ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޑިވެލޮޕްމަންޓް ބޭންކް ނުފެށި 2.3 މިލިއަން ރުފިޔާގެ ގެއްލުން؛ ކުރިމަގެއް ނުފެނޭ

ބޭންކު އުފެއްދިއިރު ރައުސްމާލަކީ 3 މިލިއަން ރުފިޔާ ނަމަވެސް ގެއްލުމާ އެކު ބޭންކުގެ އިކުއިޓީ ވަނީ 736،196ރ. އަށް ވެއްޓިފައި

އުމްރާނީ ތަރައްގީ އާއި އިގްތިސާދީ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)އަށް ފުރަތަމަ އަހަރު ވެސް 2.3 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ބޭންކުގެ 2024ވަނަ އަަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ. 

ވީ ކިހިނެއް؟ - 21 ޖުލައި 2024އިން 31 ޑިސެމްބަރު 2024ގެ ނިޔަލަށް އެ ބޭންކް އޮޑިޓް ކުރުމަށް ފަހު އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން:  

  • އެ މުއްދަތުގައި ބޭންކުގެ މައިގަނޑު ވިޔަފާރީގެ އެއްވެސް ހަރަކާތެއް ފަށާފައެއް ނުވޭ. 

  •  އޭރު ބޭންކަށް އެއްވެސް އާމްދަނީއެއް ލިބިފައިނުވާއިރު، ގެއްލުން ވެފައިވަނީ ބޭންކު އުފެއްދުމާއި އިދާރީ ގޮތުން ހިންގުމަށް ކޮށްފައިވާ ހަރަދުތަކުގެ ސަބަބުން

ތަފްސީލް - އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން ބޭންކަށް ވަނީ 3 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ. ޓެކްސް ކްރެޑިޓްގެ 754،601ރ. ހިމެނޭ ގޮތުން ސާފު ގެއްލުމުގެ ގޮތުގައި:

  • ހިސާބުތަކުން ދައްކަނީ 2.3 މިލިއަން ރުފިޔާ

ބޭންކުން ކޮށްފައިވާ މައިގަނޑު ހަރަދުތަކުގެ ތެރޭގައި ހިމެނެނީ:

  • މުވައްޒަފުންގެ ހަރަދު: މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 909،763ރ. ހަރަދުވެފައިވޭ. 

  • އޮފީސް ކުލި: ޑީބީއެމްގެ އެންމެ ބޮޑު ހަރަދަކީ އޮފީސް ކުއްޔެވެ. އެގޮތުން ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހަރަދުވެފައިވޭ. 

  • ޑިރެކްޓަރުންގެ އުޖޫރަ: ބޯޑު ޑިރެކްޓަރުންގެ މުސާރަ ނުވަތަ އުޖޫރައިގެ ގޮތުގައި 311،300ރ. ވަނީ ހަރަދުކޮށްފައި. 

  • އެހެނިހެން ހަރަދުތައް: ކަރަންޓު ބިލަށް 340،261ރ. ހަރަދުކޮށްފައިވާއިރު، ދަތުރުފަތުރުގެ ހަރަދަށް 214،483ރ. ހަރަދުވެފައިވޭ. 

ބޭންކުގެ ހިއްސާގެ ރައުސްމާލުގެ ގޮތުގައި 3 މިލިއަން ރުފިޔާ ހުރިއިރު އެ ގެއްލުމާއެކު ބޭންކުގެ ޖުމްލަ އިކުއިޓީ ވަނީ 736،196ރ. އަށް ދަށްވެފަ އެވެ. 

ގުޅުންހުރި - ޑީބީއެމްއަށް ބޭންކިން ވިޔަފާރި ފަށަން ބޭނުންވާ ހުއްދަ، މަރުކަޒީ ބޭންކް އެމްއެމްއޭން ދީފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެކަމަކު އޭގެ ފަހުން ވެސް އެ ބޭންކުގެ ވިޔަފާރި ފަށާފައެއް ނުވެ އެވެ. 

ކޮމެންޓް (3)

ކޮސް

6 މޭ 2026
ސައީދަށް ހީވަނީ ރިސޯޓެއް ހިންގާގޮތަށް ރާއްޖޭގެ އިޤިތިޞާދު ހިންގިދާނޭ. މުއިއްޒަކީ އިޤުތިޞާދެއްގެ އަލިފުބާ ދަންނަ ފަރާތެއްނޫން.އެކަމަކު ސައީދަށް ގޮތްކިޔަނީ މުއިއްޒުވީމަ ދެން ވާނެގޮތް ވިސްނާ..
0 0

ސިކުނޑި

6 މޭ 2026
ޑީބީއެމް ކީއްކުރަންތޯ؟! ދެ އަހަރުބައިވާއިރު ދައުލަތެއް މި ހަފުސްވަނީ ކަމެއް ނުކުރެވި އުނބަށް ޖެހުމުގައި! ދަރަނި ދައްކާ އެކަމަކު އެންމެ ދަރަނި ކުޑައެއްނުވޭ! ކަންކަން ކުރަމޭ އެބަކިޔާ އެކަމަކު ނަތީޖާއެއް ނުފެނޭ!!
3 0

ތެފައާސާ.

5 މޭ 2026
އަހަރެމެން ނެތް ދުވަހަކުންވެސް، ޑިވެލޮޕްމެންޓު ބޭންކުތަކާއި ބަންކަރިންގއާއި ޑޮލަރު ރޭޓު ކުޑަކުރުންފަދަ ކަންކަން ކާމިޔާބުކަމާއިއެކު ކުރުމުގެ ވައްޓަފާޅިއާއި އާޑުފާޑު ދުނިޔޭގައި ތިބިބަޔަކު އުނގެނި ދަސްކުރުމަށް ޓެކްސްޓް ފޮތްތައް ލިޔެ ރައްކާކުރާން އެބަޖެހޭ ނޫންތޯ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް