ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ފިޗް ރޭޓިންއާ މެދު ސިޔާސީން ބުނެނުދޭ ވާހަކަތައް
މިދިޔަ ހަފްތާ ފިޗް ރޭޓިންއިން ރާއްޖޭގެ ކްރެޑިޓް ސްކޯ 'ސީސީ' އިން 'ސީސީސީ މައިނަސް'އަށް މަތިކުރުމާ އެކު ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އަވަސްވެގަތީ އެކަން އިގްތިސާދީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރުމަށެވެ. އިދިކޮޅުން ކިޔައިދޭން މަސައްކަތް ކުރީ އެ ދައުވާ ދޮގު ކަމަށެވެ.
މި ދެ ސިޔާސީ ވާހަކައިން އިގްތިސާދީ ހަގީގަތަކީ ކޮބައި ހެއްޔެވެ؟
ސަރުކާރުން ފާހަގަކުރާ އެންމެ ބޮޑު ކާމިޔާބަކީ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު ދެއްކުމެވެ. މިއީ އިގްތިސާދަށް ލިބުނު ހިތްހަމަޖެހުމުގެ ނޭވާއެއް ކަމަށް ސަރުކާރުން ބުނެ އެވެ. ހިންދަމާލަށް ފުރުސަތެއް ލިބުނީ އެވެ.
ފިޗް ރޭޓިންއާ އެކު އެ އިދާރާއިން ނެރެފައިވާ ތަފްސީލީ، 'ރޭޓިން އެކްޝަން ކޮމެންޓްރީ'ގައި ރާއްޖޭގެ އިގްތިސާދު އަސްލު މަންޒަރު ސާފު ސީދަލަށް ކިޔައިދީފައިވެ އެވެ. މިއީ ސަރުކާރާއި ހާއްސަކޮށް ސިޔާސީ މީހުން ނުދައްކާ ވާހަކަ އެވެ.
'ސީސީސީ މައިނަސް' ރޭޓިންއަކީ އަދިވެސް ގައުމު ޑިފޯލްޓްވުން ނުވަތަ ދަރަނިތައް ނުދެއްކޭނެ ފަދަ ހާލަތެއް ވުޖޫދުގައި އޮތްކަން އަންގައިދޭ ރޭޓިން އެކެވެ. އެ ރޭޓިންއާ އެކު ފިޗުން ކިޔައިދެނީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ނާޒުކު ފައްތަރެވެ.
ދަރަނި ދެއްކީ ސޮވަރިން ފަންޑް ހުސްކޮށްލައިގެން
ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކް އާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހުނު 24.68 މިލިއަން ޑޮލަރު ދެއްކުމަށް ފަހު، ވަގުތީ ގޮތުން ޑިފޯލްޓްވުމުން ސަލާމަތްކޮށްފަ އެވެ.
ނަމަވެސް، ސަރުކާރުން ބުނެނުދޭ ވާހަކައަކީ މި ފައިސާ ދެއްކީ ކިހިނެއް ކަމެވެ.
ފިޗުން ފާހަގަކުރި ގޮތުގައި، ސަރުކާރުން ސްކޫކަށް ފައިސާ ދެއްކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ހުރި 350 މިލިއަން ޑޮލަރު ނަގައިގެންނެވެ. އެހެންވެ އޭޕްރީލް މަހުގެ ނިޔަލަށް އެ ފަންޑުގައި ބާކީ ހުރީ ހަމައެކަނި 21 މިލިއަން ޑޮލަރެވެ.
އަދި ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބުލް ރިޒާވުން 175 މިލިއަން ޑޮލަރު ވަނީ ނަގާފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޔޫޒަބަލް ރިޒާވް ވަނީ 244 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. ފިޗުން ފާހަގަކުރި ގޮތުގައި، އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ ބޭނުން ކުރެވޭ ރިޒާވް ހިސާބުކުރުމުގައި ބަލާފައިވާ އަދަދުގެ ތެރޭގައި 97 މިލިއަން ޑޮލަރަކީ ރާއްޖޭގެ ބޭންކުތަކުގެ ޑޮލަރުގެ ތާށިކަން ހިފެހެއްޓުމަށް އެ ބޭންކުތަކުގައި މަރުކަޒީ ބޭންކުން ބަހައްޓާފައި ހުރި ފައިސާއަށް ވުމެވެ.
