ފިހާރައެއްގައި ވިއްކަން ހުރި ގަނޑުކުރި ކުކުޅު: މަހުގެ ބާވަތްތަކުގެ އަގުތައް ވަރަށް ބޮޑަށް ވަނީ އުފުލިފައި.

އިންފްލޭޝަން

މާލޭގައި އަސާސީ ތަކެތީގެ އަގު %6 މައްޗަށް

މިދިޔަ އަހަރާ އަޅާބަލާއިރު މިދިޔަ މެއި މަހު އެންމެ ބޮޑަށް އުފުލުނީ މަހުގެ ބާވަތްތަކުގެ އަގު؛ އޭގެ ތެރޭގައި ކުކުޅާއި ގެރި މަހުގެ އަގުތައް ހިމެނޭ
2 ގަޑިއިރު ކުރިން

އަސާސީ ބާވަތްތަކުގެ އަގު މިދިޔަ މަހު މާލޭގައި %6 އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިޔުރޯގެ ހިސާބުތައް ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އެ ބިޔުރޯ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ދައްކާ ގޮތުން، މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިދިޔަ މަހު މާލޭގައި އަސާސީ ބާވަތްތަކުގެ އަގުތައް %6.35 ވަނީ އުފުލިފަ އެވެ. އަދި އޭޕްރީލް މަހާ އަޅާބަލާއިރު މިދިޔަ މަހު އެ ތަކެތީގެ އަގުތައް %1.14 ވަނީ އުފުލިފަ އެވެ.

ތަފްސީލް - އީސީޕީއައި ދައްކާ ގޮތުން، މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިދިޔަ މަހު އެންމެ ބޮޑަށް އުފުލިފައިވަނީ ތެލާއި ގޭހުގެ އަގުތަކެވެ. އެގޮތުން:

  • އަހަރުން އަހަރަށް ބަލާއިރު އެ ބާވަތްތަކުން %14.54 އަގު އުފުލިފައިވޭ

  • އޭޕްރީލް މަހާ އަޅާބަލާއިރު މިދިޔަ މަހު އެ ބާވަތްތަކުގެ އަގުތައް ހުރީ އެއްވަރެއްގައި

މީގެ އިތުރުން، މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މާލެ ސަރަހައްދުގައި ކާބޯތަކެތީގެ އަގުތައް ވެސް ވަނީ %6.37 އުފުލިފަ އެވެ. މަހުން މަހަށް ބަލާއިރު އެ ތަކެތީގެ އަގުތައް %1.59 އުފުލިފައިވެ އެވެ.

އޭޕްރީލް މަހާ އަޅާބަލާއިރު މިދިޔަ މަހު:

  • މަހުގެ ބާވަތްތައް (މީޓް)ގެ އަގު ވަނީ %6.68 އުފުލިފައި

  • ތަރުކާރީގެ އަގުތައް %3.09 ވަނީ އުފުލިފައި

މީގެ އިތުރުން، ކޮފީ އާއި ސައި އަދި ޖޫހުގެ އަގުތައް ވެސް މިދިޔަ މަހު ވަނީ އުފުލިފަ އެވެ. އެގޮތުން:

  • މަހުން މަހަށް ބަލާއިރު އެންމެ ބޮޑަށް އިތުރުވީ ކޮފީ އާއި ކޮފީގެ ބަދަލުގައި ބޭނުންކުރާ ބުއިންތަކުގެ އަގު؛ އެއީ %0.92

  • އަހަރުން އަހަރަށް ބަލާއިރު އެ ތަކެތީގެ އަގުތައް %18.58 ވަނީ އުފުލިފައި

އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ޕާސަނަލް ކެއާ އުފެއްދުންތަކުގެ އަގުތައް އޭޕްރީލް މަހާ އަޅާބަލާއިރު މިދިޔަ މަހު %0.7 ދަށްވި ނަމަވެސް މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިދިޔަ މަހު އެ ތަކެތީގެ އަގުތައް ވަނީ %3.10 އުފުލިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް