މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ: ޑޮލަރުގެ ކަޅު ބާޒާރު ހަމައަކަށް އަޅުވަން އެމްއެމްއޭ ވަނީ ފެއިލްވެފައި

ޑޮލަރުގެ މައްސަލަ ފާލަށް އަޅުވަން އެމްއެމްއޭ ފެއިލްވީތަ؟

ޓޫރިޒަމުން ލިބޭ ޑޮލަރު މާރުކުރަން މަޖުބޫރުކޮށް، އޭގެ ބޮޑު ބައެއް އެމްއެމްއޭއަށް ނެގުމުން އާންމުންނަށް ޑޮލަރު ފޯރުކޮށްދޭން ބޭންކުތަކަށް ވަނީ ނުކުޅެދިފައި. ފާޅުގައި ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާއިރު، މަރުކަޒީ ބޭންކަށް ނުހުއްޓުވޭ
1 ގަޑިއިރު ކުރިން
5

ޑޮލަރު ތާށިވެ ގައުމީ ބޭންކް، ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑްތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ވަރު ހަރުކަށިކޮށްފަ އެވެ. އެއާ އެކު އާންމުންގެ ރުޅިވެރިކަން އޮތީ ބީއެމްއެލްއާ ދިމާލަށެވެ. އެކަމަކު އަސްލު މައްސަލައަކީ މުޅި އިގްތިސާދުގައި ހުރި ނިޒާމީ މައްސަލަތަކެކެވެ. 

ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޑޮލަރުންނެވެ. އެކި ނަންނަމުގައި ޓެކުހާއި ފީތައް ނަގަމުންދާއިރު، މެންޑޭޓަރީ އެކްސްޗޭންޖްގެ ދަށުން ޑޮލަރު މާރުކުރުން ވެސް މިހާރު ވަނީ މަޖުބޫރުކޮށް ފައެވެ. އެހެން ނަމަވެސް، ޑޮލަރުގެ ތާށިކަމަށް އަދިވެސް ލުޔެއް ނުލިބެ އެވެ.

ސުވާލަކީ، މި މައްސަލަ ނިޒާމީ ގޮތެއްގައި ހައްލުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ދައުރަކީ ކޮބައި ހެއްޔެވެ؟ 

ސިޔާސަތުން ތާށިކަމެއް ނުކެނޑޭ

ގާނޫނީ ގޮތުން ރާއްޖޭގައި ބޭރު ފައިސާ މެނޭޖްކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ މައިގަނޑު ޒިންމާ އޮތީ އެމްއެމްއޭގެ ބޮލުގަ އެވެ. ދާދި ފަހުން، 1 ޖޫން 2025 އިން ފެށިގެން އަމަލުކުރަން ފެށި އާ ގަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަކި މިންވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރަން ވަނީ ލާޒިމުކޮށްފަ އެވެ.

މިއަދުވެސް މަގުމައްޗަށް ނުކުމެ ކޮންމެ މީހަކަށް ވެސް ބޮޑު އަގުގައި ޑޮލަރު ގަނެވިއްކޭނެ. ފާޅުގައި މިކަން ހިނގާއިރު، މިކަންކަން ހުއްޓުވުމަށް އެމްއެމްއޭ އިން ގާނޫނީ ބާރުގެ ބޭނުން ނުކުރާހާ ހިނދަކު މައްސަލައަށް ހައްލެއް ނާންނާނެ

ބޭންކެއްގެ އިސް އޮފިޝަލެއް

ނަމަވެސް މައްސަލައަކީ، ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން %90 އެމްއެމްއޭއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނަގަމުން ދިޔުމެވެ. ރާއްޖޭގެ ބައެއް ބޭންކުތަކުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން، ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި ދަތިތައް އެބަ ހުއްޓެވެ. އަދި ވިޔަފާރިތަކާއި އާންމު ބޭނުންތަކަށް ޑޮލަރު ލިބޭ މިންވަރު މަދުވެ އެވެ.

ޓޫރިސްޓުންތަކެއްގެ ފޮށިތައް ރިސޯޓެއްގެ ވެހިކަލަށް އަރުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު އާ އުސޫލުގެ ދަށުން 182 ރިސޯޓަކުން 671 މިލިއަން ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފަ އެވެ. އެ ޑޮލަރުގެ %78، 523.4 މިލިއަން ޑޮލަރު ވަނީ ބޭންކުތަކުން އެމްއެމްއޭއަށް މާރުކޮށްފަ އެވެ.

