ތެޔޮ ފުނަދޫ ޖެޓީގައި ތެޔޮ ބޯޓެއް ބަނދަރުކޮށްފައި: ރާއްޖެއިން ވަނީ ޗައިނާއިން ތެޔޮ ގަންނަން ފަށަން ނިންމާފައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ރާއްޖެއިން ޗައިނާއިން ތެޔޮ ގަންނަން ފަށަނީ
ޗައިނާއިން އަންނަ މަހު ބޭރުކުރަން ހަމަޖެހިފައިވާ ތެލުގެ ޝިޕްމަންޓްތައް ގަންނަ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް 'ރޮއިޓާސް' އިން މިއަދު ރިޕޯޓުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުން ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް އަންނަ މަހުގެ ތެރޭ 500،000 މެޓްރިކް ޓަނުގެ ތެޔޮ (ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް) ބޭރުކުރުމަށްވަނީ ޗައިނާ ސަރުކާރުން ހުއްދަ ދީފަ އެވެ.
ޗައިނާ ސަރުކާރުގެ ކަމާ ގުޅޭ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ:
-
ކަނޑައަޅާ ވަކި މިންވަރަކަށް ޗައިނާއިން ތެޔޮ ވިއްކަން ނިންމާފައި ވަނީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއު ޒީލެންޑް އަދި ސްރީލަންކާއަށް
މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ތަފްސީލް - ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުއްދަ ދިން 500،000 ޓަނު ތެލުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ތެޔޮ އެކްސްޕޯޓުކުރަން ހަވާލުކޮށްފައިވަނީ އެންމެ ޗައިނާގެ ބޮޑު އެއް ރިފައިނަރީ ކަމަށްވާ 'ސިނޯޕެކް'އާ އެވެ. މީގެ އިތުރުން ދެން ތެޔޮ ބޭރުކުރަން ހުއްދަ ދީފައި ވަނީ:
-
'ޕެޓްރޯ ޗައިނާ' އަށް 150،000 ޓަނު
-
'ސީއެންއޯއޯސީ' އަށް 40،000 ޓަނު
މި ޝިޕްމަންޓްތަކުގައި ހިމެނޭ ތެލުގެ މަދުވެގެން %40އަކީ ޑީސަލް އާއި ޖެޓް ފިއުލް ކަމަށް އޮފިޝަލުން ވަނީ ރޮއިޓާސްއަށް ވިދާޅުވެފަ އެވެ.
ފާހަގަކޮށްލެވޭ - އީރާން ހަނގުރާމަ ފެށުމާ ވިދިގެން ހޮރުމޫޒް ކަނޑުއޮޅި ބަންދުވެ ތެލުގެ ދަތިކަން އޭޝިޔާގެ ގައުމުތަކަށް ކުރިމަތިވެ ތެލުގެ އަގު ވެސް ބާޒާރުގައި ބޮޑުވާން ފެށުމުން ރާއްޖެއިން ވަނީ ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ މިހާރު ތެޔޮ އެތެރެކުރާ ގައުމުތައް ފިޔަވާ އެހެން ބާޒާރުތަކުން ތެޔޮ އެތެރެކުރަން މަޝްވަރާކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން:
-
މީގެ ކުރިން އިންޑިއާޔާ އެކު ރާއްޖެއިން ތެޔޮ ހޯދަން މަޝްވަރާކޮށްފައިވާ ކަމަށް އެ ގައުމުން ބުނެފައިވޭ
ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑުކޮށް އެތެރެކުރާ އެސްޓީއޯއިން މިހާރު ރާއްޖެއަށް ތެޔޮ އެތެރެކުރަނީ، އޮމާން އާއި ދުބާއީންނެވެ.
އެނގުން މުހިންމު - މިދިޔަ މަހުން ފެށިގެން ޗައިނާއިން ވަނީ އެ ގައުމަށް ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ ތެޔޮ ބޭރުކުރުން ވަރަށް ބޮޑަށް މަދުކޮށް ހަރުކަށިކޮށްފަ އެވެ.
ނަމަވެސް، އަންނަ މަހުން ފެށިގެން އަނެއްކާ ވެސް ތެޔޮ ބޭރުކުރާ ވަރު އިތުރުކުރަން ޗައިނާ ސަރުކާރުން ނިންމީ ސާފުނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވެފައިވީ ނަމަވެސް ޗައިނާގެ އެތެރޭގައި ތެލުގެ އަގު ދަށްވުމާ ވިދިގެން އެ ގައުމުގެ ތެޔޮ ކުންފުނިތަކަށް ލިބޭ ފައިދާ ކުޑަވެފައިވުމުންނެވެ. ޗައިނާގެ އަމާޒަކީ އޭޝިޔާގެ ގައުމުތަކަށް ރަނގަޅު މާޖިންއެއްގައި ތެޔޮ ވިއްކައިގެން ފައިދާ ހޯދުމެވެ.