ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މީރާ މެދުވެރިކޮށް މިދިޔަ މަހު 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް
ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް މިދިޔަ މަހު 4 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މީރާ އިން އާންމުކޮށްފައިވާ މާޗު މަހުގެ އާމްދަނީ އާ ގުޅޭ ހިސާބުތައް ދައްކާ ގޮތުން، މާޗު މަހު ލިބުނު އާމްދަނީ، އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ %26.8 އިތުރެވެ.
ތަފްސީލް - މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ، މީރާ އިން ބުނި ގޮތުގައި، ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު %18 އިތުރުވުމަކީ މާޗު މަހު ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ޓެކުހުން ލިބުނު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.
މީގެ އިތުރުން، މީރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުން ވެސް މި މުއްދަތުގައި %7.6 ހޯދިފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
މީރާ އިން ބުނީ:
-
މާޗު މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %17 އިތުރު
-
ފަތުރުވެރިން އިތުރުވުމުގެ ސަބަބުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އާއި ޑިޕާޗާ ޓެކުހުގެ އާމްދަނީ ވެސް އިތުރުވި
-
މާޗު މަހު ޑޮލަރުން ލިބުނީ 205 މިލިއަންގެ އާމްދަނީއެއް
މާޗު މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެއީ ޖުމްލަ އާމްދަނީގެ %59.6 ނުވަތަ 2.4 ބިލިއަން ރުފިޔާ އެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ:
-
ރިސޯޓު ލޭންޑް ޓެކްސް: 440 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %10.9)
-
ގްރީން ޓެކްސް: 312 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %7)
-
އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 271 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %6.7)
-
ޑިޕާޗާ ޓެކްސް: 248 މިލިއަން ރުފިޔާ: (ޖުމްލަ އާމްދަނީގެ %6.1)
-
އިންކަމް ޓެކްސް: 198 މިލިއަން ރުފިޔާ: (ޖުމްލަ އާމްދަނީގެ %4.9)