އާންމުންނާއި ވިޔަފާރީގެ ބޭންކުތަކަށް އެމްއެމްއޭއިން މިދިޔަ އަހަރު ބޭންކުތަކަށް ދޫކޮށްފައި ވަނީ 447.6 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއަށް ދޭ އަދަދު ވެސް ހިމެނެ އެވެ. 

އެމްއެމްއޭން ޑޮލަރު ސަޕޯޓް ފޯރުކޮށްދިން ގޮތް

މިކަމާ ގުޅޭގޮތުން 'ދައުރު' އާ ވާހަކަދެއްކެވި މާލީ ދާއިރާގެ އިސް އޮފިޝަލަކު ވިދާޅުވީ ރައްޔިތުންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ މައިގަނޑު ދައުރު އަދާކުރަންޖެހޭނީ ބޭންކުތަކުން ނަމަވެސް އެމްއެމްއޭގެ ސިޔާސަތުގެ ސަބަބުން އެކަން ކުރަން ވަނީ އުނދަގޫވެފަ އެވެ. 

"ބޭންކުތަކަކީ އެމްއެމްއޭ އާއި ރައްޔިތުންނާ ދެމެދު އޮންނަ ފާލަން. ބޭންކުތަކަށް ރައްޔިތުންނަށް ޑޮލަރު ދޫކުރެވޭނީ އެމްއެމްއޭ އިން އެ ފުރުސަތު ދިން މިންވަރަކުން. އެކަމަކު ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ ބޮޑު ބައި އެމްއެމްއޭ އިން ހިފެހެއްޓީމަ، ވިޔަފާރިތަކަށާއި އާންމުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުތައް މިވަނީ ނުކުޅެދިފައި. މިއީ އެމްއެމްއޭ އިން ހައްލުކޮށްދޭންޖެހޭ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ކަޅުބާޒާރު އެމްއެމްއޭއަށް ހަމައަކަށް ނޭޅުވޭ 

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު އިންތިހާއަށް ފުޅާވެފައިވާއިރު، މިއީ މިއަދަކު އިއްޔެއަކު އުފެދުނު މައްސަލައެއް ނޫނެވެ.

މާލެ އާއި ހުޅުމާލޭގައި އޮތޮރައިޒްޑް ކަރަންސީ އެކްސްޗޭންޖް އެޖެންޓުންގެ ގޮތުގައި ތިބެ، ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ފާޅުގައި ޑޮލަރު ގަނެ ވިއްކަމުންދާއިރު، މިކަން ހުއްޓުވުމުގެ ގާނޫނީ ބާރު އެމްއެމްއޭއަށް އޮވެމެ، އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެ އެވެ. 

މާލޭގައި ހުރި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދޭ ތަނެއްގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ކަޅުބާޒާރު ކޮންޓްރޯލް ކުރުމުގެ ހަމައެކަނި ބާރު އޮތީ އެމްއެމްއޭއަށް. މިއަދުވެސް މަގުމައްޗަށް ނުކުމެ ކޮންމެ މީހަކަށް ވެސް ބޮޑު އަގުގައި ޑޮލަރު ގަނެވިއްކޭނެ. ފާޅުގައި މިކަން ހިނގާއިރު، މިކަންކަން ހުއްޓުވުމަށް އެމްއެމްއޭ އިން ގާނޫނީ ބާރުގެ ބޭނުން ނުކުރާހާ ހިނދަކު މައްސަލައަށް ހައްލެއް ނާންނާނެ،" މާލީ ދާއިރާގެ އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

ހައްލު ހޯދޭނީ ކިހިނެއް؟ 

ދުނިޔެ ޑިޖިޓަލްވެ އޮންލައިން ވިޔަފާރިތަކާއި ބޭރުގެ އެކި ހިދުމަތްތަކަށް ދިވެހިން ބަރޯސާވާ މިންވަރު އިތުރުވަމުންދާތީ ޑޮލަރަށް އޮންނަ ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިންތިހާއަށް ބޮޑުވަމުންނެވެ. ބޭރުގެ މުއާމަލާތްތައް ދިވެހިން ކުރާވަރު އިތުރުވުމަކީ ޑޮލަރުގެ އާމްދަނީ އިތުރުކުރަން މަރުކަޒީ ބޭންކުން ވެސް މަސައްކަތް ކުރަން ލާޒިމްވާ ކަމެކެވެ. 