ޑެފިސިޓް އަދިވެސް ކޮންޓްރޯލުން ނެއްޓިފައި
މި އަހަރަށް ސަރުކާރުން ކަނޑައެޅި ޑެފިސިޓް ޓާގެޓަކީ ޖީޑީޕީގެ %7.1 އެވެ. ސިޔާސީ ބޭފުޅުން މި އަދަދު ބޭނުންކުރަނީ ހަރަދު ކުޑަކުރެވިފައިވާކަން ސާބިތުކުރުމަށެވެ.
ނަމަވެސް، ފިޗްގެ ތަފްސީލް ރިޕޯޓްގައި ބުނި ގޮތުގައި މިއަހަރު ޑެފިސިޓް ކަނޑައެޅި މިންވަރަށް ވުރެ ދެގުނަ ބޮޑުވެ، ޖީޑީޕީގެ %14.6އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މިހާ ބޮޑު ތަފާތެއް އުފެދެން ދިމާވި ސަބަބުތަކަކީ:
-
އީރާން ހަނގުރާމައާ އެކު ތެލުގެ އަގުބޮޑުވުން: ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމުން، ތެލުގެ ސަބްސިޑީއަށް ދައުލަތުން ކުރާ ހަރަދު އިންތިހާއަށް މަތިވުން
-
ޓޫރިޒަމް ދަށްވުން: ޓޫރިސްޓުން އަންނަވަރު މަދުވެ ޓޫރިޒަމް ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުން އަދި ޓޫރިޒަމް ދަށްވެ ގުޅޭ ވިޔަފާރިތަކުން ލިބޭ އާމްދަނީ ދަށްވުމުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އަދަދު މަދުވުން
-
ހަރަދު ބޮޑުވުން: މާލީ ތާށިކަން އޮތް ނަމަވެސް ދައުލަތުގެ ހަރަދުތައް އެ ނިސްބަތުން ކުޑަނުކުރެވި ހަރަދުތައް މައްޗަށް ދިޔުން
ޑޮލަރުގެ އަގަށް އޮތް ބޮޑު ނުރައްކާ
ފިޗް ރިޕޯޓުގައިވާ އެންމެ ކަންބޮޑުވާންޖެހޭ އެއް ހިސާބަކީ ރާއްޖޭގެ ރިޒާވް ހުރި މިންވަރެވެ. ފިޗުން ލަފާކުރާ ގޮތުގައި 2026ގައި ރާއްޖޭގެ ރިޒާވްގައި ހުންނާނެކަމަށް ދައްކަނީ ހަމައެކަނި އެއް މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. ރާއްޖެއާ އެއް ފަންތިއެއްގެ އެހެން ގައުމުތަކުގައި ހަތަރު މަހުގެ އިމްޕޯޓަށްވާ ފައިސާ އެބަހުރި ކަމަށް ފިޗް ރޭޓިންް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ޖުމްލަ ބޭރު ފައިސާގެ ރިޒާވް މާޗު މަހު ހުރި 1.3 ބިލިއަން ޑޮލަރުން އޭޕްރީލް މަހުގެ ނިޔަލަށް 718 މިލިއަން ޑޮލަރަށް ވަނީ ދަށަށް ގޮސްފައި ކަމަށް ފިޗުން ފާހަގަކުރި އެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭއަށް މިވަރަަށް ވެސް ޖުމްލަ ރިޒާވް ހިފެހެއްޓިފައި ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެގި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއަށް ބަރޯސާވެގެންނެވެ. ފިޗުން ބުނީ ރުޕީސްއިން ރާއްޖެއިން ނަގާފައިވާ އެ ސްވޮޕް ފެސިލިޓީ މިހާރު ވަނީ 311 މިލިއަން ޑޮލަރަށް މާރުކޮށް ބޭރުގެ ބޭންކެއްގެ ޑިޕޮސިޓްގައި ބަހައްޓައިފަ އެވެ. އެއީ ރާއްޖޭގެ ޖުމްލަ ރިޒާވްގެ %43.4 ކަމަށް ފިޗުން ފާހަގަކުރި އެވެ. ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ބެލުމުގައި އެ އަދަދު ނުހިމަނަ އެވެ.
ފިޗުން އިންޒާރުކުރި ގޮތުގައި ޑޮލަރު ލިބުމުގެ ދަތިކަމާ އެކު ޑޮލަރު މާރުކުރަން ޖެހޭ ރަސްމީ ރޭޓާއި ބްލެކް މާކެޓް ރޭޓާ ދެމެދު ހުންނަ ތަފާތު މިއަހަރު އިތުރަށް ބޮޑަށް މަތިވުމުގެ ފުރުސަތު އެބަ އޮތެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން އެމްއެމްއޭއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ފިޗުން ބުންޏެވެ.
