ޓީއެމްއޭގެ މުވައްޒަފުންތަކެއް މަސައްކަތުގައި: އެ އެއާލައިންގެ މުވައްޒަފުންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން ވަނީ ނިންމާފައި (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ޓީއެމްއޭ އާއި މަންޓާ އެއާގެ މުސާރަތައް ކުޑަކުރަނީ

އެ ދެ އެއާލައިންގެ މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތައް ކުޑަކުރަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވަނީ ބުނެފައި

އީރާން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުގެ ސަބަބުން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި މަންޓާ އެއާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން އެ ދެ ކުންފުނިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ ދެ އެއާލައިނުން ވެސް މުވައްޒަފުންގެ މުސާރަތައް ކުޑަކުރާނެކަން އެންގީ އެކަމާ ގުޅޭ ގޮތުން މިދިޔަ ބުދަ ދުވަހު ނެރުނު މުވައްޒަފުންގެ މެމޯއެއް މެދުވެރިކޮށެވެ. 

ތަފްސީލް - ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ސޮއިކުރައްވާ މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ޓޫރިސްޓުން އަންނަ އަދަދު މަދުވެ، އުފުލަންޖެހޭ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން:

  • އެއީ އުނދަގޫ ނިންމުމެއް ނަމަވެސް މިއަދުން ފެށިގެން މުސާރަތައް ކުޑަކުރާނެކަމަށް ވަނީ އަންގާފައި 

  • އެއީ ވަޒީފަތާއި ކުންފުނި ސަލާމަތްކުރުމަށްޓަކައި ނަގަންޖެހޭ ޒިންމާދާރުކަމާ އެކު ނަގާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވި

"މިއީ ފުރަތަމަ ތިން މަސް ދުވަހަށް ގެނެވޭ ވަގުތީ ބަދަލެއް. 2025 ވަނަ އަހަރު ހުރި މިންވަރަށް ފަސިންޖަރުންގެ އަދަދުތައް އައުމާއެކު މުސާރަތައް ކުރިން ހުރި މިންވަރަށް އިޔާދަކުރެވޭނެ،" ފައުޒީގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަންޓާ އެއާގެ ސީޕްލޭނެއް ރިސޯޓެއްގެ ފަޅު ތެރޭ: އީރާން ހަނގުރާމައާ ހެދި ޓޫރިސްޓުން އަންނަވަރު ދަށްވެ ބޮޑު ގެއްލުމަކާ އެ އެއާލައިނަށް ވަނީ ކުރިމަތިވެފައި (ފޮޓޯ/މަންޓާ)

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ މިއަދުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރަ އާއި އެލަވަންސްތަކުން ބައެއް އުނިކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން:

  • މި ބަދަލު ގެންނަނީ ތިން މަސް ނުވަތަ 31 ޖުލައި ގެ ނިޔަލަށް 

  • އެއަށް ފަހު ހާލަތަށް ބަލައި ކުރިން ހުރި ވަރަށް މުސާރަތައް ގެނެސްދޭނެ ކަމަށް ބުނެފައިވޭ 

"މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މިއީ އަޅަންޖެހުނު ފިޔަވަޅެއް،" މަންޓާގެ މެމޯގައި ބުނެފައިވެ އެވެ.

އަދި މިއީ ވަޒީފާތައް ނުގެއްލި، ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި އެޅި ފިޔަވަޅެއްކަން ވެސް އެ ސިޓީގައި ފާހަގަކުރި އެވެ.

ދެ އެއާލައިނުން ވެސް ވަނީ މިކަމުގެ ސަބަބުން މުވައްޒަފުންނަށް ދަތިތައް ހުންނާނެކަން ފާހަގަކޮށް މި އުނދަގޫ ދަނޑިވަޅުގައި މުވައްޒަފުންގެ ކިބައިން އެއްބާރުލުމާއި ކެތްތެރިކަމަށް އެދިފަ އެވެ. 

އެނގުން މުހިންމު - ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން:

  • އެޕްރީލް 22 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %4 ދަށްވެފައި 

  • މަހުން މަހަށް ބަލާއިރު، އެޕްރީލް މަސް ތެރޭ އައި ޓޫރިސްޓުންގެ އަދަދަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %26.9 ދަށް އަދަދެއް

ކޮމެންޓް (1)

މިނޫންގޮތެއް

1 މޭ 2026
އެމެރިކާ އާއި އިޒްރޭލުގެ ސިޔާސަތަކީ މިހާރު މުޅި ދުނިޔެއައް ޖެހިފައިވާ މުސީބާތެއް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް