މީހަކު މާރުކޭޓުން މިރުސް ގަންނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މާޗް މަހު މާލޭގައި އަސާސީ މުދަލުގެ އަގުތައް ހުރީ ހިފެހެއްޓިފައި؛ ކޮފީގެ އަގު ބޮޑުވި
މާލޭގެ އަސާސީ މުދަލުގެ އަގުތައް ބޮޑުވެފައިވާ ވަރު ނުވަތަ އިންފްލޭޝަން ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި)ން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އީސީޕީއައިގެ ތަފާސްހިސާބުތައް ދައްކާގޮތުން:
-
ފެބްރުއަރީއާ އަޅާބަލާއިރު މިދިޔަ މާޗް މަހު މުދަލުގެ އަގުތައް އުފުލިފައިވަނީ %0.18 އިން
-
މިދިޔަ 2025ގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗް މަހު އަގުތައް އުފުލިފައި ވަނީ %1.33ގައި
ތަފްސީލް - މިދިޔަ މަހު އެވްރެޖްކޮށް މާލޭގެ އޯވަރޯލް އީސީޕީއައި ހުރީ 116.29ގަ އެވެ. މިއީ ކާބޯތަކެއްޗާއި، ބުއިންތަކާއި، ގޭސް އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ހިމެނޭހެން 96 ބާވަތެއްގެ މުދަލުގެ އަގަށް އަންނަ ބަދަލު ވަޒަންކުރާ އިންޑެކްސްއެކެވެ.
ކާބޯތަކެތީގެ އަގުތައް ދަށަށް؛ މަހުގެ އަގު މައްޗަށް
އީސީޕީއައި އިންޑެކްސް އިން ދައްކާގޮތުގައި މާޗް މަހު ކާބޯތަކެތީގެ އަގުތައް ވަނީ ފެބްރުއަރީ މަހާ އަޅާބަލާއިރު %0.89 ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ:
-
މޭވާގެ އަގުތައް %14.71 ދަށަށް ދިއުން؛ ތަރުކާރީގެ ބާވަތްތަކުން %0.71 އަގު ހެޔޮވުން
ނަމަވެސް، މި މުއްދަތުގެ ތެރޭގައި މަހުގެ ބާވަތްތަކުގެ އަގު ވަނީ %8.33 އުފުލިފަ އެވެ. އަދި ތެލާއި ފެޓްސްގެ ބާވަތްތައް ވެސް ވަނީ %1.60 އުފުލިފަ އެވެ.
ގޭހާއި ކޮފީގެ އަގު ބޮޑުވި
މާޗް މަހުގެ ތެރޭގައި އަގުތަކަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ގޭހާއި ތެލުގެ އަގަށެވެ. އެގޮތުން މި ބައިން ވަނީ އެއް މަސްދުވަހުގެ ތެރޭގައި %12.48 ގެ ބޮޑުވުމެއް އައިސްފަ އެވެ. އަދި އަހަރުން އަހަރަށް ބަލާއިރުވެސް ގޭހުގެ އަގުތައް ވަނީ %12.28 އުފުލިފަ އެވެ.
މީގެ އިތުރުން، ބުއިންތަކުގެ ބައިން ވެސް ވަނީ %1.17ގެ ބޮޑުވުމެއް އައިސްފަ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް އަގު ބޮޑުވެފައި ވަނީ:
-
ކޮފީ އަދި ކޮފީގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކަށް؛އެގޮތުން ކޮފީގެ ބާވަތްތަކުގެ އަގުތައް މަސް ދުވަސްތެރޭ %6.68 އުފުލިފައި
-
މިދިޔަ އަހަރާ އަޅާބަލާއިރު، މާޗް 2026ގައި ކޮފީގެ އަގު ވަނީ %14.30 އަށް އުފުލިފައި
އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ (ޕާސަނަލް ކެއާ ޕްރޮޑަކްޓްސް) އަގުތަކަށް ބަލާއިރު، ފެބްރުއަރީ މަހާ އަޅާބަލާއިރު ވަނީ %0.24ގެ ބޮޑުވުމެއް ވަނީ އައިސްފަ އެވެ. އަހަރުން އަހަރަށް ބަލާއިރު މި ބައިގެ އަގުތައް ވަނީ %3.13 އުފުލިފަ އެވެ.
އެނގުން މުހިންމު - މިއީ އަސާސީ މުދަލުގެ އަގުތައް އުފުލެމުންދާ މިންވަރު ދުރާލާ އަންގައިދޭ އިންޒާރުގެ ނިޒާމެއްގެ ގޮތުގައި ބޭނުންކުރާ ވަރަށް މުހިންމު މިންގަނޑެކެވެ.
ކޮމެންޓް (1)
ސިކުނޑި