ދަރަނީގެ ވަޅުގަނޑު ދަނީ އިތުރަށް ފުންވަމުން
ކުރު މުއްދަތުގައި ރާއްޖެއިން ދައްކަން ޖެހޭ ބޮޑެތި ދަރަނިތައް މިހާރު މަދުވެފައިވީ ނަމަވެސް ދިގު މުއްދަތެއްގައި ރާއްޖެއިން ދައްކަން ޖެހޭ ދަރަނީގެ އަދަދު އިތުރުވަމުންދާ ކަމަށް ފިޗްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ފިޗުން ފާހަގަކުރި ގޮތުގައި ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނީގެ އަދަދު ދަށްވުމުގެ އެއް ސަބަބަކަށް އަބޫދާބީ ފަންޑަށް ރާއްޖެއިން ދައްކަން ޖެހޭ 100 މިލިއަން ޑޮލަރުގެ ލޯނު 2031އަށް ފަސްކުރުން ހިމެނެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ވަނީ ތެޔޮ އެތެރެކުރުމަށް 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އެސްޓީއޯ މެދުވެރިކޮށް ހޯދާފައިކަން ފާހަގަކޮށްފައިވެ އެވެ.
ފިޗުން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރު އަންނައިރު ސީދާ ސަރުކާރުން ނަގާފައިވާ ޖުމްލަ ދަރަނި ޖީޑީޕީގެ %119.2 އަރާނެ އެވެ. މިއީ ރަނގަޅު ރޭޓިންއެއް ލިބިފައިވާ ގައުމުތަކަށް ވުރެ ދެ ގުނަ އިތުރު އަދަދެއް ކަމަށް ފިޗުން ފާހަގަކުރި އެވެ.
ފިޗުން އިތުރަށް ފާހަގަކުރާ ކަމަކީ އެތެރޭގެ ބާޒާރުން ނަގާ ދަރަނި ގިނަވެ ރާއްޖޭގެ ބޭންކުތަކަށް ސަރުކާރަށް އިތުރަށް ލޯނު ދޭނެ ޖާގައެއް މިހާރު ނެތްކަމެވެ. އޭގެ ސަބަބުން ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ފިޗުން ފާހަގަކުރި އެވެ.
އުފާ ފާޅުކުރަން ކައިރިވެސް ނުވޭ
ސީސީސީ މައިނަސްއަށް ރޭޓިން މައްޗަށް ޖެހިލުމަކީ އިގްތިސާދީ ކާމިޔާބެއް ނޫނެވެ. އެއީ ހަމައެކަނި ޑިފޯލްޓްވުން ނުވަތަ ރާއްޖެ ބަނގުރޫޓްވުމަށް އޮތް ނުރައްކާ މިވަގުތަށް ނުވަތަ ވަގުތީ ގޮތުން ކުޑަކޮށްލެވުމެކެވެ.
ސަރުކާރަށް އޭޕްރީލް މަހު ޑިފޯލްޓްނުވެ ސަލާމަތްވެފައިވަނީ ސޮވަރިން ފަންޑް އެކީއެކަށް ހުސްކޮށްލައި އަދި އިންޑިއާ ފަދަ ދޭދޭ ގައުމުތަކުގެ އެހީތެރިކަމާ އެކު އެވެ. އީރާން ހަނގުރާމައާ އެކު ތެލުގެ އަގުބޮޑުވެ، ޑެފިސިޓް ލަފާކުރި ވަރަށް ވުރެ މައްޗަށް ދިއުން އަދި ޑޮލަރު ރިޒާވް ދަށަށް ދިއުމާ އެކު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އަސާސީ މައްސަލަތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެ މައްސަލަތައް އަދިވެސް ވުޖޫދުގައި އެބައޮތެވެ.
އައިއެމްއެފްގެ ޕްރޮގްރާމަކަށް ގޮސްގެން އިސްލާހުތަކެއް ނުގެނެސް ސިޔާސީވެރިން ފޮރުވާފައިވާ ހަގީގަތަކީ ރާއްޖޭގެ އިގްތިސާދު އަދިވެސް އޮތީ މެޝިނުގެ އެހީތެރިކަމާއެކު 'ލައިފް ސަޕޯޓް'ގައި ކަމެވެ.
ކޮމެންޓް