުނެފަ އެވެ.
އެ ވަފުދުގެ ވެރިއަކަށް ހުންނެވި، ޗީފް ޕިޔަޕޯން ސޮޑްސްރިވިބޫން އެ ބަޔާނުގައި ސިފަކުރެއްވި ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހު ރާއްޖޭގެ އިގްތިސާދު ވަނީ މާލީ ގޮތުން އުނދަގޫ ދުވަސްތަކެއްގައި ނަމަވެސް ވިލުންތެރިކަން ނުވަތަ ރެޒިލިއަންސް ހުރިކަން ވަނީ ހާމަވެގެން ގޮސްފަ އެވެ.
އިގްތިސާދީ ދުވެލި %1ގައި؛ އެކަމަކު އުންމީދު ބޮޑު
މިވަގުތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހީނަރުކަމަކީ އައިއެމްއެފްގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި އީރާން ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް އައިސްފައިވާ މަޑުޖެހުމާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ނުވަތަ ޖީޑީޕީ %1 ވެއްޓޭނެތީ އެވެ. މިއީ އާންމުކޮށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ރާއްޖޭގެ އިގްތިސާދަށް ނުތަނަވަސްކަމެކެވެ.
އައިއެމްއެފްގެ ބަޔާނުގައި އަންދާޒާ ކުރި ގޮތުގައި ރަނގަޅު ފިޔަވަޅުތަކާއެކު އަންނަ އަހަރު އަންނަންވާއިރަށް އިގްތިސާދު އަލުން ކުރިއަރަން ފަށާނެ އެވެ. އެގޮތުން، މެދުރާސްތާގައި އިގްތިސާދީ ކުރިއެރުން އަނެއްކާ ވެސް %4ގައި ހިފެހެއްޓޭނެ އެވެ.
ދަރަނި ދެއްކުމަށް ކުރި މަސައްކަތް ފާހަގަކުރި
ރާއްޖެއަށް އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް މިއަހަރު އޮތީ ބޮޑު ދަރަންޏެވެ.
އައިއެމްއެފްއިން ފާހަގަކުރި ގޮތުގައި ބޭރުގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދަރަނި ދެއްކޭނޭ ކަމުގެ ޔަގީންކަން ދީފަ އެވެ. ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ ސުކޫކް ބޮންޑާއި އެހެނިހެން ލޯނުތައް ގަވާއިދުން ދައްކަމުން ދިއުމަކީ އައިއެމްއެފް އިން ފާހަގަކުރި ވަރަށް ޕޮޒިޓިވް ކަމެކެވެ.
މީގެ އިތުރުން 2025 ވަނަ އަހަރު ސަރުކާރުން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ފެނުނު ކަމަށް ވެސް ބަޔާނުގައި ފާހަގަކުރި އެވެ. ހާއްސަކޮށް، ބޭރު ފައިސާ މާރުކުރުުމުގެ އާ ގާނޫނުގެ ސަބަބުން ރިޒާވް ރަނގަޅުވިކަން ފާހަގަކޮށްފައިވެ އެވެ. އަދި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އެމްއެމްއޭއިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) ފަށާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އިސްލާހީ ފިޔަވަޅުތައް އަދިވެސް ބޭނުންވޭ
ރާއްޖެއިން ކާމިޔާބީ ތަކެއް ހޯދާފައިވީ ނަމަވެސް މިއީ އަދި ރާއްޖެއަށް ހިންދެމިލެވެން އޮތް ވަގުތެއް ނޫން ކަމަށް ވެސް އައިއެމްއެފްއިން ފާހަގަކުރި އެވެ. ދައުލަތުގެ ބަޖެޓް ޑެފިސިޓާއި އާންމު ދަރަނި އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށް އައިއެމްއެފް އިން ފާހަގަކުރި އެވެ.
އައިއެމްއެފްގެ އެންމެ ބޮޑު ލަފަޔަކީ ސަރުކާރުން ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އިމްތިހާނަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. މީގެ ތެރޭގައި:
-
ސަބްސިޑީ މުރާޖައާކުރުން: މުއްސަނދިންނާއި ފަގީރުންނަށް ހަމަހަމަޔަށް ދެމުން އަންނަ ސަބްސިޑީތައް ހުއްޓާލައި، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް، ޓާގެޓެޑްކޮށް ސަބްސިޑީ ދޭން ފެށުން.
-
އެސްއޯއީތައް އިސްލާހުކުރުން: ސަރުކާރު ހިއްސާވާ ކުންފުނިތަކުން، އެސްއޯއީތަކުން ދައުލަތަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަށް އެ ކުންފުނިތައް ހަރުދަނާކޮށް މޮނިޓާކުރުން.
-
އިއާދަކުރަނިވި ހަކަތަ: ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ގެއްލުމުން ސަލާމަތްވުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން.
މެދުއިރުމަތީގެ ހަނގުރާމައިގެ ވިލާގަނޑު ކަޅުވި ނަމަވެސް، ރަނގަޅު ސިޔާސަތުތަކާއެކު އަމާން އައްސޭރިއަކަށް ދެވޭނެކަމުގެ ޔަގީންކަން އައިއެމްއެފްގެ ބަޔާނުގައި ވަނީ ދީފަ އެވެ. ސިޔާސީ ގޮތުން އުނދަގޫ ނަމަވެސް މުޅި ގައުމަށް ފައިދާހުރި އިގްތިސާދީ ނިންމުންތައް މި ވަގުތަށް މުހިންމުކަން އައިއެމްއެފްއިން ބުނެދެ އެވެ.
ކޮމެންޓް