މިކަމަށް އޮތް ކުރު ރާސްތާގެ ހައްލަކީ:

  • އެމްއެމްއޭ އިން ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކުރުން

  • ކަޅުބާޒާރު ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން.

އެހެންނަމަވެސް، ހަގީގީ އަދި ދެމެހެއްޓެނިވި ހައްލަކަށް ވާނީ، މަރުކަޒީ ބޭންކުން ފުޅާ ދާއިރާއެއްގައި ދިރާސާތައްކޮށް، ރާއްޖޭގެ އިގުތިސާދު ޑޮލަރުގެ އަޅުވެތިކަމުން ސަލާމަތްކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރުމެވެ. 

ކޮމެންޓް (5)

profile-image-placeholder

ވަތޮނީ

26 މިނިޓު ކުރިން
ހުރިހާވެސް ހައްލަކީ އެމްއޭސީއެލްއިން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުން. އެމީހުންގެ ފަސްހާސް މުވައްޒަފުން ކަޅު ބާޒާރުގަ ޑޮލަރު އަގު ބޮޑުކޮށް ވިއްކަނީ.

މުއީޒު

47 މިނިޓު ކުރިން
އެމްއެމްއޭ އާ ޖެހިގެން ހުންނަ ފިހާރައިން 20 އަށް ޑޮލަރު ވިއްކާއިރު އެމްއެމްއޭ އަށް އެއްވެސް ފިޔަވަޅެއް ނޭޅޭ.

ކޮމެންޓުމޭން

6 މިނިޓު ކުރިން
@މުއީޒު އެމްއެމްއޭ އިން ގަސްދުގައި އެކަން ދޫކޮށްލާފައި އޮންނަނީ ކީއްވެކަން އެނގޭތަ؟ ގަދަކަމުން 15.42 އަކަށް ހަދައިފިނަމަ ދެންވާނެ ގޮތަކީ މިހާ ފާޅުކަން ބޮޑުގޮތެއްގައެއް ނޫން، ކޭޝްކޮށް އަދި ގޮތްނޭގޭ ގޮތަށް މިކަން ކުރަން ފަށާނީ. އޭރުން މާ ނުރައްކާވާނެ! އެހެންޏާ މިހާރުވިއްޔާ ޢާއްމު މީހާއަށް އެބަ ލިބޭތާ 20 ގެ ރޭޓުންވެސް! އޭރުން ގުޅިފައި ތިބި މީހުންނަށް ވިއްކާނީ އެއަށްވުރެވެސް ބޮޑު އަގުގައި. ޢާއްމު މީހާއަކަށް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ. މި މައްސަލައިގެ މުގުލުގަައި ވާ ސަބަބުތައް ނައްތާލައިގެން ނޫނީ ގަދަކަމުން ތަންފީޛެއް ނުކުރެވޭނެ އެމްއެމްއޭއަކަށް. އަދި ކުރުންވާނީ ހެދޭ ގޯހަކަށް

ތެފައާސާ.

1 ގަޑިއިރު ކުރިން
ދިރާސާކޮށް ދުރުރާސްތާއަށް އަމާޒުކޮށް ހަރުދަނާ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ސަރުކާރުން ބުނާހާގޮތަކަށް ސިޔާސީ ކުރުރާސްތާ އަމާޒުތަކަށް ހެޔޮވަރުވާނޭހެން ފިޔަވަޅުތައް އަޅައި ނިންމުންތައް ނިންމާހައި ހިނދަކު އެމްއެމްއޭއަކަށް ޑޮލަރުގެ މައްސަލަ ހައްލުކުރުމުގައި އެއްވެސް މިންވަރަކަށް ކާމިޔާބެއް ލިބިދާނޭކަމަކަށް ނުފެނޭ!!

އާސާފަތެ.

12 މިނިޓު ކުރިން
@ތެފައާސާ. ނޫނޭ! އެމްއެމްއޭ ކިތަންމެ މަސައްކަތެއް ކުރިޔަސް، ސަރުކާރުގެ ފިސްކަލް ސިޔާސަތު އޮބިނޯންނަ ހިނދު އެމްއެމްއޭ އަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. ސަރުކާރުން ބަހަން ބޭނުންވާ ފައިސާ އަދި މަޝްރޫޢުތަކަށް ޑޮލަރު ދިނުން އެއީ ފުރަތަމަ ޕުރައޮރިޓީ. ދެން ކާޑުގެ ބާވަތްތަކަށް، މިކަންކަން ކޮށްފައި ޢާއްމުންނަށް ވިއްކާނެ ޑޮލަރެއް ނޯވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް